ގައުމީ ފިކުރެއްގައި ރައްޔިތުން ނިކުމެ މިއަދު ދެއްކީ ވަރަށް ބޮޑު މިސާލެއް ކަމަށާއި އެކަމުގެ ސަބަބުން އިތުުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ އެމްޕީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ސޯލިހު ބަލިކުރައްވާ ޑރ. މުއިއްޒަށް ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުން ލިބިވަޑައިގެންނެވި ކާމިޔާބަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބަށް ސަރުކާރުން ކުރިމަތި ކުރަމުން ގެންދިޔަ ފިއްތުންތަކާ އެކު ރައްޔިތުން ރައްޔިތުން ނިކުމެ ދައްކާފައިވަނީ ވަރު ގަދަ މިސާލެއްގައި ކަމަށެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން މިއަދު މި ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް. އޭގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިނގައްޖެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ވަރަށް ބޮޑު ކާމިޔާބެއް ލިބި ރިޔާސީ އިންތިހާބް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މި ކާމިޔާބީއަކީ ރައްޔިޔުންގެ އިތުބާރާއެކު ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ވަރަށް ބޮޑު ފަރަގަކުން ކާމިޔާބީއެއް ލިބިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއީދާ އެކު މިހިސާބަަށް އާދެވޭނެ ކަމަށް ދެކެވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޑރ. މުއިއްޒަށް 46 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނަވާއިރު އެމްޑީޕީގެ ރައީސް ސޯލިހުއަށް 39 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް ދައްކައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެ އެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment