...

Support Us

ކޮލަމް: ސަރަންދީބު
ރިޔާސީ އިންތިހާބު 2023:

ރައީސް ކަމަށް ޑރ. މުއިއްޒު ޚިޔާރުކުރަންވީ އެންމެ މުހިންމު ސަބަބަކީ މިއީ

މި ދައްކަނީ ޤައުމެއްގެ އެންމެ އިސް މަގާމުގައި ގައުމު ހިންގެވުމުގެ ޒިންމާ ހަވާލުކުރަން ރައްޔިތުން ވޯޓުލައި ކެންޑިޑޭޓަކު އިޚްތިޔާރުކުރާ ވާހަކައެވެ. ކުޑަ މަސްޢޫލިއްޔަތެއް ހަވާލުކުރާ ވާހަކައެއް ނޫނެކެވެ. މިފަދަ މަޤާމަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅެއް އިޚްތިޔާރުކުރުމުގައި އިޚްތިޔާރާއި ބާރު އޮތީ ހަމަ ރައްޔިތުންގެ އަތްމަތީގައެވެ.

ޖުމްލަ އަށް ކެންޑިޑޭޓަކު މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައިވާއިރު، ކޮންމެ ރައްޔިތަކުވެސް ވޯޓު ދިނުމުގެ ކުރިން އެތަނުން އެންމެ ޤާބިލް ކެންޑިޑޭޓަކީ ކޮބައިތޯ ބަލައި އެކަމަށް ނަޒަރުކުރަން ޖެހެއެވެ. އަމިއްލަ ނަފްސަށް ލިބޭ މަންފާއަކަށް އަޅުވެތިނުވެ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލް އާރާސްތުކުރެވޭނެ އެންމެ ޤާބިލު ބޭފުޅެއް އިޚްތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ. ވާޖިބެކެވެ.

ޤައުމެއްގެ ވެރިއަކަށް ނުވަތަ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކީ ތަޢުލީމީ އަދި ހިންގުންތެރި ބޭފުޅަކަށް ވާންޖެހެއެވެ. ދީނަށް ލޯބިކުރާ، ހިތްތިރި، ޚުލްޤު ހެޔޮ ބޭފުޅަކަށް ވާންޖެހެއެވެ. ހިންގުމުގެ ތަޖުރިބާ ލިބިފައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. މީހުންނާ މުޢާމަލާތުކުރުމުގެ ސިފައާއި ހުނަރު ލިބިފައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. ކުރުކޮށް ދަންނަވާނަމަ ވަރަށް ކޮލިޓީ ބޭފުޅަކަށް ވާންޖެހޭނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަޢުލީމީ ބޭފުޅާއެވެ. އިލްމީ ރޮނގުން ދުނިޔޭގެ އެންމެ މަތީ ފާސް ކަމަށްވާ ޕީ.އެޗް.ޑީއެއް އޮތް ހަމައެކަނި ރިޔާސީ ކެންޑިޑޭޓަކީ ޑރ. މުއިއްޒެވެ. އެއީ ދީނީ ކަންކަމަށް ފަރުވާ ބަހައްޓަވާ، ދީނަށް ލޯބިފުޅުކުރައްވާ ބޭފުޅެކެވެ. ހިތްތިރި، ޚުލްޤު ހެޔޮ ބޭފުޅެކެވެ. ސަރުކާރުގެ އެކިއެކި މަޤާމްތައް ފުރުއްވަވާފައިވާ ހިންގުމުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ހައުސިންގ މިނިސްޓަރުކަމުގެ މަޤާމްގައި ހުންނެވިއިރު ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކެއް މުޅި ރާއްޖޭގައި ހިންގަވައި އެތައް ރައްޔިތުންނެއްގެ އުއްމީދުތައް ހާސިލްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސިޔާސީ އެތައް ބޭފުޅުންނެއް، އެކަމެއް ނުވާނެ ކަމަށް ބުނަމުންދިޔަ "ހުޅުމާލެ ބްރިޖް"ގެ މަޝްރޫޢު ފައްޓަވައި އެ މަސައްކަތް ނިމެންދެން އެންމެ ގާތުން ބައްލަވަމުން ގެންދެވި ބޭފުޅަކީވެސް އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒެވެ. ޑރ. މުއިއްޒަކީ ހިންގުތެރިކަމާއި ނަތީޖާ ނެރުއްވާ ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުކޮށް ދެއްވައިފައިވުމުން، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޑރ. މުއިއްޒު ކުރިމަތިލެއްވި ހިނދު ބޮޑު ތަފާތަކުން އެ މަޤާމް ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައިވާކަމީ އެކަމުގެ އަލިގަދަ ދަލީލެކެވެ.

ޑރ. މުއިއްޒުގެ ކެންޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފައިވަނީ ބޮޑުތިލަދުންމަތިންނެވެ. ހއ، ހދ އިން ފެއްޓެވި ދަތުރަށް ފަހު އެހެނިހެން އަތޮޅުތަކަށްވެސް ވަނީ ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވާ އެންމެ މުޙިއްމު އެއް ވާހަކައަކީ "ވަޢުދު ފުއްދޭނެ ގޮތް ނޭނގި ވަޢުދެއް ނުވާނަން" ކަމުގައެވެ.

ކަން މިހެން އޮތްއިރު، އަދި ބޮޑު މަންޒަރު މިހާ ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތްއިރު، އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒާ އަރާ ހަމަކޮށްލެވޭ، އަޅާ ކިޔާލެވޭނެ އެހެން ކެންޑިޑޭޓަކު އެބަހުރިތޯ ރައްޔިތުން ވިސްނާލުމަކީ މުހިއްމު ކަމެކެވެ. ވޯޓު ކަރުދާހުގައި އިޚްތިޔާރުކުރާ ކެންޑިޑޭޓަކަށް ފާހަގަޖަހާއިރު ކުރިންވެސް ދެންނެވި ފަދައިން އެންމެ ޤާބިލް ކެންޑިޑޭޓަކު އިޚްތިޔާރުކުރާނަމަ ޑރ. މުޢިއްޒު ނޫން ނަމެއް ނެތްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރައްޔިތުންނޭވެ، ވަރަށް ފުންކޮށް ވިސްނަވާ ގޮތެއް ނިންމަވާއިރު ހަމަ އެންމެ ޤާބިލް ކޭންޑިޑޭޓަކު ޚިޔާރު ކުރައްވާށެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.