Support Us

ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު

ސުޕްރީމް ކޯޓަށް އެސް.ޖީއެއް ހަމަނުޖައްސައިގެން ސޫދު ޖޭ.އެސް.ސީއަށް ހެޓަކަށް ދީފި

ސުޕްރީޕް ކޯޓަށް ސެކެޓްރީ ޖެނެރަލަކު އައްޔަންކޮށް ނުދީގެން ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު، ޖުޑީޝަލް ސާވިސް ކޮމިޝަނާ މެދު ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވައިފިި އެވެ.

ޖޭއެސްސީއާ މެދު ސޫދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވީ މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލައެއްގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ކުރިއަށް ގެންދިއުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ވީޑިއޯ ކެންޕަރެންސްކޮށް ކުރިއަށް ގެންދިޔަ މި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސޫދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިންނަވައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުނު އިރު މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި އޮތީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމަށެވެ. ނަމަވެސް އެ މައްސަަލަ ހައިކޯޓަށް ހުށަހެޅި ހައިކޯޓުން ނެރެފައިވާ ރިޕޯޓުގައި އެ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމަށެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް ޖޭއެސްސީ ކަމަށް ބަދަލުވި ގޮތް ބަޔާންކޮށްފައިނުވާ ކަމަށާއި އެކަން އެގޮތަށް ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ޖޭއެސްސީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުން ކިބައިން ސޫދު އެދިވަޑައިގެންނެވިއެވެ.

ސޫދު ކުރެއްވި ސުވާލަށް ޖަވާބު ދިނުމަށް ޖޭއެސްސީއަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ވަކީލު ފަތުހުﷲ އިސްމާއިލް ވިދާޅުވީ މި މައްސަލަ ރައްދުވާ ފަރާތަކީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އޮތް ނަމަވެސް އެ ޑިޕާޓްމަންޓަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެއް ނޫން ކަމަށެވެ. އެހެންވެ އެ މައްސަލަ ހަގީގަތުގައި ރައްދުވާން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މައްދާގެ ބ. ގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި (ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ޑީޖޭއަކީ އެ ކަންކަން ތަރުތީބު ކުރުމަށްޓަކައި އުފައްދާފައި އޮންނަ އިދާރާއެއް ކަމުގައި ފަތުުހުﷲ ވިދާޅުވި އެވެ.

އެ މާއްދާގެ އެކެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި އިދާރީ މުވައްޒަފުންގެ އެންމެހައި ވަޒީފާއާ ބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓާ ނުވަތަ އެ ކޯޓެއްގެ އިދާރީ އެންމެ އިސް މުވައްޒަފެއްގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުމަކީ ޑީޖޭއޭގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެ މާއްދާގެ ދޭއްގައި ބުނެފައިވަނީ ކޯޓުތަކަށް އިދާރީ މުއްވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އިދާރީ ފިޔަވަޅު އެޅުމާއި ވަކިކުރުމަކީ ޑީޖޭއޭގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ޑީޖޭއޭ އަކީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކެއް ތަރުތީބު ކުރުމަށްޓަކައި އެ ކަންކަން އަމަލީ ގޮތުން ކުރުމަށްޓަކައި ގާނޫނުން އުފައްދާފައިވާ އިދާރާއެއް، އޮފީހެއް. އެހެންވީމަ އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި އަލްޓިމޭޓްލީ މި ހުރިހާ ކަމެއް ގޮސް ގުޅިފައިވަނީ ޖޭއެސްސީއާ،" ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުﷲ ވިދާޅުވީ ޑީޖޭއަކީ ދައުވާ ކުރެވޭ، ދައުވާ ލިބޭ ގޮތަށް ގާނޫނުން އުފައްދާފައިވާ އިދާރާއެއް ނޫން ކަމަށާއި އެ ޑިޕާޓްމަންޓް އުފައްދާފައި އޮތީ ޖޭއެސްސީގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ އިދާރާއެއްގެ ގޮތުގައި ކަމުގައިވާތީ އެ މައްސަލާގައި ޖޭއެސްސީން އިސްތިއުނާފް ކުރުން އަދި ޖޭއެސްސީއަށް ރައްދުވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.

ޖޭއެސްސީގެ އެ ވާހަކަތަކަށް ރައްދުދެއްވާ ސޫދު ވިދާޅުވީ ގާނޫނު އަސާސީގެ 156 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހާ ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާ ބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެހެންކަމުން އެ މައްދާ ފެތެނީ ކޮންތާކަށްތޯ އާއި އެ މާއްދާ އެހެން އޮއްވާ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އެ ބާރުތައް ކޯޓުތަކުން ނިގުޅައިގަނެވިދާނެތޯ ވެސް ސުއޫދު ސުވާލުކުރެއްވި އެވެ.

ސުއޫދު ކުރެއްވި އެ ސުވާލަށް ޖާވާބުދެއްވަމުން ފަތުހުﷲ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ނުބަލައި އެއަށް އެއްޗެއް ވިދާޅުވާން ދަތިފުޅުވާނެ ކަމަށާއި އެ ކަންކަން ބެއްލެވުމަށްފަހު އެސުވާލަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ރެކޯޑަށް ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށާއި އެ މާއްދާ އެހެން އޮއްވާ އެ ބާރު ކޯޓުތަކުން ނިގުޅައިގަނެވިދާނެތޯ އެ މާއްދާއަށް ބެއްލެވުމަށްފަހު ވިދާޅުވެދެއްވުމަށް ސޫދު ޖޭއެސްސީ ކިބައިން އެދިވަޑައިގެންނެވި އެވެ.

ސޫދުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ފަތުހުﷲ ވިދާޅުވީ ގާނޫނު އަސާސީގެ 55، 56، 57 ގައި ވާ ގޮތުންް މިވަގުތު އެ ބާރުތައް އޮތީ ޖޭއެސްސީގައި ކަަމަށެވެ.

ނަމަވެސް ޖޭއެސްސީގެ އެ ވާހަކަތަކަށް ރައްދުދެއްވާ ސޫދު ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ސެކްރެޓްރީ ޖެނެރަލަކު އައްޔަން ކޮށްދޭށޭ ބުނެ އާދޭސްކުރާތާ ދޮޅު އަހަރު ދެ އަހަރު ވެފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށެވެ. އަދި އެ ކޯޓަށް ސެކްރެޓްރީ ޖެނެރަލަކު އައްޔަން ކުރައްވާނީ ކޮން ދުވަހަކުންތޯ ޖޭއެސްސީއާ ސޫދު ސުވާލުކުރެއްވި އެވެ.

"ދޮޅު އަހަރު، ދެ އަަހަރު ވެގެންދާއިރު ސުޕްރީމް ކޯޓަށް ސެކްރެޓްރީ ޖެނެރަލަކު އިދާރީ މުވައްޒަފުން އައްޔަން ނުކުރެވޭ ކަމުގައި ވެއްޖެއްޔާ… ސުޕްރީމް ކޯޓު ކޮން ނުފޫޒެއްގެ ތެރެއަށް ސުޕްރީމް ކޯޓު ވަންނަނީ ތޯ؟ ޖޭއެސްސީން އެކަމުގެ ޒިންމާ އުފުލާނެތޯ؟ ކޮޮން ބައެއްތޯ އެކަމުގެ ޒިންމާ އުފުލާނީ؟" އިތުރު ދެ ފަނޑިޔާރުން ވެސް ތިއްބެވި އެ ޝަރީއަތުގެ މަޖިލިސްގައި ސޫދު ވިދާޅުވި އެވެ.

ސެކްރެޓްރީ ޖެނެރަލަކު އައްޔަން ކޮށްދީފައިނުވާ މައްސަލާގައި ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިވަޑައިގެން ސޫދު ވިދާޅުވީ ގާނޫނު އަސާސީގައި އޮތީ ސުޕްރީމް ކޯޓުން އެގޮތަށް އާދޭސްކުރާ ގޮތަށް އެކަން ހިނގަން ބާއްވާ ގޮތަށްތޯ އާއި ދެ އަހަރަކު ވެގެން ދާއިރު ވެސް ޖޭއެސްސީން އެކަން ކޮށްދީފައިނުވާ ކަމަށެވެ.

"މިހާރު މިވަނީ ދެ އަހަރު. ދެ އަހަރު ވީއިރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސެކްރެޓްރީ ޖެނެރަލަކު ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފަކު އައްޔަން ނުކޮށްގެން މިއުޅެނީ. ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މިތިބީ؟ މިތަން ހިންގާނީ ކިހިނެއް؟ ދެން ކޮން ވާހަކައެއް ތިދައްކަނީ؟ ރަނގަޅު ދުވަހުން ދުވަހަށް ތިތަން ހިނގޭނެ ނަމަ. ޑިޕާޓްމަންޓަށް މުވައްޒަފުން އައްޔަން ކުރެވޭނެ ނަމަ ރަނގަޅު. ޖޭއެސްސީ އަށް ޖުޑިޝަރީ ހިންގޭނަމަ. އެކަމެއް ނުކުރެވޭ، އަށެއްކަ ނުވަ މަސް ވާއިރު ވެސް މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން. ދެން މިތަނަށް އައިސް ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ. ތިމަންނަމެންނޭ ހިންގާނީ އެގޮތަށޭ ގާނޫނު އަސާސީ ދެކެނީ. ދެން ކިހިނެއް ހަދަންވީ؟" ސޫދު ވިދާޅުވި އެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓަށް އެސްޖީއަކު އައްޔަންކޮށްދީފައިނުވާތީ އެކަމާ ހިތްޕުޅު ހަމަނުޖެހިގެން ސޫދު ދެއްކެވި ވާހަކަފުޅުގައި ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ނޫން ބަޔަކު ނެތް ކަމަށާއި އެ ކޯޓުގެ އިދާރީ ކަންކަން ހިންގާނެ ބަޔަކު ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޖޭއެސްސީން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ސޫދުގެ އެވާހަކަތަކަށް އިތުރަށް އެއްޗެއް ވިދާޅުވެފައެއް ނުވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *