ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދައުލަތުގެ އެންމެ ލާރިއެއްގައި ވެސް މީހަކަށް ނުޖެހެވޭނެ ކަމަށާއި އެފަަދަ މީހަކަށް ސަލާމަތެއް ނުލިބޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް އދ. އަދި އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެންޕެއިން ދަތުރުފުޅުގައި މިއަދު އއ. ފެރިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ގައުމު އަނގުރު އަލިފާންގަނޑަކަށް ވެއްޓެމުންދާއިރު އެވާހަކަތައް ރައްޔިތުންނަށް ކިޔައިދިނުމަކީ ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އޮޅުވާލައިގެން ސަރުކާރުން ކުރާ ކަންތައްތައް ފޮރުވައިގެން ނޭނގޭ ކަމަށް ހަދައިގެން ހުރުމަށް އަމިއްލަ ޒަމީރު ވެސް ގަބޫލް ނުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރަން ފެށީމައި އަނގައިން ނުބުނެ ނުހުރެވޭނެ ކަމަށެވެ. އަދި އަންނަ މަހު 9ގައި ރިޔާސީ އިންތިހާބްގެ ވޯޓް ދޭއިރު މާޒީގައި ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅަށް ކަންތައްތައް ކޮށްދީފައިވާ މީހަކަށް ވޯޓް ދިނުމަށް އެދިވަޑައިގެންނެވި އެވެ. އަދި އެ މީހަކީ ގާސިމް ނޫން ކަމުގައިވާނަމަ ގާސިމަށް ވޯޓް ނުދިން ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ގާސިމާ ކައިރިކުރެވޭނެ ވަރުގެ މީހަކު ވެސް މިފަހަރުގެ އިންތިހާބްގައި ކުރިމަތިލާފައިނުވާ ކަމަށާއި ދެ ފަހަރު އެމްޑީޕީއަށް އެއް ފަހަރު ޕީޕީއެމް ވެރިކަން ހޯދައިދެއްވާފައިވާއިރު މިފަހަރު ގާސިމަށް ވެރިކަން ދީފިއްޔާ ކީއްތޯވާނީ އެއްސެވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ހޭވި ހަޑި ގާސިމްގެ ވެރިކަމެއްގައި ނަހާވާނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި ބޮޑު ލާރިއެއްގައި ވެސް މީހަކަށް ޖެހޭކަށް ލާހިކެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މިފަހަރު ކީއްތޯ ވާނީ އަޅުގަނޑަށް ވެރިކަން ދެއްވިއްޔާ؟ އެމީހުން ހޭވިހަޑިއެއް އަޅުގަނޑު ނަހާވާނަން، މާތްﷲ ގަންދީ ހުވާކޮށްފައި މިދެންނެވީ ބޮޑު ލާރިއެއްގެ މިންވަރު ވެސް ޒައްރެއްގެ މިންވަރު ވެސް އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސް ތާކު މީހަކު ބޭނުންކޮށްލާކަށް، އެމީހަކަށް ސަލާމަތުން ނުދެވޭނެ. އެވަރިހަމަ އެއީ އަޅުގަނޑުގެ ދޮށީ ފިރިހެން ދަރިކަމަށް ވިޔަސް ހެޔޮ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އޭނާއަކީ އަބަދުވެސް އިސްލާހީ ކަންކަމަށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދެވީ އެއްވެސް އިރެއްގައި ބޮޑު މަގާމެއްގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވީ ކޮންމެހެން ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި ނިކުމެވަޑައިގެންނަވަން މަޖުބޫރުވެގެން ކަމަށް ގާސިމް ވެސް ވިދާޅުވި އެވެ.
"އިސްލާހަށް މަސައްކަތް ކުރަމުން އައިސް މިއަދު ބޮޑު ސިންގާ އަލިފާންގަނޑެއްގެ ތެރެއަށް ގައުމުވެއްޓޭތަން ބަލަން ނުހުރެވިގެން އަޅުގަނޑު މިފަހަރު މިނިކުތީ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment