Support Us

ކޮލަމް ގަލަން: ސިއްހީ ރޮނގުން ދުނިޔޭގެ އެއް ވަނަ ގައުމަށް ދިވެހިރާއްޖެ ހެދުމުގެ މެނިފެސްޓޯ

ދުނިޔޭގެ ނަމޫނާ ގައުމަކަށް ދިވެހިރާއްޖެ ހެދިދާނެއެވެ. އެ ކަންކުރުމަށް ބޭނުންވަނީ އިޚުލާސްތެރި ވެރިކަމަކާއި ޕްރޮފެޝަނަލް މެނިފެސްޓޯތަކެކެވެ. މިއީ ހެލްތާއި ޕަބުލިކު ހެލްތުގެ ރޮނގުން ދުނިޔޭގެ އެއް ވަނަ ގައުމަށް ދިވެހިރާއްޖެ ހެދުމުގެ ހުވަފެނެކެވެ.

ސިއްޙީ ދާއިރާ ރަނގަޅުކުރުމަށް ޓަކައި އެ ދާއިރާގެ ބިންގާ ކަމުގައިވާ އެކަމުގެ ފަންނުވެރީން ބިނާކުރުމަށް އިސްކަންދޭންޖެހެއެވެ. މިހާރު ދިވެހިރާއްޖޭގައި އޮތް ސިޔާސަތަކީ ވަރަށް އާދައިގެ ބަލިތަކަށް ބޭސްކުރަން ވެސް ރާއްޖެތެރޭގެ މީހުން ގިނަގިނައިން މާލެއަށް ދާންޖެހުމެވެ. އަދި ނިސްބަތުން ގިނަ އަދަދެއްގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ގޮސްގެން ނޫނީ ގިނަ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބެއެވެ. ރާއްޖެތެރޭގެ މީހުން މާލެ އައި އަދި އާއްމުކޮށް ދިވެހިން އަވަށްޓެރި ގައުމުތަކަށް ގޮސް ސިއްހީ ފަރުވާ ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. ނުހަނު ބޮޑު ޚަރަދަކާއި އިތުރު ތަކުލީފުތަކެކެވެ. އޭގެ އިތުރުން ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގިނަވުމަކީ ސިއްހީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއަށް ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުވަނުމަށް މަގުފަހިވުމާއި ރައްޔަތުން ދައްކާ ޓެކްސްގެ ފައިސާގެ ބޮޑުބައެއް ބޭރު ގައުމަށްތަކަށް ލިބެވޭގޮތަށް މަގުފަހިވުމެވެ. އެހެންކަމުން ސިއްހީ ދާއިރާ ތަރައްގީކޮށް ހިންގާނެ ދިވެހިންތަކެއް އުފެދުމަށް އިސްކަންދޭންޖެހެއެވެ.

އެގޮތުން މި ވަގުތަށް ކުރުމަށް ބޭނުންވާ ކަންތައްތަކަކީ:

އެކެއް: ސިއްހީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި އަންލިމިޓެޑު ބަޖެޓެއް ހުޅުވައިލުމެވެ.

ދޭއް: ސިއްހީ ދާއިރާއިން ސްޕެޝަލައިޒުގެ ފުރުސަތު އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ދަރިވަރުން ހޯދާ ޖާގަތަކަށް ސަރުކާރުން ސްޕޮންސާކޮށްދިނުމެވެ.

މި ދެ ކަން ކޮށްފި ނަމަ ދުވަސްކޮޅެއް ނުވަނީސް ސިއްހީ ޚިދުމަތް ހޯދުމަށް ބައެއް އަވަށްޓެރި ގައުމުތަކަށް އަޅުވެތިވާންޖެހޭ ޖެހުން ނިމުމަކަށް ގެނެވިދާނެއެވެ. އަދި ސިއްހީ ރޮނގުން ދިވެހިރާއްޖެއަކީ ވެސް ދުނިޔޭގެ ރަނގަޅު ގައުމެއް ކަމުގައި ހެދިދާނެ ކަމަށް ފެނެއެވެ.

ޕަބްލިކު ހެލްތުގެ ބޭނުމަކީ ހަމައެކަނި ބައެއް ވެކްސިންދިނުމާއި ނުވަތަ މަދިރި ކޮންޓްރޯލުކުރާ ވާހަކަދެއްކުން އެކަންޏެއްނޫނެވެ. ޕަބްލިކު ހެލްތުގެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންނަށް ސިއްހަތު ދުޅަހެޔޮވާނެ މަގެއް ކޮށައިދިނުމެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ރައްޔިތުންނާމެދު ކަންކުރާ ގޮތަކީ ހަށިގަނޑަށް ގެއްލުންވާ ފަދަ ނުވަތަ ކްލޮސްޓުރޯލާއި ފަލަވާ ތަކެތީގެ ޑިއުޓީ ކުޑަކޮށްފައި ހަށިގަނޑަށް ފައިދާ ހުރި ކާތަކެތީގެ ޑިއުޓީ ބޮޑުކޮށް ބެހެެއްޓުމެވެ. މިސާލަކަށް އާދައިގެ ފުށް ކިލޯއެއް ފަސް ރުފިޔާއަށް ލިބޭނަމަ އާޓާފުށް ކިލޯއެއް ގަންނަން ލިބެނީ ވިއްސަކަށް ރުފިޔާއަށެވެ. މިއީ ހަމައެކަނި މިސާލެކެވެ. އަނެއްކޮޅުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ ދިވެހީންނަށް ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައެވެ. އެކަމަށް ވެސް ރަނގަޅު މެނިފެސްޓޯއެއް އޮތުން މުހިންމެވެ.

އެގޮތުން:

އެކެއް: ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖީއެސްޓީ ސުން ޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވް އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެފަދަ ތަކެތީގެ އަގު ކުޑަކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވެން އޮތްހާ ލުޔެއް ދިނުމެވެ. އަދި އެއީ ވަގުތީ ހައްލެއްގެ ގޮތުން ސަބްސިޑީ ދީގެންކަމުގައި ވިޔަސްމެއެެވެ.

ދޭއް: ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރުކުރެވޭ ގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި އިމާރާތްތަކުގައި މިނީ ޖިމްތައް ގާއިމުކުރުމެވެ.

ތިނެއް: ކަސްރަތު ސިވިލް ސާވިސަށް ވެއްދުމެވެ. ޕްރައިވެޓު ބައެއް ސެކްޓަރުތަކުގައި ކަސްރަތު ވަޒީފާއާ ގުޅައިލެވިފައިވެއެވެ. ނަމަވެސް ސިވިލް ސާވިސަކީ ކަސްރަތަށް ވަރަށް ބީރައްޓެހި ތަނެކެވެ. މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުން ނޫނީ އެހެންކަމެއް ނުދަންނަ މުއައްސަސާއެކޭވެސް ދެންނެވިދާނެއެވެ. މުވައްޒަފުންގެ ރަސްމީ ގަޑި ނިމުމަށްފަހު އެ މީހުން ދެން ގެނބިގަންނަނީ އިތުރުގަޑި ނެގުމަށެވެ. ނަޖީއަކަށް ވާނީ ކަސްރަތާ ދުރުހެލިވާން ދަސްވުމެވެ. އެކަމުގެ ސަބަބުން އަވަހަށް ހަށިގަނޑުގެ ދުޅަހެޔޮކަން ގެއްލިދިއުން އެކަށީގެންވެއެވެ. ސްކޫލުގެ ކަރުކިއުލަމަށް އޮންނަނީ ކަސްރަތު ވައްދައިފައެވެ. އެހެންކަމުން ސްކޫލުގެ ދުވަސްވަރު އެކަންކުރެވެއެވެ. ނަމަވެސް ސްކޫލު ނިމިގެން ސިވިލް ސާވިސަށް ވަނުމަށްފަހު އެ ކަންކުރުމުގެ ފުރުސަތެއް އެވަޒީފާއަކުން ނުލިބެއެވެ. އެހެންކަމުން ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޓަކައި ސިވިލް ސާވިސްގެ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތައް ވަޒިފާގެ ތެރެއަށް ވެއްދުން މުހިންމެވެ. އަދި ސިއްހަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުން ވެސް މުހިންމެވެ. މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުމެވެ. ނުވަތަ ސިނގިރެޓު ބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުން ފަދަ ކަންތައް ކޮށްގެން ސިވިލް ސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.

ތިނެއް: ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތި ތަންތަނުގައެވެ. އެކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވުން ގާތެވެ. ދިރިއުޅޭ ތަން ތޯހިރުވެ ލުއިފަސޭހަވުމަކީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެ ގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުން މުހިންމު ކަމަށް ފެނެއެވެ. އޭގެތެރޭގައި މިސާލަކަށް އިމާރާތާއި ކޮޓަރިތަކުގެ ބޮޑުމިން ފަސްތަރީގެ މިންގަނޑަށް ހުރުމާއި ކޮންމެ އިމާރާތެއްގައި ޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއި އެ އިމާރާތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރާތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރާތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރާތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނާރާ ފަދަ ތަނެއްގައި ޕަބުލިކު ކޮފީޝޮޕެއް ހިންގޭނެ ޖާގަ ހުރުން ފަދަ ކަންކަމެވެ.

މި މެނިފެސްޓޯއަށް އަމަލުކޮށްފި ނަމަ ހެލްތާއި ޕަބުލިކު ހެލްތުގެ ރޮނގުން ދުނިޔޭގެ އެއް ވަނަ ގައުމަށް ދިވެހިރާއްޖެ ހެދިދާނެ ކަމަށް ފެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ތިޔަކަން ދިވެހިންނަށް ފުރިހަމަކުރުމަކީ ވަރަށް އުނދަގޫކަމެއް! ސަބަބަކީ އަވައްޓެރި އިންޑިއާއަކީ އަހަރެމެން ދިވެހީންގެ ބޭސްފަރުވާ އެމީހިންގެ މައްޗަށް ބަރޯސާވެފައި އޮންނަން އަބަދުމެ ބޭނުންވާބައެއް. މިކަން ފާހަގަކޮށް ރައީސްޔާމީންގެ ދައުރުގައި ސިއްހީދާއިރާއަށް ފުރަތަމަ ފަހަރަށް އިންގިލާބެއް ގެނުވި. އެކަމުގެ ހަސަދައިގައި އިންޑިއާއިން ދިވެހިންނަށް އިންތިހާއަށް ދަތިކުރި.. މިހިނގާ ފަސްއަހަރު ސިއްހީ ސިޔާސަތު ބަދަލުވެފައިވަނީ އެންމެ ކުރީގެ ހާލަތަށޭ ބިނެވިދާނެ އާސަންދަ ހުސްވެ ހޮސްޕިޓަލްތަކުގެ ކޮންޓްރޯލް އިންޑިއާމީހުންގެ އަތަށް/ ކުޑަހުޅު ރިއްސިޔަސް އިންޑިއާއަށް ދާންޖެހޭގޮތް.. މި ދާއިރާއަށް ގެއްލިފައިވާ އިތުބާރު އަލުންހޯދުމަކީ ހީކުރާވަރަށްވުރެން ބޮޑިކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *