Support Us

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ 
ރިޔާސީ އިންތިހާބު 2023

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށް، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނަން: ޑރ. މުއިއްޒު

ހުވަދު އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް ތަރައްގީ ކުރުމަށްޓަކައި ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ގއ. ވިލިނގިލީ ބިން ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އައްޑޫ ސިޓީއާއި ފުވައްމުލަކާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ދެކުނުގައި އިންޓަގްރޭޑަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ހުވަދު އަތޮޅަށް މިހާރަށް ވުރެ ބޮޑަށް ޓޫރިޒަމް ގެނައުމަށްޓަކައި ޓޫރިޒަމް ސިނާއަތު ފުޅާކުރުމުގެ ގޮތުން 10،000 އެނދު އިތުރުކުރުމަށް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި އިންޓަގްރޭޑަޑް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ހިމެނޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓު ހުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށް، އެއާޕޯޓެއް ހެދުމަށްޓަކައި ބިން ހިއްކާއިރު ވިލިނގިލީގައި ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ. މުއިއްޒު އަދި ވިދާޅުވީ ގއ. ކޫއްޑޫގައި މިހާރު އޮތް އެއާޕޯޓް ޓްރޭނިންގް އެއާޕޯޓަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި މިއޮތީ މިތާ ކައިރީގައި މި އޮތް އެކަފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް ގާއިމްކޮށް އަދި އެ އެއާޕޯޓާ އެކީގައި އިންޓަގްރޭޑަޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ މިފަރުގައި ހިންގުން. ހަމަ ކޮލަމާފުށީ ކައިރީގައި ވެސް އިންޓަގްރޭޑަޑް ޓޫރިޒަމް ހަބެއް ގާއިމްކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ދެކުނުގެ ޓޫރިޒަމްގެ މި މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވެސް ކުރައްވާފައިވާ ތަސައްވުރެއް ކަމަށާއި އެކަން ކުރެވޭނެ ގޮތް ވެސް އޭރު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން އައުމާ އެކު އެމަސައްކަތް ހުއްޓިފައިވާ ކަަމަށާއި ދެކުނުގެ ޓޫރިޒަމަށް އެ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ދެއްވި އެވެ.

ދެކުނުގެ ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުމުގެ ގޮތުން އެއާޕޯޓްގެ މަސައްކަތް ކުރާއިރު ފުދޭވަރަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެބިން ހިއްކާނީ ވިލިނގިއްޔާ ގުޅުވައިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ވިލިނގިލީގެ ބިން ހުސްވެފައި އޮތީ. ބިން ހުސްވެފައި އޮތީމަ އިދާރީ ދާއިރާތަކުގެ ތެެރެއިން ވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިިރާތައް ކަނޑައަޅެން ވެސް ވަކި ދާއިރާ އަކަށްވާ ހިސާބުގައި މިއޮތީ. އެހެންވީމަ އާބާދީ ބޮޑުކުރުމުގައި ވެސް އަދި އެއްފަސްކުރުމަށް ވެސް ބިން އިތުރުވީމަ އެކަންވާނީ. އެހެންވީމަ މިރަކަށް ބިން ހިއްކުމުގެ މަޝްރޫއާ އެކީގައި އެކަން ކުރިއަށްދާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *