Support Us

އެ ދުވަހުގެ ހަނދާން…

ޢިލްމުގެ ކަނޑުން އަފުނޯސްކަށްޓެއްގެ ތުނޑު ތެމޭހައި ތިއްކަރެއް ނަމަވެސް ލިބޭތޯ އެދި އެކަމަށް ހުރި ދަހިވެތިކަމުގައި މާލޭގެ ފަސްގަނޑަށް ފޭބުނެވެ. ފަހުގެ ތެރޭގައި ދޮން ފަހާއި ކަޅުފަސް ހުންނަ ފަދައިން ތަޖުރިބާގައި ވެސް އެ ދެ ގޮތް ހުރެއެވެ. މއ. ކާމިނީ ހުޅަނގުގޭ ފާޠިމަތު ޙަސަން (ކާމިނީގޭ ދައްތަ) މިއަދު އަވަހާރަވި ޚަބަރު ލިބުމުން ހިތަށް ކުރުވި އަސަރު ފުނެވެ. އެހެނީ ކާމިނީގޭގައި އެ ދައްތަ އަރިހުގައި އަޅުގަނޑަށް ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް ހިތް ހަމަ ޖެހުނު، ތަރުބިއްޔަތު ލިބުނު ދިރިއުޅުމުގެ ކަންކަން ދަސްވި ދުވަސްތަކެކެވެ. އެއީ ދީންވެރި ތަރުބަވީ މަދަރުސާއެކެވެ. ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ނަމޫނާ ހިޔަލެކެވެ. އާއިލީ ގުޅުންތެރިކަމާއި ރީތި ދިރިއުޅުމުގެ މިސާލެކެވެ. މާތް ﷲ މައްޔިތާއަށް ސުވަރުގޭގެ ހެޔޮ ޖަޒާ މިންވަރުކުރައްވާށިއެވެ!

ތޮއްޑުއަކީ ދަނޑުވެރި ރަށަކަށްވެފައި އަޅުގަނޑުގެ ކުޑައިރުގެ ދުވަސްތައް ބައްދަލުކުރި ގޮތުން މަސްކެނޑުމަކީ އޭރު އަޅުގަނޑު އެ ކަމަށް އެހައި އަހުލުވެރިކަމެއް ނޫނެވެ. ކާމިނީ ހުޅަނގުގެއަށް އައިސް ލައްޓިއެއް ކަނޑަން ޖެހުނު ދުވަހެކެވެ. އަޅުގަނޑު އެކަމާ އުޅުނު ހާލު ދެކެވަޑައިގެން އަޅުގަނޑަށް މަސްކަނޑަން ދަސްކޮށް ދެއްވީ ދައްތައެވެ. ވަރަށް ގިނަދުވަސްދުވަހު ބާޒާރުން މަސްގަނެގެން ގެނައިމާ، މަސްކަނޑުއްވަނީ އަމިއްލަ އަތްޕުޅުންނެވެ.

ގޭގައި އަންހެން ކުއްޖަކު ވެސް ހުރެއެވެ. ހަމަ ކިޔަވާން ފައިބައި އިން ކުއްޖެކެވެ. ތަންތަނާ ތަކެތި ސާފުކުރުމުގައި އެ ކުއްޖާއަށް ވެސް މަގުދައްކަވަމުން އަބަދު ވެސް އިސްވެ ހުންނަވަނީ ދައްތައެވެ. ޑަސްބިން ސާފުކުރަން އެ ކުއްޖާ ފަކުރުގަނެއެވެ. އެހެންވެގެން ޑަސްބިން ދޮވެ ސާފުކުރައްވަނީ ސީދާ ދައްތައެވެ.

ބަޒާރަށް ނިކުންނަ އެކިއެކި ފޮތްތައް އަބަދުވެސް އަޅުގަނޑަށް ގެޔަށް ގެނެވެއެވެ. މިއީ ދައްތަ ވަރަށް އުފާފުޅުވާކަމެކެވެ.

[ދައްތަ]އަކީ މަޝްހޫރު ފަނޑިޔާރު ޢަބްދުލްޤައްޔޫމް ސީދީގެ އަނބިކަނބަލުންނެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، އޭރުގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެޓޯލްސް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ދޮންމަންމައެވެ. މިއަދުގެ ތާރީޚަށް ލިޔާ ނަމަ، ރައީސް ޔާމީނުގެ ލޮބުވެތި މަންމައެވެ.

