"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން ޒުވާނުންގެ ސައިކަލް ބުރެއް މާލޭގައި މިއަދު ބާއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒް ކައިރިން މިއަދު ހަވީރު 4:15 ގައި ފެށި މި ސައިކަލް ބުރު، މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރަތް ޓީޝާޓާއި ރަތް ދިދަތަކާއެކު އެތައް ސަތޭކަ ޒުވާނުންނެއް ސައިކަލް ދުއްވަމުން ގޮވަމުންދިޔައީ "ގައުމީ ކެންޑިޑޭޓް" އެއްބުރުން މި އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ޒުވާނުންގެ ސައިކަލް ބުރެއް މާލޭގައި ބޭއްވިއިރު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީޢެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯމަށް ހުޅުުމާލޭގައި ވެސް މިއަދު ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވައިފައެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް އަށް ތާއީދުކުރައްވާ ޒުވާނުން އިސްނަގައިގެން ބޭއްވި ސައިކަލްބުރު@qasimibrahim #HaaskandaalaaHamajeheyne #QasimAmeen2023 #VoteQasim2023 pic.twitter.com/4W8lxULAgy
— JP Secretariat (@JPSecretariat) September 1, 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment