Support Us

ރިޔާސީ އިންތިހާބު 2023

ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނެއް ވުޖޫދުކޮށް، ކޮންމެ ރަށަކުން ވެސް ފަރުވާ ލިބޭގޮތް ހަދައިދޭނަން: ރައީސް

ނަފްސާނީ ސިއްހަތާއި ނަފްސާނީ ދުޅާހެޔޮކަން ކަށަވަރު ކުރުމުގެ މެންޓަލް ހެލްތް ކެއާއާ ބެހޭ ގާނޫނެއް ވުޖޫދުކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ނަފްސާނީ ފަރުވާ ލިބޭނެ ގޮތް ހަަޖައްސަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"އުފާވެރި އަމާންރާއްޖެ" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައި މިއަދު ހދ. ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ނަފްސާނީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެެ. އެގޮތުން އެމީހަކު ހުރި ރަށެއްގައި ފްރައިމަރީ ހެލްތް ކެއާގެ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ނަފްސާނީ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މެންޓަލް ހެލްތްގެ ގާނޫނެއް ވުޖޫދުކޮށް، ގައުމީ ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާލައި އެމީހަކު ހުރި ރަށަކުން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުުރުން ރާއްޖެއިން ލިބެން ނެތް ހާއްސަ ބަލިތަކަށް ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ފަރުވާ ހޯދައިދީ އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި މިބަދަލުތަކާ އެކު އެމީހަކު ދިރިއުޅޭ ރަށެއްގައި ތިބެ ސިއްހީ ހިދުމަތްތައް ހޯދައިދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަައްވާނެ ކަމަށާއި އެގޮތުން ކުރިނބީގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ލިބޭނެ ތަނަކަށް ބަދަލުކޮށް، އިތުރު ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލުކުރުމަށްޓަައި ބޭނުންވާ ރޯހައުސްތައް އަޅައިދީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ކުރިއަށް އޮތް ދައުރުގައި ހަދާދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ކުރިނބީއަކީ މޫދަށް އެރި ހަދަން ރީތި ގޮނޑުދޮށެއް ނެތް ރަށެއްކަން ފަހާގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ރަށުގެ ރައްޔިތުން ކަސްރަތްކޮށްލައި މޫދަށް އެރިލާ ހެދުމަށްޓަކައި އެރަށުގައި އާޓިފިޝަލް ބީޗެއް ހަދައިދެއްްވާނެ ކަމަށެވެ. އަދި އެއްވެސް ރަށެއް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *