ދިވެހި ސިފައިންނާއި ފުލުހުން، ހިދުމަތުގައި ދެމި ތިބިހާ ހިނދަކު ހިލޭ އެކޮމޮޑޭޝަން ލިބިގެންދާނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް، އުފަންރަށް، އދ. މާމިގިލީގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަކީ ގައުމަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެބައެއްގެ މޭ އައްޑަނައަކަށް ދިކޮށްގެން ނިކުމެ ގައުމުގެ ސަލާމަތްކަމާއި އަމާންކަމަށްޓަކައި ގުރުބާންވާން ތިބި ބައެއް ކަމުގައިވާއިރު އެފަރާތްތަކާއި އެބޭފުޅުންގެ އާއިލާތައް ބިކަވެ ނިކަމެތިވެ ބޯހިޔާވަހިކަމެއް ނުލިބި ތިބޭ މަންޒަރު ދެކެވަޑައިގެންފައިވާ ކަމަށެވެ.
"އެކިއެކި ކެންޕެއިން ދުވަސްވަރު އަޅުގަނޑު ދިޔައިން ބަންޑާރަ ކޮއްޓަށް.. އޭރުވެސް އަޑުއަހަމުން ދިޔައީ ކޮންމެ ތާކުންވެސް އެބޭފުޅުން އިމާރާތްކޮށް ތަންތަން ހަލާކުވެގެން ދާއިރުވެސް.. އެކަން ޔަގީންކަން އެބޭފުޅުންނަށް ލިބިގެން ނުދިޔަކަން އެތަންތަނުގައި ތިބެވޭނެ ކަމުގެ،" ގާސިމް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުވެފައިވާއިރު ސިފައިންނާއި ފުލުހުންނަށް އަޅަމުން ގެންދާ ފްލެޓްތަކެއްގެ ވާހަކަ އަޑުއައްސަވަމުން ގެންދަވާ ކަމަށާއި ނަމަވެސް މި ފަސް އަހަރު ނިމިގެންދާއިރު ވެސް އެކަންތައް ހަގީގަތަކަށް ވެފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވިދާޅުވީ އެކަންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އޭނާގެ ވެރިކަމެއްގައި ޒަމާނީ ފެންވަރެއްގެ އެކޮމޮޑޭޝަން ބްލޮކެއް ސިފައިންނަށާއި ފުލުހުންނަށް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނެ ގޮތުގެ ކުޑަ ތަފްސީލެއް ދެއްވަމުން ގާސިމް ވިދާޅުވީ އެކަން ކުރައްވާނެ ގޮތަކީ ސިފައިންގެ ބަންޑާރަކޮށި ބައިބަޔަށް ބަހާލައިގެން 15 ބުރިއަށް ފަހަރަކު ބައެއް ނަގައިގެން އިމާރާތްކޮށްގެން ކަމަށެވެ.
"ސިފައިންގެ ތެރޭގައި ދިރިއުޅުމުގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ބޭފުޅުންނަށް އެބޭފުޅުން އެމަގާމު އަދާކުރައްވާހާ ދުވަހު ދައުލަތުން އެހިދުމަތް ލިބޭނެ ކުއްޔެއް ދެއްކުމަކާ ނުލައި،" ގާސިމް ވިދާޅުވި އެވެ.
ހަމަ އެފަދައިން ފުލުހުންނަށް ވެސް އެބަޔަކު ދިރިއުޅޭ ތަނަކު ދައުލަތުން ހިލޭ ބޯހިޔާވަހިކަން ހަމަޖައްސަވާދެއްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ވެސް ރައްކާތެރިކަމެއް ނެތި އުޅުއްވާ ބޭފުޅުންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެބޭފުޅުންނަށާއި އެބޭފުޅުންގެ އާއިލާތަކަށް ވެސް މަގާމުގައި ތިއްބެވިހާ ހިނދަކު ދައުލަތުން އެކޮމޮޑޭޝަން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ އިތުރުން ހަތް ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އޭގެ ތެރޭގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލަށް 18 އަހަރު ވެގެން ފުރަތަމަ ފަހަރަށް ވޯޓުލާ 27،000 ޒުވާނުން ހިމެނެއެވެ.



advertisment