...

Support Us

ރިޔާސީ އިންތިހާބު 2023:

އަޅުގަނޑަށް ވެރިކަން ލިބިއްޖެނަމަ ހުރިހާ އެސްއެމްއީ ލޯނެއް ވަގުތުން މައާފްކޮށްދޭނަން: ގާސިމް

ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މައާފްކޮށްދެއްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑޑޭޓް" ނަމުގައި ގާސިމް އދ އަދި އއ އަތޮޅުގެ ރަށްތަކަށް ކުރަމުންގެންދާ ކެންޕެއިން ދަތުރުފުޅުގައި މިއަދު އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ސަރުކާރުން ކެނޑިނޭޅި ގާނޫނު އަސާސީއާ ހިލާފަށް ބޮޑެތި ދަރަނިތައް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުން ގެންދަނީ އިންޑިއާ އިން ރައީސް އިބްރާހިމް ސޯލިހް ވެރިކަމަށް ގެންނަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ސިޓީއަކުން އެހެން ގައުމަކަށް ދިނުމަށްފަހު އެސިޓީ ދައްކަން ރައްޔިޔުން އެެދުމުން މިހާތަނަށް ވެސް ސަރުކާރުން އެ ސިޓީ ދައްކާފައިނުވާތީ އެކަމުގެ ފަހަތުގައި އޮތީ ކޮންކޮން ކަމެއްކަން ނޭނގޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކުރީއްސުރެ ރާވައިގެން ރައްޔިތުން ދަރަނިވެރިކުރުމަށް ދައުލަތުގެ ފައިސާއިން ބަޖެޓްގައި ޖަހައިގެން އެސްއެމްއީ ލޯންގެ ނަމުގައި އެކިއެކި ފަރާތްތަކަށް ބޭނުން ވަރަކަށް ލޯންތައް ދެމުންގެންދާ ކަމަށާއި އެކަމުގެ ބޭނުމަކީ ވޯޓް ހޯދުން ކަމަށެވެ.

"އެސްއެމްއީ ލޯން އޭ އަނެއްކައްޗެކޭ ކިޔައިގެން ދައުލަތުގެ ފައިސާ ބަޖެޓުގައި ޖަހައިގެން ނަގައިގެން ދީފަ އެއްބައި މީހުން ލައްވާ އެޖްރީމަންޓް ހަދައިފައި އަނެއްބައި މީހުންނަށް އެގްރީމަންޓް ނުހަދައި، ބޭނުން ވަރަަކަށް ބޭނުން މީހަކަށް ލާރި އަޅަމުން ދަނީ. އޭގެ ބޭނުން ހިފައިގެން މާދަމާ ނަހަމަ ގޮތުގައި މީހުންނަށް ނުފޮރުއްޕާންކޮށް، ދުއްތުރާ ކުރުމުގެ ވިސްނުން ނެތެކޭ އަޅުގަނޑު ދަންނަވާކަށެއް ނެތިން. މާދަމާ އެ ދައްކާށޭ ބުނީމަ ކިހިނެއްތޯ ރައްޔިތުން އެކަން ކުރަނީ؟ މީގެ ބޭނުމަކީ ވޯޓް ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި، ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާޢާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މަޢާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ،" ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ވިދާޅުވި އެވެ.

ގާސިމް ގެންދަވަނީ ކެންޕެއިން ވައުދެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު މިސްކިތެއް ހަދައިދީ ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފާހާނާބަރިއެއް ހަދާދެއްވާނެ ކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކާއި މިސްކިތެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމާއި ހުރިހާ ސްކޫލެއްގެ ކޮމްޕިއުޓާ ލެބް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކްލާސްރޫމްތަކުގައި 75 އިންޗީގެ ކުލަ ޓީވީ ސްމާޓް ބޯޑު ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ގާސިމްގެ ވާހާކަފުޅު ނިންމާލައްވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީން އެއް އިރެއްގައި ވެސް އިންޑިއާއާ ދެކޮޅުވެރި ނޫން ކަމަށާއި ދެކޮޅުވެރިވަނީ ގާނޫނު އަސާސީއާ ހިލާފަށް އެމްޑީޕީ ސަރުކާރުން އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިގެން ތިބޭތީ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.