ދައްތަގެ ސުފުރާއަކީ ވެސް ވަރަށް އިންސާފުވެރި ސުފުރާއެކެވެ. އުފަން ބޭފުޅަކާ ގެންގުޅުއްވާ ކުއްޖަކާ ތަފާތެއް ނުކުރައްވައެވެ. އެއް މޭޒުމަތީގައި އެކީގައި އެކައްޗެއް ކެވެއެވެ. ތަފާތުގެ ވާހަކަ ދަންނަވާ އިރު، މާލޭގައި އަޅުގަނޑަށް ކުރެވުނު އެއް ތަޖުރިބާއެއްގައި ގޭގެ ބޭފުޅުން ސީނުކަރައިގެ މާޖެހި ސީނު ތަށީގައި ފަރީއްކުޅުއްވާ އިރު، އަޅުގަނޑުމެން ގެންގުޅޭ ކުދިން ކާން ޖެހެނީ ދަގަނޑުތަށީގައެވެ. އެ ތަށިތައް ބަހައްޓަން ޖެހެނީ ބަދީގޭގައި ހުންނަ ވަކި ފެންޑާގަނޑެއްގެ އަސްކަނިދަށުގައެވެ. ކެވެނީ އެ ބޭފުޅުން ފަރިއްކުޅުއްވާ ނިމިގެން ކޮޓަރިކޮޅުތަކަށް ވަޑައިގަތީމައެވެ. ކާން ލިބެނީ ދެރަކެއުމެކެވެ. ނަމަވެސް މިއަދު ﷲގެ ރަޙްމަތަށް ދަތުރުކުރެއްވި ދައްތަ މުޅިން ތަފާތެވެ.

ކާމިނީ ހުޅަނގުގޭ ދުވަސްތަކާ ގުޅިގެން މިއަދު އާވާ އަނެއް ހަނދާނަކީ ރައީސް ޔާމީނާ ގުޅޭ ދެކަމެކެވެ. ލޭގެ ގޮތުން ގުޅިފައިވާ އާއިލީ މެންބަރަކު އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާ ޚިލާފު އަމަލެއް ކުރެއްވިއެވެ. އޭރު ރައީސް ޔާމީން ހުންނެވީ އެސްޓީއޯގެ ވަޒީފާއެއްގައެވެ. ކޮންމެޔަކަސް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ރިޕޯޓު ކުރައްވައި އެބޭފުޅަކު ޤާނޫނާ ހަވާލުކުރެއްވިއެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުންނަށް ޤުރްއާން ކިޔަވައިއަރުވާން ފުރުޞަތު ދެއްވިއެވެ. އެއް މަސް ހަމަވުމުން އަނބިކަނބަލުން ފާތުން އަގު ކިހާވަރެއްތޯ އެއްސެވިއެވެ. އެއީ ރައީސް ޔާމީން ވިދާޅުވެގެންނެވެ. އަގެއްކިޔާން އަޅުގަނޑަށް ކެރޭނެތޯއެވެ؟ ތިންދުވަސް ފަހުން އަނެއްކާ ފާތުން ވިދާޅުވިއެވެ. ނަސީރު އެހެން ގޭގޭ ކުދިންނަށް ކިޔަވައިދޭ އަގެއް ބުނަން ވިދާޅުވިއެވެ. އެ އަގެއް ނަސީރަށް ދޭން އެންގެވިއެވެ.

ކާމިނީގެއާ ގުޅިގެން މިއަދު އާވާ އަނެއް ހަނދާނަކީ މަމްނޫނު ޢަބްދުލްޤައްޔޫމު (މަންނު)ގެ ހަނދާނެވެ. އެއީ ވެސް ދައްތަގެ ބޭފުޅެކެވެ. މަންނޫނުގެ ކޮޓަރިކޮޅަކީ އަޅުގަނޑާ އަދިވެސް ގޭގައި އެކި އިރަށް އުޅޭ އެކި ކުދިންނަށް ހުޅުވައިލެވިފައިވާ ކޮޓަރިއެކެވެ. އަޅުގަނޑު ޓީވީ ޕްރޮގްރާމުތަކަށް އަރަން ފެށިފަހުން އަދި އޭގެ ކުރިން ވެސް މަޢުހަދުގެ ކިލާސްތަކުގައި އަވަދިނެތިވީ ހިސާބުން ފެށިގެން ވެސް މަންނުގެ ކިބައިން ފާހަގަކުރެވޭ ކަމެކެވެ. އަޅުގަނޑު ސިޓީންގ ރޫމުގައި އިންދައި ނާނިފިއްލަވާން ނުވަތަ ނަމާދަށް އަރައިވަޑައިގަންނަވާން ވިޔަސް އަޅުގަނޑުކުރެން އައްސަވައިލައްވައެވެ. ނަސީރު ތަނަކަށް ދާން އެބަ އޮތް ހެއްޔެވެ؟ މަންނު ފާޚާނާއަށް ވަދެލަން ކަމަށެވެ.

މުސްލިމާ ޢަބްދުލްޤައްޔޫމް، ޢަލްޤީން ޢަބްދުލްޤައްޔޫމް އަދި ބުންޔާމީން ޢަބްދުލްއްޤައްޔޫމުގެ ދީލަތިކަން ވެސް ވަރަށް ބޮޑެވެ.

ކޮންމެޔަކަސް ވާހަކަތައް، ފޮނި ހަނދާންތައް ވަރަށް ގިނައެވެ. ދައްތައަށް ސުވަރުގޭގެ ހެޔޮ ޖަޒާ ދެއްވާށިއެވެ. ދައްތަގެ އާއިލާގެ އެންމެހާ ބޭފުޅުންނަށް ހެޔޮ އެދުމެވެ. ކެތްތެރިކަމަށް އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *