ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭގައި ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ކުރައްވަމުން ގެންދަވާ ރިޔާސީ ކެންޕެއިން ދަތުރުފުޅުގައި ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ނުހެދި ލަސްވެގެން ގޮސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަދަކަމުން އެ އެއާޕޯޓް ގާސިމްގެ އަތްޕުޅުން އަތުލުމާ ގުޅިގެން ކަމަށެވެ. އަދި ކޯޓު މަރުހަލާ އިން އަލުން ވަނީ އެއާޕޯޓް ލިބިފައި ކަމަށާއި އެއާޕޯޓް ގާސިމަށް އަލުން ލިބުމާ އެކު 2،000 މީޓަރުގެ ރަންވޭއެއް އެޅުމަށްޓަަކައި ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޑްރެޖަރު އަންނާނެ. ސަރުކާރުގައި އޮތް ވަރަށްވުރެ ބޮޑު މާ ފުރިހަމަ ޑްރެޖަރެއް އަޅުގަނޑުގެ އޮންނާނެ. އެ ޑްރެޖަރު ގެނެސް އެ މަސައްކަތް ތިން މަސްދުވަސް ތެރޭގައި ފައްޓާނަން،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގދ. ހޯޑެއްދޫގެ މަސް ފެކްޓަރީ ނުހެދި ލަސްވެފައިވަނީ ކުރީގެ ދެ ސަރުކާރުން ގާސިމަށް ދަތިކުރުމުގެ މަސައްކަތް ކުރުމާ ގުޅިގެން ކަމަށާއި އެ ސަރުކާރުތަކުން ގާސިމަށް ދުއްތުރާ ކުރަމުން ގެންދިޔައީ އިސްލާހީ މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި 2012 ވަނަ އަހަރު އެ މަސްފެކްޓަރީގައި ހުރި 16 މިލިއަން ޑޮލަރުގެ އެއްޗެހި ރޯކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުން ވެެރިކަން ލިބުނަސް ނުލިބުނަސް މަސްފެކްޓަރީގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގާސިމްގެ ސަރުކާރެއްގައި ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު 26ރ. އަށް ކިލޯއެއްގެ ގޮތުގައި ހަމަޖައްސާދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ވެސް ރާއްޖޭގެ ހަތް ސަރަހައްދެއް މާލެއެކޭ އެއްފަދައިން އަދި އެއަށްވުރެ ބޮޑަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ތިނަދޫ ސިޓީއަކީ މާލެއަށްވުރެ ފުރިހަމަކޮށް މާގިނަ ހިދުމަތްތައް ލިބިގެންދާނެ ސިޓީއަކަށް ގާސިމްގެ ސަރުކާރެއްގައި ހައްދަވާދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment