Support Us

ޕީޕީއެމް/ޕީއެންސީ، އެމްއެންޕީގެ ކޯލިޝަން އެެއްބަސްވުން ބަދަލުކުރައްވަނީ
ރިޔާސީ އިންތިހާބު 2023:

މިއައީ ޖާނާއި މާލުން ގުރުބާންވެގެން ވެސް ދެވަނަ ބުރު ޑރ. މުއިއްޒަށް ކާމިޔާބުކޮށްދޭން: ނާޒިމް

ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގަތީ ޖާނާއި މާލުން ގުރުބާންވެގެން ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްްޒަށް ކާމިޔާބު ކޮށްދެއްވައި ރައްޔިތުންނަށް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ހޯދައިދެއްވުމަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަށް ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ފުލުން ދެ ވަނަ އަށް ވަޑައިގެންނެވި ކާނަލް މުހައްމަދު ނާޒިމް މިހެން ވިދާޅުވީ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން އެކުލަވާލި ކޯލިޝަން އެެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން މި އެެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމު އަބްދުﷲ އެވެ. އަދި އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ ނާޒިމެވެ.

ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެެއްވުމަށްފަހު ނާޒިމް ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ޑރ. މުއިއްޒު ދައުވަތު ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ޕީޕީއެމްއާ ގުޅިގެން ކުރިއަށްދާން މަސައްކަތް ކުރުމަށް ނިންމީ ގައުމު އިސްކޮށް، ގައުމުގެ ހެވާއި ލާބައަށްޓަކައި މަސައްކަތް ކުރާ ޕާޓީއަކަށް ޕީޕީއެމް/ޕީއެންސީ ވާތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހަވާނެ ޕީޕީއެމް/ޕީއެންސީއާ އެކު މަސައްކަތް ކުރަން. އަޅުގަނޑުމެންގެ މެނިފެސްޓޯއާ ވަރަށް ގާތްކުރާ މެނިފެސްޓޯއެއް ޕީޕީއެމް/ޕީއެންސީގަ އޮތީ. އަޅުގަނޑުމެން މިއައީ އަޅުގަނޑުމެންގެ ޖާނާއިމާލުން ގުރުބާންވެ، 30 ވަނަ ދުވަހު ބޭއްވި އިންތިހާބް ކާމިޔާބުކޮށްދީ ދިވެހިންނަށް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ޔަގީންކޮށްދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުން ފިޔަވައި އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ޕީޕީއެމް/ޕީއެންސީއަށް ނޯންނާނެ ކަމަށާއި ގުޅިގެން މަސައްކަތް ކުރަން ނިންމީ އެއްވެސް ޝަރުތަކާ ނުލާ ކަމަށެވެ.

ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީގެ އިސް ބޭފުޅުން މިއަދުގެ ބައްދަލުވުމުގައި

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެންމެން ގުޅިގެން ނުކުމެ ފަސޭހަކަމާއެކު ކާމިޔާބު ކުރުން ކަމަށެެވެ. އަދި އިންތިހާބް ކާމިޔާބު ކުރުމަށްފަހު ކުރިއަށް އޮތް ފަސް އަހަރު އެއްބަސްވުމާ އެއްގޮަތަށް ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގުޅިފައިވާ ޕާޓީތަކުން އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީއެންސީގެ ފިިކުރަކީ ފުރަތަމަ ގައުމު. އެއީ ރައީސް ޔާމީންގެ ސިޔާސަތު. އެ ސިޔާސަތާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ. ގުޅިގެން ކުރިއަށް މިގެންދާ މަސައްކަތް ކުރިއަށް ގެންދާނީ އަބަދުވެސް ގައުމާއި ރައްޔިތުންގެ ލާބަޔާ މަންފާކުރާ ގޮތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި އަމާން ކަމަށް ބުރުއަރާ އެއްވެސް ކަމެއް ޕީޕީއެމް/ޕީއެންސީ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ފުުރަތަމަ ބުރުގައި ދިވެހި ރައްޔިތުން ގައުމީ ލޯބި އިސްކޮށް ދެއްކި ހިތްވަރަށް ޝުކުރުއަދާކުރުމަށް ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ ގެނައުމަށް އެ ކޯލިޝަނުން ކުރައްވަމުން ގެންދާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. އަދި މުއިއްޒު ދެއްވި ދައުވަތު ގަބޫލްކުރައްވާ އެކުގައި މަސައްކަތް ކުރަން ނިންމި ފުރަތަމަ ޕާޓީއަކީ ވެސް އެމްއެންޕީ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *