Support Us

ރިޔާސީ އިންތިހާބު 2023

ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެކަނިވެރި މައިންނާއި ބަފައިންނަށް 12،000ރ. ދެއްވުމުގެ ވައުދެއް

ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ އެލަވަންސް 12،000 ރުފިޔާ އަށް ބޮޑުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވައިފި އެވެ.

އެކަނިވެރި މައިންނަށް މިހާރު ދެމުން ގެންދަނީ ކުއްޖަކަށް 1،000ރ. ކަމަށްވާއިރު ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ބަލާ މައިންނަށް ލިބެނީ 10،000ރ. އެވެ. ނަމަވެސް އެ އެލަވަންސް ލިބެނީ ކުުދިން ބަލާ މައިންނަށް އެކަންޏެވެ.

ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދޭ އެލަވަންސް ކުއްޖަކަށް 3،000ރ. އަށް ބޮޑުކޮށް، ހަތަރު ކުދިންނަށް ވުރެ ގިނަ ކުދިން ބަލާނަމަ 12،000ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމުގެ ދަށުން އެކަނިވެރި މައިން އަދި އެކަނިވެރި ބަފައިންނަށް ހާއްސަކޮށްގެން ދެ ކޮޓަރީގެ އަދި ތިން ކޮޓަރީގެ 1،000 އެޕާޓްމަންޓް ހިމަނާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޕެއިންގައި "ދިވެހީންގެރާއްޖެ މެނިފެސްޓޯ" ރަސްމީކޮށް ލޯންޗް ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ މެނިފެސްޓޯގައި ތަފާތު 19 ދާއިރާއަކަށް އަމާޒުކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް ހަމަހަމަކަމާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވަނީ އެ ވަޢުދެއް ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށާއި "ވަޢުދު ފުއްދޭނެގޮތް ނޭނގި ވައުދެއް ނުވާނަން" ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *