Support Us

ރިޔާސީ އިންތިހާބު 2023

ވޯޓުލުމާ ދިމާކޮށް އައިޖީއެމްއެޗް ކުއްލި ހާލަތަށް ގެނެސްފި

މާދަމާގެ ރިޔާސީ އިންތިހާބްގެ ވޯޓުލުމާ ދިމާކޮށް، ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް، ކުއްލި ހާލަތަށް ގެނެސްފި އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސާވިސަސް ޑރ. އައިމިނަތު ނަޒީރު ސޮއިކުރައްވާ އިއްޔެ ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވާ ގޮތުގައި މާދަމާ އާއި އަންނަ އާދީއްތަ ދުވަހު އެ ހޮސްޕިޓަލް އޮންނާނީ އެމެޖެންސީ ސްޓޭންޑްބައިގައެވެ. އަދި މި ދެ ދުވަހުގެ ތެރޭގައި ކުއްލި ހާލަތުގެ ލެވެލް ބަދަލު ކުރަން ޖެހިއްޖެ ހިނދެއްގައި ތައްޔާރަށް ތިބުމަށް ވެސް ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމަންޓެއްގެ ވެރިންނަށް އޭނާ އަންގަފާއިވެ އެވެ.

މާދަމާގެ ވޯޓާ ދިމާކޮށް އައިޖީއެމްއެޗް ކުއްލި ހާލަތަށް ގެނައީ ކޮން ކަހަލަ ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ބަލައިގެން ކަމެއް ނޭނގެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. ޕީޕީީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *