Support Us

ރިޔާސީ އިންތިހާބު 2023

އިލެކްޝަނުން ދޭ ވޯޓް ކަރުދާސްކޮޅު ފިޔަވައި އެހެން ކަރުދާސްކޮޅެއް ބޭނުންކުރުމުގެ ފުރުސަތެއް ނުލިބޭނެ: ފުއާދު

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ ވޯޓް ކަރުދާސްކޮޅު ފިޔަވައި އެހެން ކަރުދާސްކޮޅެއް ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިގެންނުދާނެ ކަމަށާއި ވޯޓް ކަރުދާސްކޮޅު ލޯމަތިން ގެއްލޭނީ ހަމައެކަނި ފާހަގަ ޖަަހާ ވަގުތު އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގެ އިންތިހާބްގައި ވާދަކުރާ ބައެއް ސިޔާސީ ޕާޓީތަކުން ގެންދަނީ އިންތިހާބު އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރި ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅަމުންނެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އިލެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވޯޓް ކަރުދާސްކޮޅު ނެރެގެން ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ސިޔާސީ ބައެއް ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންގެންދިއުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ ވޯޓު ކަރުދާސްކޮޅު ލޯމަތިން ގެއްލޭނީ ވެސް ހަމައެކަނި ވޯޓްގައި ފާހަގަޖަހާ ވަގުތުގައި ކަމަށާއި ވޯޓް ކަރުދާސްކޮޅު ވޯޓްލާ މަރުކަޒުތަކުން ގެންދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނާ ވާހަކައަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"ވޯޓް ކަރުދާސްކޮޅަކީ މާ ކުޑަ ކަރުދާސް ކޮޅެއް ނޫން. ފުދޭވަރެއްގެ ބޮޑު ސައިޒެއްގައި އޮންނާނީ. އެހެންވީމާ އެ ކަރުދާސްކޮޅު އެހާ ފަސޭހައިން ޖީބަކަށް ވެސް ނުލެވޭނެ. އެ ކަރުދާސްކޮޅު ދޫކުރުމަށް ފަހު ގެނެސް (ފޮއްޓަށް) ވައްޓާލަންދެން ހަަމައެކަނި ވޯޓުގައި ފާހަގަޖަހާ ވަގުތު ލޯމަތިން ގެއްލޭނީ،" ފުއާދު ވިދާޅުވި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ 282،395 މީހުންގެ ލިސްޓު ފައިނަލްކޮށް އާއްމުކޮށްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ 138،196 އަންހެނުންނާއި 144،199 ފިރިހެނުން ކަމަށެވެ.

"މިހާރު މި މީހުންގެ މައުލޫމާތާ އެކީގައި ލިސްޓް ފައިނަލްކޮށް، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް ލިސްޓްތަަކާއި ވޯޓް ކަރުދާހާ ވޯޓްލުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް މާލެ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވައި ނިމިފައި ވަނީ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ މި އިންތިހާބްގައި ވޯޓްލާ މަރުކަޒުގައި ވޯޓްލާ ބޫތު ހުންނަ ގޮތުން ފޮޓޯ ނެގުމާއި ޖީބުން ކަރުދާސްކޮޅެއް ނަގައިގެން ބޭނުން ކުރެވޭނެ ވާހަކައާއި އެކި ކުލަކުލައިން ފާހަގަަޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ ކަންބޮޑުވުންތަކެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުންނާއި ސިޓީ ކައުންސިލްގެ ފަަރާތުން އެ ތަންތަނުގެ މުދަލާއޖ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަންކަމާ މެދު ކޮމިޝަނުންނަށް ލަފާދޭ ކޮމިޓީއާ އެކު ބައްދަލުކޮށް ނިންމާ ގޮތެެއް ވަަަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އިލެކްޝަނުން ބުނީ މާލެ އަތޮޅުގެ ރަށްރަށަށް އެތަކެތި ފޮނުވަން ފަށާނީ މިމަހުގެ ހަތަރު ވަަނަ ދުވަހު އަދި ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ވޯޓްލުމާ ބެހޭ ތަކެއްޗާ އެކު އޮފިޝަލުން މިމަހުގެ ހަވަނަ ދުވަހު ފުރާނެ އެވެ. އަދި ރިސޯޓްތަކަށް ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.

މި އިންތިހާބްގައި ލޯފަން މީހުންނަށް އަމިއްލަ އިހްތިޔާރުގައި ވޯޓްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިލެކްޝަންސްގެ އޮފިޝަލުން ވަނީ ރާއްޖޭގެ ލޯފަން މީހުން އެންމެ ގިނަ އަދަދަކަށް ތިބި ކަމަށް ލަފާކުރެވުނު ހދ. އަތޮޅާއި އދ. އަތޮޅާއި ކ. އަތޮޅުގެ އެކި ރަށްރަށަށް ގޮސްފަ އެވެ. އަދި ލޯފަން މީހުންނާއި ބައްދަލުކޮށް، އެމީހުންނަށް އެމީހުން އަމިއްލައަށް ވޯޓް ކަރުދާހުގައި ވޯޓް ޖެހުމާ ބެހޭ ޓްރެއިނިންގް އެއް ދީފައިވާ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ރާއްޖޭގެ އޮބްޒާވަރުންގެ ގޮތުގައި 3،304 މީހުންނާއި މޮނިޓަރުންގެ ގޮތުގައި 3،810 މީހުން އަދި ކެންޑިޑޭތުންގެ މަންދޫބުންގެ ގޮތުގައި 1،490 މީހުން ހަރަކާތްތެރިވަމުންދާނެ އެވެ. އަދި ރާއްޖެއިން ބޭރުން އަންނަ އިންޓަނޭޝަނަލް އޮބްޒާވަރުން 143 މީހުން އަދި އިންޓަނޭޝަނަލް މޮނިޓަރުންގެ ގޮތުގައި 22 ފަރާތެއް ހިމެނެ އެވެ. މިފަހަރުގެ ރިޔާސީ އިންތިހާބްގައި އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނީޓަރުންނާ އެކީގައި ޖުމްލަ 8،499 މީހުން މި އިންތިހާބްގެ އެކި ކަންކަން އޮބްޒާވްކުރަމުން ގެންދާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *