...

Support Us

ކޮލަމް: ސަރަންދީބު

ޑރ. މުއިއްޒަށް ސާބަސް! "ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ"

ޝައްކެއްވެސްނެތެވެ. މި ވަގުތަކީ ރައްޔިތުން ވަރަށްވެސް ހުށިޔާރުވާންވީ ވަގުތެކެވެ. އަމިއްލަ ގޮތުން ބައިވެރިވަޑައިންނަވާ ތިން ކެނޑިޑޭޓުންނާއެކު މި އަހަރުގެ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެޔާއެކު މިއަހަރުގެ އިންތިޚާބު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ އިންތިޚާބަށެވެ. ކޮންމެއަކަސް ދިވެހިރައްޔިތުން "ހުށިޔާރު" ވާންވެއްޖެ ކަމުގައި ދަންނަވަން މިޖެހެނީ ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާގައި ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ފުރިހަމަ ބާރުގެ ސަބަބުންނެވެ. ފާހަގަ ޖެހުމަށްފަހު ވައްޓާލެވޭ ކޮންމެ ކަރުދާހަކީ އަހަރެމެންގެ މުސްތަޤުބަލެވެ. މި ޤައުމުގެ މިނިވަންކަމެވެ. މާތްވެގެންވާ އިސްލާމްދީނެވެ. މި ޤައުމުގެ އަމަން އަމާންކަމެވެ. އަދުލު އިންސާފެވެ. ބޯހިޔާވެހި ކަމެވެ. ނަޒަރު ހިންގަވާށެވެ. ހޯދާ ބަލާށެވެ. ފުންކޮށް ވިސްނަވާށެވެ. ދިވެހި ޤައުމަށް މިވަގުތު ދިމާވެފައިވާ ޚައްސާސީ މައްސަލަތަކުގެ ތެރެއިން އެއްކަމަކީ ބޯހިޔާވެހިކަމެވެ.

ގެދޮރުނެތް ކިތައް އާއިލާތޯއެވެ؟ ލިބޭހާ ލާރިޔެއް މާލޭގެ ރައްޔިތުންނަށް ދީފައި ދަރީންނަށް ރިހާކުރާއި ބަތް ކާންދީގެން ދިރިއުޅެމުންދާ ކިތައް މައިންތޯއެވެ؟ ހޭބޯނާރާ މަސައްކަތް ކުރިޔަސް އަމިއްލަ އުފަލަށް ބައި ލާރިވެސް ޚަރަދުކޮށްލަން ނުލިބޭ ކިތައް ބަފައިންތޯއެވެ؟ ތެދުވާހަކައެކެވެ. އަދުގެ ސަރުކާރުން ގޯއްޗާއި ފުލެޓުދީފިއެވެ. އެތައް ބަޔެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީފިއެވެ. އުފާނުވާނެ ސަބަބެއްވެސް ނެތެވެ. އުމުރު ދުވަހު އުޅެމުންދިޔަ ދަތި ހާލަށްފަހު އަމިއްލަ ބިމެއް ނުވަތަ ފުލެޓެއް ލިބޭނެ ކަމުގެ ޚަބަރާއެކު އުފާނުވާނީ ކާކުހެއްޔެވެ؟ ނަމަވެސް ވިސްނަވާށެވެ. ވުޖޫދުގައި ނެތް ފުލެޓާއި ގޯތި، ޝަރުތު ހަމަވާ އެންމެނަށް ލިބޭނެ ކަމަށް ބުނެ ހަމައެއްލަމައެއް ނެތި ލިސްޓުތައް އިޢުލާން ކުރިއިރު މިއީ ކަނޑައެޅިގެން ބޮޑު "ސްކޭމް"އެކޭ ނުދެންނެވޭނެ ސަބަބެއް ނެތެވެ. ފުރަތަމަ ކަމަކަށް މި ޤައުމުގައި ހުރި ފަޅުތަކާއި ހާހަލާއި ގިރިތަކުން ގޯތި ދޫކުރިކުރުމަކީ ހަގީގަތުގައި މި ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހައްލު ހޯދައިދިނުމުގެ ނިޔަތުގައި ކުރި ކަމެކޭ ދެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ސަބަބުތައް ބައިވަރެވެ.

ބޯހިޔާވެހިކަމުގެ ހަޤީގީ ބިޔަބޮޑު ޕްރޮޖެކްޓް ފެއްޓެވި މޭސްތެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި ހިކުމަތު އަމަލީގެ ނަތީޖާއަކަށް ވެގެންދިޔައީ އެމަނިކުފާނުގެ ފަސް އަހަރު ނިމެންވާއިރަށް ހިޔާފުލެޓުގެ މަސައްކަތްތައް ނިންމާ ރައްޔިތުންނަށް ވަދެވޭ ވަރުކޮށްދިނުމެވެ. އެ ފެންވަރާއި އެ ހިތްވަރު އަދުގެ ސަރުކާރުގައި ނެތްކަން ހާމަކޮށްދިން އެންމެ އަލިގަދަ ދަލީލަކީ ބޯހިޔާވެހި ކަމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަޅަމުން މިގެންދަވާ އަނދުނެވެ. ވުޖޫދުގައި ނުވެސް ނެތް ބިންތަކަކުން ރައްޔިތުންނަށް ބިންދިންއިރު މި ސަރުކާރަށް އެނގި ކަށަވަރުވާ ކަމަކީ ގައްލަންދޫ ކަނޑުން ބިންދިނަސް ދިވެހިން ހިތްހަމަޖެހޭނެ ކަމެވެ. އެހާވެސް ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަމެއްގެ އެހީގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ ހަޤީގަތުގައިވެސް ރައްޔިތުން ހުށިޔާރުވާންވެއްޖެ ކަމެކެވެ. ލިޔެވިފައި އޮތް ޕްލޭނެއް ކުރެހިފައި އޮތް ތަސައްވުރެއް، ހަމަޖެހިފައި އޮތް ބަޖެޓެއް ނެތި ކަރުދާހެއްގައި ކަޅާ ހުދުން ގެދޮރުވެރިންގެ ނަމުގައި ނަންލިޔެ ބަހާލިއިރު މިކަމަށް އަމަލީ ސިފަޔެއް އަތުވެދާނެކަމީ ހަޤީގަތާއި މުޅިން ދުރުކަމެއް ކަމުގައި ކަމާ ގުޅުންހުރި އިލްމީ މާހިރުން ވިދާޅުވެއެވެ.

މީހަކު ބުނީތީ ބުނި ބަހަކަށް ހެއްލެން ޖެހޭ ވަރަށް ވުރެއް ދިވެހިން ހޭލުންތެރިވާންވެއްޖެއެވެ. ދިވެހިންނަކީ އެޔަށްވުރެއް ތަޢުލީމީ ޤާބިލު ބަޔެކެވެ. ދިރާސާ ކުރަންވީ އަމިއްލައަށެވެ. ވިސްނާންވީ އަމިއްލަ ސިކުނޑިންނެވެ. ވަކިވަކި ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި ސަރުކާރު ހިންގާނެގޮތާއި ވައްޓަފާޅި އަންދާޒާ ކޮށްލަންވެސް މިވަގުތު ބަލާލެވެން އޮތީ މެނިފެސްޓޯއެވެ. އެގޮތުން ރޭވުންތެރިކަމާއި ދުރު ވިސްނުމާއެކު މި ރާއްޖޭގެ ބޯހިޔާވެހި ކަމުގެ މައްސަލަޔަށް އެންމެ އެކަށޭނެ ހައްލެއް ހޯދައިދެވޭނެ ކަމަށް ބެލެވެނީ ޕީޕީ.އެމް.ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއިންނެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ފުލެޓު ލިބުނު އެތައް ބަޔެއްގެ އަތުން ފުލެޓު އަތުލާ މި ސަރުކާރުން ވަނީ އެމީހުން ބާކީ ކޮށްފައެވެ. ނަމަވެސް ޑރ. މުއިއްޒު ވިދާޅުވަނީ މި ސަރުކާރުގައި ބިން ލިބުނު މީހުންނަށް ސަރުކާރުގެ އެހީގައި ގެދޮރު އަޅައިދޭނެ ކަމަށެވެ. އަދި ހަމަ އެޔާއެކު މި ސަރުކާރުން ދޫކުރަން ހަމަޖެހިފައި އޮތް ގޯއްޗަކީ ހުސްބިމެއް ނުވަތަ ފަޅެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް އެއީ ހަޤީގީ ގެދޮރުވެރިން ކަމުގައި ހަދާނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅެވެފައެވެ.

