ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާ އެކު މަސައްކަތް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ފުލުން ދެ ވަނަ އަށް ވަޑައިގެންނެވި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ޑރ. މުއިއްޒާ އެކު މަސައްކަތް ކުރުމަށް ތާއީދުކޮށް ވޯޓް ދިނުމާ ގުޅިގެންނެވެ.
އެމްއެންޕީގެ މީޑިއާ ހެޑް، ޝިދާތާ ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީގެ ލީޑާޝިޕުން މަޝްވަރާތައް ކުރިިއަށް ގެންދާނެ ކަމަށް ވެސް ކުރީގެ ޖެންޑަރ މިނިސްޓަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބާ ގުޅިގެން ގައުމީ ލޯބި އިސްކޮށް ދިވެހި ރައްޔިތުން ދެއްކި ހިތްވަރަށް ޝުކުރުއަދާކުރުމަށް ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރާއްޖޭގެ މިވަންކަމާއި ތަރައްގީ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފަ އެވެ. އަދި މުއިއްޒު ދެއްވި ދައުވަތު ގަބޫލްކުރައްވާ އެކުގައި މަސައްކަތް ކުރަން ނިންމި ފުރަތަމަ ޕާޓީއަކީ އެމްއެންޕީ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment