Support Us

ރިޔާސީ އިންތިހާބު 2023:

ގާސިމް ވެވަޑައިގަންނަވާނީ މޫނުބުރުގާއާ ރައްޓެހި ރައީސަކަށް

މޫނު ބުރުގާ އަޅައިގެން ރާއްޖޭގައި ސްކޫލްތަކާއި އޮފީސްތަކުގައި ވަޒީފާ އަދާކުރަން އެ މަނިކުފާނުގެ ސަރުކާރުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެނޑިޑޭޓް" ރާއްޖޭގެ އުތުރަށް ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ށ. ހެނބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގާސިމްގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން އަންހެން ބޭފުޅުން ކިޔަވައިދެއްވަން ކަމުގައި ވިނަމަވެސް އޮފީސްތަކުގައި މަސައްކަތް ކުރައްވަން ކަމުގައި ވިޔަސް އެއްވެސް ބޭފުޅަކަށް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި އެ މީހަކު މަސައްކަތް ކުރައްވަން ބޭނުންވާ ގޮތަކަށް އެމީހަކު ބޭނުންވާ ހެދުމެއް އަޅައިގެން ވަޒީފާ އަދާކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ބާރު އަޅަމުން ގެންދާނީ އިސްލާމީ އުސޫލްތަކާއި އިސްލާމްދީނުގެ ހަަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވަކިގޮތަކަށް ކަންތައްތައް ކުރުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އިސްލާމުންނަށް ވީތީ އިސްލާމްކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ކިބައިން ފެނގެންދާނެ ގޮތަކަށް ހެދުންކޮޅު ތުރުކުރައްވައިގެން އޮފީސްތަކަށް އަދި ކްލާސް ރޫމްތަކަށް ވަޑައިގެންދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އެގޮތަށް މަސަކަތްކޮށްދެއްވުމަށް އަޅުގަނޑު ގޮވާލަން،" ގާސިމް ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ އުސޫލުން ބަލާއިރު އެމީހެއްގެ މިނިވަންކަން އެމީހަކު ހެދުން އަޅާނެ ގޮތަކަށް އެޅުމުގެ މިނިވަންކަން އެބައޮވޭ. އެހެންނަމަވެސް 100 ޕަސެންޓް މުސްލިމް ގައުމެއް ކަމަށް ވީހިނދު އަޅުގަނޑުމެންގެ ތެރޭގައި ހެދުން އަޅާ މީހުން ހެދުން އެޅުމުގައި އިސްލާމީ އުސޫލަތަކަށް ތަބާވެ ބަލައިގަތުމަކީ ރިވެތި ސިފައެއް ކަމަށް އަޅުގނަޑު ގަބޫލްކުރާތީ އެގޮތަށް ބާރު އަޅާނެ ވާހަކަ އަޅުގަނޑު މިދެންނެވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ރިޔާސީ ކެމްޕޭންގައި ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުގައި، މުލީއާގެއަށް ވަދެވަޑައިގެންނެވިއްޖެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދު ހަމަ ކޮންމެ ރަށެއްގައިހެން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން މިހާތަނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކެއްގެ ކްލާސް ރޫމްތަކެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަގޮތުން ހެނބަަދޫގެ ރައްޔިތުން ވެސް އެކަމަށް އެދިފަައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެވައުދާ އެެއްގޮތަށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބާރު ސްޕީޑުގައި އެ ރަށުގެ ސްކޫލްގެ ކްލާސް ރޫމްތައް ވެސް އޭއާކޮންޑިޝަން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ގާސިމް ހެނބަދޫގައި ދެއްކެވި ވާހަކަފުޅުގައި އާ ވައުދެއްގެ ގޮތުގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ހުރި ޒަމާންވީ ކޮމްޕިއުޓާ ލެބްތައް އާކޮށްދެއްވާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގެ ސްކޫލްތަކުގެ ކްލާސް ރޫމްތައް ޒަމާނީ ފެންވަރަށް ސްމާޓް ބޯޑާއި 75 އިންޗީގެ ކުލަ ޓީވީ ބޭނުންކޮށްގެން ކިޔަވައިދެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *