Support Us

ރިޔާސީ އިންތިހާބު 2023:

އިންތިހާބާ ދިމާކޮށް މި ސަރުކާރުން ދިން ވަގުތީ ވަޒީފާތައް ވެސް ޔަގީންކޮށްދޭނަން: ޑރ. މުއިއްޒު

ރިޔާސީ އިންތިހާބާ ދިމާކޮށް މި ސަރުކާރުން ވަގުތީ ވަޒީފާތައް ދީފައިވާ ހުރި ފަރާތްތައް ވެސް ބިރު ފަހަނައަޅާ ނިކުމެ ކެންޕެއިން ކޮށްދިނުމަށާއި ސެޕްޓެމްބަރު 30 ގައި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެ ވަޒީފާތައް އެ ފަރާތްތަކަށް ޔަގީންކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ މާވެޔޮމަގުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބު ގާތްވީމާ ރާއްޖޭގެ ރަށްރަށަށް ވަޑައިގެން، މެޓާ ބަހާހެން ވަޒީފާތައް ބަހާލާފައިވާ ކަމަށެވެ. އެގޮތުން 130 މީހުން ހިމެނޭ އާބާދީއެއްގައި ވެސް 30 މީހުންނަށް އެއް ކުންފުންޏަކުން ވަޒީފާ ދީފައި އެބަހުރި ކަމަށާއި އެ ވަޒީފާތައް ދީފައި ހުންނަނީ ވަގުތީ ވަޒީފާތަކުގެ ގޮތުގައި އެއް މަސް ދުވަސް ނުވަތަ ދެ ހަފުތާގެ މުއްދަތަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރުން ދީފައި މި ހުންނަނީ ވަގުތީ ވަޒީފާތައް. އޭގެ ބޭނުމަކީ އިންތިހާބުން ބަލިވެއްޖެއްޔާ އެ އޮންނަ ޓްރާންސިޝަން ޕީރިއަޑްގައި ކަނޑާލުން ކަންނޭނގެ. އިރާދަކުރެއްވިއްޖެއްޔާ އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބުކުރެވޭނެ. އޭރުން ޓްރާންސިޝަން ޕީރިއަޑްގައި ކަނޑާލިއަސް އަޅުގަނޑުމެން އެ ވަޒީފާތައް ދޭނަން. އެހެންވެ މިގޮތަށް ވަޒީފާ ލިބިފައި ތިބި ހުރިހާ ފަރާތްތަކުން ބިރުކަނޑާލައި ކެރިގެން ނިކުމެ (އަޅުގަނޑުގެ) ކެންޕެއިންގައި އަމަލީ ގޮތުން ބައިވެރިވެ އިންތިހާބު ކާމިޔާބްކޮށްދިނުމުގައި މަސައްކަތްކޮށްދެއްވާ. ތިބޭފުޅުންގެ މަސައްކަތް އަޅުގަނޑު ބަލައިގަނެ އެ ވަޒީފާތައް ޔަގީންކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ކުންފުނިތައް ރީޓްސްރަކްޗާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ރަށެއްގައި ސްޓެލްކޯ، ފެނަކަ ނުވަތަ އާރުޑީސީގައި ނުވަތަ އެ ނޫން ވެސް ކުންފުންޏެއްގައި ހުރި މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި 32 ހާސް ބިލިއަނަށް އަރާފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް ފަހު ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްޓަކައި ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކެންޕެއިންގައި އިއްޔެ ވަނީ މާލޭގެ ގޭގޭގައި ޑޯޓުޑޯ ކުރިއަށް ގެންދަވައިފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ އެކި ގޭގެއަށް ކުރެއްވި ޒިޔާރަތުގައި ފެނިގެންދިޔައީ މި ސަރުކާރުން މި ފަސް އަހަރު ބޭކާރުކޮށްލުމުގެ ސަބަބުން ދިވެހި ރައްޔިތުން އަދިވެސް އުޅެމުން ގެންދާ ނިކަމެތި ހާލަތު ކަމަށެވެ.

"ގެދޮރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި. އާމްދަނީ ލިބުމުގެ ފުރުސަތުތައް ގެއްލިފައި. ޒުވާނުން ބިކަވެފައި. ކަނބަލުން ކުރާ މަސައްކަތުގައި އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިިބިފައި. އިސްރަށްވެހިން ތިބީ ބާކީވެފައި. މި މަންޒަރުތައް މިއަދުވެސް ފެނިގެންދިޔައީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުންނަށް ދިމާވެފައި ހުރި މިފަަދަ ދަތިކަންކަން ހައްލުކޮށް، ރައްޔިތުންގެ މުސްތަގުބަލާ މެދު ސެޕްޓެމްބަރު 30 ވަނަ ދުވަހު ގޮތެއް ނިންމާނީތޯ ނޫނީ މިހާރު ވެސް ހުރި ގޮތަށް ކަންކަން ކުރިއަށްދާން ނިންމާނީ ރައްޔިތުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ރައްޔިތުން އިތުބާރުކޮށް ރައްޔިތުންގެ ވެރިއަކަށް ގެނެސްފިނަމަ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ މައްސަަލަތައް ހައްލުކޮށްދެއްވުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ވަޑައިގެންނަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތައް، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު އަތުލާނެތޯ ބައެއް ރައްޔިތުން ސުވާލުކުރާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ވާހަކަތައް ދައްކާއިރު ވެސް ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރޭ. އަޅުގަނޑުމެންނެއް ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަދި ލިބެން އޮތް އެއްޗެއް ވިޔަސް އަތެއްނުލާނަން. އެއީ ފްލެޓެއް ކަމުގައި ވިޔަސް، ގޯއްޗެއް ކަމުގައި ވިޔަސް، ވަޒީފާއެއް ކަމުގައި ވިޔަސް، އެހެން މަޝްރޫއެއްް ކަމުގައި ވިޔަސް އަތެއްނުލާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ގައުމީ ލޯބި އިސްކޮށް ދެއްކި ހިތްވަރަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. އަދި މުއިއްޒު ދެއްވި އެ ދައުވަތު ގަބޫލްކުރައްވާ އެކުގައި މަސައްކަތް ކުރަން ނިންމި ފުރަތަމަ ޕާޓީއަކީ ކާނަލް ނާޒިމްގެ އެމްއެންޕީ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *