މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑުއުފުއްލަވައި، ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ޔާމީންގެ އަނބިކަނކަނބަލުން މެޑަމް ފާތުމަތު އިބްރާހިމާއެކު ރޭ ބައިވެރިވެވަޑައިގެންފިއެވެ.
މެޑަމް ފާތުންނާ ރައީސް ނަޝީދު ރޭ ބައްދަލުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯއްދަވައިދެއްވުމަށް ކާނިވާ ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" ބައްދަލުވުމެއްގައި މެޑަމް ފާތުން ބައިވެރިވެވަޑައިގެން، ޕީޕީއެމްގެ މެމްބަރުންގެ ދިގު ކިއުއާ ސަލާމް ކުރައްވަމުން ބޮޑުތަކުރުފާނު މަގުން ހިންގަވައިފައި ގެޔަށް ވަޑައިގެންނެވި މަގުމަތީގައި، ދަ ޑިމޮކެޓްސްގެ ޖަގަހައިގައި ނަޝީދު ހުންނަވައިފައި ނުކުމެވަޑައިގެންނެވެ. ނަޝީދު ވަޑައިގެން މެޑަމް ފާތުންނާ ސަލާމްކޮށްލެއްވުމާއެކު އެއްވެފައި ތިބި ސަޕޯޓަރުން އެންމެ ފުރަތަމަ ޖެހީ އަތްތިލަބަޑިއެވެ. އެއަށްފަހު އެކަކު "ރައީސް ޔާމީން" އޭ ގޮވާލުމުން އެންމެން އެއް އަޑަކުން "މިނިވަންކުރޭ"އޭ ކިޔައި ގޮވަންފެށިއެވެ. އެއާއެކު ނަޝީދުގެ ވެސް އަތްޕުޅު އުފުއްލަވައި "މިނިވަންކުރޭ"އޭ ތިން ފަހަރު ވިދާޅުވާތަން ވީޑިއޯ އިން ފެނެއެވެ. ނަމަވެސް ގިނަ އިރުތަކެއްނުވެ ނަޝީދު އެނބުރި ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނަޝީދު 13 އަހަރަށް ޖަލަށްލި އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ ރަހީނުކުރި މައްސަލައިގައެވެ. ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ލިބިވަޑައިގަތީ އެހެންވެއެވެ. އެހެންވެ ދާދި ފަހަކާ ޖެހެންދެން ވެސް ނަޝީދު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް ޔާމީނުގެ ވެރިކަން، 2018 ގެ އިންތިހާބަށްފަހު ވެއްޓުނު ހިސާބުން ސިޔާސީ އެއްވެސް ހަރަކާތަކުން މެޑަމް ފާތުން ފެނިފައެއްނުވެއެވެ. އެހެންވެ ގާތްގަނޑަކަށް ފަސް އަހަރަށްފަހު އެކަމަނާއާ އަލަށް ބައްދަލުވުމުން، ދަމާލައިފައިވާ ދިގު ކިޔޫގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އެކަމަނާއާ ސަލާމްކޮށް އަދި ސެލްފީ ވެސް ނަގައިފައެވެ.
#Live MaleCity ???? pic.twitter.com/6p1AWSMwBT
— Sim (@Simwarr) September 4, 2023
މެޑަމް ފާތުންނާ އެކު ރޭގެ މި ހަރަކާތުގައި ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒަށް ނެތް ކަމަށް ބުނެ ޕީޕީއެމާ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ މި ދަނޑިވަޅުގައި ރައީސް ޔާމީން ވަނީ އެކަން ދޮގުކުރައްވައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު ޑރ. މުއިއްޒަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރޭގެ ކެމްޕޭނު ހަރަކާތަށް މެޑަމް ފާތުން ވަޑައިގަތީ ވެސް ސީދާ ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށް ވެއެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.
Raees Yameen ge Anbikanbalun Madam Fathimath Ibrahim Dhiveheenge jagaha ah vadaigennevun. #Vote4Muizzu#DrMuizzuSembe2023#DhiveheengeRaajj#FreePresidentYameen pic.twitter.com/o3x2nRWHZU
— Progressive Party of Maldives (@ProgressPartyMV) September 4, 2023



advertisment