Support Us

ރިޔާސީ އިންތިހާބު 2023:

ދެމެހެއްޓެނިވި އިގުތިސާދީ ތަރައްގީ އަޅުގަނޑުމެން ގެންނާނަން: ޑރ. މުއިއްޒު

ރާއްޖޭގެ އިގުތިސާދު ދެމެހެއްޓެނިވި، ކުރިއަރައިގެންދާ އިގުތިސާދަކަށް ހެދޭނީ އިގުތިސާދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށާއި އެ ކަންކަން ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކުން ކުރާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޒިއްޒު ވިދާޅުވެއްޖެ އެވެ.

މިއަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުން ބައިވެރިވެގެން ރޭ ބޭއްވި "ސަންގު ރިޔާސީ ބަހުސް"ގައި ވާހަަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދެމެހެއްޓެނިވި، ކުރިއަރައިގެންދާ އިގުތިސާދެއް ގެނައުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަން ކުރައްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ރިކަރެންޓް ހަރަދަށް އެމްއެމްއޭއިން ފައިސާ ނަގާ ނެގުން ހުއްޓުވައި ސަރުކާރުގެ ހަރަދުތައް ބަލަހައްޓާނީ ޓެކްސް ފައިސާއިން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގުތިސާދު ދެމެހެއްޓެނެވި، ކުރިއަރައިގެންދާ އިގުތިސާދަކަށް ހެދޭނީ އިގުތިސާދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަންކަން ރަނގަޅު ކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ދަރަނި މިހާރު އޮތީ އިންތިހާއަށް މައްޗަށް ގޮސްފައިކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ ދަރަނި ކުޑަކުރުމުގެ މަސައްކަތްތައް އެމަނިކުފާނުގެ ސަރުކާރަކުން ކުރާނެ ކަމަށެވެ. އަދި ފައިސާ ޗާޕްކޮށްގެން ސަރުކާރު ހަރަދުތައް ބަލަހައްޓާ ބެލެހެއްޓުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އިންފްލޭޝަން ރޭޓް ބޮޑުވެގެންދާ ދިއުން ތިރިކޮށް، އެކްސްޗޭންޖްް ރޭޓް ވަކި ކޮންޓްރޯލެއްގެ ތެރެއަށް ތިރިކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވިއެވެ. "މި ކަންކަން ރަނގަޅު ކުރަމުންދާ ވަރަކުން އިގުތިސާދު ރަނގަޅުވެ، އިންވެސްޓަރ ކޮންފިޑެންސް ލިބިގެންދާނެ. ރާއްޖޭގައި މިހާރު ހަދަން ހުރި ރިސޯޓްތައް ހެދުމަށް ބޭނުންވާ ފައިސާ ވެސް ލިބިގެންދާނެ. މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މައި އެއާޕޯޓް ނިމުމަކީ އެންމެ މުހިންމު އެއް ކަންތައް. މިހުރިހާ ކަމެެއް ކުރެވެމުންދާ ކަމުގައިވާނަމަ އިގުތިސާދު ކުރިއަރުވައި ދައްކަން ހުރި ދަރަނި ދެއްކޭނެ."

މީގެ އިތުރުން ޑރ. މުއިއްޒުގެ ވެރިކަމެއްގައި އާ ޓެކްސްއެއް ތައާރަފްކުރެއްވުމުގެ ބަދަލުގައި މިހާރު ހެދިފައި ހުރި ޓެކްސްގެ ނިޒާމް ބޭނުންކޮށްގެން ޓެކްސް ދައްކާ ބޭސް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިހާރު ނުނިމި ހުރި ރިސޯޓްތައް ނިންމުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބަހުސްގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންހެން އެބޭފުޅެއްގެ އިގުތިސާދީ ތަސައްވުރެ ހާމަކުރެއްވިއިރު މިހާރު އޮތް އިގުތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށް އިތުރު ޓެކްސްއެއް ނެންގެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު ބޭރުގެ ދަރަނީގެ ގޮތުގައި އަހަރަކު 339 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަނަށް ވުރެ ގިނަަ ރުފިޔާ އަަހަރަކު ދައްކަންޖެހެ އެވެ. މީގެ އިތުރުން ދެ ބޮންޑަކަށް ދައްކަންޖެހޭ 600 މިލިއަން ޑޮލަރު 2026 ގައި އެއްފަހަރާ ދައްކަން ޖެހޭ ގޮތަށް އޮތުމުން 2026 ގައި ޖުމްލަ އެއް ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް