Support Us

ރިޔާސީ އިންތިހާބު 2023:

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތާއަބަދު އިންޑިއާއަށް ބަލަހައްޓައެއް ނުދެވޭނެ: ގާސިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތާއަބަދު އިންޑިއާއިން އޮންނާނެ ކަމަށް ގަބޫލްކޮށްގެން ނުވާނެ ކަމަށާއި ތާއަބަދު މީހުންގެ ގައިގައި ލެނގިގެން ނުހުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް، އުފަންރަށް، އދ. މާމިގިލީގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓަން އެހެން ބަޔަކާ ހަވާލުކޮށްގެންނުވާނެ ކަމަށާއި ކަނޑުގެ ސަރަހައްދު ބަލަހައްޓަން ވެސް އަދި އެހެން ކަންކަން ކޮށްދޭން ވެސް އަބަދަކު އިންޑިއާ ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާކަށް ވެސް އަދި އެހެން ކަންތައްތައް ކޮށްދޭން ވެސް ތާއަބަދަކު އެބޭފުޅުންނަކަށް ނުޅެވޭނެ، އެހެންވެ އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް އަޅުގަނޑުމެން ތެދުވަންޖެހޭނެ، އަބަދާއިއަބަދު މީހުންގެ ގައިގައި ލެނގިގެން ނުހުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. ނަމަވެސް އިންޑިއާއަކީ ވެސް ބޯނެ ފެންފޮދެއް ނުލިބޭ ހާލުގައި އެތައް މިލިއަން މީހުނެއް ދިރި އުޅެމުންގެންދާ ގައުމެއް ކަމުގައި ވާއިރު ކިތަންމެ ލޯބިވިޔަސް އަބަދާއިއަބަދު "ފޫވެއްޓިފައި އޮންނަ ފާއަކަށް ފެންފުރާހެން،" އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީދީ ނުތިބޭނެ ކަމަށެވެ. އެކަން ދިވެހިން ގަބޫލް ކުރަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ދެން ހެވޭ ބުނާ ހިސާބު އަންނާނެ.. އެކަން ގަބޫލްކުރަން އަޅުގަނޑުމެން އެބަޖެހޭ. ތާ އަބަދަކު އެބޭފުޅުންނަކަށް ވެސް އަޅުގަނޑުމެންނަކަށް އެހީއެއް ވެސް އެގޮތަކަށް ނުވެދެވޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދިވެހި ގައުމު ސަލާމަތްކަމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ބާރު ދިވެހިންގެ ކިބައިގައި އޮންނަން ޖެހޭނެ ކަމަށާއި އެއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދައްކާފައިވާ ރީތި މިސާލެއް ކަމަށެވެ. އަދި އަންނަ އޮތް ޖީލްތަކަށް ދިވެހި ގައުމުގެ ހަވާލުކުރަން ޖެހޭނީ އެއަށްވުރެ ވެސް އަމާނަތްތެރިކަމާ އެކުގައި ކަމަށާއި ބިރުވެރިކަމާ އެކުގައި ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މާދަމާ އާއި މިއަދު ދިރިތިބި މީހުންނާއި އަދި މާދަމާ އަންނަން އޮތް ޖީލްތަކަށް ރައްދު ކުރަންވާނީ އިހުލާތްތެރިކަމާ އެކު. އަޅުވެތިކަމާ އެކީގައެއް ނޫން. ބިރުން ފުރިގެންވާ ހާލަތެއްގައިއެއް ނޫން. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި މިއަގު ބޮޑު ޖައުހަރު އަޅުގަނޑުމެން ހަވާލު ކުރަންވާނީ އެއަށްވުރެ ވެސް ބޮޑަށް އެ ޖައުހަރު ބޮޑުކޮށް ފައްކާކޮށް ތައްޔާރުކޮށްފައި ގުލްދަސްތާއެއްހެން،" ގާސިމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ އިތުރުން ހަތް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އޭގެ ތެރޭގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލަށް 18 އަހަރު ވެގެން ފުރަތަމަ ފަހަރަށް ވޯޓުލާ 27،000 ޒުވާނުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *