Support Us

ކޮލަމް ގަލަން: ކަރަންޓުގެ އަގުތައް ހެޔޮކުރާނެ ގޮތުގެ މެނިފެސްޓޯ

ކަރަންޓަކީ އަސާސީ ޚިދުމަތެކެވެ. އެ ހަކަތަ ވިއްކާ އަގު ހެޔޮކުރެވިގެން ނޫނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ލުއިފަސޭހަތަކެއް ނުލިބޭނެއެވެ. އަދި އުފެއްދުންތެރިކަމަށް ބޭނުންވާ ކުރިއެރުމެއް ވެސް ނުލިބޭނެއެވެ. ނަމަވެސް ގިނަ ސަބަބުތަކަކާ ލައިގެން ދިވެހިރާއްޖޭގެ ކަރަންޓުގެ އަގު ވަނީ އާއްމުންގެ އަތް ނުފޯރާފަށުގައެވެ.

ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭ ތެލުގެ ދަތިކަމަކީ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން ކަރަންޓަށް ދާއިމީ ސަބުސިޑީއެއް ބޭނުންވެއެވެ. ސަރުކާރުގެ ނިންމުންތަކަކީ ވެރީންގެ މިޒާޖާ އެއްގޮތަށް އަވަސްއަވަހަށް ބަދަލުވާ ކަންތައްތަކަށްވާތީވެ ސަރުކާރުގެ ސަބުސިޑީއަކީ ފުރިހަމަ ހައްލެއް ކަމުގައި ނުބެލެވެއެވެ. އެއް ފަހަރު ލިބިފައި އަނެއް ފަހަރު ނުލިބުމަކީ ވެސް އެކަށީގެންވާ ކަމަކެވެ. އަދި މުޅި ދިވެހިރާއްޖެއަށް އެފަދަ ސަބުސިޑީއެއް ދިނުމުން ދައުލަތުގެ މާލިއްޔަތަށް ބަރުވުން ވެސް އެކަށީގެންވެއެވެ. މިކަން ހައްލުކުރުމަށް ޓަކައި އަވީގެ ޓެކުނޮލެޖީއެއް ވެސް ތައާފަރުކުރެވިއްޖެއެވެ. ނަމަވެސް ހައްލެއް ނުވިއެވެ. ބައެއް ފަހަރަށް އަވީގެ ޓެކުނޮލެޖީއެއް ބޭނުންކުރުމުން އުފެދޭ ވަގުތީ ހަކަތައިން އޭގެ ވެރިފަރާތުގެ ބިލަށް ލުޔެއްލިބިދާނެއެވެ. ނަމަވެސް އެއީވެސް ދާއިމީ ހައްލެއްނޫނެވެ. ސަބަބަކީ އަވީގެ ޓެކުނޮލެޖީއެއް ބޭނުންކުރުމަށް ޓަކައި ވެސް ކަރަންޓު ބޭނުންވެއެވެ. ނުވަތަ ހުންނަންޖެހޭނީ ކަރަންޓާ ގުޅިފައެވެ.

ކަރަންޓުގެ ޚިދުމަތް ދެވޭނީ އެ ކަމަށް ހިނގާ ހުރިހާ ޚަރަދެއް އިއާދަވާ ގޮތަކަށެވެ. ނުވަތަ އެ ޚަރަދެއް ޚިދުމަތް ލިބޭ މީހުންގެ އަތުން ލިބިގެންނެވެ. ސޯލާ ސިސްޓަމް ބޭނުންކުރުމަކުން ކަރަންޓު ދިނުމަށް ބޭނުންކުރެވޭ އިންޖީނުގޭގެ ޚަރަދުބަރަދުތައް މަދުވެގެނެއް ނުދާނެއެވެ. ކަރަންޓު ދިނުމަށް ބޭނުންކުރެވޭ މުވައްޒަފުންގެ މުސާރައާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތީގެ އަގުތައް ހުންނަނީ ހަމަ އެހުރި މިނެއްގައެވެ. ކަރންޓުގެ ޚިދުމަތް ދެވޭނީ އެންމެ ކުޑަވެގެން ކަރަންޓު ދިނުމަށް ކުރާ ޚަރަދު ލިބިގެންނެވެ. އަނެއްކޮޅުން ސޯލާ ސިސްޓަމަކީ ވަކި މުއްދަތަކުން ހަލާކުވެދާނެ އެއްޗެކެވެ. ނުވަތަ މަރާމާތުކުރަން ޖެހިދާނެ އެއްޗެކެވެ. އެ ފަދަ ހާލަތްތަކުގައި އޭގެ ފައިދާއަށްވުރެ ގެއްލުން ބޮޑުވެސް ވެދާނެއެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައްޔަތުންނަށް މިވަނީ ކަރަންޓުގެ ދަތިކަން ފޯރާފައެވެ. އެހެންކަމުން އެކަން ހައްލުކުރެވޭތޯ މަސައްކަތެއް ކުރެވެން ޖެހެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔަތުންނަށް ދިމާވެފައިވާ ކަރަންޓުގެ އަގުގެ ދަތިކަން އިސްލާމީ ވަގުފު ބޭނުންކޮށްގެން ހައްލުކުރެވިދާނެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ކަނތައްތައް ކުރެވިދާނެއެވެ.

މިސާލު:

އެކެއް: ކޮންމެ ރަށެއްގައި ކަރަންޓަށް ވަގުފެއް އުފެއްދުމެވެ. އަދި އެއިންލިބޭ މަންފާ ކަރަންޓަށް ސަބުސިޑީގެ ގޮތުގައި ޚަރަދަކުރުމެވެ. ވަގުފާބެހޭ ބައެއް މައުލޫމާތު ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ.

https://docdro.id/rX0Ozgn

ދޭއް: ކޮންމެ އަތޮޅަކުން އެއް ރިސޯޓު ކަރަންޓަށް ސަބުސިޑީ ދިނުމަށް ކަނޑައެޅުމެވެ. އަދި އެއިން ލިބޭ ކުއްޔާއި ޓެކްސް އެ އަތޮޅެއްގެ ކަރަންޓަށް ލިބޭގޮތަށް ގާނޫނަކުން ލާޒިމުކުރުމެވެ.

ތިނެއް: ކަރަންޓުގެ ކުންފުންޏަށް ސިޔާސީ މަގާމުތައް ގާނޫނަކުން މަނާކުރުމެވެ.