Support Us

އެހެން ޕާޓީތަކުން ވެސް ދެތިން ދުވަހުގެތެރޭ ގުޅޭނެ ކަަމަށް އުއްމީދުކުރަން: ޑރ. މުއިއްޒު

ސިޔާސީ އެހެން ޕާޓީތަކާއި ސިޔާސީ އެހެން ލީޑަރުން ވެސް ގައުމު އިސްކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ގުޅިގެން އެމްއެންޕީން ކުރިއަށްދާން ނިންމުމާއި ކޯލިޝަން އެެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ޑރ. މުއިއްޒު މިއަދު ވިދާޅުވީ ގައުމީ ޖޯޝް އިސްކޮށް އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ދިއުމަކީ ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ. "ދިވެހިންގެ ރާއްޖެ" ދިވެހިންނަށް ހޯދައިދިނުމަށްޓަކައި އެ ކޯލިޝަނުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިވަޑައިގެންނެވީތީ އެ ކަމަށްޓަަކައި އެމްއެންޕީގެ ލީޑަޝިޕަށް ޑރ. މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.

"ގައުމީ ޖޯޝް އިސްކުރައްވާ ބައިވެރިވެވަޑައިގެންނެވުމަކީ މިއަދު ދިވެހި ގައުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިގެންދާނެ. އަޅުގަނޑުމެން ދެކެނީ ތިބޭފުޅުން ތިދެއްކެވި ގައުމީ މިސާލުން ހިތްވަރު ލިބިވަޑައިގެންދެން ވެސް ތިއްބެވިި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނާ އެކީގައި ގައުމު އިސްކޮށް ބައިވެރިވެވަޑައިގެންނަވާ ދުވަސްތަކަކަށްވާނެ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ދެ ޕާޓީން ގުޅިގެން މަސައްކަތް ކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ގައުމީ ލޯބި އިސްކޮށް ދެއްކި ހިތްވަރަށް ޝުކުރު އަދާކުރުމަށް ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. އަދި މުއިއްޒު ދެއްވި އެ ދައުވަތު ގަބޫލްކުރައްވާ އެކުގައި މަސައްކަތް ކުރަން ނިންމި ފުރަތަމަ ޕާޓީއަކީ ވެސް އެމްއެންޕީ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *