...

Support Us

ކޮލަމް: ސަރަންދީބު

މި ފަހަރު ގާސިމަށޭ؟ އެ ކީއްވެގެނޯ؟

އެއީ ދިވެހި އެތައް ދަރިއަކަށް ކިޔަވައިދެއްވި މަދަދުވެރިޔާއެވެ.

އެއީ އެތައް ދިވެއްސެއްގެ މަތީ ތަޢުލީމުގެ އެހީތެރިޔާއެވެ.

އެއީ އެތައް ޢިލްމުވެރިންނެއް ބިނާ ކުޅަ ހަގީގީ މޭސްތިރިޔާއެވެ.

އެއީ ދިވެހި އެތައް ޢާއިލާއެއްގެ އުފާވެރިކަމާއި ހިނިތުންވުމުގެ ހަގީގީ ބައްޕައެވެ.

އާދޭހެވެ! އޮނަރަބަލް ޤާޞިމް އިބްރާހީމެވެ. އެ މަނިކުފާނު ވަނީ ދިވެހި ޤައުމު ތަރައްގީގެ އެކިއެކި މައިދާންތަކުގައި ކުރިއަރަމުން އަންނަ ކޮންމެ ރޮނގެއްގައި އެ މަނިކުފާނުގެ ދީލަތިކަމާއި އޯގާވެތި ހިޔަލުން ފިނިކަން ދެއްވައިފައެވެ. ޤާޞިމް އިބްރާހީމަކީ ދިވެހި ޤައުމު ދެކެ ވަރަށް ލޯބިފުޅުވާ ދިވެހި މުވާޠިނެކެވެ. ޤައުމިއްޔަތުގެ ކަންކަމުގައި އަބަދުވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ވަރަށް ތެދުވެރި، ވަފާތެރި ބޭފުޅެކެވެ. މިއަދު ރާއްޖެ މި ދެކޭ ޒަމާނީ ޑިމޮކްރަސީ ދޮންވެ ފައްކާ ވުމުގައި އޮނަރަބަލް ޤާޞިމްގެ ދައުރު ވަރަށް ބޮޑެވެ. އެ މަނިކުފާނަކީ ޕާޓީ ނިޒާމަށް ދިވެހި ޖުމުހޫރީ ވެރިކަން ފުރޮޅައިލި އައު ޤާނޫނު އަސާސީ ވުޖޫދުކުޅަ ޚާއްޞަ މަޖިލީހުގެ ރައީސެވެ. ޤާނޫނު އަސާސީ އިސްލާޙު ކުރެއްވުމުގެ ހޫނު ބަޙުސްތަކުގައި ޢިއްޒަތްތެރި މެންބަރުންގެ ވިހަ ބަސްފުޅުތަކާއި ތޫނު ހަމަލާތައް ޚުދު އެ މަނިކުފާނަށް އަމާޒުވި ހިނދު ވެސް އެކަންކަން ބަލައިގެންނެވީ ނުހަނު ކެތްތެރިކަމާއި ހިތްތިރިކަމާ އެކުއެވެ. ޙަޤީޤަތުގައި އެ މަނިކުފާނު ނޫން އެހެން ބޭފުޅަކު އެ މަޤާމުގައި އެ ދުވަހު އިންނެވި ނަމަ އެ ކަން އެހައި އަވަހަށް ނިންމައި ޚަލާޞްނުކުރެއްވުނީސް ކަން ކަށަވަރެވެ.

ވީމާ، އޮނަރަބަލް ޤާޞިމް ފާހަގަކުރެވެނީ އަމާޒެއްގެ މައްޗަށް ކަނޑައަޅުއްވާ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައެވެ. އެ މަނިކުފާނަކީ ޓީމެއްގައި މަސައްކަތް ކުރެއްވުމުގައި ވަރަށް ހަރުދަނާ ލީޑަރެއްކަން އެ މަނިކުފާނުގެ ޙަޔާތްޕުޅުގައި ހިނގައިފައި ހުރި ޒާތީ އަދި ޤައުމީ ކަންކަމުން އެ ކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.

ޤާޞިމް އިބްރާހިމްގެ ދީލަތިފުޅު ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. މިއީ މުޅި ރާއްޖެ ދައްކާ ވާހަކައެކެވެ. މުހުތާދަކު އެ މަނިކުފާނަށް ދިއްކޮށްލި ކޮންމެ އަތެއްގައި އެ މަނިކުފާނު އޯގާވެރި އަތްޕުޅުން ހިއްޕަވައެވެ. އެއީ އެމަނިކުފާނުގެ ރޫހުފުޅުގައި ހިނގާ ހަގީގީ އިހުސާސެކެވެ. މިއިން އަންގައިދެނީ ދިވެހިރައްޔިތުން ދެކެ އެ މަނިކުފާނުގެ ހިތްޕުޅުގައި މާކުރިއްސުރެ އޮތް ލޯތްބެވެ. ކުލުނެވެ.

ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އެތައް ބޭފުޅުންނަކީ އެ މަނިކުފާނުގެ އެހީތެރިކަމުގެ ދަށުން ތައުލީމާއި ތަމްރީނު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އަދުގެ ސިޔާސީ މަސްރަޙަށް ބެއްޔަސް މި ކަން އޮތީ މިހެންނެވެ. އެތައް ޑޮކްޓަރުންނެކެވެ. އެތައް މުދައްރިސެކެވެ. އެތައް ހުނަރުވެރި ފަންނާނުންނެކެވެ. އެތައް ޕީއެޗްޑީ ހޯލްޑަރެކެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި މިހާރު ވެސް ޤާޞިމްގެ ދައުރު އޮތް ފުޅާމިން ބަޔާން ކުރަން ދައްޗެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ގައުމަށް ކުރައްވާ ޚިދުމަތަށް ބައްލަވާށެވެ. ދިވެހި އެތައް ދަރީންނެއް ވަޒީފާ އަދާކުރައްވައެވެ. ތަޢުލީމީ ދާއިރާއަށް ބައްލަވާށެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ނަމުގައި ސްކޫލެއް އެބަ ހިންގަވައެވެ. އެ ތަނުން އަހަރަކު އެތައް ހާސް ދަރީނެއް މަތީ ސާނަވީ ތަޢުލީމު ޙާޞިލްކޮށްގެން އެބަ ނުކުމެވެ. ވިލާ ކޮލެޖުގެ ނަމުގައި ތަޢުލީމާއި ތަމްރީނު ދެއްވާ މަތީތަޢުލީމަށް އާދަޔާ ޚިލާފު މަސައްކަތެއް އެބަ ކުރައްވައެވެ. އަމިއްލަ ފަސްގަނޑުގައި ތިއްބަވައިގެން އެތައް ރޮނގެއްގައި ތައުލީމާއި ތަމްރީނު ލިބިވަޑައިގެން ޤައުމީ ޢަމަލީ މައިދާނަށް އެތައް ސަތޭކަ މުވައްޒަފުން އެބަ ނުކުންނަވައެވެ. އުމުރާނީ ތަރައްގީއާއި ދަތުރުފަތުރާއި މުވާޞަލާތުގެ ދާއިރާއަށް ބެއްޔަސް މި ކަން އޮތީ މިހެންނެވެ. އަދި އިޖުތިމާޢީ ގޮތުންނާއި ސިއްޙީ ގޮތުން ދިވެހިރާއްޖޭގައި ހުރި އެކިއެކި މައްސަލަތައް ހައްލުކުރެއްވުމުގައި ޤާޞިމް އިބްރާހީމް އަދާކުރައްވާ ދައުރު ވަރަށް ބޮޑެވެ. ފަންނީ ގޮތުންނާއި ވަސީލަތުގެ ގޮތުންނެވެ.

ޤާޞިމް އިބްރާހީމަކީ ތަޖުރިބާކާރު ހިންގުންތެރިއެކެވެ. އެއީ ވިލާ ފައުންޑޭޝަނުގެ ބާނީއެވެ. އެއީ ކުރީގެ މާލީ ވަޒީރެވެ. އެމް.އެމް.އޭގެ ގަވަރުނަރެވެ. ސިޔާސީ މައިދާނައި ނަންފުޅު ވިދާ ޤާޢިދެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ތަޖުރިބާ ހުރި ޢިއްޒަތްތެރި އެއް މެންބަރެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަ ބޮޑު ކޮންމެ ބަދަލެއް އަންނަނީ އެ މަނިކުފާނުގެ ދައުރާ އެކުއެވެ. މިގޮތުން އައު ގާނޫނު އަސާސީއާއެކު، 2008ގެ ފަހުން ދިވެހިރާއްޖެ ތަޖުރިބާ ކުރި ކޮންމެ ވެރިކަމެއް ގަރާރުވެ ދެމި އޮތީ އޮނަރަބަލް ޤާޞިމްގެ އެހީތެރިކަމާ އެކުއެވެ. ކޮންމެ ރައީސަކު ރައީސްކަމަށް ވަޑައިގަންނަވަނީ އެ މަނިކުފާނު ކައްތިރިއަކަށް ވިއްދަވައިގެންނެވެ. އެހެނަސް ފަހުން އެ މަނިކުފާނުގެ މަސައްކަތްޕުޅުގެ މަތިން ހަނދުމަފުޅު ނެތިވެ އެ މަނިކުފާނަށް އިހާނެތި އެތައް ގޮތްތަކެއް ވަނީ ހައްދަވައިފައެވެ. މިއަދު މި ދެކޭ ޒަޢާމަތު ގެންނެވުމުގައި ވެސް ޚުދު އެ މަނިކުފާނު ވަނީ ޢަމަލުފުޅުންނާއި ބަސްފުޅުން އެތައް މަސައްކަތްޕުޅެއް ކޮށްދެއްވައިފައެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެންމެން ދަންނަ ހަގީގަތެކެވެ.

ކޮންމެއަކަސް އެއީ އިއްޔެއެވެ. މިއަދު ވެސް ޤާޞިމް އިބްރާހިމް ހުންނެވީ އަޅުގަނޑުމެންގެ ޤައުމާއި ވަޠަނުގެ ޙައްޤުގައެވެ. ދިވެހީންގެ ޙައްޤުގައި ކުރައްވާން ޖެހޭ ކޮންމެ ކަމެއް ވެސް ކުރައްވާން ތައްޔާރަށެވެ. ހިތްވަރުފުޅާ އެކު ވަރުގަދަ ޢަޒުމުފުޅެއްގައެވެ. ކޮންމެ ފަހަރަކު ޤާޞިމްގެ އެހީތެރިކަމާ އެކު އެހެން ބޭފުޅުން ވެރިކަން ކުރައްވަން އަޅުގަނޑުމެން ފުރުސަތުތައް ދީފީމުއެވެ. އެ މަނިކުފާނާ ނުލައި އެކަން އެއްވެސް ބޭފުޅަކަށް ނުކުރެއްވެއެވެ.

ދިވެހި އެތައް ދަރީންނެއްގެ ހުވަފަންތަކުގައި އެ މަނިކުފާނު ވަނީ ކުލަޖައްސަވައިދެއްވައި ޙަޤީޤަތަކަށް ހައްދަވައިފައެވެ. އެތައް ބައެއްގެ އުންމީދުތައް ފުރިހަމަކޮށްދެއްވައިފައެވެ. މިއަދު އެ މަނިކުފާނުގެ ތަސައްވަރު ޙަޤީޤަތަކަށް ހައްދަވަން އަޅުގަނޑުމެން ފުރުސަތު ދެމާތޯއެވެ! އެ މަނިކުފާނު ދިވެހި އެންމެހައި ރައްޔިތުންގެ ގާތުގައި މިއަދު އެދިވަޑައިގަންނަވަނީ އެ މަނިކުފާނަށް މި ފަހަރު ފުރުސަތު ދެއްވުމެވެ. އެ މަނިކުފާނުގެ އުންމީދު ފުރިހަމަކޮށްދެއްވުމެވެ. އެ މަނިކުފާނުގެ ހުވަފެންފުޅު ޙަޤީޤަތަކަށް ހައްދަވައިދެއްވުމެވެ. އެ ހުވަފެންފުޅަކީ، އެ އުންމީދަކީ ދިވެހި ރައްޔތުންގެ އުފާފާގަތިކަމެވެ. ދިވެހިރާއްޖޭގެ ހަގީގީ ތަރައްގީގެ ހިނިތުންވުމެވެ. އެ ހުވަފެންފުޅަކީ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންގެ އުޖާލާ، އުފާވެރި މުސްތަގުބަލެވެ. ސެޕްޓެމްބަރު 9 ގެ ވޯޓުގައި ދެވަނަ ބުރަކަށް ދާން ތަން ނުދެމާތޯއެވެ. ފުރަތަމަ ބުރުން އޮނަރަބަލް ޤާޞިމް އިބްރާހިމް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމަށް ގެންނަމާތޯއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.