ކުރިއަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ކަންކުރާނެ ބައިވަރު ގޮތްތައް އެބަ ހުރި ކަމަށާއި ނަމަވެސް އެ ގޮތަކީ ރައީސް އިބްްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއްކަން ވަރަށް ސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ތިން ވަނަ އަށް ގޮސް ފޭލްވުމުން، ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އަމަލް ކުރާނެ ގޮތެއް ކަނޑައެޅުމާ ބެހޭ މަޝްވަރާތައް ކުރުުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ ހިޔާލު ހޯދުމަށް އެ ޕާޓީގެ އިންޓަރިމް ކައުންސިލަށް ވަނީ ހުށަހަޅައިފަ އެވެ. އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަަރާއަށް ހުޅުވާލި ދެ މިނެޓްގެ ފުރުސަތުގައި ވާހަަކަ ދައްކަވަމުން އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ގޮތެއް ނިންމާއިރު އެމްޑީޕީ ކޮޅަށް ދިއުން އެއީ ދަ ޑިމޮކްރެެޓްސް އަށް އޮތް ގޮތެއް ނޫން ކަމަށެވެ.
އީވާ ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއާ ގުޅެން ރައީސް ސޯލިހް ހުށަހަޅާނެ ހުށަަހެޅުމެއް ނޯންނާނެ ކަމަށާއި "އެމްޑީޕީން ދަ ޑިމޮކްރެޓްސް އަށް ނަހަދާ ދޮގެއް ނެތް" ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަންކުރާނެ ގޮތެއް ނިންމާއިރު ޕީޕީއެމްއާ އެކު ދިއުންތޯ ނުވަތަ އެއްވެސް ކޮޅަކަށް ނާރާ ދަ ޑިމޮކްރެޓްސް އިން އެ ގޮތުގައި ތިބުންތޯ ނުވަތަ އިންތިހާބަށްޓަކައި އެކަނި އެއްވެސް ކޮޅަކަށް ނޭރުން އެއީ ވެސް ދަ ޑިމޮކްރެޓްސްއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ ކަމަށެވެ.
އީވާ ވިދާޅުވީ ކޮންމެހެން އަންނަ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް އިން ހިމެނުމަކީ ވެސް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީ ރޫޅާލުމަކީ ދަ ޑިމޮކްރެޓްސްް އަށް އޮތް އެންމެ ގަދަ ގޮތް ކަމަށް ވެެއްޖެެއްޔާ އެގޮތް ވެސް ނިންމައިގެން ސެޕްޓެމްބަރު 30 އަންނަންދެން ވެސް ތިބެވިދާނެ ކަމަށެވެ.
"ބައިވަރު ބައިވަރު ގޮތްތައް އެބައޮތް. ނަމަވެސް އެ ގޮތަކީ އިބޫ (ރައީސް ސޯލިހް) ނޫން ގޮތެއްކަން އަޅުގަނޑުމެން އެންމެނަށް ވެސް ވަރަށް ސާފު،" އީވާ ވިދާޅުވި އެވެ.
އެމްޑީޕީއަކީ އެއްވެސް ހާލަތެއްގައި އެ ޕާޓީއަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް އޮތް ގޮތް ނޫން ކަމަށް އީވާ ވިދާޅުވި އެވެ.
