Support Us

އިލްމުވެރިންގެ ގުޅުމުގެ ގިނަ ބޭފުޅުންގެ ތާއީދު ޑރ. މުއިއްޒަށް

ރިޔާސީ އިންތިހާބިގައި ވާއްދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުުރެއްވުމަށް ރާއްޖޭގެ ގިނަ އިލްމުވެރިން ބައިވެރިވާ "އިލްމުވެރިންގެ ގުޅުމު"ގެ މެޖޯރިޓީން ނިންމައިފި އެވެ.

ދީނީ ދާއިރާއިން ކިޔަވައިވިދާޅުވެފައިވާ 150 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ޝޭހުންނާއި އުސްތާޒުން ހިމެނޭ ވައިބާ ގްރޫޕްގައި މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ 12:03 އިން ފެށިގެން 24 ގަޑިއިރަށް ހިންގި މި ޕޯލްގައި މިފަހަރުގެ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނަށް ވޯޓް ނެގުމުގެ ކުރިން ކެންޑިޑޭޓުންނާ ބެހޭ ދިރާސީ ރިޕޯޓްގައިވާ ހޯދުންތަކާ ބެހޭ މައުލޫމާތު ބެސް ވަނީ އެ ގްރޫޕްގައި ހިއްސާކޮށްފަ އެވެ.

އިލްމުވެރިން ތާއީދުކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނެގި ވޯޓުގައި އިލްމުވެރިންގެ ތެރެއިން 87 ބޭފުޅުން ވޯޓް ދެއްވާފައިވަނީ ޑރ. މުއިއްޒަށް ތާއީދުކުރުމަށެވެ. އެއީ 82% އެވެ. ނުވަ ބޭފުޅަކު ވޯޓް ދެއްވާފައިވަނީ އަމިއްލަ ގޮތުން މި ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވުމަށެވެެ. އެއީ 8% އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ ފަސް ވޯޓެވެ. އެއީ 4% އެވެ.

ޖުމްލަ 106 ބޭފުޅުން ވޯޓު ދެއްވި މި ޕޯލްގައި ދެން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިވަޑައިގެންފައިވަނީ އެއް ވޯޓެވެ. އެއީ 0% އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *