Support Us

ރިޔާސީ އިންތިހާބު 2023:

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީކޮށް، ލ.ގައި އިތުރު އެއާޕޯޓެއް ގާއިމްކުރާނަން: ޑރ. މުއިއްޒު

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނަވައިފި އެވެ.

"ދިވެހީންގެރާއްޖެ" ދިވެހިންނަށް އިޔާދަކޮށްދިނުމުގެ ނަމުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އިއްޔެ ހައްދުންމައްޗަށް ވަޑައިގަތުމުން ކައްދޫން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހައްދުންމައްޗަށް ކުރަމުންގެންދާ ކެންޕެއިން ދަތުރުފުޅުގައި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހައްދުންމައްޗަށް ޓޫރިޒަމް ގެންނަން ބޭނުމިއްޔާ އެ އަތޮޅަށް ސީދާ ޓޫރިސްޓުން ގެނެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށާއި އެގޮތުން ކައްދޫ އެއާޕޯޓަކީ ތަރައްގީވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވަން ގަސްދުކުރައްވާ ކަމަށެވެ. އަދި އެ އަތޮޅުގަައި ދެވަނަ އެއާޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކައްދޫ އެއާޕޯޓަކީ ތަރައްގީވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް އިރާދަކުރެއްވިއްޔާ ހަދަން ގަސްދުކޮށްފައިވާނީ. އެވަރަކުން އަދި ނުފުދޭ. މި އަތޮޅަށް އަދި އެއް އެއާޕޯޓް ބޭނުންވާނެ. އެންމެ ފީސަބަލް ގޮތަކަށް އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ލޮކޭޝަނެއްގައި މި އަތޮޅުގެ ދެވަނަ އެއާޕޯޓެއް ހަދާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ތަރައްގީ ހައްދުންމައްޗަށް ގެންދިއުމަށްޓަކައި ގަން ފޮނަދޫ ހިމެނޭ ގޮތަށް "އައްސޭރި ޓޫރިޒަމް"ގެ ބޮޑު މަޝްރޫއެއް އެ އަތޮޅަށް ގެނެސްދެއްވާނެ ކަމަށާއި ފޮނަދޫ އާއި ގަމުގެ މަގުތައް ތާރުއަޅައިގެން ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ހައްދުންމަތިން ފެނިގެން ދިޔައީ ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީންނަށް އޮތް ލޯތްބާއި އިހުލާސްތެރި ހެޔޮދުއާ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރައްޔިތުންގެ އިތުބާރު ސެޕްޓެމްބަރު 9 ގައި ޑރ. މުއިއްޒަށް ދީފިނަމަ ރައީސް ޔާމީން، ގާނޫނީ ހަމަތަކުގެ މަތިން މިނިވަންކޮށްގެން ރައްޔިތުންނާ ހަމައަށް ގެެނެސްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރައީސް ޔާމީނަކީ ތަރައްގީގެ ރައީސް އަދި ތަރައްގީގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި މި ގައުމު ދުވަހަކު ވެސް ނުދެކޭ ތަރައްގީ ރައީސް ޔާމީނުގެ ފަސް އަހަރުގައި ގެނެސްދެއްވި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ނިމިގެންދާ ފަސް އަހަރު ވެގެން މިދަނީ މާޔޫސްކަމާއި ނާއުއްމީދުގެ ފަސް އަހަރުގެ ގޮތުގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ފަސް އަަހަރު ވެގެން މި ދަނީ އަޅުގަނޑުމެންގެ މުސްތަގުބަލް އަޅުގަނޑުމެންގެ އަތުން ބީވެގެންދާން ދިމާވި ފަސް އަހަރު. އެއަށްވުރެ ބޮަޑަށް އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ އަތުން ގެއްލިދާ ހިސާބުގައި މިއޮތީ މި ފަސް އަހަރު،" ޑރ. މުއިއްޒު ވިިދާޅުވި އެވެ.

ޕީޕީއެމް/ޕިއެންސީގެ ވެރިކަމެއްގައި ރާއްޖޭގެ ކުޑަ ރަށެއް ބޮޑުރަށެއް ނުބަލައި، ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ހިދުމަތް ދެއްވާނެ ކަމަށާާއި ހިދުމަތްދެނީ ދިވެހި ރައްޔިތުންނަށް ކަމުގައިވާއިރު އެމީހެއްގެ ގައިގެ ކުލައަކަށް، ޕާޓީގެ ކުލައަކަށް ނުބައްލަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ދެމެހެއްޓެނިވި ތަަރައްގީއެއް ގެނެވޭނީ އާބާދީ އާއި ތަރައްގީ އެއްފަސްކޮށްގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ހައްދުންމައްޗަކީ ވަަރަށް މުހިންމު ދައުރެއް އަދާކުރާނެ އަތޮޅަކަށް ވެގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ފުނަދޫގައި އިރާދަކުރެއްވިއްޔާ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނަން. އެ މަޝްރޫއު ވެގެންދާނީ އާބާދީއާއި ތަރައްގީ އެއްފަސްކުުރުމުގެ ބޭނުމުގައި އެކަމަށް މަގުފަހިކުރުމުގެ ބޭނުމުގައި އަދި އިގުތިސާދީ ނަފާ މި އަތޮޅަށް، މިރަށަށް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއަކަށް. އެފަދަ މަޝްރޫއެއް ހިންގާނީ އިންވެސްޓްމަންޓެއް ހޯދުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއްފަސްކުުރުމުގެ ގޮތުން ހައްދުންމަތީގެ ފޮނަދޫގައި ބިން ހިއްކާއިރު ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް، ރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުން ކުދިކުދި ރަށްރަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުން ހިފޭ ވަރަށް ހައުސިން ޔުނިޓް ގާއިމްކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްކުރާ ސޯޝަލް ހައުސިން މަޝްރޫއުއެއްގައި ވެސް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ގެދޮރު ލިބިގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެެވެ.

ހައްދުންމަތީގެ ޓޫރިޒަމް ސެކްޓަރ ތަރައްގީ ކުރުމަށްޓަކައި ޓޫރިޒަމް ދައިރާގައި މަސައްކަތްކުރާ މީހުން ތަމްރީން ކުރެވޭ ގޮތަށް ހުޅިމެންދޫގައި އިންޓަނޭޝަނަލް ފެންވަރުގެ ރިސޯޓެއްގެ ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު ފަޅަށް އޮތް ގާދޫއަކީ ޓްރާންޝިޕްމަންޓް ބަނދަރަކާއި ބަންކަރެއް ހިމެނޭ ފެސިލިޓީއަކަށް ހަދައި ފޮނަދޫއާއި ގާދޫ ދޭތެރެ ހިއްކައިގެން ރިސޯޓެއް ގާއިމްކޮށް، ފޮނަދޫއާއި ގާދޫއާއި އެ ރިސޯޓް އެއްގަމުން ކޯޒުވޭއަކުން ގުޅާލަދެއްވާނެ ކަަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ލެންގުއޭޖް ސްކޫލެއް ގާއިމް ކުރުމަށް ހަމަޖައްސާފައިވާއިރު އިސްލާމިކް ޔުނިވާސިޓީއެއް ވެސް ހިމެނޭ ގޮތަށް ފޮނަދޫގައި ޔުނިވާސިޓީގެ ކެމްޕަސްތައް ލެންގުއޭޖް ސްކޫލަކާ އެކު ގާއިމްކުރުމަށް ރާވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ކުދިން އުފެއްދުމުގެ ފުރުސަތު ލިބި އެ ލޭންގްއޭޖް ސްކޫލުން ކިޔަވަން އެ ރަށަށް ޒިޔާރަތްކުރާ ކުދިން ގިނަވެގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ފޮނަދޫގެ ތަރައްގީއަށްޓަކައި އެރަށުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ތަރައްގީ އައިސްފައިވާ ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށާއި ސަރުކާރުގެ ހުރިހާ އޮފީސްތަކެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމުގެ ގޮތުން އޮފީސް ކޮމްޕްލެކްސްއެއް ފޮނަދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *