Support Us

ކޮލަމް ސަރަންދީބު:
ރިޔާސީ އިންތިހާބު 2023:

މީގެ ކުރިން ކިންގްމޭކަރެއް- "މިފަހަރު ގާސިމްގެ ފަހަރު"

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން ގާސިމް އިބްރާހިމަކީ ވަރަށް ހާއްސަ ބޭފުޅެކެވެ؛ ރާއްޖޭގެ އެންމެ ރިސޯޓު ގިނަ ކުންފުނީގެ ވެރިޔާއަށް ވާތީއެއް ނޫނެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވާތީއެއް ވެސް ނޫނެވެ. އެއަށްވުރެ މާ ގިނަ ސަބަބުތައް އެބަހުއްޓެވެ.

ގާސިމްގެ މޭސްތިރިކަމުގައި 2008 ވަނަ އަހަރު އެކުލަވައިލި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއް ކާމިޔާބުކުރުމުގައި ވެސް ގާސިމްގެ ހިއްސާ ވަރަށް ބޮޑެވެ. މި ގޮތުން އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު، އެމް.ޑީ.ޕީގެ މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ގާސިމެވެ. އެއީ އެމް.ޑީ.ޕީއާއެކު، ގާސިމްގެ ޖުމްހޫރީ ޕާޓީ ކޯލީޝަން ހަދައިގެންނެވެ.

އެއަށްފަހު 2013 ގައި ބޭއްވި ރިޔާސީ އިންތިހާބު ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވުމުގައި ވެސް ގާސިމްގެ ހިއްސާ ވަރަށް ބޮޑެވެ. އެ ފަހަރު ގާސިމް ކޯލީޝަން ހެއްދެވީ ޕީ.ޕީ.އެމާއެކުއެވެ.

ހަމަ އެގޮތަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމް.ޑީ.ޕީގެ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުގައި ވެސް ގާސިމްގެ ހިއްސާ ވަރަށް ބޮޑެވެ. ރައީސް ސޯލިހަށް އެ އިންތިހާބު ކާމިޔާބު ކުރެއްވުނީ ގާސިމާއެކު ހެއްދެވި ކޯލީޝަންގެ ތެރެއިންނެވެ.

އެހެންކަމުން ފާއިތުވި ތިން އިންތިހާބު ކާމިޔާބުކުރައްވައި، އެ ތިން ރައީސުންނަށް ވެސް މުލީއާގެއަށް ވަދެވަޑައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޝައްކެވެސް ނެތް ގޮތުގައި ގާސިމެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީއެވެ. އެއީ އެންމެން ދަންނަ ހަގީގަތެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކޯލީޝަނާއެކު ގާސިމް (ވ)… -ފޮޓޯ: މީސްމީޑިއާ

ތިން ރައީސުންނަށް މުލީއާގެއިން ފުރުސަތު ހޯއްދަވައިދެއްވި ގާސިމް، މި އަހަރުގެ ރިޔާސީ އިންތިހާބަށް އަތުކުރި އޮޅާލައްވައިގެން ނުކުންނަވައި ހުންނެވީ ދިވެހިންނާއި ދިވެހިރާއްޖެ މުޅީން އެހެން ހަރުފަތަކަށް ގެންދެވުމަށްޓަކައި މުލީއާގެއަށް ވެންނެވުމުގެ އަޒުމުގައެވެ. އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގެންފި ނަމަ، ދަރަނިވެރިވެފައިވާ ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖަހައި، ނިކަމެތިވެފައިވާ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވައެވެ.

އާ ގާނޫނު އަސާސީ އަށްފަހު އައި ތިން ސަރުކާރަށް ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވެއެވެ. ނާޖާއިޒު ގޮތުގައި ދައުލަތުގެ ތިޖޫރީ ބޭނުންކުރެއްވުމުގެ ތުހުތަމެވެ. ނަހަމަ ގޮތުގައި ދައުލަތުގެ ހަރުމުދާ ބަހައިލިކަމުގެ ތުހުމަތެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ރައީސް އޮފީހުން ފުރުސަތު ލިބިވަޑައިގެންފި ނަމަ، ސަރުކާރުގެ ކޮރަޕްޝަނާއި ނާޖާއިޒު ކަންތައްތަކުން ގައުމު ސަލާމަތް ކުރައްވައި، ރައްޔިތުންގެ ޖީބަށް ލުއިފަސޭހަކަން ގެނެސްދެއްވާނެ ކަމަށް ގާސިމް ގެންދަވަނީ ވައުދުވެވަޑައިގަންނަވަމުންނެވެ. ލާރިއެއް ހޯދުމަށްޓަކައި، ދައުލަތުގެ ތިޖޫރިއަށް އަތްނުބާނައްވާނެ ކަމުގައި ޔަގީންކަން ގާސިމް ދެއްވާއިރު، އެކަން ގިނަ ރައްޔިތުންނަށް ވެސް ގަބޫލްކުރެވެއެވެ.

ފެށުނީއްސުރެ ސިޔާސީ އިސްލާހީ ހަރަކާތްތައް ހިންގަވަމުން ގެންދަވާ ގާސިމް ގަބޫލްކުރައްވާ ގޮތުގައި، މިފަހަރަކީ ގާސިމްގެ ފަހަރެވެ. މިހާރު ވެއްޓިފައިވާ އަނދަވަޅުން ގައުމު ސަލާމަތްކުރެއްވޭނީ އެމަނިކުފާނަށެވެ. ގައުމުގެ އިގްތިސާދު އަލުން ނަގައި ކޮޅަށްޖަހައި، ރައްޔިތުން ފުދުންތެރި ބަޔަކަށް ހެއްދެވުމުގެ ފަންޑިތަ އެ މަނިކުފާނަށް ކިތަންމެހާ ވެސް ރަނގަޅަކަށް އެނގިވަޑައިގަންނަވައެވެ. އެންމެ ޒުވާން އުމުރުގައި މަގުމަތީގައި ތެޔޮ ފީފާ ފުރޮޅުއްވަމުން، ވަރަށް އާދައިގެ ގޮތަކަށް ވިޔަފާރީގެތެރެއަށް ވަންނަވައި، ވަރުބަލިވުމެއްނެތި ކުރެއްވި ބުރަ މަސައްކަތުން ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވެވަޑައިގަތުމުގެ އިތުރުން، ފިނޭންސް މިނިސްޓަރުކަމާއި އެމް.އެމް.އޭގެ ގަވަރުނަރުކަން ވެސް ކުރައްވައި އަދި އެންމެފަހުން ދިވެހި ރުފިޔާގައި ސޮއި ވެސް ކުރައްވައިފައިވާ ގާސިމްގެ ކިބައިގައި، އެ ވިސްނުމާއި ކުޅަދާނަކަން ކިތަންމެހާ ރަނގަޅަކަށް ވެސް ހުރި ކަމަށް ގަބޫލްކުރާ މީހުން ވަރަށް ގިނައެވެ.

ފާއިތުވި އިންތިހާބުތަކަށް ބަލާއިރު، ކޮންމެ ލީޑަރަކު ވެސް މުލީއާގެއަށް ވެންނެވުމަށްޓަކައި އެންމެ ފުރަތަމަ ހިއްޕަވާ އަތަކީ ގާސިމްގެ އަތެވެ. އެއީ ދިލަތި އަތެކެވެ. ހަރުދަނާ އަތެކެވެ. އެހެންކަމުން، އުމުރުން 72 އަހަރުގެ ގާސިމްގެ ސިޔާސީ ކެރިއަރުގައި އެ މަނިކުފާނު މިހާތަނަށް ފާހަވެގެން ގޮސްފައި ވަނީ، ކެމްޕޭނަށް ބޮޑު ހަރަދުތައް ކުރައްވައި، ސީޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވައި، އެ ބޭފުޅުންނަށް މުލީއާގޭގެ ގޮނޑިކޮޅު ތަނަވަސްކޮށްދެއްވި "ކިންގް މޭކަރ" އެއްގެ ގޮތުގައެވެ. އެއީ ފާޅުކަން ބޮޑު ގޮތެއްގައި ފެނި، ސާބިތުވާ ކަމެކެވެ. ކުދިބޮޑު އެންމެން ދަންނަ ހަގީގަތެކެވެ.

"ކިންގް މޭކަރ"ގެ އެހީގައި ރައީސް އޮފީހަށް ވެންނެވި ނަމަވެސް، އެ ބޭފުޅުން އޭގެ ފަހުން ގައުމު ހިންގަވަނީ އެ ބޭފުޅަކު ބޭނުންފުޅު ގޮތަކަށެވެ. ގައުމުގެ އިގުތާސީ އަދި އިޖުތިމާއީ ކަންކަން ކުރިއަށް ގެންދެވުމުގައި ގާސިމްގެ ތަޖުރިބާއެއް، ލަފައެއް، އިރުޝާދެއް ބޭނުމެއް ނުކުރައްވައެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް "ކިންގް މޭކަރ" މިފަހަރު ނުކުމެ ހުންނެވީ، ރައްޔިތުން އެ މަނިކުފާނަށް ފުރުސަތު ދީފިނަމަ، ގައުމުގެ ހާލަތު ބަދަލުކުރެއްވުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ. އެ މަނިކުފާނުގެ ދުވަސްވީ ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ތަޖުރިބާގެ އަލީގައި ރައްޔިތުން "ކިންގުންނަށް" ހެއްދެވުމުގެ އުންމީދުގައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ގައުމު ހިންގެވި ގޮތް މިހާރު ވަނީ ރައްޔިތުންނަށް ތަޖުރިބާކުރެވިފައެވެ. ތަޖުރިބާ ނުކުރެވި ވަނީ ހަމައެކަނި ގާސިމެވެ. އެހެންކަމުން ރައްޔިތުން ވަރަށް ފުންކޮށް ވިސްނައި ސެޕްޓެމްބަރު 9 ގައި ގޮތެއް ނިންމާންވީ އެކަމާ މެދުގައެވެ. ގާސިމާއެކު ގައުމުގެ ކުރިމަގާ މެދުގައެވެ. ގާސިމާއެކު ރައްޔިތުންގެ އުންމީދުތަކާ މެދުގައެވެ.