Support Us

ރިޔާސީ އިންތިހާބު 2023

ފުވައްމުލަކު ރައްޔިތުންގެ އާމްދަނީ އިތުރުކޮށް ފޮރިން އެކްސްޗޭންޖް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އާމްދަނީ އިތުރުކޮށް ފޮރިން އެކްސްޗޭންޖް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޑް" ނަމުގައި ގާސިމް ކުރިއަށް ގެންދަވާ ރިޔާސީ ކެންޕެއިންގައި މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ސަރުކާރުތަކުން ޏ. އަތޮޅަށް ފުވައްމުލަކު ސިޓީއެެއްގެ ނަން ދީފައިވަނީ ނަމެއްގައި ކަމަށާއި ސިޓީއެއްގައި ފުރިހަަމަ ވެފައިވާ ގިނަ ކަންތައްތައް ފުވައްމުލަކުގައި ކޮށްދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ވެރިކަމެއްގެ ފަސް އަހަރު ނިމިގެންދާއިރު ފުވައްމުލަކު ރައްޔިތުން އެދުނު ކަންކަން ފުރާ ފުރިހަމަ ކޮށްދޭނަން. އަދި އިތުރަށް މިރަށުގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތަށް ތިބޭފުޅުންގެ ހިޔާލަށް ވެސް ނާންނާނެ ގޮތަށް އާމްދަނީ އިތުރުކުރެވޭނެ ފޮރިން އެކްސްޗޭންްޖް އިތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ރަށްރަށުން ހުށަަހަޅާ ކަންތައްތަކުގެ ތެރެއިން ފަސް ކަމެެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. ނަމަވެސް ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެރަށުން ހުށަހަޅާފައިވާ އަށް ކަންތައް ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ހާސިލްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *