ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން "ރާއްޖޭގައި މިލިޓަރީ މަސައްކަތެއް ކުރުމަށް ނުތިބޭނެ" ކަމަށާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ކަަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުންދާތީ އާއި ދިވެހި ސިފައިންނަށް ނޭރެނެހެން ރާއްޖޭގެ ވަކި ސަރައްދެއްގައި ބޭރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ދިވެހިން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ. އަދި ރާއްޖޭގައި މިހާރު ތިބި ބޭރު ސިފައިންގެ އަދަދު ސިއްރުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ވަނީ ކޯޓުގައި ވެސް އެދިފަ އެވެ.
މިފަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ބޭފުޅުންނަށް ދައުވަތުދީގެން ސަންގް ޓީވީން ރޭ ގެނެސްދިން "ސަންގު ރިޔާސީ ބަހުސް"ގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ކިހާވަރެއްގެ ނުރައްކަލެއްތޯ މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރާކަށް ރާއްޖޭގައި އެއްވެސް އިރަކު ނެތް ކަމަށެވެ. ނަމަވެސް ދޭދޭ ގައުމުތަކާ އެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ތަފާތު ޓްރޭނިން އެކްސަސައިޒްތައް ހެދުމަށް އިންޑިއާ، އެމެރިކާ، ސްރީލަންކާ، ޗައިނާ އަދި އިނގިރޭސި ސިފައިން ވެސް އަންނަ ކަމުގައި ވިދާޅުވި އެވެ.
"ރާއްޖެއަކު ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް މިލިޓަރީ މަސައްކަތެއް ކުރާކަށް ނެތް. ކުރިއަކުން ވެސް ނެތް މިހާރަކު ވެސް ނެތް، އެހެންވެ އެއީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާއިން ރައީސް ސޯލިހްގެ ކެންޕެއިންނަށް ފައިސާ ދޭކަމަށް ވިދާޅުވެ މި އިންތިހާބްގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މި ބަހުސްގެ ތެރޭގައި ކުރެއްވި ތުހުމަތަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން އިން ވެސް އަދި އެއްވެސް ގައުމަކުން އެއްވެސް ވަރަކަށް ފައިސާ އެމަނިކުފާނުގެ ކެންޕެއިނަށް ދީފައިނުވާ ކަމަށެވެ.
މި ބަހުސްގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވިދާޅުވީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ބޭރު ގައުމެއްގެ ސިފައިން އެނޫން ގޮތަކަށް ތިބުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި ބޭރުގެ ސިފައިން އެނޫން ގޮތަކަށް ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަން ކަމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެހެން އެ ބޭފުޅުން ސިފަކުރެއްވި އެވެ. އަދި ދިވެހި ސިފައިންނަށް ނޭރޭނެހެން އުތުރު ތިލަފަޅު އޮތުމަކީ ވެސް މައްސަލައެއް ކަމާއި އެކަމާ ބެހޭ އެގްރީމަންޓް ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ހާމަނުކުރުމަކީ ވެސް ގައުމީ ސަލާމަތަށް ހުރި ނުރަައްކަލެއްގެ ގޮތުގައި ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އިދޮކޮޅު ކެންޑިޑޭޓުންް ދެކެވަޑައިގެންނެވި އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގެ ތިބުމުގެ ނުރައްކާތެރިކަން ހާމަކޮށްދެއްވުމަށް މި ބަހުސްގައި އުމަރު ވިދާޅުވީ ހެލިކޮޕްޓަރުތައް ހިފައިގެން އަނބުރާ ގައުމަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގެވި ކަމަށާއި ވިސާ ކެންސަލްކުރީމާ ވެސް އިންޑިއާ ސިފައިން ރާއްޖެއިން ނުފޭބި ކަމަށެވެ. އަދި މިސަރުކާރު އައިސް އެމީހުންނަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމުގައި އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment