Support Us

އިސްލާމީ އުއްމަތް އައު ގަރުނަކާ ކުރިމަތިލަނީއެވެ.

ނޯޓު: މިއީ ހިޖުރީ 15 ގަރުނު ލައިގަތުމުގެ މުނާސަބަތުގައި، އާދެ، މީގެ ސާޅީސް ފަސްވަރަކަށް އަހަރު ކުރިން، އަޅުގަނޑުގެ ބައްޕަ އަލްމަރުހޫމް އަބްދުއްރަހީމު އަބްދުލް މަޖީދު ލިޔުއްވި މަޒުމޫނެކެވެ. މި މަޒުމޫނުގައި ހުށަހަޅާލެވިފައިވާ ވާހަކަތަކަކީ މިއަދަށް ވެސް ފެތޭ އަދި ފައިދާހުރި ވާހަކަތަކެއް ކަމަށް ފެންނާތީ، ހިޖުރީ އާ އަހަރު ލައިގަތުމުގެ މުނާސަބަތުގައި އަލުން މި މަޒުމޫނު ހުށަހަޅާލަމެވެ. ބައްޕައަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ.

އިސްލާމީ ހަޔާތުގައި، ހިޖުރީ ކޮންމެ ގަރުނެއް ފެށުމަކީ ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ކަމެކެވެ. ހިޖުރައިން އެއް ވަނަ ގަރުނާ ހަމައިން ފެށިގެން ސާދަ ވަނަ ގަރުނުގެ ނިޔަލަށް ވޭތުވެގެން ދިޔަ ހުރިހާ ގަރުނުތަކެއްގައި ވެސް، މިކަމުގެ އަހައްމިއްޔަތުކަން، ތަފާތު ގޮތްތަކާއި ސިފަތަކުގައި ނަމަވެސް، އައީ ފާހަގަކުރެވެމުންނެވެ. އިސްލާމީ ތާރީޚުގައި، ހިޖުރީ ގަރުނުތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިގެން ފާހަގަކުރެވޭ އެންމެ މުހިއްމު ސަބަބަކީ، ޒަމާންތަކާއި ދުވަސްތައް ފާއިތުވެގެން ދިޔުމުގައި އިސްލާމް ދީނަށާއި މުސްލިމުންނަށް ލިބެމުންދާ ހީނަރުކަމާއި ފަނޑުކަން ނެއްތާލެވޭނޭ ފުރުސަތެއް، ކޮންމެ ގަރުނެއްގައި، މާތްﷲ ގެންނަވާނޭކަމަށް އެނގިފައި އޮންނަ އެނގުމެކެވެ. ވޭތުވެގެންދާ ޒަމާންތަކާއި ދުވަސްތަކުގެ ތެރޭގައި އިސްލާމީ ދުނިޔޭގެ އުދަރެހަށް ފެތުރިގެންދާ، ބޯ ހިރަފުސްތަކާއި ބަނަވިލާތަކުން، އިސްލާމް ދީނުގެ އުޖާލާ އިރުގެ އަލިކަމަށް ގެނެވޭ ފަނޑުކަމާއި ފުސްކަން، އަލިކަމާއި ސާފުކަމަށް ބަދަލުވެގެންދާނެ ވަގުތެއް، ކޮންމެ ގަރުނެއްގެ ތެރޭގައި އަންނާނެ ކަމަށް އުއްމަތަށް ލިބިފައި އޮންނަ ޚަބަރެކެވެ. އާދޭހެވެ! އިސްލާމް ދީނުގެ ހުރިހާ ކަމެއް ދިރުވައި ދީން އައުކޮށްދެއްވާނޭ މުޖައްދިދަކު ކޮންމެ ގަރުނެއްގެ ކުރީކޮޅުގައި، މި އުއްމަތަށް ފޮނުއްވައި ދެއްވާނެކަމަށް، މާތް ރަސޫލާ އަންގަވައިފައިވާ އެންގެވުމުކެވެ. ސުނަނު އަބީ ދާވޫދުގައި، އަބޫ ހުރައިރާ ރިވާކުރައްވާ ކީރިތި ރަސޫލާގެ ހަދީޘެއްގައި ވަނީ إن الله يبعث لهذه الأمة على رأس كل مائة سنة من يجدد لها دينها. މިފަދައިންނެވެ. ހަދީޘްގެ މާނައަކީ "ކޮންމެ ސަތޭކަ އަހަރެއްގެ ކުރީކޮޅުގައި، މިއުއްމަތުގެ ދީން ދިރުވައި އައުކޮށްދޭނޭ މީހަކު މާތްﷲ މިއުއްމަތަށްފޮނުއްވައި ދެއްވާނެތެވެ."

ކީރިތި ރަސޫލާގެ މި ބަސްފުޅުގައި އަންގަވައިފައިވާ އެންގެވުމަށްޓަކައި ހިޖުރީ ކޮންމެ ގަރުނެއްގެ ފެށުމަށް، އިސްލާމީ އުއްމަތް އިންތިޒާރުކުރަނީ އިލާހީ ރަހުމަތަކަށް އުއްމީދުކުރަމުންނެވެ. އުއްމަތަށް ކުރިމަތިވެފައިވާ އުނދަގޫ ދަތި މައްސަލަތައް ހައްލުވެ، ހިތްތަކުގައި ދެރަވެ ބަލިކަށިވެފައިވާ އީމާންކަމާއި ހުލިވެ އުވެމުންދާ ދީނީ ރޫހު، އަލުން ދިރި އައުވެގެން ދިޔުމުގެ ހެޔޮ އެދުންތަކާ އެކުގައެވެ. އިސްލާމީ ތަޖުދީދުގެ އައު ދައުރެއް، ތާރީޚު އަލުން އިއާދަކޮށްދޭނޭ ކަމުގެ އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ.

މި ޚާއްސަ މުނާސަބާ… ކުރިވެގެން އަންނައިރު، ވޭތުވެދިޔަ 14 ގަރުނުގެ ތެރޭގައި އިސްލާމީ އުއްމަތް ވޭތުކުރަމުން އައި ދުވަސްތަކުގެ ހަނދާން، ކިތަންމެ ކުރުކޮށް ނަމަވެސް އައުކޮށްލުމަކީ، ދޫކޮށް ނުލެވޭ ފަދަ ބޭނުންތެރި ކަމެކެވެ. ދުނިޔޭގެ މުސްލިމު އުއްމަތް އަދާކުރަމުން އައި ސިޔާސީ ރޯލާއި، އުއްމަތުގެ ހާލަތު ބަދަލުވަމުން އައި ގޮތްތަކުގެ މައްޗަށް ނަޒަރު ހިންގާލުމަކީ، މި މައުޟޫއުގައި އެއްޗެއް ދަންނަވާއިރު، ސަމާލުކަން ދޭންޖެހޭ އެންމެ މުހިއްމު ކަންތަކެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވަމުން އައި، އާދަޔާ ޚިލާފު މުހިއްމު ހާދިސާތަކާއި މުސީބާތްތަކާއި ވެއްޓުންތަކާއި ކާމިޔާބީތައް ހިތަށް ގެނެސް ހަނދާން އައުކޮށްލުމުގެ މަގުސަދުގައެވެ. އިސްލާމީ އުއްމަތުގެ މުސްލިހުންނާއި އުއްމަތުގެ މުޖައްދިދުންގެ މިންނެތް މަސައްކަތްތަކުން، އަގުހުރި ގުރުބާނީތަކުން، ހޯއްދަވައިދެއްވި ނަސްރާއި ފަތަހަތަކުން، އަޅުގަނޑުމެންގެ މިއަދުގެ ދަރީން އިބުރަތެއް ލިބުގަތުމަށްޓަކައެވެ. އައު އަޒުމްތަކާއި ދިރޭ އުއްމީދުތަކުން، ހިތްތަކަށް އައު ރޫހެއް ގެނެސްގަތުމަށްޓަކައެވެ. އަމަލުތަކަށް އައު ހަރަކާތަކެއް ގެނެސްގަތުމަށްޓަކައެވެ. އައު ގަރުނަކަށް ކުރިމަތިލުމުގައި، އުއްމަތުގެ ހަޔާތުގެ އައު ސަފުހާއެއް، ތާރީޚުގައި ފާހަގަކޮށްލުމުގެ ވަރުގަދަ އަޒުމެއް ކަނޑައަޅާލުމަށްޓަކައެވެ.

އިސްލާމީ ތާރީޚުގައި، ވޭތުވެގެންދިޔަ 14 ގަރުނުގެ ތެރޭގައި، އުއްމަތުގެ ވެއްޓުންތަކާއި އެރުންތައް، ކިތަންމެ އުނި ސިފައެއްގައި، ފާހަގަކޮށްލަން ގަސްދުކުރި ނަމަވެސް، މި މަގާމުގެ ދަތިކަން އިހުސާސުކުރެވެއެވެ. ވީމާ، ހަމައެކަނި މުހިއްމު ދެތިން ނުކުތާއެއްގެ މައްޗަށް އިޝާރަތްކޮށްލަމުން ފުއްދާލަމެވެ.

* ތާރީޚުގެ ހުރިހާ ޒަމާނެއްގައި ވެސް، އިސްލާމީ އުއްމަތަށް ކުރިމަތިވާ އެންމެ ބޮޑު ގެއްލުމަކީ، އަދި އުއްމަތަށް ލިބޭ ނާކާމިޔާބީތަކާއި ވެއްޓުންތަކުގެ މައިގަނޑު ސަބަބަކީ، އިސްލާމީ ސޮސައިޓީގެ ތެރޭގައި ޖާހިލިއްޔަތުގެ އަސަރުތައް ފެތުރޭން ފެށުމެވެ. މީސްތަކުންގެ އީމާނާއި އަމަލުތަކުގައެވެ. ޚިޔާލުތަކާއި ފިކުރުގައެވެ. ނަތީޖާއެއްގެ ގޮތުން ފެނިގެންދާ ކަންކަމީ އިސްލާމް ދީނުގެ އަސްލު އުސޫލުތަކާއި ޚިލާފު ވާހަކަތައް ދެކެވޭން ފެށުމެވެ. އިސްލާމް ދީނުގެ މައިގަނޑު އަގީދާތަކާ މެދު، މީސަތަކުންގެ ހިތްތަކަށް ޝައްކުތައް ވަންނާ ފެށުމެވެ. ދީނީ ދެބަސްވުންތަކާއި ޚިލާފުތައް އުފެދި، ދީނީ ތަސައްވުރުތަކުގައި މީސްތަކުން ބައިބައިވެގެން ދިޔުމެވެ.

* ސިޔާސީ ރޮނގަށް ވިސްނާލާއިރު، ޚަލީފާއިންނާއި ރަސްރަސްކަލުންގެ ތެރޭގައި، ވެރިކަމުގެ އުސޫލު ނެތި، ބޭކާރު އިސްރާފުކުރުމާއި ޝާން ޝައުކަތުގެ ޖާހިލީ ޖާހިލީ ސޫރަ އައިސް، ކުޅިވަރާއި މަޖާތައް އަދި "ފީކަޅާ" ކަންތައްތައް އެކުލެވޭ ތަރަފުގެ ހަޔާތް ފެށިގެން ދެއެވެ. އުއްމަތުގެ އިސްލާހާއި ފައިދާއަށްޓަކައި މަސައްކަތްކުރުމަށް ވުރެ އަމިއްލަ އާއިލީ ވެރިކަމެއް ގާއިމުކޮށް ސާބިތުކުރެއްވުމަށް އިތުރު މަސައްކަތާއި ހުރިހާ ސަމާލުކަމެއް ދެވެނީއެވެ.

* އިލްމުވެރިންގެ ތެރޭގައި "އުލަމާއުއްސޫއި" (ނުބައި ގޮތަށް މަގުދައްކާ އިލްމުވެރިންނާއި ދަންނަ ބޭކަލުން) އުފެދި، ޚަލީފާއިންނާއި ރަސްރަސްކަލުންނަށް ޚުޝާމަދުކޮށް، ނިފާގުކަމާއެކު، ވެރިން ރުއްސުމަށްޓަކައި، ދީނީ ފަތުވާތައް ނެރެ، ނިފާގުކަމާއި ދެފުށް ދެގޮތްކަމާ އެކު، ގުރުއާނާއި ހަދީޘް ބަދަލުކޮށް، ތަހުރީފުކުރުން ކަމަށް ހިމެނޭ ކަންތައްތައް ކުރަމުން ގެންދާން ފެށުއެވެ. އަބަދުވެސް، ހުރިހާ ޒަމާނެއްގައި ވެސް، އުލަމާއުއްސޫއުގެ ނުރައްކާތެރިކަމުން އުއްމަތަށް ލިބިފައިވާ ގެންލުންތަކުގެ ބޮޑުކަން ވަޒަން ވެސް ނުވެވޭ ފަދަ ކަމަކަށް ވެގެންދެއެވެ.

މިދެންނެވި މުހިއްމު އަދި މައިނގަނޑު ތިން ނުކުތާއާމެދު ތާރީޚީ ހެކިތަކާއި މިސާލުތައް އިސްލާމީ އުއްމަތުގެ ހަޔާތުން ފާއިތުވެގެން ދިޔަ ސާދަ ސަތޭކަ އަހަރުގެ ދިގު ޒަމާންތަކުގެ ތެރޭން އަޅުގަނޑުމެންނަށް ހޮވާލެވިދާނެއެވެ. އިސްލާމީ އެމްޕަޔަރުގެ ރަން ޒަންމަން ކަމަށް ބެލެވޭ އައްބާސީ ޚިލާފަތާއި އުމަވީ ޚީލާފަތުގެ ޒަމާނުގައި ވެސް، އިސްލާމީ ހަޔާތަށް، ޖާހިލިއްޔަތުގެ އަސަރާއި ނުފޫޒު ފޯރުވޭ ގޮތުގެ ދިރިހުރި މިސާލުތައް ތާރީޚުގައި ވަނީ ފާހަގަކުރެވިފައެވެ. އެކިއެކި ޚަލީފާއިންގެ ދަރުބާރުތަކުގައި ތަމްސީލުވެގެން ދިޔަ ބައެއް ކަންތައްތައް ބަޔާންކުރެވޭ އިރު ހީވަނީ ފުލޯކު ވާހަކައެއްހެންނެވެ. އަދި މިޒަމާނުގެ އޮރިއެންޓަލިސްޓުން އިސްލާމީ ތާރީޚު، ދުނިޔެއަށް ދައްކާލަން ބޭނުންކުރީ މި ދެންނެވި ފަދަ ނޭދެވޭ ބައެއް ކަންތައްތަކެވެ. އެކަންކަމީ މުސްލިމުންގެ ވެރިކަމުގެ ޒަމާނުގައި ހިނގިޔަސް އިސްލާމީ ވެރިކަމާ ގުޅޭ ކަންތައްތަކެއް ނޫނެވެ. މިކަން އެންމެ ހާމަ ގޮތެއްގައި ފާޅުވެގެން ދިޔައީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައި، އާދެ، ހިޖުރައިން އެއް ވަނަ ގަރުނުތެރޭގައި ފެނިގެންދިޔަ އިސްލާހީ މަސައްކަތުންނެވެ. އިސްލާމް ދީނުގެ ފުރަތަމަ މުޖައްދިދެއްކަމަށް، އާދެ، ފުރަތަމަ ގަރުނުގައި ފާޅުވި އިސްލާމް ދީން ދިރުވައި ދެއްވި ބޭކަލެއްގެ ގޮތުން ތާރީޚުގައި ފާހަގަކުރެވުނު އުމަރު ބިން އަބްދުލް އަޒީޒުގެ އަމަލުތަކުންނެވެ.

ބަނޫ އުމައްޔަތުގެ ޚަލީފާއިންގެ ތެރޭގައި ބޮޑުފުޅުވި ނަމަވެސް، އުމަރު ބިން އަބްދުލް އަޒީޒަކީ އޭގެ ފުރިހަމަ މާނައިގައި އިސްލާމީ ވެރިއެކެވެ. އަމިއްލަ ޒާތީ އަޚުލާގާއި އަޅުވެރިކަމާއި ޒާހިދުކަމާއި ވަރައުވެރިކަމަށް ބެލިޔަސް، ޚުލަފާއުއްރާޝިދީންގެ ރީތި މިސާލެއް ދެއްކެވި ވެރިއެކެވެ. އުމަވީ ދައުލަތުގައި، އިސްލާމީ ހަމަތަކާއި ޚިލާފަށް ކުރެވިފައިވާ ހުރި ހުރިހާ ކަންތައްތަކެއް އުވާލައްވައި ހުރިހާ ކަމެއް ވެސް އިސްލާމީ އުސޫލަށް އަޅުވާލެއްވިއެވެ. އޭނަގެ ހުރިހާ މަސްލަހަތެއް ކަމަށް ބެއްލެވި އެއްޗަކީ ހުރިހާ ކަމެއް އިސްލާމީ ހަމަޔަށް އަޅުވާލެއްވުމެވެ. ނުފޫޒު ގަދަ ބާރުގަދަ މީސްތަކުންގެ ތެރެއިން އޭނާ އެޅުއްވި ފިޔަވަޅުތަކަށް ނުރުހޭ މީހުންގެ ނުރުހުމަކަށް ނުބައްލަވައެވެ. އޭނާއާ ހަމަޔަށް ޚަލީފާކަން އައިއިރު ޚިލާފަތަކީ އުމަވީ ޚާންދާނުގެ ވާރުތައެކެވެ. ނަމަވެސް، ޚަލީފާކަމަށް ބައިއަތު ހިފުނު ވަގުތު އެންމެންގެ ތެރޭގައި ނުހަނު ސާފު ސަރީހަކޮށް އިއުލާނުކުރެއްވީ އޭނާއަށް ބައިއަތު ހިފުމަކީ މީސްތަކުންނަށް މަޖުބޫރުކަމެއް ނޫންކަމުގައެވެ. އެ އަޅުވެތިކަމުން މީސްތަކުން މިނިވަންކުރައްވައިފި ކަމެވެ. މީސްތަކުން ބޭނުން މީހަކު ޚަލީފާއަކަށް އިންތިޚާބުކުރައްވާށޭ އެންގެވިއެވެ. އެ ވަގުތު މީސްތަކުންގެ އަމިއްލަ ރުހުމާ އެކު ޚަލީފާއެއް ކަމުގައި އޭނާ އިންތިޚާބުކުރިއެވެ.

ޚަލީފާކަމަށް އިސްވެވަޑައިގަތުމާ އެކު، އެ ޒަމާނުގެ ރަސްރަސްކަލުން ކަމަށް ހިމެނޭ ކިސްރާއާއި ގައިސަރުގެ އަދި މިސުރުގެ ފިރުއައުނުންގެ ޝާހީ އިއްޒަތްތަކާއި ދަރުބާރުގެ ހުރިހާ ރަސްމުތަކެއް ދޫކޮށްލެއްވިއެވެ. އޭގެ ބަދަލުގައި މުސްލިމުންގެ ތެރޭގައި ޚަލީފާއަކު ގެންގުޅުއްވަންވީ ސާދާ ގޮތުގެ އަމަލީ ނަމޫނާ ދައްކަވާލެއްވިއެވެ.

ދެން އެޅުއްވި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އުމަވީ ޚާންދާނުގެ ބޭފުޅުންނަށް ޚާއްސަވެފައިވާ ކަންތައްތަކާއި ތަކެތި އެހެން ހުރިހާ މުސްލިމުންނެކޭ އެއްގޮތަށް ހަމަހަމަކޮށްލެއްވިއެވެ. އުމަވީ ޚާންދާނުގެ އިއްޒަތްތެރި ބޭފުޅުންނަށް ބައިތުލްމާލުން ދެވިފައިވާ މުދާތައް، ޚުދް އޭނާއަށް އެރުވިފައިވާ ތަކެއްޗާއެކު، ދައުލަތުގެ ޚަޒާނާއަށް އަނބުރާ ގެންދެވިއެވެ. ހުއްދަ ނޫން ސިފަތަކުގައި އެކިއެކި މީހުންނަށް ދެވިފައިވާ މުދާތަކާއި ބިންތައް އަނބުރާ އޭގެ ހައްގު ވެރިންނަށް ލިބިދެއްވިއެވެ. މި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޚުދް އޭނާއަށް ލިބިވަޑައިގަތް ގެއްލުންތައް އަންދާޒާ ކޮށްލައްވާށެވެ! ކުރީން، މިސުރުގެ ގަވަރުނަރެއްގެ ގޮތުގައި އޭނާ ހުންނެވި އިރުއްސުރެ، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އާމްދަނީއަކީ ފަންސާސް ހާސް އަސްރަފީއެވެ. ނަމަވެސް، ޚަލީފާއަކަށް ވެވަޑައިގެންނެވުމަށް ފަހު، އޭގެ ބަދަލުގައި، އޭނާ ބޭނުންފުޅު ކުރެއްވީ، އަހަރަކު، ދުއިސައްތަ އަސްރަފީއެވެ. އަމިއްލަ ޚާންދާނުގެ އެއްވެސް އެއްޗެއް ނުހިއްޕަވަތެވެ. ޚަލީފާއެއްގެ ގޮތުން ކަނޑައެޅިގެންވާ މުސާރައެއް ވެސް ބޭނުންފުޅެއް ނުކުރައްވައެވެ. ދިރިއުޅުމުގެ މުޅި ސިފަ ބަދަލުކޮށްލެއްވިއެވެ. ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިން އުޅުއްވީ ޝާހީ ދިރިއުޅުއްވުމެކެވެ. ޚަލީފާއަކަށް ވެވަޑައިގަތުމަށް ފަހު، ފަގީރަކަށް ވެވަޑައިގަތެވެ. އޭނާގެ ސިޔަރަތު ލިޔުނު މީހުން ބަޔާން ކުރަނީ، ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިން އެއްހާސް ދިރުހަމުގެ ހެދުންކޮޅެއް ވެސް ހިތްޕުޅު ހަމަޖެހޭ ކަމަކަށް ނުވެއެވެ. ނަމަވެސް، ޚަލީފާއަކަށް ވެވަޑައިގަތުމަށް ފަހު، ހަތަރު ފަސް ދިރުހަމުގެ ހެދުންކޮޅެއް ވެސް، މޮޅުކަމުން، ހިތްޕުޅާ ހަމަކުރެއްވޭ ކަމަކަށް ނުވިއެވެ.

އަމިއްލަފުޅު އާއިލީ މައްސަލަތައް ހަމަޖެއްސެވުމަށް ފަހު ދެން ކުރިމަތިލެއްވީ ސަރުކާރުގެ މައްސަލަތަކާއެވެ. އަނިޔާވެރި ގަވަރުނަރުންތައް ވަކިކުރައްވައި، އެ ގޮތް މި ގޮތުން، އެ ތަން މި ތަނުން، ހޯއްދަވައިގެން ސާލިހު ރަނގަޅު މީސްތަކުން ހޮއްވަވައި ގަވަރުނަރުކަމުގެ ޚިދުމަތް އަދާކުރުމަށް އިސްކުރެއްވިއެވެ. ހަމައެއް އުސޫލެއް ނެތި، ގާނޫނަކަށް ބެލުމެއް ނެތި، ރައްޔިތުންގެ ފުރާނަތަކާއި މުދަލާއި އަބުރަށް އަރައިގަތުމުގެ ފުރިހަމަ މިނިވަންކަމެއް ލިބިގެން އުޅުނު އާމިލުންތައް ނުވަތަ ވެރިންތައް (ރަށްރަށަށް ފޮނުއްވާފައި ތިބި) ގަވާއިދާއި ގާނޫނަށް ތަބާވުމަށް މަޖުބޫރުކުރެއްވިއެވެ. ސަރުކާރު ހިންގެވުމުގެ ގާނޫނާއި ނުފޫޒާއި ބާރު އަލުން ގާއިމުކުރެއްވިއެވެ. ސަރުކާރަށް ނެގޭ ޓެކްސަތައް ނެންގެވުމުގެ މުޅި ޕޮލިސީ ބަދަލުކޮށްލެއްވިއެވެ. ކުރީގެ އުމަވީ ޚިލާފަތުން ނަންގަވުމުން ގެންދެވި ހުއްދަ ނޫން ހުރިހާ ޓެކްސްތައް މުޅިން ހުއްޓުވާލެއްވިއެވެ. ޒަކާތް ނެންގެވުމުގެ ނިޒާމު އަލުން ބަލުން ހަމަޖައްސަވައި ހިންގާލެއްވިއެވެ. ބައިތުލްމާލަކީ އާންމު މުސްލިމުންގެ ފައިދާއަށްޓަކައި ވަގުފުކުރެވިފައިވާ އެއްޗެއް ކަމުގައި ހިމަނުއްވާލެއްވިއެވެ. މުސްލިމު ނޫން ރައްޔިތުންނާ މެދު ކުރެވިފައިވާ ބޭއިންސާފު ކަންތައްތައް އިންސާފުވެރި ސިފައަކަށް ބަދަލުކޮށްލެއްވިއެވެ. ހުއްދަ ނޫން ގޮތެއްގައި އެ މީހުންގެ އަތުން އަތުލެވިފައިވާ ފައްޅިތައް އަނބުރާ އެ މީހުންނަށް ދެއްވިއެވެ. ޣަސްބުން ފޭރިގަނެވުނު އެ މީހުންގެ ބިންތައް ވެސް އަނބުރާ އެ މީހުންނަށް ލިބިދެއްވިއެވެ. ޝަރުއީ ހަމަތަކުގެ މަތިން އެ މީހުންނަށް ލިބިގެންވާ ހުރިހާ ހައްގުތަކެއް ބަރާބަރަށް ފުރިހަމަކޮށްދެއްވިއެވެ. ނިޔާއާއި އަދުލުއިންސާފު، ސަރުކާރުގެ ތަންފީޒީ ބަޔާ ނުބެހޭ ގޮތެއްގައި މިނިވަންކުރެއްވިއެވެ. މީސްތަކުންގެ މެދުގައި އަދުލަށް ހުކުމް ކުރުމުގެ ގަވައިދުތަކާއި ރޫހު، ޝާހީ އަސަރުތަކާއި ނުފޫޒުން ބޭރު ކުރައްވައި ތާހިރުކުރެއްވުމަށް ފަހު، އިސްލާމީ އުސޫލުތަކާ މުޅިން އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަވާލެއްވިއެވެ.

ދެން އޭނާ ސަމާލުކަން ދެއްވީ އާންމުންގެ އަޚުލާގާއި އަދި އިއުތިގާދީ ކަންތައްތައް އިސްލާހުކުރެއްވުމަށެވެ. މި ކަން ވެސް އިސްލާމީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ހަމަޖެއްސެވިއެވެ. ގުރުއާނާއި ހަދީސާއި ފިގުހުގެ އިލްމުތަކަށް ތޫނު ވިސްނުންތަކުގެ އަހުލުވެރިން ކުރިމަތި ކުރެއްވިއެވެ. މި މަސައްކަތުގައި އޭނަ ހިންގަވާލެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަބޫ ހަނީފާއާއި މާލިކު، ޝާފިއީއާއި އަހްމަދު ބުން ހަންބަލް ފަދަ އިސްލާމީ މުޖްތަހިދުންތައް އިސްލާމީ އުއްމަތަށް ލިބޭނެ ގޮތް މެދުވެރިކުރެއްވިއެވެ.

އުމަރު ބުން އަބްދުލް އަޒީޒުގެ އިސްލާހީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ ދިރިއުޅުމާއި ބައިނަލްއަގުވާމީ ހާލަތުތަކަށް ބަދަލުއަންނާން ފެށިއެވެ. އެއް ރިވާއެއްގައި ރިވާކުރި މީހަކު، އޭނަގެ ރިވާގައި ބަޔާންކުރަނީ [ކުރީގެ އުމަވީ ޚަލީފާއެއްކަމުގައިވާ] ވަލީދުގެ ޒަމާނުގައި ދެ މީހަކު އެއްތަނަށް ޖަމާވެއްޖެ ނަމަ ދައްކާ އުޅޭ ވާހަކައަކީ އިމާރާތްތަކާއި ބަގީޗާތަކާ ބެހޭ ވާހަކައެވެ. [އަދި، ކުރީގެ އެހެން އުމަވީ ޚަލީފާއެއްކަމުގައިވާ] ސުލައިމާނު ބުން އަބްދުލް މަލިކުގެ ޒަމާނަށް އައި ހިނދު، އާންމުންގެ ތެރޭގައި އެންމެ ގިނަ، އަދި މަގުބޫލު ވާހަކައަކަށްވެފައި އޮތީ، ޝަހުވާނީ ކަންތައްތަކާ ބެހޭ ވާހަކަތަކެވެ. ނަމަވެސް، އުމަރު ބިން އަބްދުލް އަޒީޒުގެ ޒަމާން އައުމުން، ދެތިން ހަތަރު މީހަކު އެއްވެއްޖެ ނަމަ، ފެށެނީ ނަމާދު ރޯދައާއި ގުރުއާން ކިޔެވުމުގެ ވާހަކައެވެ. މުސްލިމު ނޫން މީހުންނަށް އޭނާގެ އަސަރު ފެނިގެން ދިޔަ ގޮތަކީ، ވެރިކަމުގެ ކުރުކުރު މުއްދަތެއްގެ ތެރޭގައި [ގާތްގަނޑަކަށް ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި] އެތައް ހާސް ބަޔަކު އިސްލާންވެގެން އައުމެވެ. މިކަމުގެ ސަބަބުން ޖިޒީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ވަރަށް ބޮޑު ބައެއް އުނިވެގެން ދިޔައެވެ.

އެ ދުވަސްވަރު، އިސްލަމުންނާ އެންމެ އިދިކޮޅު ގައުމަކީ ރޯމަން އެމްޕަޔަރެވެ. އުމަރު ބިން އަބްދުލް އަޒީޒާ މެދު އެ މީހުންގެ ޚިޔާލު ހުރިގޮތް އެންމެ ސާފުކޮށް އެނގެނީ، އެބައި މީހުންގެ އެންމެ މަތިވެރިޔާ ޚުދް ގައިސަރުގެ ބަސްފުޅުންނެވެ. އުމަރު ބިން އަބްދުލް އަޒީޒު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ އެކު، ގައިސަރު ވިދާޅުވިކަމަށް ތާރީޚުގައި ލިޔެވިފައި ވެއެވެ. "ރާހިބަކު ދުނިޔެ އަޅާ މީސްތަކުންނާ ވަކިވެ އަޅުކަމާ މަޝްޣޫލުވެގެން އިނަސް އެއީ އަހުރެން އެކަމާ މެދު ހައިރާންވާ ކަމެއް ނޫނެވެ. ނަމަވެސް، އަހުރެން ހައިރާން ވަނީ އެ މީހެއްގެ ފައިދަށަށް މުޅި ދުނިޔެ ދިޔަ ހިނދު، ދުނިޔޭގެ އެއްވެސް ބޭނުމެއް ނެތި، ދެރަ ފަގީރެއްގެ ދިރިއުޅުން ހޭދަކުރި މީހާއާ މެދުގައެވެ."

ހިޖުރީ އެއްވަނަ ގަރުނުގެ މުޖައްދިދު ސައްޔިދުނާ އުމަރު ބިން އަބްދުލް އަޒީޒަށް، ވެރިކަމުގައި ހުންނެވުމަށް ލިބިވަޑައިގަތީ ހަމައެކަނި ދެ އަހަރާއި ހަ މަސް ދުވަހެވެ. މި ދުވަސްކޮޅުގެ ތެރޭގައި، އޭނާ ގެނެސްދެއްވި އިސްލާހުތަކަކީ ސޮސައިޓީއަށް ގެނެވުނު އިންގިލާބެއް ފަދަ ކަމެކެވެ. ދައުލަތާއި މުޖުތަމައަށް އޭނާ ގެނެސްދެއްވި އިސްލާހުތަކުގެ އަސަރު ފެނިގެން ދިޔަގޮތް މި ޒަމާނުގެ މަޝްހޫރު އިލްމުވެރި ލިޔުންތެރިޔަކު އިބާރަތްކުރައްވައިފައި ވަނީ ތިރީގައިވާ ފަދައިންނެވެ.

"ސައްޔިދުނާ އުމަރު ބިން އަބްދުލް އަޒީޒު، އޭނާގެ ވެރިކަމުގެ ދައުރުގައި، ގެނެސްދެއްވި އިސްލާހުތަކާއި ވެރިކަމުގެ އުސޫލު ބަދަލުކޮށް އިސްލާހު ކުރައްވައި، ސަރުކާރުގެ މައްޗަށް އިސްލާމީ ޝަރީއަތް، އަމަލީ ސިފައެއްގައި ހިންގާލުމަކީ، އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކާއި މާލީ ދަތި މައްސަލަތައް ކުރިމަތިވެ، ހައްލު ނުކުރެވޭނޭ އުނދަގޫ އައު މައްސަލަތަކަކާ ދައުލަތަށް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގެ ބިރު، އެ ދުވަސްވަރު، މީސްތަކުންގެ ހިތްތަކަށް ވަދެފައި އޮތެވެ. މި ބަހަނާއަކީ، ދީނާ ދެކޮޅުވެ، ސަރުކާރު ހިންގުމާ، ދިރިއުޅުމުގެ އުސޫލުތައް އިސްލާމީ ހުކުމްތަކާ އެއްގޮތަށް ބަދަލުކޮށްލުމާ މެދު އިއުތިރާޒުކުރާ މީހުންނާއި އަދި ދީނާ ސިޔާސަތު ވަކިކޮށް ދެ އެއްޗަކަށް ހަދާފައި ބޭއްވުމަށް ގޮވާ މީސްތަކުން، ހުރިހާ ޒަމާންތަކެއްގައި ވެސް ދައްކައި އުޅޭ ބަހަނާއެކެވެ. އެ ދުވަސްވަރު، ސައްޔިދުނާ އުމަރު ބިން އަބްދުލް އަޒީޒު ހުންނެވީ، ކުރިމަތިވެދާނެ ކަމަށް ޚިޔާލުކޮށް ބިރުވެތިވެގެން އުޅުނު، މާލީ ގެއްލުންތަކާއި ދަތިތަކާއި، އަދި ދައުލަތަށް ކުރިމަތިވެދާނެކަމަށް ލަފާކުރި ހައްލު ނުކުރެވޭ މަސްއަލަތަކާ ކުރިމަތި ލެއްވުމަށް ފުރިހަމަ ހިއްވަރާއެކު ތައްޔާރުވެ ވަޑައިގެންނެވެ. ޒިންމީންގެ (އިސްލާމީ ވެރިކަމުގެ ދަށުގައި ތިބޭ، ޣައިރު މުސްލިމުންގެ) ތެރެއިން، ގިނަ އަދަދެއްގެ މީހުން އިސްލާމްވަމުން ދާތީ، އެ މީހުންގެ އަތުން ލިބޭ ޖިޒީ ކެނޑި ދައުލަތަށް ލިބޭ އާމްދަނީ މަދުވެދާނެ ކަމުގެ ބިރު އިހުސާސު ކުރެއްވި އާމިލަކަށް ލިޔުއްވި ސިޓީއެއްގައި އެންގެވިއެވެ: 'ހުރިހާ ޒިންމީން އިސްލާމްވެ، އެ މީހުންގެ އަތުން ލިބޭ ޖިޒީ ކެނޑި ދައުލަތުގެ މާލިއްޔަތުގައި އުމަރު ބިން އަބްދުލް އަޒީޒުގެ ޚަރަދު ބެލެހެއްޓޭނޭ ފަދައެއް ނެތި ހިނގައްޖެ ނަމަ، ގޮވާން ކުރައްވައިގެން އަމިއްލަ މަސައްކަތުން ލިބޭ ތަކެތި ފަރިއްކުޅުއްވައި ހެއްދެވުމަކީ، އޭނާ އުފާކުރައްވާ ކަމެކެވެ.'"

އިސްލާމީ ހުކުމްތައް ހުރި ގޮތަށް ހިންގަވާލެއްވުމަށް ހުރަސް އެޅޭ އެއްވެސް މަސްލަހަތެއް، އުމަރު ބިން އަބްދުލް އަޒީޒުގެ ކުރިފުޅުމަތީގައި އޮތްކަމަކަށް ނުހެއްދެވިއެވެ. ކުރިމަތިވެދާނެ ކަމުގެ ބިރު ދެއްކި އިގުތިސާދީ ދަތިތަކާއި މެދުވެރިވެދާނެ ކަމަށް ލަފާކުރި ދައުލަތުގެ ހައްލު ނުވެވޭނޭ މައްސަލަތަކާ މެދު އެއްވެސް ސިހުމެއް ނެތި ހުރިހާ ކަމެއްގައި ހުރިހާ ރޮނގެއްގައި އިސްލާމީ އުސޫލުތަކާއި ހުކުމްތައް ތަންފީޒުކޮށްލެއްވިއެވެ. ނަތީޖާއަކީ ޚިޔާލުކުރި އެއްވެސް ދައްޗެއް ކުރިމަތިވުމެއް ނެތި ހަމަޖެހި، ރައްޔިތުންގެ މެދުގައި ތަނަވަސްކަމާއި ތިޔާގިކަން ފެތުރިގެން ދިޔުމެވެ.

މިހާތަނަށް އެއްވަނަ ގަރުނުގެ މުޖައްދިދު ސައްޔިދުނާ އުމަރު ބިން އަބްދުލް އަޒީޒުގެ ވާހަކަތައް ކުރުކޮށްލުމަށް ފަހު، ފަހުގެ ގަރުނުތަކުގެ މައްޗަށް ނަޒަރު ހިންގާލަމާތޯއެވެ. އިސްލާމީ އުއްމަތް އަބަދުވެސް އޮންނަނީ މުސްލިހުންނާއި މުޖައްދިދުންގެ އަގުހުރި ޚިދުމަތްތައް މެދު ކެނޑުމެއް ނެތި ލިބޭ ގޮތެއްގައިކަން ފާހަގަކޮށްލުމަށްޓަކައެވެ.

އުމަރު ބިން އަބްދުލް އަޒީޒުގެ ވެރިކަމުގެ ދައުރު ނިމިގެން ދިޔުމަށް ފަހު، ދެން އަނެއްކާވެސް އައީ 'އިސްލާމީ ވެރިކަމެއް’ގެ ބަދަލުގައި 'މުސްލިމުން’ގެ ވެރިކަމެއް ތަމްސީލުވެގެން ދިޔަ ދައުރުތަކެކެވެ. އުމަވީ ޚިލާފަތާއި އައްބާސީ ޚިލާފަތުގައި ވެސް އުމަރު ބިން އަބްދުލް އަޒީޒު ފަދަ މިސާލެއް ނުފެނި، ހިޖުރީ ގަރުނުތައް ފާއިތުވެގެން ދިޔައެވެ. ހިޖުރައިން ދެވަނަ ގަރުނާއި ތިންވަނަ ގަރުނުގެ ތެރޭގައި ވެސް އަދި ހަތަރު ވަނަ ގަރުނާއި ފަސް ވަނަ ގަރުނުގެ ތެރޭގައި، ދީނީ މުޖައްދިދުންގެ ޚިދުމަތްތައް މެދު ނުކެނޑި ލިބެމުން އައީ 'މުސްލިމުންގެ ވެރިކަމެއް’ގެ ނަމުން ގަސްދުކުރެވޭ މާނަޔާ ގުޅޭ ސިފައެއްގައެވެ. ޔައުނީ ސިޔާސީ ކަންތައްތަކާއި އިގުތިސާދީ ކަންތައްތަކާއި އަދި އިޖިތުމާއީ ކަންތައްތަކުގައި ވެސް، އިސްލާމީ ހުކުމްތަކުގެ ރޫހާއި މަގުސަދު އަމާޒަކަށް ބަލައިގެން، އިސްލާމީ ހުކުމްތައް އަމަލީ ގޮތެއްގައި ހިންގާލުމަށް ވުރެ ބޮޑަށް، ޚާންދާނީ ވެރިކަމުގެ މަސްލަހަތާއި އަމިއްލަ ޒާތީ އެދުންތަކުގެ މަސްލަހަތާއި ދުނިޔޭގެ ސިޔާސީ ފައިދާތައް އަމާޒަކަށް ހަދައިގެން މުސްލިމުންގެ ނަމުގައި ތިބި ބަޔަކު ހިންގި ވެރިކަމުގެ ދައުރުތަކެކެވެ. 'އިސްލާމީ ވެރިކަމެއް’ގެ ނަމުން ގަސްދުކުރެވެނީ ސިޔާސީ އިގުތިސާދީ އަދި އިޖުތިމާއީ ހުރިހާ ކަމަކާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިސްލާމީ އުސޫލުތަކާއި ޝަރުއީ ހުކުމްތައް އަމަލީ ސިފައަކަށް ގެނައުން، ދައުލަތުގެ ސިޔާސަތާއި ޕޮލިސީ ކަމުގައި ހެދި، އާންމު މަސްލަހަތާއި ފައިދާއާއި އަދި ދައުލަތާއި ސަރުކާރުގެ މަސްލަހަތު ވެސް އޮތީ، އެ ގޮތަށް ވެރިކަން ހިންގުމުގައި ކަމަށް ހަދާ ވެރިކަމެވެ.

ގަބޫލުކުރަން ޖެހޭ ތެދު ހަގީގަތެކެވެ. އިސްލާމީ ތާރީޚުގައި ވޭތުވެގެން ދިޔަ 14 ގަރުނަށް ބަލާއިރު ވެސް، އަގުހުރި މޮޅު ޖަވާހިރުތަކާއި ތަކެއްޗަކީ ފެނުން މަދު، ލިބުން ދަތި އެއްޗެތި ކަމަށް ހިމެނޭ ފަދައިން ނަމޫނާ ކަމަށް ބެލެވޭ 'އިސްލާމީ ވެރިކަމުގެ' ދައުރުތައް ވަރަށް ވެސް މަދެވެ. ނަމަވެސް، އެތައް ގަރުނެއް ފަހުން، އެފަދަ ވެރިކަމުގެ ނަމޫނާއެއް ފެނުނަސް، އޭގެ ލާބަޔާއި ބަރަކާތް، ފަހުން އަންނަ އެތަކެއް ގަރުނަށް ދެމިގެންދެއެވެ. އެ ފަދަ ދައުރުތަކަށް އާންމުންގެ ހިތްތަކުގައި އުފެދޭ ޝައުގުވެރިކަމާއި ލޯބި، ތާޒާކަމާއެކު ދެމިހުރެއެވެ. އަލުން އެފަދަ ދައުރުތައް ދުށުމަށް އެދޭ އެދުންތަކާއި ކުރެވޭ އުއްމީދުތަކާއި، އާންމު ހިތްތަކުގެ ޝައުގުވެރިކަން ފައުޅުކުރެވެމުންދެއެވެ. ހުރިހާ އިރެއްގައި ހުރިހާ ތަނެއްގައި ހުރިހާ ޒަމާނެއްގައި ވެސް މިކަން އޮތީ މި ގޮތުގައެވެ. އާދޭހެވެ! އިސްލާމީ އުއްމަތް އޮންނަނީ އަބަދުވެސް އިސްލާމީ ހަޔާތަކަށް އެދިއެދިއެވެ. އިސްލާމީ ގިޔާދަތަކަށް އުއްމީދުކޮށްކޮށެވެ. އިސްލާމީ ވެރިކަމެއް، ހަގީގަތުގައި ދުނިޔެއިން ދުށުމަށް، އިންތިޒާރުކޮށްކޮށެވެ.

ހިޖުރައިން ދެ ވަނަ ގަރުނުގެ އިސްލާހީ މަސައްކަތްތަކުގައި، އަލްހަސަން އަލްބަސަރީގެ ހިއްމަތާއި މިންނަތް ފާހަގަކޮށްލެވެއެވެ. އެދުވަސްވަރަކީ، އަލްހަސަން އަލްބަސަރީގެ އިތުރުން، ދީނަށް ގޮވާ ވައުޒު ބުނެ ހަދާ އެތައް ބަޔަކު އުޅުނު ޒަމާނެކެވެ. ނަމަވެސް، އެ އެންމެންގެ ތެރެއިން އަލްހަސަން އަލްބަސަރީ، ދީނީ މުސްލިހެއްގެ ގޮތުގައި، ފާހަގަކޮށްލެވުނެވެ. އޭނާގެ އިސްލާހީ މަސައްކަތުގައި، އެ ދުވަސްވަރު، އެކިއެކި ޚަލީފާއިންގެ އަރިސްކަން ލިބިގެން، އިސްލާމީ އުއްމަތުގެ ތެރެއަށް ފެތުރިގެން ދިޔަ މުނާފިގުންނާއި ނިފާގުކަމުގެ މައްޗަށް ސަމާލުކަން ދެއްވިއެވެ. އަދީ ސީދާ ހަމަލަތައް ދެއްވިއެވެ.

އުމަވީ ދައުލަތް ނިމި އައްބާސީ ދައުލަތް ފެށުމާއެކު ވެސް، ވެރިކަމުގެ ނިޒާމަކަށް، އަދި، ސިޔާސަތުގެ ނިޒާމަކަށް ވެސް، މާ ބޮޑު ބަދަލެއް ނާދެއެވެ. ހަމައެކަނި ވެރިކަމުގެ އާއިލާ ބަދަލުވެ، އަޖަމީ ރޫހު ފެތުރިގެން ގޮސްފައި އޮތުން، މި ދައުރުގެ ޚާއްސަ ކަމަކަށް ފާހަގަކުރެވުނެވެ. އަދި ގުރީކު ފިލޯސޮފީ އަރަބި ބަހަށް ތަރުޖަމާ ކުރެވި، ސުރިޔާނީ ބަހުންނާއި، ހިންދީ އަދި ފާރިސީ ބަހުން ހުރި ފަލްސަފާގެ ލިޔުންތަކާއި އެ ނޫނަސް ބައެއް ރޮނގުތަކުގެ އިލްމީ ފޮތްތައް ތަރުޖަމާވެ، މީސްތަކުންގެ ތެރެއަށް ޝާއިއުވުމުން، އިތުރު ފިތުނަތަކެއް އުފެދިގެން ދިޔައެވެ. އައްބާސީ ޚަލީފާއިންގެ ޒަމާނަކީ އިސްލާމީ އަންބަރާތޫރިއްޔަތު [އެންމްޕަޔަރ] އެންމެ ބޮޑުވެ، ރަށްވެހިކަމައި އިލްމީ ތަރައްގީގައި، މުޅި ދުނިޔޭގެ މައްޗަށް މުސްލިމުންގެ ބާރާއި ނުފޫޒު ވެރިވެފައި އޮތް ދުވަސްވަރެކެވެ.

ފާއިތުވެގެން ދިޔަ ހިޖުރީ ގަރުނުތަކުގެ މުސްލިހުންނާއި، ދީނީ މުޖައްދިދުންގެ ވާހަކަތައް ކުރުކޮށް ނިންމާލާއިރު، ހިޖުރައިން ފަސް ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި، އިމާމު ޣަޒާލީގެ ވާހަކަ، ކިތަންމެ ކުޑަ ގޮތަކަށް ނަމަވެސް، ދަންނަވާ ނުލައި ކުރިއަށް ދިޔުން ދައްޗެވެ.

އިމާމު ޣަޒާލީއަކީ ޚުރާސާނުގެ ބޭކަލެކެވެ. އެއީ [މިހާރުގެ] އިރާނުގެ އުތުރުގައި އޮންނަ ތަނެކެވެ. [އޭނާ އުފަންވެވަޑައިގަތީ ޚުރާސާނުގެ ތޫސްއޭ ކިޔޭ ސަރަހައްދުގައި އޮތް ތަބަރާންއޭ ކިޔޭ ރަށުގައެވެ.] މިހާރު އެތަނަށް ކިޔައި އުޅޭ ނަމަކީ މަޝްހަދެވެ. އިމާމު ޣަޒާލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 450 ވަނަ އަހަރުއެވެ. ތައުލިމު ހޯއްދެވުމުގެ ދައުރުތަކަށް ފަހު، އިމާމު ޣަޒާލީ އުޅުއްވީ ކިޔަވައި ދެއްވުމުގެ މަސައްކަތުގައެވެ. އިރާގުކަރައިގެ ބަޣުދާދުގައެވެ. ޣަޒާލީ އިމާމުގެ ދުވަސްވަރަކީ، ދީނީ އިލްމަށްވުރެ އެހެނިހެން ބާވަތް ބާވަތުގެ އިލްމުތައް ކުރިއަރާފައިވާ ދުވަސްވަރެކެވެ. ދިނީ އިލްމުގެ އަގު ދެރަވެފައިވާ ދުވަސްވަރެއްމެއެވެ. ޣަޒާލީގެ އިސްލާހީ މަސައްކަތުގެ ބޮޑުބައި އޮތީ އިލްމީ ރޮނގުގައެވެ. އޭނާ ލިޔުއްވި، إحياء علوم الدين ގައި ދީނީ އިލްމު ދިރުއްވެވުމަށް ވާހަކަތައް ލިޔުއްވާފައި ވެއެވެ.

ޣަޒާލީގެ ދުވަސްވަރުގައި އޮތް ސަރުކާރުތަކަކީ އަމިއްލަ މުސްތަބިއްދު ސަރުކާރުތަކެކެވެ. ރަސްރަސްކަލުންނާއި އެކިއެކި ވެރިންގެ ސިޔާސަތުތަކަށް ތަންގީދުކޮށް އެމީހުން ގެންގުޅޭ މުދަލާއި ފައިސާއާއި މެދު އެއްޗެއް ބުނެ، ކުރާކަންތައްތަކާ ބެހި އުޅުމަކީ ނުރައްކާތެރިކަމެކެވެ. ބައެއް ފަހަރަށް ފުރާނަ ގެއްލި، އަދި އަނެއްބައި ފަހަރަށް ހައްޔަރުވުމާއި، އިހާނެތި ވޭންދެނިވި އުގޫބާތްތަކަށް ހުށަހެޅޭ ކަމެކެވެ. ނަމަވެސް ޣަޒާލީ އިމާމުގެ ލިޔުއްވުންތަކުގައި، ވެރިންނާއި އިލްމުވެރިންނާ މެދު ނުހަނު ސާފު ތަންގީދީ ބަސްތައް ލިޔުއްވައެވެ. إحياء علوم الدين މި ފޮތުގެ ދެ ވަނަ ޖިލްދުގެ 132 ވަނަ ސަފުހާގައި ލިޔުއްވާފައި އޮތް "ޖުމްލަކޮށް ބަލާއިރު ރައްޔިތުން ފާސިދުވެ ގޮސްފައި ވަނީ، ރަސްރަސްކަލުން ނުބައިވެ ފާސިދުވެގެްން ދިޔުމުންނެވެ. ރަސްރަސްކަލުން ނުބައިވެ ފާސިދުވެގެން ދިޔައީ، އިލްމުވެރިން ފާސިދުވުމުންނެވެ. ނުބައި ގާޒީންނާއި ނުބައި އިލްމުވެރިން ނެތް ނަމަ، ވަރަށް މަދު ހާލަތެއްގައި މެނުވީ، ރަސްރަސްކަލުން ނުބައިވެ ފާސިދުވެގެންނެއް ނުދާނެއެވެ. އިލްމުވެރިން ދެކޮޅުވެދާނެތީ ރަސްރަސްކަލުން ބިރުވެތިވާ ކަމަށްޓަކައެވެ."

ކޮންމެއަކަސް އިމާމު ޣަޒާލީއަކީ އިލްމީ ރޮނގުގައާއި ސިޔާސީ ރޮނގުގައާއި އަދި އިޖުތިމާއީ ރޮނގުން އާދަޔާޚިލާފު އިސްލާހުތަކެއް ގެންނެވުމަށް މަސައްކަތްކުރެއްވި ދީނީ މުޖައްދިދެކެވެ. އޭނާގެ އިލްމީ ޚިދުމަތްތައް އަދިއަދާ ޖެހެންދެން އިސްލާމީ ދުނިޔެއަށްަ ލިބިދެނީ ބޭނުންތެރި ފައިދާތަކެކެވެ. ދީނަށް ގެނެސްދެނީ އާ ދިރުމެކެވެ. ދީނީ އިލްމަށް މީސްތަކުންގެ ހިތްތަކުގައި އިތުބާރާއި ގަދަރެވެ.

ޣަޒާލީ އިމާމަށް ފަހުގައި ވެސް އެކިއެކި ގަރުނުތަކުގައި އިސްލާމް ދީނަށް ދިރުން ގެނެސްދެއްވި މުޖައްދިދުން ފެންނަމުންއައެވެ. މިހާރުގެ ސާދަ ވަނަ ގަރުނާ ޖެހެން ދެން ވެސް މެއެވެ. އަޅުގަނޑުމެންނަށް ކުރިމަތިލެވޭ 15 ވަނަ ގަރުނަކީ ވެސް އިސްލާމީ އުއްމަތަށް އާ ދިރުމެއް ލިބުން ނިހާޔަތަށް ބޭނުންވެފައިވާ ދުވަސްވެރެކެވެ.

އާދެ! މިއަދުގެ އިސްލާމީ ދުނިޔެއަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކޮންފަދަ ނިކަމެތި ހާލު ޖެހިފައިވާ ބައެއްތޯއެެވެ؟ އިސްލާމީ އުއްމަތަކީ މިއަދު ވަކި އުއްމަތެއްގެ ގޮތުން ދުނިޔޭގައި އޮތް އުއްމަތެއް ބާވައޭ ހިތްތަކުގައި ސުއާލު އުފެދެއެވެ. ތެދެކެވެ. ނަމުގައި ވިޔަސް، އިސްލާމް ދީނަށް ނިސްބަތްވާ 907 މިލިޔަނަށް ވުރެ ގިނަ އިންސާނުން ދުނިޔޭގައި އުޅެއެވެ. [މި ލިޔުން ލިޔެވިފައި ވަނީ މީގެ 45 ވަރަކަށް އަހަރު ކުރީގައެވެ. މިއަދު، 2023 ވަނަ އަހަރު، އާދެ، ހިޖުރީ 1445 ވަނަ އަހަރު ފެށޭ އިރު، ދުނިޔޭގައި ދެ ބިލިޔަނަށް ވުރެ ގިނަ މުސްލިމުން ދުނިޔޭގައި އުޅޭކަމަށް ތަފާސް ހިސާބުތައް ބުނެއެވެ. އެއީ ދުނިޔޭގެ އަށް ބިލިޔަން އާބާދީގެ ސައްތައިން 25 އެވެ.] އިސްލާމީ ގައުމުތަކެއްގެ ނަމުގައި މިނިވަން 48 ގައުމު މިއަދު ދުނިޔޭގައި އެބަ އޮތެވެ. އެބައި މީހުން ދިރިއުޅޭ ބިންތަކަކީ، ގުދުރަތީ އާމްދަނީގެ ގޮތުން ދުނިޔޭގެ ބިންތަކުގެ ތެރެއިން އެންމެ މޮޅު އެންމެ މުއްސަނދި ބިންތަކެވެ. އެބައި މީހުންގެ ބިންތަކުގައި، މިއަދު، މެޝީންތަކުގެ ލޭ ކަމަށް ހިމެނޭ 'ކަޅު ރަނުގެ' ނުވަތަ ތެލުގެ ތިޔާގިކަން އޮތި ދުނިޔޭގެ އެހެން އެއްވެސް ބައެއްގެ އަތުގައި ނެތް ފަދަ މިންވަރަކަށެވެ. މިފަދަ ހުރިހާ ކަމެއް މިހެން ހުރުމާއެކު ވެސް، އެބައި މީހުންނަކީ ހަމައެކަނި ނަމުގައި މިނިވަންކަމެއް ލިބިފައިވާ ބައެއްކަމަށް ދެންނެވިދާނެއެވެ. އެބައި މީހުންނަކީ އިގުތިސާދީ ގޮތުން ފުރިހަމަ މިނިވަން ބަޔަކަށް ނިހިމެނެއެވެ. އެބައި މީހުންގެ އިޖުތިމާއީ ހަޔާތުގެ ބާރުތައް ވަނީ ރޫޅި ގޮސްފައެވެ. އެއްވެސް ކަމެއްގައި އެއްބަސްވެ، އެކައްޗަކަށް ވެވޭ ދެ ގައުމެއް ނޯވެއެވެ. އެއް ގައުމެއްގައި އެކުވެރިކަމާއި އެކުލެވުން އޮންނަ ދެ ޕާޓީއެއް ނޯވެއެވެ. އަމިއްލަ ޒާތީ މަސްލަހަތުތަކާއި އާއިލީ ފައިދާތައް ފިޔަވައި އަދި އަމިއްލަ ޕާޓީގެ މަސްލަހަތު ނޫން އެއްޗަކަށްޓަކައި ހަރަކާތްތެރިވާ ބަޔަކު ނޫނީ މީހަކު ނޫޅެއެވެ. ބޭރުގެ ބާރުގެ ބާރުތަކާއި ނުފޫޒުތައް އެބައި މީހުންގެ ތެރެއަށް ވަދެ، ގައުމުތައް ވަނީ، ބޭރު މީހުންނަށް ވިކި، އަޅުވެތި ވެފައެވެ. [މިތާގައި، ރާއްޖެވެސް، ޒިންމާދާރު ކުޑަ ގޮތެއްގައި ދަރަނި ނެގުމުގެ ސަބަބުންނާއި އަދި ތަނުގެ ޣަދަރުވެރި ބައެއްގެ އެހީގައި ތަނުގައި ބޭރު ބާރެއްގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރެވެމުން ދިޔުމުގެ ސަބަބުން، މިހާރު އޮތީ ތަނުެގެ އަމިއްލަ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މަގެއްގެ މައްޗަށް ހުށަހެފައިކަން ހިތާމައާއެކު ފާހަގަކޮށްލަން ޖެހެއެވެ.] މިނިވަންކަމުގެ އިހުތިފާލުތައް ފިޔަވައި، މިނިވަންކަމުގެ އަސަރެއް ވެސް ނެތެވެ. އާންމު ރައްޔިތުންނަށް ލިބޭ ހަގީގީ ތަނަވަސްކަމާއި މިނިވަންކަމުގެ ރަހައެއް، ވަހެއް ވެސް ނޯވެއެވެ. ފަގީރުކަމާއި ޖާހިލުކަމާއި، ރަށްވެހިކަމުގެ ރޮނގުން ދަށްކަމުގައި އެބައި މީހުންނަށް ދުނިޔޭގައި މިއަދު ލިބެނީ އެއް ވަނައެވެ. ދާޚިލީ ހަމަނުޖެހުންތަކާއި ފިތުނަތަކާއި ވެރިކަމުގެ އިންގިލާބުތައް އައުމުގައި މިއަދުގެ އިސްލާމީ ގައުމުތަކަކީ ހޮވާލެވޭ މިސާލެކެވެ. ދީނީ އީމާނާއި އަމަލުތަކަށް ބެލިޔަސް އިސްލާމީ ކުލައާއި އަސަރުތައް ފަނޑުވެ ހުލިވެފައި ވަނީ އޭގެ އެންމެ ދަށު ދަރަޖައަށޭ ދެންނެވިޔަސް ކުށަކަށް ނުވާނެއެވެ. އައު ޖީލުތަކުގެ ޒުވާން ދަރިން ދީނަށް އުޅެން ނިސްބަތްވެގެން އުޅުމަށް ވެސް ލަދުވެތިކަމެއް އިހުސާސުކުރެއެވެ. ދީނީ މައިގަނޑު އިއުތިގާދުތަކާ މެދު ހިތުގައި އުފެދިފައިވާ ޝައްކުތަކާއި، ހިތް ހަމަނުޖެހުންތައް ބައެއް މީހުން ފާޅުގައި ދުލުން ބަޔާންކޮށް ވެސް ހަދައެވެ. މުންކަރާތްތައް، ޚާއްސަކޮށް، ޖިންސީ ނަހަމަ ގުޅުންތަކާއި ޚިޔާނަތްތަކާއި ފައިސާގެ ހީލަތްތަކާއި ރިޝްވަތު ދިނުމާއި ހިފުމާއި ދޮގު ހެދުމާއި ދޮގު ހެކި ދިނުމާއި މިނެ ކިރުމުގައި ހީލަތްތައް ހެދުން ފަދަ، އެކަންކަން ފެތުރިގެން ދިއުމުން އުއްމަތަށް ލިބޭ ގެއްލުންތަކާ މެދު ގުރުއާނާއި ހަދީޘުގެ ނައްސުތައް ފެންނާން ހުރި އިޖުތިމާއީ ބަލިތައް މިއަދުގެ އިސްލާމީ ދުނިޔޭގެ، ކޮންމެ މުޖުތަމައެއްގެ ތެރޭގައި ފެތުރި އާންމުވެފައި ވަނީ ބިރުވެރި ވާން ޖެހޭ ފަދަ ދަރަޖައަކަށެވެ. އިސްލާމީ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާއާއި ބައިތުލް މަގްދިސް ވަނީ، ބޭރުގެ ބައެއްގެ އަތް ދަށުގައެވެ. އިސްލާމީ އުއްމަތް ވަނީ ތަފާތު ޒަމްތަކަކަށް ނިސްބަތްވާ ވަކިވަކި އެތައް ގައުމަކަށް ބެހި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގެ ދަށަށް ގޮސްފައެވެ. އާދޭހެވެ! ހިޖުރީ ފަނަރަ ވަނަ ގަރުނަށް އިސްލާމީ އުއްމަތް ކުރިމަތިލާއިރު، ހަގީގީ ސިފައެއްގައި އިސްލާމީ އުއްމަތެއް ދުނިޔޭގައި ވޭ ބާވައޭ ހީވެއެވެ. އިސްލާމީ މިއްލަތުގެ ވުޖޫދެއް އޮތްކަމާ މެދު ޝައްކުކުރެވޭ ހިސާބަށް ހުރިހާ ކަމެއް ވަނީ ބޮއްސުންލާފައެވެ.

މިފަދަ ގޮތެއްގައި ހާލަތު މެދުވެރިވެފައި ވަނިކޮށް، ހިޖުރީ ފަނަރަ ވަނަ ގަރުނު ފެށެނީއެވެ. މުޅި ދުނިޔޭގެ މުސްލިމުން، އެ ދުވަސް، ޚާއްސަ މުނާސަބާއެއްގެ ގޮތުން ފާހަގަކުރުމަށް ކުރިމަތިލަނީއެވެ. މީގެ ކުރިން ދުވަހަކު ވެސް ފާހަގަ ނުކުރެވޭ ފަދަ އާދަޔާޚިލާފު ކުލަގަދަ ގޮތެއްގައެވެ. ކަމުގެ ތެރޭގައި އިސްލާމީ ޚާލިސް ނަޒަރަކުން ބަލާއިރު މުޅިން ހިތްހަމަޖައްސާ ނުލެވޭ ބައެއް ކަންކަން ހުރިކަމަށް ވިޔަސް، މުޅި އިސްލާމީ ދުނިޔެ ވަރުގަދަ އެއް ހަގީގަތެއް ބަޔާންކޮށް ދިނުމަށް މި އަޅަނީ އަގުހުރި މުހިއްމު ފިޔަވަޅެކެވެ. މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންނަކީ އެއް އުއްމަތެއްގެ މީހުންކަން ދުނިޔެއަށް ހާމަކޮށްދެނީއެވެ. އެންމެން އެއްގޮތެއްގައި އީމާންވާ އިލާހީ ފޮތް، ކީރިތި ގުރުއާނުގައި ގައުމުތަކާއި އުއްމަތް ކަނޑައަޅުއްވާލައްވާ ނަޒަރިއްޔާ އަމަލީ ސިފައަކަށް ގެނައުމަށް މަސައްކަތް ކުރެވެނީއެވެ. إن هذه أمتكم أمة واحدة…. (ކަލޭމެންގެ މި އުއްމަތަކީ ހަމަކަށަވަރުން އެއް އުއްމަތެކެވެ.) އަންގަވާ މިއްލީ ނަޒަރަކީ ކޮންމެ ރަށެއްގައި އުޅުނަސް، ކޮންމެ ނަސްލަކަށް ނިސްބަތް ވިޔަސް، ކޮންމެ ބަހަކުން ވާހަކަދެެއްކިޔަސް، މުސްލިމުންގެ ގައުމީ ނަޒަރިއްޔާކަން ފާހަގަކުރަން ފެށެނީއެވެ. މިޒަމާނުގެ ދުނިޔޭގެ މީސްތަކުންގެ މެދުގައި އެއަށް ތަރުހީބުދެވޭ ގައުމިއްޔަތުގެ އަސްލުތައް ކަމަށް ބެލެވެނީ، އެންމެން އީމާންވާ މައިގަނޑު އަގީދާނޫން ކަންތައްތަކެއް ކަމަށް ބެލެވިފައި ވިޔަސް، އިސްލާމީ އުސޫލުގައި ގައުމިއްޔަތުގެ މައިނގަޑު އަސްލެއް ކަމަށް ހިމެނިފައި ވަނީ، އީމާނާއި އަގީދާކަން ބަޔާންކޮށްދެވެނީއެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ. އިސްލާމީ މިއްލަތުގެ ވުޖޫދު އޭގެ ހަގީގީ ސިފައިގައި އޮތްކަން އިއުލާނުކުރެވެނީއެވެ.

އިސްލާމީ އުއްމަތް ހިޖުރީ ފަނަރަ ވަނަ ގަރުނަށް ކުރިމަތިލާއިރު މުޅި އުއްމަތް އިންތިޒާރު ކުރަނީ އިލާހީ ރަހުމަތަކަށެވެ. އުއްމަތަށް ކުރިމަތިވެފައިވާ އުނދަގޫ ދަތި މައްސަލތައް ހައްލުވެ މީސްތަކުންގެ ހިތްތަކުގައި ބަލިކަށިވެ ދެރަވަމުންދާ އީމާންކަމާއި، ހުލިވެ އުވެމުންދާ ދީނީ ރޫހު އަލުން ދިރި އާވެގެން ދިޔުމުގެ ހެޔޮ އެދުންތަކާއެކުގައެވެ. މުޅި އުއްމަތް އެދި ގޮވަނީ އުއްމަތުގެ ކަންތައްތައް އިސްލާހުކޮށްދީ ބޭރު މީހުންގެ އަޅުވެތިކަމާއި ދުޝްމަނުންގެ ނުރައްކާތެރިކަމުން އުއްމަތް ސަލާމަތް ކޮށްދޭނޭ އުއްމަތުގެ ލީޑަރަކަށެވެ. ދެ ވަނަ ސަލާހުއްދީނުލް އައްޔޫބީއަކަށެވެ. ބައިނަލް އަގުވާމީ ދުނިޔޭގައި އިސްލާމީ އުއްމަތުގެ ގަދަރު ހިފަހައްޓައި ދޭނެ ދީނީ މުޖައްދިދަކަށެވެ. ފަނަރަ ވަނަ ގަރުނު ފެށޭ އިރު މުޅި އިސްލާމީ އުއްމަތުގެ ހެޔޮ އުއްމީދުތައް، ޝައުގުވެރި އެދުންތައް، ގުޅިފައި ވަނީ އިސްލާމީ އުއްމަތް ދުނިޔޭގައި އަލުން މަތިވެރި މަގާމަކަށް ގެންގޮސްދޭނޭ މުޅި އުއްމަތުގެ ޒައީމަކަށެވެ.

ސާދަ ވަނަ ގަރުނު ނިމިގެންދާ އިރު، އިސްލާމީ ދުނިޔޭގެ އައު ދިރުމެއް، އައު ހޭލުމެއް ފެށިގެން ދާކަން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިސްލާމް ދީނުގެ ދުޝްމަނުން ވެސް އިހުސާސު ކުރާން ފަށައިފިއެވެ. އާ ޒުވާނުންގެ ތެރޭގައި ދީނީ އިލްމު ކުރިއެރުވުމާއި އިސްލާމީ އުއްމަތް މިނިވަންކުރުމުގެ ރޫހު ހިނގައިގެންފިއެވެ. އިސްލާމީ ދުނިޔޭގެ ބައެއް ތަންތާނގައި އިސްލާމީ އިންގިލާބު ގެނައުމަށް ފާޅުގައި ޖިހާދު ކުރާން ފަށައިފިއެވެ. ކައިރި މުސްތަގުބަލެއްގައި މުޅި އިސްލާމީ ދުނިޔެއަށް އިސްލާމީ އައު ހޭލުމުގެ އަސަރުތައް ވެރިވެގެން ދިޔުމުގެ ނިޝާންތައް ފެންނާނާ ފަށައިފިއެވެ. ފަނަރަ ވަނަ ގަރުނުގެ އައު މުޖައްދިދެއްގެ ފައުޅުވުން ފެނިގެން ދިޔުމުގެ އަލާމަތްތައް ފާހަގަކުރެވޭން ފަށައިފިއެވެ. ހުރިހާ އިސްލާމީ ގައުމުތަކެއްގައި ހެން، އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތީން އަމަލީ ގޮތުން ހިންގާލުމަށް އެދެވޭން ފަށައިފިއެވެ. އަޅުގަނޑުމެންނަކީ ވެސް ކިތަންމެ ކުޑަ ނަމަވެސް އިސްލާމީ އުއްމަތަކަށް ނިސްބަތްވާ ގައުމެއްގެ ގޮތުން، އިސްލާމް ދީނާ ގުޅޭ ރައްޔިތެއްގެ ގޮތުން، އިސްލާމީ ހޭލައިގަތުމުގައި، ހިއްސާ ކުރާން ބޭނުމެވެ. އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުން ވެސް މުސްލިމު ގައުމެއްގެ ގޮތުން މާޒީގެ ދުވަސްތަކުގައި ބޭރުގެ އަޅުވެތި ކަމުން ގައުމު މިނިވަން ކުރި ފަދައިން، ދީނުގެ ދުޝްމަނުންގެ ކިބައިން ވަތަން ސަލާމަތް ކުރި ފަދައިން، މިއަދުގެ ދަރިން ވެސް އެަބައި މީހުންގެ ވާޖިބުތައް އަދާކުރަމަށް ކުރިމަތިލާންވީއެވެ. ގައުމުގެ ހަމަނުޖެހިފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ދީނީ ގޮތުން ތަނަށް ވެރިވެފައިވާ ޖާހިލުކަމާއި ނިކަމެތިކަން، ދެރަކަމާއި އުނިކަން ނައްތާލުމަށް މި ފަނަރަ ވަނަ ގަރުނުގެ ފެށުމާއެކު، އައު ޖޯޝަކާއެކު، މަސައްކަތް ފަށަމާ ހިންގަވާށެވެ. ކެރިގެން ތިބެ ޖިހާދުކުރަން ނިކުންނަމާ ހިންގަވާށެވެ. ސިޔާސީ ރޮނގުންނާއި އިގުތިސާދީ ރޮނގުން، އަދި އިޖުތިމާއީ ރޮނގުންނާއި ދީނީ އިއުތިގާދީ ރޮނގުން އިސްލާހުކުރަން ބޭނުން ވެފައިވާ ހުރިހާ ކަންތައްތައް އިސްލާހުކުރުމަށް ކެރިގެން ތިބެ ކުރިމަތިލަމާ ހިންގަވާށެވެ. ހިޖުރީ ފަނަރަ ވަނަ ގަރުނުގެ ފެށުމާއެކު މުޅި އިސްލާމީ ދުނިޔެ ހަރަކާތްތެރިވާ އައު ހޭލުމުގެ ހަރަކާތްތަކުގައި ބައިވެރިވަމާ ހިންގަވާށެވެ. ކީރިތިވަންތަ މާތްﷲގެ ކިބައިން ނަސްރާއި ކާމިޔާބީގެ ވަރުގަދަ އުއްމީދުތަކާއި ހެޔޮ އެދުންތަކާއި އެކުގައެވެ. މުއުމިނުންނަށް ލިބުން ހައްގުވެގެންވާ ނަސްރަކީ އަޅުގަނޑުމެންގެ ވެސް ހައްގެއްކަމުގެ ވަރުގަދަ އީމާން އައުކުރަމުންނެވެ. وكان حقا علينا نصر المؤمنين. [އަދ، މުއުމިނުންނަށް ނަސްރުދެއްވުމަކީ ތިމަން ރަސްކަލާނގެ މައްޗަށް އޮތް ހައްގެއްކަމުގައި ވެއެވެ.]