"ދަ ޑިމޮކްރެޓްސްގެ ތެރޭގައި އަދި އަޅުގަނޑުމެންގެ ތެރޭގައި ވެސް މިކިޔަނީ ރައީސް ނަޝީދު ވިދާޅުވިޔަސް އަޅުގަނޑު ބުނަނީ އަޅުގަނޑެއް ނުދާނަމޭ. އިލިޔާސް ލަބީބު ވިދާޅުވަނީ ނުދާނަމޭ… ހުސެއިން އަމްރު ވިދާޅުވަނީ، ހަސަންލަތީފު ވިދާޅުވިޔަސް ތިމަންނައެއްް ނުދާނަމޭ.. ހަގީގަތުގައި އަޅުގަނޑުމެން މި ދައްކަނީކީ ޒާތީ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ކުރިމަގުގެ ވާހަކަ،" އީވާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން އިއްތިފާގުވީ އެމްޑީޕީއާ އެެއްކޮޅަށް ނޭރުމަށެވެ. އަދިި ރައީސް ނަޝީދާ މެދު އެމްޑީޕީން ކަންތައްތައް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އަދި ކޮންމެ ގޮތަކަށް ޕާޓީން ނިންމިއަަސް ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ މުސްތަގުބަލަށްޓަކައި ވިސްނަންޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީއަށް ފުރަތަަމަ ބުރުގައި ލިބުނު ކާމިޔާބީއާ ގުޅިގެން އެ ކޯލީޝަަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން ޕާޓީތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު އަރުވައިފަ އެވެ. އަދި އެ ދައުވަތު ގަބޫލްކޮށް މިހާތަނަށް ކޯލީޝަން ހަދާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީން އެކަންޏެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ބުނީ އެ ޕާޓީން ރަސްމީކޮށް އެއްވެސް ޕާޓީއަކާ އަދި އެއްވެސް މަޝްވަރާއެއް ފައްޓާފައިނުވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment
One Response
ދަނޑިމުކުރެޓުސް އަށް ދިމާވަނީ މާ ދަތި ގޮތެކެވެ. ދަނޑިމުކުރެޓުސްގެ ލީޑަރ ރ. ނަޝީދަށް ނެތް އިންޑިއާއިން ބޭނުންވާ ގޮތަކަށް ނޫނީ އެއްވެސް ބަޔަކާ ބައިވެރިވެވޭކަށް. ކުރީ ދުވަހު ހައިކަމިޝަނަރ ނަޝީދު ގެނެސްގެން އެންގީ އެމްޑީޕީއާ ގުޅެވެން ނެތް ކަމަށް ވާ ނަމަ ޕީޕީއެމްއާ ގުޅުނަސް މައްސަލައެއް ނެތޭ ޝަރުތުތަކެއްގެ މަތީން. އެ ޝަރުތު ތަކަކީ 1. އިންޑިއާ އައުޓް ( އިންޑިއާ ސިފައިން) ބޭރުކުރާ ޕޮލިސީ އެއްކޮށް ހުއްޓާލުން. 2. ބަރުލަމާނީ އަކަށް ނިޒާމު ބަދަލުކުރަން ކުރަންޖެހޭ ކަންކަން ކުރުން. 3. ފޮރިން މިނިސްޓަރީ އާއި ޑިފެންސް މިނިސްޓަރީ ދިނުން. މިއީ އެމްޑީޕީ ނޫން އެއްވެސް ޕާޓީ އަކަށް އެއްބަސް ވެވޭނެ ޝަރުތު ތަކެއް ނޫން. ޑިމޮކުރެޓުސް އަކީ މި ވަގުތު އިންޑިއާގެ އޮފްޝޫޓެއްގެ ގޮތުގައި އޮންނަން އިންޑިއާ އިން ބެކުކޮށްގެން އަންނި އުފެއްދި ޕާޓީއެއް. އެހެންވީމާ އެމްޑީޕީ އަށް ވުރެން ވެސް ޑިމޮކުރެޓުސް އަށް އިންޑިއާގެ އޯނަރޝިޕް ބޮޑެވެ. އެމްޑީޕީ އަކީ އަސްލު ރާއްޖެ ރިފޯމްކުރުމަށް ގިނަ ދިވެހީން ތަކެއް ގުޅިގެން އުފެއްދި ޕާޓީއެކެވެ. އެއިރު ލަންކާގެ ސަޕޯޓް މާ ބޮޑަށް ލިބުނު އެމްޑީޕީ އުފައްދަން. މިއީ ދޮގުނުކުރެވޭނެ ހަގީގަތް.