Support Us

ރިޔާސީ އިންތިހާބު 2023:

އަމުދުން މި ވީ ގޮތުން އެންމެ ރަނގަޅު ބޭފުޅަކީ ޤާސިމް

ޓެސްޓުކޮށް، ތަހުލީލުކޮށް ނިމުނީމާ ދެން އޮތީ އޭގެ ނަތީޖާއާ މެދު ބަލައިލުމެވެ. ބޭނުން ވެގެން މި އުޅެނީ ދެ ބުރިޖު އަޅަން ލިބޭ އެހީން އެއް ބުރިޖު އަޅައި އަނެއް ބުރިޖު ތިމަތިމާގެ ޖީބަށް ލާ ބަޔަކު ހެއްޔެވެ؟ ނޫނީ ދެ ހޮސްޕިޓަލު އަޅަން ލިބޭ މަދަދުން އެއް ހޮސްޕިޓަލު އަޅައިފައި އަނެއް ހޮސްޕިޓަލު ތިމަތިމާމެންގެ ފައިކޭޓަށް ލާ ބަޔަކު ހެއްޔެވެ؟ ބާރަ މަގުގައި ތާރު އަޅަން ލިބޭ އިނާޔަތުން ހަ މަގުގައި ތާރު އަޅައިފައި އަނެއް ހަ މަގު ތިމާމެންގެ ބަނޑުތެރެއަށް ލާ ބަޔަކު ހެއްޔެވެ؟ ދައުލަތުގެ ބަޖެޓުން ނުސީދާގޮތުން "ވައްކަން" ކުރާ ބައެއް ހެއްޔެވެ؟ އެކި ނަންނަމުގެ އެކައުންޓުތަކަށް ފައިސާ ބަދަލުކޮށް ނަގުދު ދޮވެ އިސްތިރިކޮށް އެއިން އައު ނަގުދު އުފައްދާ ބަޔަކު ހެއްޔެވެ؟ ނޫނީ އިރުއިރުކޮޅާ ފައިސާ ޗާޕުކޮށް އިގުތިސާދު ފަނާކުރާ ވިސްނުން ފަސާދަވެފައިވާ ބައެއް ހެއްޔެވެ؟ އެހެންނޫނީ ދިވެހި ރައްޔިތުންގެ އެދުންތަކަށް އޯގާވެރިކަމާ އެކު އިޖާބަދީ ހިތްތިރިކަމާ އެކު ކަންކަން ފުއްދައިދޭ އިޚްލާޞްތެރި ބަޔަކު ހެއްޔެވެ؟

ޝައްކެއް ނެތެވެ! ދިވެހީން ބޭނުން ވަނީ ދިވެހި ރައްޔިތުންގެ އެދުންތަކަށް އޯގާވެރިކަމާ އެކު އިޖާބަދީ ހިތްތިރިކަމާ އެކު ކަންކަން ފުއްދައިދޭ އިޚްލާޞްތެރި ބައެކެވެ. ކޮރަޕްޝަނާއި ފަސާދައިން ހިތްތަކާއި އަތްތައް ތަޣައްޔަރުވެފައި ނުވާ ބައެކެވެ. މިއަދު ރާއްޖެއަށް ބޭނުން ވަނީ މި ފަދަ ވެރީންނެވެ. މިފަދަ ވެރިއެކެވެ. އެ ވެރިޔަކަށް މިއަދު ރިޔާސީ ލިސްޓުން ފެންނަ ހަމައެކަނި ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމެވެ. ޤާސިމަކީ ވަރަށް ތަސައްވަރީ (ވިޜަނަރީ) ބޭފުޅެކެވެ. އެ މަނިކުފާނުގެ މާލީ ވަޒީރުކަމުގެ ދުވަސްވަރުގެ ޚިދުމަތުން ވަރަށް ސާފުސާފުކޮށް މި ކަން އެނގެއެވެ.

ދާއިރާތަކުން ރާއްޖެއަށް އެ މަނިކުފާނު ގެންނަވައިފައިވާ ތަރައްގީ ދިވެހި ރައްޔިތުން ވަޒަންކުރަންޖެހެއެވެ. ދިވެހި އެތައް ދަރީން ތައުލީމުން ޒީނަތްތެރި ކުރެއްވި އެ ފަދަ އެތައް ބައެއްގެ މަދަދުވެރިޔާކަން ދިވެހިން ދަންނަން ޖެހެއެވެ. އެތައް ކުއްޖަކަށް ކިޔަވައިދެއްވިއެވެ. އެތައް ބަޔަކަށް ސްޓަޑީ ލޯނު މާފުކޮށްދެއްވިއެވެ. އަދި ސަރުކާރުތަކުން ސްޓަޑީ ލޯނު ނަގައިގެން ކިޔަވާ އެތައް ބަޔަކަށް އެ ލޯނު ދެއްކުން ދަތިވެފައި ވީ އެތައް ބަޔަކަށް އެ ލޯނު ވެސް ދެއްކެވިއެވެ. ބަދަލެއް ނެތި ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. ދިވެހި ރައްޔިތުން ދެކެ ހަގީގީ ލޯތްބެއް އެ ހިތެއްގައި ނެތި މި މޭރުމުން ޚިދުމަތް ކުރާ ދެވަނަ ބޭފުޅެއް ރިޔާސީ ލިސްޓަކުން ނުފެނެއެވެ. އޮނަރަބަލް ޤާޞިމަކީ ހިތްޕުޅު އޯގާވެރި، ރައްޔިތުންގެ މައްޗަށް ކުލުނު ހުރި އިންސާނެކެވެ. ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތް ބޭފުޅެކެވެ.

ނިކަން ވިސްނާށެވެ! ވޭތުވެދިޔަ ކޮންމެ ސަރުކާރެއް ގާއިމުވެފައިވަނީ އޮނަރަބަލް ޤާޞިމް އިބްރާހީމުގެ ތާއީދާއި އެއްބާރުލުމާ އެކުއެވެ. އެ މަނިކުފާނާ ނުލައި ވެރިކަން ކުރެއްވުނު ރައީސަކު ނެތެވެ. އެހެން ނޫނީ ދައުރުގެ ވަކި ހިސާބަކުން ރަނގަޅަށް ހަމަޖެހިލެވުނީމާ އެ މަނިކުފާނު ބާއްވަވަނީ ޖަލުގޮޅީގައެވެ. ސިޔާސީ މި "ގަނޑު" އެ މަނިކުފާނު ގަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއީ އެ މަނިކުފާނު ލައްވަވައި ބަޔަކު ކުރުއްވާ ކަމެކެވެ. އެ މަނިކުފާނުގެ ހަގީގީ ގާބިލިއްޔަތާއި އެ މަނިކުފާނުގެ ލީޑަރޝިޕް ސީދާ ގޮތުން ވަޒަން ކުރަން އެބަ ޖެހެއެވެ. ދިވެހި ޤައުމަށް އެ މަނިކުފާ ޚިދުމަތް އެބަ ކުރައްވައެވެ. ގައުމު ތަރައްގީ ކުރައްވަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިވެދެއްވައެވެ. އެންމެ ބޮޑު އެއް ކަމަކީ މީހުން ބިނާ ކުރުމެވެ. ޢިލްމާއި ހިކުމަތުގެ ގޮތުން ވިސްނަން ދަންނަ ސިކުނޑިތައް އުފެއްދުމެވެ. މިކަން އެ މަނިކުފާނު ނޫން އެހެން އެއްވެސް ބޭފުޅަކު ކުރައްވާ ތަނެއް ނުފެނެއެވެ.

ރިޔާސީ ރޭހުގެ ލިސްޓުން އެންމެ ފާހަގަކުރެވޭ، އެންމެ އާރުލާ، އެންމެ ނަތީޖާ ނެރުއްވައިފައިވާ ބޭފުޅަކީ ޤާޞިމެވެ. އެ މަނިކުފާނުގެ ކާމިޔާބު މަސައްކަތްޕުޅު ފެންނާން ނެތް އެއް ދިމާއެއް ވެސް ނެތެވެ. އެއީ މަކަރެއް، ޔަހޫއްޖެއް ނެތް ތަރައްގީއެކެވެ. އެ މަނިކުފާނެއް ދިވެހި ރައްޔިތުންގެ ޚަޒާނާއަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އެއީ ހަމަ ކޮންމެ ދިވެއްސަކުމެ ގަބޫލުކުރާ ހަގީގަތެކެވެ. މިހެންވީމާ އަޖުމަ ބަލައިލުމުގެ ގޮތުން ވެސް މި ފަހަރު އޮނަރަބަލް ޤާޞިމް އިބްރާހީމަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. އަނެއްކާ އޮނަރަބަލް ޤާޞިމްގެ ރަނިންމޭޓަކީ ވެސް ތައުލީމީ، ސިޔާސީ އަދި އެންމެނާ ވެސް ގުޅޭ، ޒުވާން ހިންގުންތެރި ބޭފުޅެކެވެ. ޑރ. އަމީން އިބްރާހީމެވެ. މޮޅު ލިއުންތެރިއެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ކުރީގެ ވަޒީރެކެވެ.

ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް ހޮވަންވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައެކެވެ. ފަސާދަ ނެތް ދައުލެއް ބިނާކުޅައުމަށް ޓަކައެކެވެ. ވަޒީރުން މެދުވެރި ކުރުއްވައި ގޯސް ނަހައްދަވައި ދައުލަތު ހިންގެވުމަށް ޓަކައެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ މުސްތަގިއްލު މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކަށް ޓަކައެވެ. ދިވެހި ޤައުމިއްޔަތު އޭގެ އަމިއްލަވަންތަ ޙަޟާރަތާ އެކު ނެގެހެއްޓުމަށެވެ. އޮނަރަބަލް ޤާޞިމް އިބްރާހިމްގެ ކިބައިގައި މި ކަންކަން ކުރެއްވޭނޭ ބާރާއި އާރު އެބަ ހުއްޓެވެ. ދިވެހި ރާއްޖެ ދެކެފަރިތަ އެންމެ ގިނަ ޢިލްމީ ބޭފުޅުން އެ ތިއްބެވީ އެ މަނިކުފާނުގެ އަރިހުގައެވެ. އެ މަނިކުފާނު އުފައްދަވާ ސަރުކާރެއް ވާނީ ދުރާލައި ވިސްނައި ކަންކަން ރާވައި ތަދުބީރުކުރައްވައިގެން ދިވެހީންނަށް އުފާވެރިކަން ގެނެސްދެއްވާނެ ސަރުކާރަކަށެވެ. ކުރައްވާ ވަޢުދުތައް ބަރާބަރަށް ފުއްދަވާ ސަރުކާރަކަށެވެ. ސާބިތުކަމާ އެކު ކުރިޔަށް ދާނެ ދިވެހިވަންތަ ސަރުކާރަކަށެވެ.

ހަގީގަތުގައި ވޭތިވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެ މަނިކުފާނު ޒާތަކަށް "ގަނާ (ބުލީ) ކުރެއްވީއެވެ." އަދަބުދެއްވައި އަޖަލަށް ހުށަހެޅުއްވީއެވެ. އެހެންނަމަވެސް، އެ މަނިކުފާނަކީ ވެއްޓިވަޑައިގެންފި ނަމަ ތެދުވެވަޑައިގެން ދުވެވަޑައިގަންނަވަން ފިސާރި ރަނގަޅަކަށް އެނގިވަޑައިގަންނަވާ ބޭފުޅަކަށް ވުމުން ކޮންމެ ފަހަރަކު ވެސް ސަލާމަތްވެވަޑައިގަންނަވަނީއެވެ.

މި ހުރިހައި ކަމަކާ މެދު ފުންކޮށް ދިވެހި ރައްޔިތުން ވިސްނައިލަން ޖެހެއެވެ. ބަދަލަކަށް ނަމަށް ވޯޓު ދިނުން ހެޔޮވެގެން ނުވެއެވެ. އެ ދޭންވާނީ ގައުމުގެ މުސްތަގުބަލަށް ވަރަށް ރަނގަޅަށް ވިސްނައިފައެވެ. ހެޔޮ ބަދަލާއި ރަނގަޅު ވެރިކަމަކަށް ޓަކައި މި ފަހަރު އޮނަރަބަލް ޤާޞިމް އިބްރާހިމް ޚިޔާރުކުރެއްވުން ވަރަށް މުހިންމެވެ. ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުން ފެންނަ އެންމެ ހަރުދަނާ، އެންމެ ޚިދުމަތްތެރި އެންމެ ނަމޫނާ ޝަޚުޞިއްޔަތަކީ އޮނަރަބަލް ޤާޞިމް އިބްރާހިމެވެ. ސެޕްޓެމްބަރު 9 ގައި އަތަށް ލިބޭ ވޯޓު ކަރުދާސްކޮޅުގެ ފަސް ވަނައިގައި އޮންނާނީ އެ ނަންފުޅެވެ.