މި ސަރުކާރު އޮތީ ބަނގުރޫޓްވެފައޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެމްޑީޕީން ރައްޔިތުންނަށް ވައުދުތައް ވަމުން ގެންދަނީ ފައިސާ ލިބޭނެ ގޮތާއި ހޯދާނެ ގޮތް ވެސް އެނގޭތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޕެއިންގައި ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ތ. ކިނބިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް ދައުރުގެ މެނިފެސްޓޯގައި އިގުތިސާދީ ބޮޑު ބަދަަލެއްގެ ވާހަކަ ދައްކަވަމުން ގެންދަވަނީ އެ ކަންތައްތައް ކުރެވޭނެ ގޮތްތައް ރާވައި އިންތިޒާމްކޮށްފައިވާތީ ކަމަށެވެ. އަދި ސަރުކާރުން ބޭންކްތަކުން ފައިސާ ހޯދާފައިވަނީ އެ ފައިސާތައް އަނބުރާ އެ ބޭންތަކަށް ދެއްކޭނެތީ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
"އަނބުރާ އެ ފައިސާ ބޭންކްތަަކަށް ދެއްކޭނެ ކަމުގެ އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންގެ އެބަ އޮތް. ތިބޭފުޅުންނަށް އެނގިވަޑައިގެންނަވާނެ މިހާރު ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން ވެސް ހަމަ ކޮންމެ ރަށަކަށް އަރާފައި ވައުދުތައް އެބަވޭ. އަނެއްކޮޅުން ބަނގުރޫޓްވެފައިވާ ސަރުކާރެއްގެ ވާހަކަދައްކަ ދައްކަނީ. ފައިސާއެއް ނެތޭ، 2025 ވަނަ އަހާރާއި 2026 ވަނަ އަހަރު ވެސް ބަނގުރޫޓްވާނެއޭ. ހަމަ ލިސްޓްތައް ހިފައިގެން އަރާ ވައުދުތައް ވައުދުތައް،.މިއީ ސަރުކާރުން ކުރާނެ ހަރަދު ނޫންތޯ، ހަމަ ގައިމުގެ ވެސް ފައިސާ ހުރިކަަން އެނގިގެން ނޫންތޯ، ނޫނީ ފައިސާ ލިބޭނެކަން އެނގޭނެތީ ނޫންތޯ އެބޭފުޅުން ވެސް އެވާހަކަ ދައްކަވާނީ؟ އެހެން ނޫނިއްޔާ އެ ހައްދަވަނީ އިިތުރުފުޅެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވައުދުވަނީ ފައިސާ ހޯދާނެ ގޮތާއި ލިބޭނެ ގޮތް ވެސް އެނގިހުރެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާހެން އެމްޑީޕީން ދައްކަނީ ފުއްދުންތެރި ސަރުކާރެއްގެ ވާހަކަ ކަމަށާއި ބަނގުރޫޓްވެފައިވާ ސަރުކާރެއްގެ ވާހަކަ ނޫން ކަމަށެވެ. އަދި އަންނަ މަހު 9ގައި ރައްޔިތުން ވޯޓްލާއިރު މިކަންކަމާ ވިސްނަންޖެހޭ ކަމަށާއި ގައުމުގެ ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅުން ދައްކަވަން ޖެހޭނީ ދެކޮޅުޖެހޭ ވާހަކަަތައް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އިންޑިއާގެ ޖީއެމްއާރުގެ މައްސަލާގައި އާބިޓްރޭޝަނަށް 200 އެތައް މިލއަން ރުފިޔާއެއް ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެއް ދައްކަން ޖެހުމުގެ ސަބަބުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަދު އެއްޗެއް ނޫނީ ނެތް ކަމަށެވެ. ނަމަވެސް ހެޔޮއެދޭ ބައެއް ގައުމުތަކުގެ އެހީއާ އެކު މަސައްކަތްތައް ފަށައިގެންނެވި ހިސާބުން މުޅި ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ކޮވިޑްގެ އާލަމީ ވަބާއާ ރާއްޖޭން ވެސް ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ދަނޑިވަޅުތަކުގައި ކަންތައްކުރުމަށް އޮންނަނީ ދެ ގޮތަކަށް ކަމަށާއި އެއް ގޮތަކީ މުސާރަތައް ކުޑަކޮށް ހަރަދުތައް ކުޑަކޮށް ދައުލަތުގެ ވަޒީފާއިން މީހުން މަދުކޮށް، ޕްރޮޖެކްޓްތައް ހުއްޓުވުން ކަމަށެވެ. އަނެއް ގޮތަކީ ފައިސާ ހޯދައިގެން ޕްރޮޖެކްޓްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި ރައްޔިތުންނަށް މުސާރަ ދިނުމާއި އިކޮނޮމީ ހިންގުން ކަމަށެވެ. އަދި އެމަނިކުފާނު އޭގެ ތެރެއިން ހިޔާރުކުރެއްވީ ފައިސާ ހޯދައިގެން ދައުލަތް ހިންގުން ކަމަށާއި އެގޮތަށް ނިންމެވީ ތަޒުރިބާއަށް ބައްލަވައި، 2008 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ފައިނޭޝިއަލް ކްރަސިސްގައި ރާއްޖެއިން ނިންމީ ހަރަދުތައް ކުޑަކޮށް މުސާރަތައް ކުޑަކޮށް ވަޒީފާތަކުން މީހުން މަދުކުރަން ކަމަށާއި އޭގެ ދަތިއުނދަގޫތައް ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޮވިޑާ ގުޅިގެން ހަރަދުތައް ކުޑަކޮށް ޕްރޮޖެކްޓްތައް ހުއްޓާލި ގައުމުތައް ވެސް އެބަހުރި.. ސްރީލަންކާއިން އަދިވެސް އެއުޅެނީ އެކަމުން އަރައިނުގެނެވިގެން. އެދުވަހު މި ސަރުކާރުން ނެގި ފިޔަވަޅަކީ އެންމެ ރަނގަޅު ގޮތް. މުޅި ދުނިޔެއިން އެކަމަށް އަޅުގަނޑުމެންނަށް މަރުހަބާ އެބަކިޔާ" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިތުރަށް ވިދާޅުވީ މިއަދު ރަށްރަށުން ފެންނަމުންދާ ބަނދަރުތަކާއި އިންޖީނުގެތަކާއި ފެނާއި ނަރުދަމާއި އާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން ސްކޫލްތަކަށް އަންނަމުން މިދާ ބަދަލުތަކަކީ ކޮވިޑާ ގުޅިގެން ސަރުކާރުން ނެގި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހުގެ އިތުރުން ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment