Support Us

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރިޔާސީ އިންތިހާބު 2023:

ފުރަތަަމަ ފަސް އަހަރު ނިމޭއިރު އެއްވެސް ރައްޔިތަކު ގެދޮރު ނުލިބި ނުތިބޭނެ: ޑރ. މުއިއްޒު

"ދިވެހީންގެރާއްޖެ"އަށް ދިވެހިރާއްޖެ އިޔާދަކުރެވިގެންދާއިރު ރާއްޖޭގެ އެއްވެސް ދިވެހި ރައްޔިތަކު ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ނުތިބޭނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެކަން ކޮށްފައި ދައްކަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

"ދިވެހީންގެރާއްޖެ" ނަމުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ކެމްޕެއިން ދަތުރުގައި ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ޕާޓީގެ މެނިފެސްޓޯގައި ވެސް އެންމެ ބޮޑު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގެދޮރުވެރިކަމުގެ ސިޔާސަތަކީ އެ ޕާޓީގެ ވެރިކަމެއްގައި ވަކި ސިޓީއެއް، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުވެރިކަން ކަށަވަރު ކުރުމުގެ ސިޔާސަތެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފައިވާ މަޝްރޫއެއްގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ އެ ރަށަށް ހައްގު މިންވަރު ނޫން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ފުވަމުލަކުގައި ހައުސިންގޔުނިޓް ގާއިމްކުރުމުގެ އިތުރުން ގެދޮރުވެރިކަމަށް ދެވޭ އެކި ކަހަލަ ލުއި ލޯންތަކުގެ ނަފާ ފުވައްމުލަކުގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގެ އެންމެ ބޮޑު ސިޔާސަތަކަށްވާނީ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ކަށަވަރު ކުރުމުގެ ސިޔާސަތު. އަމިއްލަ ގޯތީގައި ލިބިފައި އޮތް ބިންކޮޅެއްގައި ގެދޮރު އިމާރާތްކުރުމަށްޓަކައި ދެވޭ އެކި ކަހަލަ އަތްފޯރާފަށުގެ ކުދި ލޯންތައް ދިނުމާއި އޭގެ އިތުރަށް ހަދަން ފަށައި ނުނިމި ހުރި ގެތައް ހަދާނެ ލޯންތައް ދިނުމާއި މި ހުރިހާ ކަމެއް ވާނީ އަޅުގަަނޑުމެންގެ މެނިފެސްޓޯގައި ހިމަނާ އިއުލާންކޮށްފައި މިހާރު އޮންނާނީ. އޭގެ ފުރިހަމަ ނަފާ އިރާދަކުރެއްވިއްޔާ ތިޔަލޮބުވެތި (ފުވައްމުލަކު) ރައްޔިތުންނަށް ވެސް ކުރާނެ. ވަކި ސިޓީއެއް، ވަކި ރަށެއް ތަފާތު ނުކުރެވި ގެދޮރުވެރިކަމަކީ އިރާދަކުރެއްވިއްޔާ މި ދިވެހި ރާއްޖޭގައި "ދިވެހިންގެރާއްޖެ" އަނބުރާ އިޔާދަވެގެންދާއިރު އެއްވެސް ދިވެހި ރައްޔިތެއް ގެދޮރުވެރިކަމަށް ބޭނުންޖެހިފަައި ނުލިބި ނުހުންނަ ވަރަށް އެކަން ކުރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ. ކުރެވޭނެ ކަމެއް، ކުރަން އުޅެފިއްޔާ ކުރެވޭނެ. ސަރުކާރުގެ ސިޔާސަތުގެ އެއްވަނައަށް ލައިފިއްޔާ ކުރެވޭނެ. އިރާދަކުރެއްވިއްޔާ ކޮށްފައި ދައްކާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ ކެންޕެއިންގެ ތެރޭގައި ވޯޓް ހޯދާށޭ ކިޔާފައި ނުކޮށްދެވޭނެ ވަރުގެ ވާހަކައެއް ނުދައްކަވާނެ ކަމަށާއި ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަމެއް ވެއްޖެއްޔާ އިރާދަކުރެއްވެއްޖިއްޔާ ކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން ފުވައްމުލަކު ސިޓީގެ ވައިގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ފުވައްމުލަކުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި ފުވައްމުލަކު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި މާލޭގައި އޮތް ކަހަލަ ރީތި ރަސްފަންނެއް ފުވައްމުލަކު ސިޓީގައި ގާއިމްވެގެންދާނެ ކަމާާއި ތައުލީމީ ހަބަކަށް ފުވައްމުލަކު ސިޓީ ހައްދަވާދެއްވާނެ ކަމާއި ސަރުކާރުގެ ހިދުމަތްދޭ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ގެެނެސްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ސިޔާސަތުގެ ދަށުން އެ ޕާޓީގެ ސަރުކާރެއްގެ ފުރަތަމަ ފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެއްވެސް ރައްޔިތަކު ގެދޮރުވެރިކަމަށް ބޭނުންވެ ނުލިބި ނުތިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، ރައީސް ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށް ނިންމައި ގުރުއަތު ނަގައި، ނުވަ ހާސް ގޯތި ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ގޯތި އެއްބަސްވުމުގައި މިއަދުން ފެށިގެން ސޮއިކުރަން ފަށަން ވަނީ ނިންމައިފައެވެ. އަދި އަންނަ ނޮވެމްބަރު 11 ކުރިން އެ ހުރިހައި އެންމެނަށް ގޯތި ހަވާލުކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް ސޯލިހު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް