Support Us

ކޮލަމް ގަލަން: ހަމަހަމަ ގޮތެއްގައި ބޯހިޔާވެހިކަން ހަމަޖައްސައިދެވިދާނެ މެނިފެސްޓޯއެއް

ބޯހިޔާވެހިކަމުގެ ވޭތުވެދިޔަ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުތަކުން ގެންނެވި ނުހަނު އަގުހުރި ޚިދުމަތަކެވެ. ނަމަވެސް ހިތާމައަކީ މާލޭގެ ބިމާ ނުކަތާވަރަށް އެތަނުގައި ބުރިބުރިއަށް އިމާރާތްކޮށް އެ ތަންތަނަށް ރޯނުވާވަރަށް މީހުން ވެއްދުމުގެ ސިޔާސަތު ގެންގުޅޭތީއެވެ. އަދި ކޮންމެ އިންތިޚާބެއްގައި ވެސް ކޮންމެވެސް ބަޔަކަށް ފުލެޓު ދޭނެކަމުގެ ބޮޑު ހުވަފެން ދައްކައިގެން ކެމްޕޭން ވެސް ކުރެއެވެ. ނަތީޖާއަކަށް ވަނީ ރާއްޖެތެރޭގެ ރަށްތައް ފަޅުވެ އެ ތަންތަނުން މީހުން މާލެއަށް ހިޖުރަކުރަން މަޖުބޫރުވުމެވެ. އަދި ރާއްޖެތެރޭގައި ރަނގަޅު އިގުތިސާދީ މަޝްރޫޢުތައް ނެތުމަކީ ވެސް އެ ހީލަތްތެރި މަޅީގައި ރަށްފުށުގެ ގިނަ ޒުވާނުން ބެދެން ދިމާވާ އެއް ސަބަބު ވެސް މެއެވެ. އެއީ ނުފޫޒު ގަދަ ސިޔާސީ ބައެއް މީހުން އެ މީހުންގެ މަސްލަހަތަށް ޓަކައި ކުރާ ކަމަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް މިއީ މުސްތަގުބަލުގެ އަންނަން އޮތް ޖީލުގެ ހެވާއިލަބައަށް ޓަކައި ރަނގަޅުކުރަން ޖެހޭ މައްސަލައެކެވެ.

މި ކަން ޙައްލުކުމުގެ އަސާސަކީ:

އެކެއް: ދިވެހިރާއްޖޭގައި ކުރެވޭ ބޯހިޔާވެހިކަމުގެ ޚަރަދުތައް ހަމަހަމަ އުސޫލުން ނުވަތަ ނިސްބަތުން ރާއްޖެތެރެއަށް ދިނުމެވެ.

ދޭއް: ބޯހިޔާވެހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުމެވެ.

މިސާލަކަށް:

ހ- ބޯހިޔާވެހިކަމުގެ ގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުމެވެ. އޭގެތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ އިމާރަތެއްގައި މިނީޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރާތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރާތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރާތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނައަރާ ފަދަ ތަނެއްގައި ޕަބްލިކު ކޮފީޝޮޕެއް ހިންގޭނެ ޖާގަ ހުރުމާއި ފަޔަރ ސާވިސްގެ ވަސީލަތްތައް ހުރުމާއި އިމާރާތުގެ ހުރި އެޕާޓުމެންޓުތަކުގެ ނިސްބަތަކުން ލިފިޓުތައް ހުރުމާއި އިމާރާތުގެ މެނޭޖުމެންޓު ހިންގޭނެ ތަނެއް ހުރުމާއި އިމާރާތުގެ ވަށައިގެން ގަސްއިންދާނެ ޕުލޭނެއް އޮތުމާއި އަދިވެސް އިތުރު ކަންކަމެވެ.

ށ-  އާއްމުންގެ ބޯހިޔާވެހިކަމަށް ފަންނީ އެހީތެރިކަމާއި މާލީ ހެއީތެރިކަން ދެވޭ ނިޒާމެއް އަތޮޅުތަކުގައި ގާއިމުކުރުމެވެ. މިހާރުވެސް ގެދޮރުއެޅުމަށް ލޯނުގެ ނިޒާމެއް ވަނީ ތައާރަފުވެފައެވެ. ނަމަވެސް ފަންނީ އެހީތެރިކަމުގެ އަތެއް ނެތެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖެތެރޭގެ މީހުން ދަރަނިވެރިވެގެން ނަގާ ލޯނުތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން އުނިވުމެވެ. އެހެންކަމުން ލުއި އަގެއްގައި އާއްމުންގެ ބޯހިޔާވެހިކަން ޕުލޭންކޮށްދީ މަޝްވަރާދެވޭނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމެވެ. އެގޮތުން އެންމެ ފުރަތަމައަށް އެކަމަށް ބޭނުންވާ ތައުލީމަށް މަގުފަހިކޮށްދިނުމެވެ. އެއަށްފަހު އެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ޒުވާނުންނަށް ދިނުމެވެ.

އިސްވެދިޔަ ފަދަ ކަންކަމާއި އަދި އިތުރަށް ވެސް ބޭނުންވާ ކަންތައްތައް ދިސާކޮށް ދެނެގަނެ ސިޔާސީ މެނިފެސްޓޯތަކުގައި މިފަދަ ކަންކަން ހިމަނައިފި ނަމަ ބޯހިޔާވެހިކަމަށް ހައްލެއް ލިބިދާނެކަމަށް ފެނެއެވެ.

މާލޭގައި އިމާރާތް ގިނަކުރުމުން ނުވަތަ ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަޔަކު މީހުންނަށް ފުލެޓު ދިނުމުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރެވޭ ނަމަ މިހާރު އޮންނަންޖެހޭނީ ހައްލުވެފައެވެ. ނަމަވެސް ބައިގަރުނުވީއިރު ވެސް ކުޑަ ތަންފުކެއްވެސް ހައްލު ނުކުރެވުނެވެ. އަބަދުވެސް ތިބެންޖެހީ ކިއުގައެވެ. ވީމާ އިތުރަށް ވިސްނަވާށެވެ.