Support Us

ކޮލަމް: ސަރަންދީބު
ރިޔާސީ އިންތިހާބު 2023:

އެމްޑީޕީގެ މެނިފެސްޓޯ: މަސައްކަތުގެ މާހައުލުގައި ކުޑަކުދިން ބަލަހައްޓާ ތަންތަން ތަރައްޤީ ކުރުމުގެ ވައުދު

އެމްޑީޕީގެ މެނިފެސްޓޯގައި "މައިންނާއެކު އެމްޑީޕީ"ގައި ބުނަނީ މަސައްކަތުގެ މާހައުލުގައި ޑޭކެޔަރ ސެންޓަރުތައް ނުވަތަ ކުޑަކުދިން ބަލަހައްޓާ ތަންތަން ތަރައްގީކުރާނެ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް މުޅި ދިވެހި ރާއްޖެ ތައްޔާރުވަމުން އަންނައިރު އެހެން އެއްވެސް ޕާޓީއަކުން މިކަމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދީފައިވާތަނެއް ނުފެނެއެވެ.

ރާއްޖޭގެ އާބާދީގައި އަންހެނުންނަށާއި ފިރިހެނުންނަށް ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތަކެއް ލިބިދީފައި ވާއިރު ދިވެހި ގިނަ އަންހެނުންނަކީ ދުވާލެއްގެ މައްޗަށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދު އަމިއްލަ އާއިލާއާ ވަކިން، އާމްދަނީ ހޯދުމަށްޓަކައި ވަޒީފާ އަދާކުރަމުން އަންނަ ކަނބަލުންނެވެ. ހަމަ އެޔާއެކު އެކިއެކި މަގާމުތަކުގައި ޤައުމުގެ މަތީފަޑީގައިވެސް ކަނބަލުން ޒިންމާދާރު ވަޒީފާތައް އަދާކުރަމުން ގެންދާކަން ފާހަގަކުރަންޖެހެއެވެ.

ދަރިން ބެލުމުގެ ބުރަބޮޑު ޒިންމާ އަދާކުރަމުން ވަޒީފާއަށް ނިކުންނަ މައިން ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ހަމަ ޔަގީނުންވެސް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަނީ 111،000 މީހުންނެވެ. އޭގެ ތެރެއިން %63 އަކީ ފިރިހެނުން ކަމުގައި ވާއިރު %37 އަކީ އަންހެނުންނެވެ. އަދި ހަމަ އެޔާއެކު އެމް.ޑީ.ޖީގެ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުން އަންހެނުން އިސްކޮށް ތިބޭ އާއިލާތައް އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ހަމަ އެޔާއެކު އާބާދީގެ 47 އިންސައްތަ ގޭބިސީތަކުގައި އާއިލާތައް ބަލަހައްޓަމުންދަނީ އަންހެނުންނެވެ. މީގެ ތެރެއިން ހަބައިކުޅަ އެއްބައި އާއިލާ ތަކަކީ ކައިވެނި ރޫޅި ދަރިންނާއެކު އެކަނިވެރިވުމުގެ ސަބަބުން އާއިލާގެ ޒިންމާއާ ހަވާލުވާން މަޖުބޫރު މައިންނެވެ. އެހެންކަމަށް ވުމާއެކު ވަޒީފާ އަދާކުރާ ތަނުގައި ދަރިންނަށް މަޑުކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ ހަމަ ޔަގީނުންވެސް މިދެންނެވި ފަދަ މަންމައިންނަށްވެސް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

ވަކިން ޚާއްސަކޮށް އަވައްޓެރިންނަށާއި ގާތް މީހުންނަށްވެސް އިތުބާރުކޮށް އެމީހުންގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލާފައި ވަޒީފާ އަދާކުރަން ކަމުގައި ވިޔަސް ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމުގައި މިހާރަކަށް އައިސް ގިނަ މައިންބަފައިން ގަބޫލު ކުރެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަނބަލުންގެ ތެރެއިން އިސް މަގާމުތައް ފުރުއްވާ ކަނބަލުން އެންމެ ގިނައީވެސް ސިވިލް ސާރވިސްގައި ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. ކަން މިހެން ހުރިއިރު މަސައްކަތުގެ މާހައުލުގައި ކުޑަކުދިން ބަލަހައްޓާނެ ތަނެއް ތަރައްޤީ ކުރުމަކީ މިދެންނެވި ކަނބަލުންނަށް އިތުރު ހާސްކަމެއް ނެތި މަސައްކަތު ގަޑީގައި އެކަށީގެންވާ މިންވަރަށް ރަނގަޅަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. މިއީ ހެޔޮ ބަދަލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *