Support Us

ކޮލަމް: ސަރަންދީބު
ރިޔާސީ އިންތިހާބު 2023:

ކޮލަމް ސަރަންދީބު: ޚުދު މުޚުތާރު ވެރިކަމުގެ ވާހަކަ ރައީސް މައުމޫން ދެއްކެވީމާ…

"ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ޚުދު މުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ "ރަން 30″ އަހަރުގެ ޒައާމަތުގައި، ނޫ ގާނޫނު އަސާސީން ހުރިހާ ބާރެއް އަތަށް ނަންގަވައިގެން ކުރެއްވި ވެރިކަން، ބައެއް މީހުން ސިފަކުރަނީ ދަގަނޑު އަތްތިލައިގެ ބާރު ދެއްކެވި، ހުދު މުހުތާރު ވެރިކަމެއްގެ ގޮތުގައެވެ. މިގޮތުން 1978 އިން ފެށިގެން 2008 އާ ހަމައަށް ހުރިހާ ބާރެއް ޖަމާވެފައި އޮތީ ތީމުގޭ ގަނޑުވަރުގައި، ރައީސް މައުމޫނުގެ އަތްޕުޅުތެރޭގައެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނެވެ. ސުޕްރީމު ކޯޓަކީ އެމަނިކުފާނެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ވެސް، ދީނީ އިމާމަކީ ވެސް އެ މަނިކުފާނެވެ. ދައުލަތުގެ މި ތިން ބާރު ވަކިވީ 2008ގައި އުފަންވި ފެހި ގާނޫނު އަސާސީންނެވެ. އެއާއެކު ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ސިއްކަ ޖެހުނީއެވެ.

ރައީސް މައުމޫންގެ "ރަން 30″ އަހަރުގެ ވެރިކަން ނިމުނު ނަމަވެސް، އުމުރުފުޅުން 86 އަހަރުގައި ވެސް އެ މަނިކުފާނު މިއަދުވެސް ގެންދަވަނީ ސިޔާސީ މައިދާނުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. ރައީސް މައުމޫންގެ ކޮއްކޯފުޅު، ރައީސް ޔާމީން 2013 ގައި ރައީސް ކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ އެހީތެރިކަމުގައެވެ. އަދި 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގެއަށް ވަޑައިގަތީވެސް ރައީސް މައުމޫނުގެ އެހީތެރިކަމާއި މަދަދުންނެވެ. ނަމަވެސް އަންނަ މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އެހެން އެއްވެސް ބަޔަކާ ގުޅިވަޑައިނުގަނެ، ރައީސް މައުމޫންގެ އެމް.އާރް.އެމް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވުވައިފައި ވަނީ އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނެވެ. ރައީސް މައުމޫންގެ ދެކަނބަލުން ވަނީ ފާރިސް އެންޑޯސްވެސް ކުރައްވައިފައެވެ. އަދި ގެންދަވަނީ ފާރިސްއަށް ކެމްޕޭން ވެސް ކޮށްދެއްވަމުންނެވެ.

ރައީސް މައުމޫންގެ ބޭފުޅުން (ކ-ވ) ގައްސާން، ދުންޔާ، ފާރިސް އަދި ޔުމްނާ: ހަތަރު ފިކުރުގެ ހަތަރު ބޭފުޅުން

ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން، އެ މަނިކުފާނުގެ ފިކުރުގައި ހުންނެވީ ހަމައެކަނި ފާރިސް އެވެ. ދޮށީ ދެ ދަރިކަނބަލުންގެ ތެރެއިން ދުންޔާ މައުމޫން މަސައްކަތް ކުރައްވަނީ ކާނަލް މުހައްމަދު ނާޒިމު ރައީސް ކަމަށް ހޮވުމަށްޓަކައި އެމް.އެން.ޕީއާ އެކުގައެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮއްވެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ފެށުނީއްސުރެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި، ހަގު ދަރިކަލުން ގައްސާން މައުމޫން ގެންދަވަނީ ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް ގަދައަޅުއްވައި މަސައްކަތް ކުރައްވަމުންނެވެ. ގިނަ މީހުން ޑރ. މުއިއްޒު ސިފަކުރަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ މި ފަހަރު ރައީސް ކަމަށް ވާދަނުކުރެއްވުނު ރައީސް ޔާމީނުގެ ހިޔަނީގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަތަންވެފައިވާއިރު، މި ފަހަރު ވާދަކުރައްވާ އަށް ކެންޑިޑޭޓުން ވެސް ގެންދަވަނީ ގައުމުގެ ކުރިމަގަށް ބޮޑު ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެ، ތަފާތު ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. ފާރިސް ވެސް ވަކި ތަފާތެއް ނެތެވެ. ނަމަވެސް ރައީސް މައުމޫން މިއަދު ހުންނެވީ އެހެން ކެންޑިޑޭޓުން ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންފައެވެ. އެ މަނިކުފާނުގެ "ރަން 30″ އަހަރު ކަންތައްތައް ކުރެއްވި ގޮތް ހަނދުމަފުޅު ވެސް ނެތިފަ ކަހަލައެވެ.

ތާރީހީ ބައެއް މުފައްކިރުން ސިފަކުރައްވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް އެންމެ ހުދު މުހުތާރު ވެރިކަމެއް ކުރެއްވީ "ރަން 30″ އަހަރުގެ ބާނީ ރައީސް މައުމޫނެވެ. ކުށެއް ނެތް އެތައް ބަޔަކު ޖަލަށްލައި، ޖަލުގައި އަނިޔާ ދީ މަރައިފައި ވަނީ ވެސް މަދެއްކޮށެއް ނޫނެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ސިޔާސީ އެތައް ބަޔަކާއި ނޫސްވެރިން ވެސް ހިމެނެއެވެ. ޖަލަށް ލީ ސިޔާސީ އިސް ހަރަކާތްތެރިންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހިމް، ގޯގޯ މުހައްމަދު ލަތީފު މިއީ އެންމެ ދެތިން ނަމެވެ. އަދި ކޮބައިތޯއެވެ؟ ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ވެސް ވަނީ ހުރަގެއަށް ލައި ކަސްތޮޅު އަޅުވައިފައެވެ.

"މައުމޫނަށް ކަމުނުދާ ހަބަރެއްވެސް ނޫހަކު ނުޖެހޭނެ. އޭރު ނުކުންނަ ތިން ނޫސް، ހަވީރު، އާފަތިސް، މިއަދު ހިންގާނީ ތިން ވަޒީރުން. އެ ތިން ނޫސް އޮންނާނީ ސީދާ މައުމޫންގެ ކޮންޓްރޯލްދަށުގައި. އަމިއްލަ ރޭޑިއޯ/ ޓީވީ ޗެނަލެއް ނުހިންގޭ. ސިޔާސީ ވާހަކަ ދެއްކުމަކީ އޭރުގައި ބޮޑު ކުށެއް. ސަރުކާރަށް ކިތަންމެ ކުޑަ ފާޑެއް ކިޔަސް، އެ މީހަކު ލާނީ ޖަލަށް. އިންޑިއާގެ ޖަލެއްގައި ހިނގި ހާދިސާއެއްގެ މައްޗަށް "ކުޑަގޮޅި" ނަމުގައި ހަވީރު ނޫހުގައި ކުރު ވާހަކައެއް ލިއުނު ނޫސްވެރިއަކުވެސް ގެންގޮސް ލީ ކުޑަގޮޅިއަށް. އޭގެ ކުރިން ޅެން ލިޔެގެން ވެސް އަދި ވާހަކަ އާއި ހަބަރު ލިޔެގެން ވެސް ކިތަންމެ ނޫސްވެރިޔަކު ޖަލަށް ލައި، އަނިޔާ ދީފައި ވަނީ،" ކުރީގެ ނޫސްވެރިއަކު ބުންޏެވެ. "މައުމޫނަށް ކަމުދާ ގޮތަށް ދީން ވެސް އޮންނަންޖެހެނީ. ދީނުގައި އޮންނަ ގޮތަށް އެއްޗެއް ބުނެފިއްޔާ ޖަލަށް. ސިޔާސީ ކަންކަން ވެސް އޮންނަން ވަނީ މައުމޫން ބޭނުންވާ ގޮތަށް. މައުމޫނާ ދެކޮޅަށް ސިޔާސީ އެއްވެސް ހިޔާލެއް ފާޅުކޮށްގެންނުވޭ. ކޮށްފިއްޔާ ޖަލަށް. މައުމޫނަށް ހުޝާމަދު ކުރުން ނޫން ކަމެއް އޭރަކު ނުކުރެވޭ."

މިހެންވެ ރައީސް މައުމޫނުގެ މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ރައްދު ދެމުންނެވެ. ހުދުމުހުތާރު "ރަން 30″ އަހަރުގެ ހަނދާންތައް އާކުރަމުންނެވެ. ހުދު މުހުތާރުގެ ވާހަކަ ދައްކަވަން މައުމޫން ލަދުފުޅުނުގަނޭތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ. އަދި ހުދު މުހުތާރުގެ ވާހަކަ އެ މަނިކުފާނު ދައްކަވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ތިރީގައި މި ވަނީ އޭގެ ތެރެއިން ބައެއް ޓްވީޓެވެ. (ބައެއް ޓްވީޓުތައް ވަނީ ސެންސަރުކުރަން ޖެހިފައެވެ.)