Support Us

ރިޔާސީ އިންތިހާބު 2023:

ކުންފުނިތަކުގެ ފްލެޓްތަކާއި ވިނަރެސްގެ އަގުތައް ވެސް ކުޑަކުރާނަން: ޑރ. މުއިއްޒު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކާއި ސަރުކާރުގެ ކުންފުނިތަކުން އަޅާފައި ހުރި ފްލެޓްތަކުގެ އަގުތައް މި ސަރުކާރުން އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށާއި ވެރިކަމަށް ވަޑައިގެން އެ ފްލެޓްތަކުގެ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މައްޗަންގޮޅި މާވެޔޮމަގުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކަކީ އަގު ޖަހާފައި މަހަކު ދައްކަންޖެހޭ ވަރު ވެސް ކަނޑައަޅާފައި ހުރި ފްލެޓްތަކެއް ކަމަށެވެ. ނަމަވެސް 2018 ގައި މި ސަރުކާރުން އައިސް އެ ފްލެޓްތަކުގެ އަގުތައް ވެސް ބޮޑުކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވިނަރެސް ފްލެޓްތަކަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފަށައިފައި ހުރި ފްލެޓްތަކެއް ކަމަށާއި މި ސަރުކާރުން އައިސް އެ ފްލެޓްތަކުގެ ނަން ވިނަރެސް އަށް ބަދަލުކޮށް، އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ ޑައުންޕޭމަންޓް ކުޑަކޮށްދީ މަހުންމަހަށް ދައްކަން ޖެހޭ އަގުތައް ވެސް ކުޑަކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވުރެ ބޮޑަށް އެ ފްލެޓްތަކުގެ އަގުތައް އެނގޭނެ މީހަކު ނުހުންނާނެ. އެ އެގްރީމަންޓްގައި ފުރަތަމަ ސޮއިކުރީ އަޅުގަނޑު. ރައީސް އޮފީހުގައި ހުރިހާ އަގުތަކެއް ހުންނާނެ. އެހެން ނަމަވެސް މި ސަރުކާރުން އެ ފްލެޓްތަކުގެ ނަން ވިނަރެސްއަށް ބަދަލުކޮށް އެ ފްލެޓްތަކުން އިންތިހާއަށް ބޮޑު ޑައުންޕޭޕަންޓެއް ދައްކާ ގޮތަށް ހަދާ، ދެ ލައްކަ ކޮންމެ ވެސް އެއްޗެއް އެބަ ދައްކަން ޖެހޭ ޑައުންޕޭމަންޓަށް. މަހުން މަހަށް ދައްކަން އެބަޖެހޭ ހައިއެންޑް ފްލެޓްތަކަށް ދައްކަންޖެހޭ ވަރުގެ އަގުތަކެއް. މިއީ އެއް ނޫން އަނބުރާ ދައްކަން ޖެހޭނެ އަގުތަކަކީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައި ހުރި ފްލެޓްތަކުން ވެސް ބޮޑު ފައިދާއެއް ހޯދަން އަގުތައް ބޮޑުކޮށްފައިވާ ކަމަށާއި މި ފްލެޓްތަކުގެ އަގުތައް އަނބުރާ ހޯދަން ވެސް ކޮމާޝަލް ރޭޓްގެ ވެސް އެންމެ މަތީ ދަރަޖައަށް ރައްޔިތުންގެ އަތުން ފައިސާ ނަގަމުން ގެންދާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. މިއީ އެފަދަ ވިޔަފާރިއެއް ކުރަން ރައީސް ޔާމީން ފެއްޓެވި މަޝްރޫއެއް ނޫން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ އަގުތައް ވެސް ކުޑަކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ބޮޑު އަގުގައި އަޅާ ފްލެޓްތައް ވެސް ހުޅުމާލޭގައި އަޅާނެ ކަމަށާއި އެތަންތަން ގަނެވޭ ފަރާތްތަކުން އެ ތަންތަން ނަގާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް އަޅާ ފްލެޓްތަކަކީ ރައްޔިތުންގެ އަތުގައި ހުރި މަދު ފައިސާކޮޅު އަތުލަން ޖަހާ ދަންތޫރައަކަށް ވެގެން ނުވާނެ ކަމަށާއި އެފަދަ ގޮތަކަށް ކަންކުރާ ސަރުކާރަކަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގެދޮރުވެރިކަމަކީ ޔަގީންވެގެންދާނެ ކަމެއް ކަމަށާއި މާލެ ސަރަހައްދުގައި 65،000 ހައުސިންގް ޔުނިޓް އަޅާނީ ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބިން ހިއްކައިގެންނާއި ހިއްކާފައި ހުރި ބިންތަކުގައި ދެވޭ ގޯއްޗާއި ފްލެޓްތަކާއި ރޯހައުސްތަކަކީ މި މަޝްރޫއުގެ ދަަށުން ދެވޭ އެއްޗެއް ކަމަށާއި މުޅި ރާއްޖެއަށް ގެދޮރުގެ ޔަގީންކަން އެއީ ފުއްދާދެއްވާނެ ވައުދެއް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށާއި ނަތީޖާ ނެރެން އުޅެ ނުނެރެވި އޮތް ބުރިޖެއް މި ސަރުކާރުން ރައްޔިތުންގެ ބޮލުގައި 700 މިލިއަން ޑޮލަރުގެ ދަރަންޏެއް އަޅުވާފައިވާ މަޝްރޫއެއް ފެންނަން އެބައޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފެށި ސިނަމާލެ ބްރިޖް ފެންނަން އޮތުމަކީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި ނަތީޖާ ނެރޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެ ބްރިޖްވެސް އަޅާ ނިންމައި ތިލަފުއްޓަށް ޓްރާންޝިޕްމަންޓް ބަނދަރެއް ވެސް ގެނެސްދީ، މުޅި ސަރަހައްދަށް އަދި މުޅި ރާއްޖެއަށް ބޭނުންވާ އިގުތިސާދީ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ ގެނެސްދިނުމުގައި އެންމެން އެކަތިގަނޑަކަށް ވާންވީ ނޫންތޯ މިހާރު،" ޑރ މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ގައުމީ ލޯބި އިސްކޮށް ދެއްކި ހިތްވަރަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. އަދި މުއިއްޒު ދެއްވި އެ ދައުވަތު ގަބޫލްކުރައްވާ އެކުގައި މަސައްކަތް ކުރަން ނިންމި ފުރަތަމަ ޕާޓީއަކީ އެމްއެންޕީ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *