Support Us

ރިޔާސީ އިންތިހާބު 2023:

ރާއްޖެ އޮތީ ބަނގުރޫޓުވެ، ދަރާވިކިފައޭ އިދިކޮޅުން ކިޔަނީ ރައްޔިތުންނަށް އޮޅުވާލަން: ރައީސް ސޯލިހް

ރާއްޖެ އޮތީ ބަނގުރޫޓްވެ، ދަރާ ވިކިފައޭ ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ދައްކާ ބުހުތާން ދޮގު ވާހަކަތަކެއް ކަމަށާއި 2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކޭނެ ފައިސާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"އުފާވެރި އަމާންރާއްޖެ"އެއް ހޯދައިދިނުމުގެ ސްލޯގަންގައި އެމްޑީޕީން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައިި ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ އޮތީ ބަނގުރޫޓުވެފައޭ، ރާއްޖެ އޮތީ ދަރާ ވިކިފައޭ ކިޔައިގެން އިދިކޮޅު ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

"އެއީ ހަމަ ބުުހުތާން ބޮޑު ދޮގު. އެނގި ތިބެ ރައްޔިތުންނަށް އޮޅުމާލުމަށް ދައްކާ ވާހަކައެއް އެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަ އެއީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުންނާއި ބޭންކްތަކުން ރާއްޖެއަށް ފައިސާ ދެނީ އިތުބާރު އޮންނާތީ ކަމަށާއި ފައިސާއެއް ނަގައިފިއްޔާ އެ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީ އެ ފަރާތްތަކަށް އޮންނާތީ ކަމަށެވެ. އެހެންކަމުން ބޭރުގެ ފައިނޭންޝަލް މަރުކަޒުތަކުން އެއް ބިލިއަން ޑޮލަރު ދެ ބިލިއަން ޑޮލަރު ހޯދުމަކީ މިއަދު އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެ ނަގާ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ އެ ފައިސާ ދެނީ. މިއަދު ބޭރުގެ ފަރާތްތަކަށް މި ސަރުކާރާ ދޭތެރޭގައި، އަޅުގަނޑުމެންނާ ދޭތެރޭގައި ޔަގީންކަން އެބައޮތް. ފައިސާއެއް ނަގައިފިއްޔާ އެ ހަރަދުކުރާ ގޮތް ފެންނަން އެބައޮތް. ހާމަކުރަން އެބަ. ކޮންމެ ހަފްތާއަކުން އެއް ފަހަރު ދައުލަތުގެ މާލިއްޔަތު ތަފްސީލްތައް ހާމަކުރަމުން މިގެންދަނީ. އެއްވެސް އެއްޗެއް ފޮރުވިފައެއް ނޯންނާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މިހެން މި ހުރިހާ ކަމެއް ހުރިއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު ވެސް ހަ ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި މި ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު އަންނައިރު އެ ފަންޑުގައި 350 ނޫނީ 400 މިލިއަން ޑޮލަރާ ހަމައަށް ގެންދިއުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޝައްކެތް ނެތި އަޅުގަނޑު މިދަންނަވަނީ އިރާދަކުރެއްވިއްޔާ މި ފައިސާ އަކީ 2026 ވަނަ އަހަރު އަޅުގަނޑުމެން ދައްކާ ހަލާސްކުރާނެ ލޯންތަކެއް. މިކަން އެނގިތިބެ ރައްޔިތުންނަށް އޮޅުވާލަން އަޅުގަނޑުމެންގެ ވާދަވެރިން ދައްކާ ވާހަކަތަކެއް މިއީ،" ރައީސް ސޯލިހް ވިދާޅުވި އެެވެ.

ރައީސް ސޯލިހް އަދި ވިދާޅުވީ 2026 ވަނަަ އަަހަރު ދައުލަތުން ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އޭޑީއެފްޓީން ނަގާފައިވާ ހުރި ލޯން ކަމަށާއި އެ ފައިސާ އަކީ މިހާރު ވެސް ދެއްކުން ފަސްކުރެވޭ ގޮތަށް ނިމިފައިވާ 100 މިލިއަން ޑޮލަރު ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ހިމެނެނީ 500 މިލިއަން ޑޮލަރުގެ ލޯން އެހީ ކަމަށާއި އެ ފައިސާ ނަގަން ޖެހުނު ސަބަބު ހުރިހާ އެންމެނަށް ވެސް އެނގޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް އިޝާރާތް ކުރެއްވީ މުޅި ދުނިޔެ ހުއްޓުމަކަށް އައި ކޮވިޑް19ގެ އާލަމީ ވަބާއަށެވެ.

"ދައުލަތުގައި ނެތް އޭރު ފައިސާއެއް. މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް. ބޭސް ގަނެވޭނެ ގޮތެއް ނެތް. މުދާ ގަނެވޭނެ ގޮތެއް ނެތް. އެއާއެކު ކުރީގެ ސަރުކާރުން ނަގާފައި އޮތް ސަނީ ސައިޑް ބޮންޑެއް މުއްދަތު ހަމަވެފައި އޮތީ، އެ ދައްކަން ޖެހޭ. އެހެން ނޫންނަމަ ސަރުކާރު އޮންނާނީ ޑިފޯލްޓަކަށް ގޮސްފައި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ 500 މިލިއަން ޑޮލަރު ނެގުމަށްފަހު ފުރަތަމަ ކުރި ކަމަކީ ކުރީގެ ސަރުކާރުން ނަގާފައި މުއްދަތު ހަމަވެފައިވާ އެ ލޯނަށް 250 މިލިއަން ޑޮލަރު ދެއްކުން ކަަމަށެވެ. އަދި ދެން ހުރި ފައިސާ ބޭނުންކުރީ ކޮވިޑުން އަރައިގަތުމަށްޓަަކައި ލޯން ދިނުމާއި އެހީދިނުމާއި މެޑިކަލް ކަންތައްތައް ކުރުމަށް ހަރަދުކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ 2026 ވަނަ އަހަރު އަންނައިރު އެ ފައިސާ އަނބުރާ ދައްކާނެ ގޮތް އިދިކޮޅު ފަރާތްތަކަށް އަދި ވެސް އެނގިފައިނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު ވެސް އެ ފައިސާގެ ދެބައިކުޅަ އެއްބައި ރިފައިނޭންސް ކުރަން ނިންމައި އެކަން ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މި ސަރުކާރުން ވައުދު ވަނީ މިކަންކަން ވަރަށް ސާފުކޮށް އެނގި ތިބެގެން ކަމަށާއި މި ސަރުކާރު އައިއިރު މުޅި ރާއްޖޭގެ ދައުލަތުގެ ރެވެނިއު އަކީ 81 ބިލިއަން ރުފިޔާ ކަމަށާއި އޭގެ 10 އަހަރު ފަހުން 177 ބިލިއަން ރުފިޔާ އަށް ރާއްޖޭގެ އިގުތިސާދު ދެގުނަ އިތުރުވެ ދައުލަތަށް ލިބޭ އާއްމުދަނީ އެތައްތަނެއް އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތަށް ލިބެނީ 22 ބިލިއަން ރުފިޔާ ކަމަށާއި މިއަހަރު 34 ބިލިއަން ރުފިޔާ ދައުލަތުގެ ރެވެނިއުގެ ގޮތުގައި ވަދެފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި 2026 ވަނަ އަހަރު އަންނަ އިރު ދައުލަތުގެ ރެވެނިއު 45 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. އެހެން ކަމުން އެ ލޯންތައް ދައްކާފައި މިސަރުކާރުން ވަމުން ގެންދާ ވައުދުތައް ފުއްދާނެ ފައިސާ ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *