Support Us

ކޮލަމް: ސަރަންދީބު
ރިޔާސީ އިންތިހާބު 2023:

ކޯފާވީއެއް ނޫން އިނގޭތޯ! ހާސްކަނޑާލާ! ހަމަޖެހޭނެ!

ހިތްދަތިކަމާއި ހިތާމައަކީ ކޮންމެ މީހަކު ވެސް ބަރުދާސްކުރާ އިހުސާސެކެވެ. ކިތަންމެ ފައިސާއެއް ހުއްޓަސް، ކިތަންމެ މުދަލެއް ހުއްޓަސް އެދޭ އެންމެހައި އެދުމެއް ފުދިގެން ދުނިޔޭގައި އުޅޭ އެކަކު ވެސް ނެތެވެ. އެއް ކަމެއްގައި އެތައް ފަހަރަކު އާދޭސް ދަންނަވަން ޖެހުމާ އެކު ވެސް އެ ކަމެއް ހާސިލްނުވަންޏާ ހަމަ ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް އެ ކަމުގެ މާޔޫސްކަމާއި ހިތްނުތަނަވަސްކަމުގެ އިހުސާސްތައް އުފެދޭނެއެވެ. އެކަމުގެ ޝުޢޫރު ހިލޭނެއެވެ. އޮނަރަބަލް ޤާސިމް އިބްރާހިމަށް ވެސް މި ފަހަރު މި ވަނީ އެ ފަދަ ގޮތްތަކެކެވެ. އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލީއެވެ.

ދިވެހިރައްޔިތަކު ކަމަކު އެދި އެ މަނިކުފާނާ ދިމާއަށް އަތްދިއްކޮށްފި ނަމަ އެ ދިއްކުރި ކޮންމެ އަތެއްގައި އެ މަނިކުފާނު ހިއްޕަވައެވެ. އަބަދުވެސް ހިއްޕަވައެވެ. ގިންތިއެއް މިންތިއެއް ޖިންސެއް ތަފާތެއް ނުކުރައްވައެވެ. އެކަމަކު ދިވެހިރައްޔިތުންގެ ގާތުގައި އެ މަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިދެއްވަން އެދި އެތައް ފަހަރަކު އާދޭސް ދަންނަވައިފިއެވެ. އަދި އެ ދަންނަވަނީއެވެ. އެކަމަކު އެމަނިކުފާނުގެ އަޑުފުޅެއް އަދިވެސް ގިނަ ރައްޔިތުންނެއް ނާހައެވެ. ރިޔާސީ ކޮންމެ އިންތިޚާބެއްގައި އެ މަނިކުފާނު ދިވެހި ގައުމާ މެދު ކުރައްވާ އުންމީދާއި ދެކެވަޑައިގަންނަވާ ހުވަފެންފުޅު ދިވެހިރައްޔިތުންނަށް އެބަ ހާމަކޮށްދެއްވައެވެ. އެކަމަކު ކޮންމެ ފަހަރަކު އެ މަނިކުފާނު ޖެހެނީ މާޔޫސްވެވަޑައިގެން ހުންނަވާ ޙާލުކޮޅުގައި ކޮންމެވެސް އެހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުމެވެ. އެ މަނިކުފާނު އެ ކަން އެތައް ފަހަރަކު ތަކުރާރުކުރުއްވައިފިއެވެ. ދިވެހީންނަށް ޓަކައެވެ. ފާއިތުވި ކޮންމެ ދައުރެއް ރިޔާސީ ރޭހުގެ ކުރިބޯށްޓަށް ގެންނެވީ އެ މަނިކުފާނުގެ މަދަދާއި އަމަލީ އެހީތެރިކަމުންނެވެ.

މިހެން މި ކަން ދިޔަދޭން އަޅުގަނޑުމެން ދެން ތަން ނުދެމާތޯއެވެ! ޤާސިމް ދިވެހި ރައްޔިތުން ދެކެ ވެވަޑައިގަންނަވާ ޙަޤީޤީ ލޯބީގެ އަގު އެބަ ވަޒަންކޮށްލަން ޖެހެއެވެ. އެ މަނިކުފާނު ދިވެހީންނަށް ޚިދުމަތް ކުރައްވާން މި ފަހަރު ރިޔާސީ ރޭހުގެ އެއްވަނަޔަށް ފުރުސަތު ފަހިކޮށްދެމާތޯއެވެ! އެންމެންގެ ތާއީދާއި ވޯޓު އެ މަނިކުފާނުގެ ވަޢުދުނާމާއަށް އަމާޒުކުރަމާތޯއެވެ! އެ ވަޢުދުނާމާގައި އެހެރީ ގައުމީ ތަރައްގީއާއި ތަހުޒީބުގެ އެންމެހައި ކަމެއް ފުރިހަމަވެފައި ނޫންތޯއެވެ! މަދު އެއް ކަމެއް ވެސް ނެތެވެ. ތުރާތަކެއް ނެތް ހަޔާތެއްގައި ދިރިއުޅުމުގެ އެންމެހައި ކަމެއް އެ ވަޢުދުނާމާގައި އެ ވަނީ ހުދާއި ކަޅުން ލިޔެވި ބަޔާންވެގެންނެވެ.

އަޅުގަނޑުމެންނަށް ބޭނުންވަނީ އިތުރަށް ދެން ވަކި ކޮން ކަމެއްތޯއެވެ! އެ ކަމެއް ވެސް އެންމެ ގާތުން ބައްލަވައި އަޑުއައްސަވައި އެންމެ ފަސޭހައިން ތަންފީޒުކުރައްވާނެ ދެވަނަ ބޭފުޅެއް އޮނަރަބަލް ޤާޞިމް ނޫނީ ނެތެވެ. ވަކި ފަރުދެއްގެ ހައިސިއްޔަތުން ޤާސިމްގައި ގިނަގުނަ ޚިދުމަތް ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ދެވަނަ އެފަދަ ބޭފުޅެއް މި އުޑު ދަށުގައެއް ނެތެވެ.

މިއީ މިއަދު އަޅުގަނޑުމެން ހަމަ ކޮންމެ ދިވެއްސަކު ވިސްނައިލުން މުހިންމު ކަމެކެވެ. ފައިސާއާއި މުދަލަށް ވޯޓަކީ ދީގެންވާނެ ބަދަލެއް ނޫނެވެ. އޭރުން އެ ކުރެވެނީ ވޯޓަށް ޚިޔާނާތްތެރިއެވެ. ތިމާއަށް ލިބިދީފައިވާ ވޯޓު ދިނުމުގެ ހައްގަކީ ގައުމާ މެދު ފުންކޮށް ވިސްނުމަށް ފަހު ގައުމު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދެވޭނޭ ހަރުދަނާ ލީޑަރަކު ޚިޔާރުކުރުމަށް ފަހު އެ ލީޑަރަކަށް ދޭން ޖެހޭ އެއްޗެކެވެ. އެއްގޮތަކަށް ވެސް އެއީ ނާޖާއިޒު ގޮތުގައި މަންފާތަކެއް ހޯދާން އޮތް މަގެއް ކަމުގައި ޚިޔާރު ކޮށްގެން އެކަކު ވެސް ނުވާނެއެވެ.

އޮނަރަބަލް ޤާސިމްގެ އިލްތިމާސަކީ ވޯޓަށް ބޭވަފާތެރިނުވާށެވެ. ގައުމު އަޅުވެތިކަމުގެ ތެރެއަށް ދާން ތަންނުދޭށެވެ. ގައުމު މިއަދު ވެއްޓިފައިވާ ދެރަވަރު ހާލަތުން ދިވެހި ގައުމު ނަގައި ކޮޅަށް ޖެހޭނީ އެ މަނިކުފާނަކަށް ތަކުރާރުކޮށް އެ ގެންދަވަނީ އަމިއްލަފުޅަށް ވިދާޅުވަމުންނެވެ. ދިވެހީންގެ މަސްލަހަތު އިސްކުރައްވާނެ ކަމާއި ދިވެހި ގައުމުގެ އިގުތިސާދު ވެއްޓިފައިވާ ވަޅުގަނޑު ނަގައި ކޮޅަށް ޖައްސަވާނެކަން އެ މަނިކުފާނު އެ ވިދާޅުވަނީ ފުރިހަމަ ސާބިތުކަމާ އެކު އެ ކަންކަމުގެ ތަޖުރިބާކުރައްވައި ނަތީޖާ ހެޔޮކޮށް ނެރެދެއްވައިފައިވާ ކަމުގައި ފުރިހަމަ ޔަގީންކަމާ އެކުއެވެ. މި ކަންކަން ދިވެހީންނަށް ފުރިހަމަ ކޮށްދެއްވާން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަން ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވުން އެދި އެ ގެންދަވަނީ އަޑުފުޅު އުފުއްލަވަމުންނެވެ. ވީމާ، އެ މަނިކުފާނުގެ އަޑު އަޅުގަނޑުމެން މި ފަހަރު އަހަމާތޯއެވެ. ކެންޑިޑޭޓު ނަންބަރު 5 މި ފަހަރު އިޚްތިޔާކުރަމާތޯއެވެ! މި ފަހަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި އަޅުގަނޑުމެން އެންމެހައި ދިވެހީން ހިފަމާތޯއެވެ!