ގޯއްޗަށް އެދި އެދި ތިބީ އަދި އެ ލިބުނީވެސް ނިކަމެތި ރައްޔިތު މީހާއަށެވެ. ނަމަވެސް އަދުގެ ސަރުކާރަށް އެނގިފައި ނެތްކަމަކީ ނުވަތަ އެނގެން ބޭނުންނުވާ ކަމަކީ ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ގޮތުން ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ގެދޮރު އެޅުމަކީ އާދައިގެ ރައްޔިތަކަށް ކުޅާދާނަ ކަމެއް ނޫން ކަމެވެ. ބޯހިޔާވެހިކަމުގެ މަޝްރޫޢަށް ހައްލު ހޯދައިދިނުމުގެ ނިޔަތުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ މަސައްކަތްތައް އެއްވެސް އޮއްޓަރެއްނެތް ފަދަ ގޮތަކަށް ދާކަމީ އިޚުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެކެވެ. ވީއިރު މިކަމަކީ ނިކަމެތި ރައްޔިތު މީހާގެ ހާލަތާއި މެދު ހަމްދަރުދީ ވުމުގެ ބަދަލުގައި ކުރިޔަށްއޮތް ފަސް އަހަރު ހޯދުމަށްޓަކައި ވޯޓު ބޭނުމުގާ ކުޅެމުންދާ ޑުރާމާއެކެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވެހިކަމުގެ މައްޗަށް ވައުދުތައް އެކުލަވާލާފައިވާއިރު އެނގިހާމަވަނީ ތަސައްވުރެއް އޮތްކަމެވެ. ޚާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއެއް އޮތްކަމެވެ. އެއްވެސް ރައްޔިތަކު ބާކީ ނުވާނެހެން މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގޯއްޗާއި ފުލެޓު އެކަށީގެންވާ އަގުގައި އެންމެނަށް ފޯރުކޮށްދިނުމަކީ ޕީޕީއެމް، ޕީއެންސީގެ ވައުދެކެވެ. އެގޮތުން ފުށިދިއްގަރު ފަޅުން 1،200 ހެކްޓަރު ބޮޑު ސަރަހައްދެއް ހިއްކާ 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފުލެޓު އިމާރާތް ކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގުޅީ ފަޅު ހިއްކައިގެން 3،500 އަށް ވުރެއް ގިނަ ގޯއްޗާއި 7،800 ފުލެޓު އިމާރާތް ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ހަދާފައިވާ އެ މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި، ގިރާވަރުފަޅާއި، މާލެ އަދި ހުޅުމާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފުލެޓު ދޭނެ ކަމަށް ޑރ މުއިއްޒުވަނީ ވިދާޅުވެފައެވެ. އެޔާއެކު ބޯހިޔާވެހިކަން ނުލިބިވާ އެއްވެސް ރައްޔިތަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅެވެފައެވެ.

ކަންމިހެން ހުރިއިރު "ދިވެހީންގެރާއްޖެ"ގެ ނަމުގައި 19 ބާބުގެ މައްޗަށް އެކުލަވާލާފައިވާ ޑރ. މުއިއްޒުގެ މުނިފެސްޓޯއަށް ނަޒަރު ހިންގާ އެހެން ކެނޑިޑޭޓުންގެ ސިޔާސަތުތަކާ އަޅާކިޔާލުން މުހިންމެވެ. ދިވެހިންނަށް ދިވެހިންގެރާއްޖޭގައި އަމަންއަމާން ކަމާއެކު ހަމަޖެހިލައިގެން ދިރިއުޅެވެން އޮތީ ކޮން ކައްޕިތާނެއްގެ ދަށުންތޯ މިއަދު ދިވެހިން ސުވާލު އުފައްދަން ވެއްޖެއެވެ. ދިވެހި ރައްޔިތަކަށް ވީތީ ޤާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުންކޮށް އެންމެ ފަހުގެ ނިންމުން ނިންމަންވީ މި ފަސްގަނޑުގެ ހައްގުގައެވެ. ޅަދަރީންގެ މުސްތަގުބަލަށްޓަކައެވެ. އެކި ގޮތްގޮތުން ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހުށިޔާރުވެ ނަޒާހާތްތެރިކަމާއެކު ފަރުދީ ޒިންމާ އަދާ ކުރުމަކީ މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެކެވެ.