އަންނަ ރިޔާސީ އިންތިހާބްގައި ވޯޓް ހޯދުމަށް ފައިސާ ބަޔަކު ދިނަސް އެ ފައިސާގެ ބަދަލުގައި ވޯޓް ވިއްކާނުލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
"ގައުމީ ކެންޑިޑޭޑް" ނަމުގައި ގާސިމް ކުރިއަށް ގެންދަވާ ރިޔާސީ ކެންޕެއިންގައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ދެ ފަހަރު އެމްޑީޕީއަށް އަދި އެއް ފަހަރު ޕީޕީއެއަށް އެމަނިކުފާނު ވެސް ތާއީދުކޮށްގެން ވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށާއި ނަމަވެސް އެ ދެ ޕާޓީވެސް ފެއިލްވެފައިވާ ކަމަށެވެ.
"އެހެންވީމަ ބޮޑު ޕާޓީއެއް ކުޑަ ޕާޓީއެއް ނުބަލައި މިފަހަރު ރައްޔިތުން ވޯޓްލާންވީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެންމެ އިހުލާސްްތެރި މީހަކަށް" ކަމަށާއި "އޭރުން ރައްޔިތުންނަށް ވާޖިބު އަަދާކުރެވުނީ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ލާރިވެސް އަޅާނެ. ލާރި އަޅަނީ އޮއްސާލަނީ. އަޅުގަނޑު ދަންނަވާނީ އެޅި ވަރަަކަށް ހިއްޕަވާށޭ ދެން ކޯޗެކޭތޯ އަޅުގަނޑު ދަންނަވާނީ. އެކަމަކު ނަމަނަމަ ވޯޓްލާއިރު ވޯޓް ލައްވާށޭ ވަރަަށް ރަނގަޅަށް ވިސްނާވަޑައިގެންފައި. ދެން އިތުރު ފަހަރަކު މިކަހަލަ ވޯޓެއް ލާން ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންހޭ. ނޫނީ ވިއްޔާ މިއަދުދޭ ޑޮލަރުކޮޅުގައި ހިފައިފައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާާލާ ވިއްކާލާފައި ދާނީހޭ. އެހެންވީމަ މީހަކު އެއްޗެއް ދިނިއްޔާ ހިފިޔަސް މުސްކުޅިން ބުނަނީ އަސް ވިއްކިއަސް ލަގަން ނުވިއްކާށޭ. ނަމަނަމަ ލާރި ދީފަަ ވޯޓް އަޅާށޭ ބުންޏަސް ނާޅާތި. އެއުޅެނީ ގައުމަށް ރައްޔިތުންނަށް ހެޔޮއެދިގެން ނޫން…" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުގެ ހުއްދައެއް ނެތި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ބޭރުގެ ސިފައިން މި ރާއްޖޭގައި އެބަތިބި ކަމަށާއި އެގޮތަށް ގައުމުގައި ބޭރުގެ ސިފައިން ތިބުމަކީ ގޯހެއް ކަމަށެވެ.
އިންޑިއާގެ ސިފައިން މި ގައުމުގައި ގާނޫނު އަސާސީއާ ހިލާފަށް ތިބި ވާހަކަ އަބަދާއި އަބަދު ރައްޔިތުންނަށް ހަދާން ކޮށްދެއްވަމުން ގެންދަވަނިކޮށް، "އިންޑިއާ ފަސްޓް" ޕޮލިސީގެ ގޮތުގައި ބުނަމުން ގެންދާ ޕާޓީތަކަށް ވޯޓްލައިގެން ހޮވައިިފިނަމަ އެ ޕާޓީތަކުން އިންޑިއާ ސިފައިން މި ގައުމުން ދުވަހަކު ވެސް ނުބާާލާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ ވިސްނުންތެރިކަމާ އެކު ދިވެހިން މިފަހަރު ވޯޓް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
"އިންޑިއާ ސިފައިން މިތާ ތިބި ވާހަކަ މިހާ ސާފުކޮށް ކިޔައިދީދީ އޮއްވާ އެކަން ކޮށްފިއްޔާ އިންޑިއާާއަށް ބާރުވެރިކަމެއް ލިބިގެން އެ ދިޔައީ އެމީހުން ބުނާނެ ތިމަންނަމެންގެ ސިފައިން މިތާނގައި ތިއްބަސް ދިވެހިން އެބުނީ އާނއެކޭ. ދެން ތިމަންނާމެން ނުފައިބާނަމޭ. ދެން ކިހިނެއްތޯ އެމީހުން ބާލާނީ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment