ރާއްޖޭގައި އެކި ސަރަހައްދުތަކުގައި އިންޑިއާގެ ސިފައިން ނެތް ކަމަށް ދައްކަން ފޭކް ޑޮކިއުމަންޓްތައް ހެދި ނަމަވެސް އެ ވާހަކަ ދިވެހި ރައްޔިތުން މިއަދު ގަބޫލް ނުކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން މިއަދު ހަވީރު މާފަންނުގައި ބޭއްވި ކެންޕެއިން ހަރަކާތުގައި ވާހަކަދަައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ފުރަތަމަ ބުރަށް ވުރެ ވެސް ބޮޑު ނަތީޖާއެއް ރައްޔިތުން ދައްކައިދޭނެކަން ޔަގީންވާ ކަމަށެވެ. އަދި ރައްޔިތުން އެގޮތަށް އެކަން ނިންމާނީ ކުރިން ވެސް ކަންކަން އޮތް ގޮތް ބަދަލުވެފައިނުވާތީ ކަމަށެވެ.
ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލެވޭނެ ކަމަށާއި މިގައުމުގެ ރައްޔިތުންނަކީ ކަންކަން އޮޅުންފިލައި ކިޔަވައިގެން ތިބި, ގައުމު ދެކެ ލޯބިވާ ބައެއް ކަމަށާއި ދެން ވެސް އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެއީ ތެދު ހަގީގަތްކަން އެބަ ދޭހަވޭ އެ ކަންކަމަށް ފަސް އަޅާ ވާހަކަ ބަދަލު ކުރަން ސަރުކާރުން މަސައްކަތް ފަށައިފައި ހުރީމަ. މި ގައުމުގައި ބޭރު ގައުމެއްގެ ސިފައިން ތިބި ތިބުމަކީ ދޮގު ވާހައެއް ކަން ނުހިނގާ ކަމެއްކަން ދައްކަން އުުޅޭ އުޅުމުގެ ސަބަބުން ވެސް އެއީ ތެދު ވާހަކައެއްކަން ދަނީ ސާބިތުވަމުން. ކިތަންމެ ވަރަަކަށް ފޭކް އެގްރީމަންޓް ހަދައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުނަސް މިގައުމުގެ ރައްޔިތުންނަކީ ހޭލާ ތިބި ބައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ހިޔާލުތަފާތުވި ރައްޔިތުންނަށް ވެސް ޕީޕީއެމް/ޕީއެންސީން ދައްކާ ވާހަކަތައް މިހާރު ގަބޫލްކުރާނެ ކަމަށާއި މިނިވަންކަން ދިފާއު ކުރުމަށް އެ ކޯލިޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އެ ރައްޔިތުންނަށް ވެސް ޑރ. މުއިއްޒު ގޮވާލެއްވި އެވެ.
"ދިވެހިންގެ ރާއްޖެ" އަށް ދާން ކުރަމުން ގެންދާ މި މަސައްކަތުގައި 30 ސެޕްޓެމްބަރުގައި ދިވެހިން ދިވެހި ގައުމާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަައި އެންމެން އެކުގައި ނުކުމެ ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށް އަތުކުރި އޮޅާލައިގެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ މިނިވަންކަން ޔަގީންކޮށްދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.
މީގެ އިތުުރުން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކީ، ގެދޮރުވެރިކަން ބޭނުން ޖެހިފައިވާ މީހެއް ނަމަަ އެކަން ކޮށްދެއްވާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ދެއްވި އެވެ. އަދި މި ސަރުކާރުން އަަވަސް އަރުވާލައިގެން އިންތިހާބަށްޓަކައި ދިން ގޯތިތައް ވެސް އެ ގޯތިތައް ލިބިފައިވާ ރައްޔިތުންނަށް އެ ގޯތިތައް ދިން ތަނަކުން ގޯތި ކަށަަވަރުކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ނުކުރެވޭ އެއްވެސް ކަމެެއްގެ ވައުދު ރައްޔިތުންނަށް ވަމުން ނުގެންދަވާނެ ކަމަށާއި ރައްޖޭގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ގެނެސްދެެއްވާ ޒަމާނީ ޓެކްނޮލިޖީގެ އެހީގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން މާލެ ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މަގުތައް ހައްދަވައިދެއްވާނެ ކަމަށާއި އިގުތިސާދީ ގޮތުން އުމްރާނީ ތަރައްގީ ގެނެވޭނެ އާބާދީ ބޮޑެތި ހުރިހާ ރަށެއްގެ ވެސް މައި މަގުތައް ހައްދަވައިދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެންމެން އެކަތިގަނޑަކަށް ވެއްޖެ ނަމަ މި ތަރައްގީ ގެނެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅާުވި އެވެ.
"ފުރަތަމަ އަހަރު ނިމިގެންދާނީ މި ސަރަހައްދުން ހިއްކަން ޖެހޭ ހުރިހާ ސަރަަހައްދެއް ހިއްކައި ނިމިގެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒު ދެވަނަ ބުރަށް ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment
One Response
Komme inthabakaa dhimaakoh dheen hathiyaarakah hadha migaomuge minivankan gelley kiyaa mifadha bodedhogu thah hadhaa amilla manfaa ah mithiba meehun bireh ves nuganey