Support Us

ރިޔާސީ އިންތިހާބު 2023:

ކޮލަމް ކަލާވެހި: މިފަހަރުވެސް ވޯޓުނުލައްވައި ގޭގައި ހަމަ ތިއްބަވާނީތޯއެވެ؟

އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ބޯމަތިވެއްޖެ، އެހެންނޫންތޯއެވެ! މަގުތަކުން ވެސް އެކަން އެބަފެނެއެވެ.

ދެންފަހެ، ޕާޓީތަކުން ހުށައެޅި ކެންޑިޑޭޓުންނާއި ހޮވި ކެންޑިޑޭޓުން ކެންޕޭނުކުރަނީއެވެ. މުޅިން މިނިވަން ކެންޑިޑޭޓުންނާއި ދެންވެސް އެހެން ގޮތްގޮތުން އެކި މިންވަރަށް މިނިވަން ކެންޑިޑޭޓުންވެސް ހެސްކިޔައިފައި ކެންޕޭނުކުރަނީއެވެ. އެއްބައެއްގެ ކެންޕޭނު އެބަޔަކަށް މާ ކަމުދާއިރު އަނެއްބަޔަކަށް ހަމަ އެ ކެންޕޭނު އެއްގޮތަކަށްވެސް ކަމުނުގޮސްގެން އެވާހަކަ ދައްކަނީއެވެ. ކެންޕޭނާ އެންޓިކެންޕޭނާ އެއް އުނދޯއްޔަކަށް އަރައިގެން ހެއްލުމަކީ އާދަޔަކަށް ވާހެން ހީވުމާއި، މަދު ތަނެއްގައި ނަމަވެސް ބޮޑެތި ބާރުތައް އެކި ފެންވަރުން ކުރިމަތިލުމާއި، ބޯޅަ މެޗުން ދެރަވީމައި ރެފުރީގެ ލޮލަށް ބޮލަށް އަރައިގަންނަ ގޮތަށް މިފަހަރުވެސް… ނޫން! މިފަހަރަކު އެކަހަލަ  އައްޗި ކަންކަމެއް ނުހިނގާނެ، އެހެންނޫންތޯއެވެ!

އެކަމަކު މިފަހަރު ކޮންމެވެސް ވަރަކަށް ހިނގައިފާނޭހެން ހީވާ ކަމެއް އޮތީމައި، އެ ވާހަކަ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވައިލާނަމެވެ. އެކަމަކީ، ބައެއް ބޭފުޅުން ވިދާޅުވާނޭ ގޮތުގައި ކެންޕޭނެއް ނޫނެވެ. އެންޓިކެންޕޭނެއްވެސް ނޫނެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އެއީވެސް ކެންޕޭނެކެވެ. އަދި ކިއެއްތޯއޭ، އެއީ ކެންޕޭނުގެ އެންމެ ނުރައްކާތެރި ބާވަތަށް ވުންވެސް އެކަށީގެންވެއެވެ. އަދި އެކަން މިހައިރުވެސް ހިނގަންޏާ ހިނގާނީ މިދަންނަވާ ގޮތަށެވެ. އައްސަވާށެވެ!

މިދަންނަވާ 'ގަނޑުގަންނަން' މުޖުތަމަޢު ތެރެޔަށް ނިކުންނާނީ ސިޔާސީ ކަންކަމައިގެން އެހައި ބޮޑަށް ނޫޅޭ ސިފަޔެއް ޖައްސައިގެން ނިކުންނަ ބަޔެކެވެ. ސިޔާސީ މަގުން އެހައި ބޮޑު ހޭލުންތެރިކަމެއް ނެތް މީހުންނަށް އެމީހުން ދައްކާ ވާހަކަޔާއި ދައްކާ ވާހަކައިގެ ރާގު އިވުނީމައި ހީވާނީ އެމީހުންނަކީ ސިޔާސީ މައިދާނުގެ މަތީން ފޫހިވެފައި ތިބި ބަޔަކު ކަމުގައެވެ. އެކަމަކު ޙަޤީޤަތަކީ އަދި އެއީއެއް ނޫނެވެ!

"މިއުޅޭ ސިޔާސީ އެންމެނަކީވެސް އެއް ކުޅިގަނޑެއް ކުޅޭ ބަޔެކެވެ. އެމީހުން އެ އުޅެނީ ޤައުމަށް ހެޔޮއަދައިގެނެއް ނޫނެވެ. ރައްޔިތުންގެ ޞުލްޙަމަސަލަސް ކަމާއި، ދުޅަހެއުކަމާއި، ހިތްހަމަޖެހުމާއި، ފުދުންތެރިކަން ކުރިޔަށް ނެރެގެނެއް ނޫނެވެ. އެމީހުން އެ އުޅެނީ އެމީހުންގެ އަމިއްލަ ފައިދާޔަށެވެ. އަމިއްލަ ތަނަވަސްކަން އިތުރުކުރާށެވެ. ވެރިކަމަށް ބޫތުކައިގެނެވެ. އެހެންޏާ، މިއޮތް ހުރިހައި ދުވަހުވެސް އަހަރުމެން ތިބީ ކައިގެންތޯ، ނުކައިތޯވެސް ނުބަލައި، ހަމަ ކުއްލިޔަކަށް މިހައިރަކު އަހަރުމެން ފެނިގެން ދޮރުން ދޮރަށް މި ހިނގަނީ ހަމަ ދަހިވެތިކަން ބޮޑުކަމުންނެވެ." މިއީ މިދަންނަވާ ޒާތުގެ މީހުން ދައްކަމުން ހިނގާނޭ ކަހަލަ ވާހަކަތަކެވެ. އަދިވެސް އައްސަވާށެވެ!

"އެމީހުންގެ ތެރެއިން ކޮންމެ މީހަކު ވެރިކަމަށް އަޔަސް، އަހަރުމެންނަކަށް ވާނޭ ވަކި އިތުރު މޮޅެއް ނޯންނާނެއެވެ. އެމީހުންނަކީ އެއްބަޔަކު އަނެއްބަޔަކާ އަޑިއަޑީން ގުޅިގެން އުޅޭ، ނުވަތަ ގުޅޭން ތައްޔާރަށް ތިބޭ ބޮޑެތި ޙީލަތްތެރީންނެވެ. އެއް ދުވަހު އެކަކާ ކޯލިޝަން ހެދިއްޔާ، މާދަމާ އަނެއް މީހަކާ ކޯލިޝަން ހަދައިގެން ނަމަވެސް ވެރިކަމަށް އާދެވޭތޯ ބަލާ މީހުންނެވެ. އެމީހުންގެ އަނބިދަރީންނަށް ދައުލަތުގެ ބައިތުލްމާލު ހުޅުވާލުން ނޫން އެހެންކަމެއް އެމީހުންގެ ސިކުނޑިޔަކު ނޯންނާނެއެވެ!" މިދަންނަވާ ޒާތުގެ މީހުން ނުހަނު އިޚުލާޞްތެރީން ކަމުގައި ހެދިގެން ދައްކަމުން އެ ގެންދާ ވާހަކަތަކުގައި މިބައިވެސް ހިމެނުން ވަރަށް ގާތެވެ. އެކަމަކު އެއީ ޙީލަތްތެރީންގެ ތެރެއިންވެސް މުލު ޙީލަތަތެރީންނަށް ފަހަރުގައި ވެދާނޭކަން ވިސްނޭނީ ވަރަށް މަދު ބަޔަކަށެވެ. އަދިވެސް އައްސަވާށެވެ!

"އެހެންވީމައި، ވޯޓުލާން އެ ލިބޭ ދުވަހު ޗުއްޓީ ހަދައިލާން އެ ލިބޭ ހުސް ދުވަހު، ރައްދަކާ އަވީގައި ކިޔޫޖެހިގެން އެއިން މީހަކަށް ވޯޓުލާން އަހަރުމެން ދާންވީ ކީއްކުރަންހެއްޔެވެ! އައްޔެއް އަނދިރިޔެއް، ހަސަނެއް ހުސޭނެއް ވެރިކަމަށް އަޔަސް، އަހަރުމެން އުޅޭން ޖެހޭނީ ހަމަ މިހައިރުވެސް މިއުޅޭ ގޮތަށެވެ. ވަކި ތަފާތެއް ނާންނާނެއެވެ. އަހަރެންނެއް ހަމަ ގައިމުވެސް އެ ގަނަތެޅޭކަށް، ވޯޓުލާކަށް ހަމަ ނުދާނަމެވެ!" މިދަންނަވާ ޒާތުގެ މީހުން ބުނާން އުޅޭ އެތި އެ ބުނެވެނީ އެހިސާބުންނެވެ!

ދެން، އެއީ ކީއްވެތޯ ތިޔައިގެ ތެރެއިން ބައެއް ބޭބޭފުޅުން ސުވާލުކުރައްވައިފާނެއެވެ. ޖަވާބުގައި އަޅުގަނޑު ދަންނަވާން އޮތް އެތި މިދަންނަވަނީއެވެ.

މިދެންނެވި ޒާތުގެ ވާހަކަ ދައްކަމުން އެއް މައިޒާނުން އަނެއް މައިޒާނަށް، އެއް ފަތާފެންގަނޑުން އަނެއް ފަތާފެންގަނޑަށް، އެއް ހޮޓަލުން އަނެއް ހޮޓަލުގެ މޭޒުދޮށަށް، އެއް ގެއިން އަނެއް ގެޔަށް އެ ހިނގާ މީހުންނަކީ ވަކި ބަޔަކު އެކަމަށް ހޯދައި، ތަމްރީނުކޮށް، ތައްޔާރުކޮށްގެން ގަމުތެރެޔަށް ނެރެފައި ތިބި ބަޔަކަށް ވެއްޖިއްޔާ، އެ ވަނީ ކިހިނަކުންތޯއެވެ؟

އަޅުގަނޑުމެންގެ ތެރޭގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ޤަވާޢިދުން ފައުޅުގައި ހިންގާ، އާރާއި ބާރާއި ފޯރިޔާއެކު އެންމެން ކުރިމަތީގައި ހިންގާ ސިޔާސީ ޕާޓީތަކުން އެކަހަލަ ކަމެއް ކޮށްފާނެޔެކޭ އަޅުގަނޑު ދަންނަވާކަށް ހަމަ ނެތީމެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ޤުދުރަތީ ވަޞީލަތްތަކާއި، އިންސާނީ، ފިކުރީ އަދި ދެންވެސް އެހެން އެހުންނަ ތަފާތު އެކި ވަޞީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަމުގެ އަހުލުވެރީންނަށް ވާން، ނުވަތަ ލިބިފައިވާ ތަނަވަސްކަން އަދިވެސް އިތުރުކުރާން ނުވަތަ ޙިމާޔަތްކުރާން އިންތިހާޔަށް ބޭނުންވާ އެކިފަރާތްތަކުގެ އަތެއް މިޒާތުގެ ކަމެއްގައި ހިމެނިދާނެ ބާވައޭވެސް ބަޔެއްގެ ހިތަށް އަރައިފާނެއެވެ. ނުވަތަ އެ ނޫންވެސް މަޤްޞަދުތަކެއްގައި ހިންގާ އެ ޒާތުގެ 'ކުލަބެއް’ގެ ނުފޫޒެއް މިބާވަތުގެ ޙަރަކާތެއްގައި ހިމެނިދާނެ ބާވައެވެ؟ މިސުވާލުގެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ އެވެ!

އެކަމަކު އެނގޭ އެއްޗެއް ދަންނަވާފާނަމެވެ!

ސިޔާސީ ކަންކަމަކީ ތިމާމެންނާ ބެހޭކަމެއް ނޫނޭ، މިއުޅެނީ ހަމަ އެއްބަޔެކޭ… އަހަރުމެން އަވީގައި ކިޔޫ ޖެހިގެން ވޯޓުލާކަށް ނުދާނަމޭ ގިނަ ބަޔަކު ބުނެފިއްޔާ، ދެން ވާ އެއް ގޮތެއްގެ ވާހަކަ ދަންނަވާފާނަމެވެ!

ސިޔާސީ މައިދާނުގެ މަތީން ފޫހިވެއްޖެޔޭ ކިޔައިފައި ވޯޓުލާން ނުދާ ބަޔަކު ގޭގައި އަދި ތިއްބަސް، ވޯޓުލާން ނިކުންނާނޭ ބަޔަކު ތިބޭނެއެވެ. އެއީ ކޮންބައެއްތޯއެވެ؟ އެއީ ޕާޓީތަކުގެ ވަރުގަދަ ސަޕޯޓަރުންނާއި ތަފާތު އެކިމަޞްލަޙަތުތަކުގެ ބައިވެރީންނާއި އެމީހުންގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުންނެވެ. އަދި ވޯޓުލާން ނިކުންނަނީ ހަމައެކަނި އެމީހުން ކަމަށް ވެއްޖިއްޔާ، އިންތިޚާބު ކާމިޔާބު ކުރާނީ ކޮންބައެއްތޯއެވެ؟ އެމީހުން ނޫންތޯއެވެ!

ވޯޓުލާ ދުވަހު ހަމަ ކޮންމެ ބޭފުޅަކުވެސް ވޯޓުލައްވަން ނިކުމެވަޑައިގަންނަވާންވީ އެއް ސަބަބު މިދެންނެވުނީއެވެ.

"އެމީހުންގެ ތެރެއިން ކޮންމެ މީހަކު ވެރިކަމަށް އަޔަސް، އަހަރުމެންނަށް ވާނޭ އިތުރު މޮޅެއް ނޯންނާނެއެވެ. އެމީހުންނަކީ އެއްބަޔަކު އަނެއްބަޔަކާ އަޑިއަޑީން ގުޅިގެން އުޅޭ، ނުވަތަ ގުޅޭން ތައްޔާރަށް ތިބޭ ބޮޑެތި ޙީލަތްތެރީންނެވެ. އެއް ދުވަހު އެކަކާ ކޯލިޝަން ހެދިއްޔާ، މާދަމާ އަނެއް މީހަކާ ކޯލިޝަން ހަދައިގެން ނަމަވެސް ވެރިކަމަށް އާދެވޭތޯ ބަލާ މީހުންނެވެ… އެހެންވީމައި، ވޯޓުލާން އެ ލިބޭ ދުވަހު ޗުއްޓީ ހަދައިލާން އެ ލިބޭ ހުސް ދުވަހު، ރައްދަކާ އަވީގައި ކިޔޫޖެހިގެން އެއިން މީހަކަށް ވޯޓުލާން އަހަރުމެން ދާންވީ ކީއްކުރަންހެއްޔެވެ! އައްޔެއް އަނދިރިޔެއް، ހަސަނެއް ހުސޭނެއް ވެރިކަމަށް އަޔަސް، އަހަރުމެން އުޅޭން ޖެހޭނީ ހަމަ މިހައިރުވެސް މިއުޅޭ ގޮތަށެވެ. ވަކި ތަފާތެއް ނާންނާނެއެވެ. އަހަރެންނެއް ހަމަ ގައިމުވެސް އެ ގަނަތެޅޭކަށް، ވޯޓުލާކަށް ހަމަ ނުދާނަމެވެ!" މި ބީދައިން ވާހަކަ ފަތުރައި، މީހުންގެ ބޮލަށް އެ "ޗިޕު" ޖަހާން މަސައްކަތްކުރާ މީހުންގެ މަކަރުވެރި ވާހަކަތަކަށް ހެއްލިވަޑައިނުގަންނަވާންވީ އެއް ސަބަބު މި ދެންނެވުނީއެވެ.

އެހެންވީމައި، މިފަހަރުވެސް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ވޯޓުނުލައްވައި ގޭގައި ހަމަ ތިއްބަވާނީތޯއެވެ؟ ނޫނެކެވެ! އެހެން ނުހައްދަވާށެވެ! ޤައުމީ މި ޙަރަކާތުގައި ބައިވެރިވެ ވަޑައިގެން، ތިޔަބޭފުޅުންގެ މަދަނީ ވާޖިބު އަދާކުރައްވާށެވެ! އަމިއްލަ މަޞްލަޙަތުވެސް ޙިމާޔަތް ކުރައްވާށެވެ!