Support Us

ކާޅަށް ކޮށައި ކާންދިނުން

ނޯޓެއް: ދުނިޔޭގެ މެދުތެރޭކަނޑޭ ކިޔާ ސަރަޙައްދާއި މިހާރުގެ ޔޫރަޕުން ބޮޑު ބަޔަކާއި އެފްރިކާގެ ބަޔަކާއި އޭޝިޔާ ބައްރުގެ ބަޔެއްވެސް ހިފައިގެން މީގެ ދެ ހާހެއްހައި އަހަރު ކުރިން ވެރިކަން ކުރި ރޯމަނުންގެ ޙަޟާރަތުގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުގެ ބަސްތަކުގެ ތެރެޔަށް ވަދެ، އެ ބަސްބަހުގެ ހަރުބަހުގެ ރަދީފުތަކުގައި ހިމެނިފައިވާ ބަހެއްގައި އޮންނަ ގޮތުގައި، ޙިކުމަތްތެރީންނަށް އެންމެ ލަފުޒަކުން ނުވަތަ އިޝާރާތަކުން ފުދެއެވެ.

މިފަހަރު އަޅުގަނޑު ތިޔަބޭފުޅުން އަރިހު ދަންނަވައިލަން ޤަޞްދުކުރާ ވާހަކަ ދަންނަވައިލެވެން އޮތީ އެކަހަލަ އިޝާރާތަކުންނެވެ. ތަންކޮޅެއް ކުރީ ޒަމާނެއްގައި މީހުން ކިޔައި އުޅުނު ޒާތުގެ ފުލޯކު ވާހަކައެއް އިޝާރާތަކަށް ފުދެންޏާ، އެވަރުން ވާނެ ދެއްތޯއެވެ!

******

ސާމު ކަރައިގެ ކޮންމެވެސް ހިސާބެއްގައި އޮންނަ ރަށެއް ކަމުގައިވާ ފިގުދާނުގައި ރަސްކަލެއް އުޅުއްވިއެވެ. އެރަސްގެފާނުންގެ ރަސްކަމުގެ ކޮއިލުތެރެޔަކީ، އަދި ވަކީން ޚާއްޞަކޮށް ރަސްގެފާނު ރަސްމީކޮށް ދަރުބާރުކުރައްވަން ވަޑައިގެން އިންނަވާ މާލަމަކީ، ދުނިޔޭގެ ޝަހެންޝާހުންވެސް އެތަންތަނަށް ވެދަވަޑައިގެންފައި ޙައިރާންފުޅު ވާނެހައި މޮޅަށް ހަދައި، ރަސްކަމުގެ ޝާނާއި ޝައުކަތު ފިސާރި ރަނގަޅަށް ދައްކުވައިދޭހައި ފެންވަރަށް ޒީނަތްތެރި ކުރެވިފައި ހުރި ތަންތަނެވެ. އެޒަމާނަކީ ރަސްރަސްކަލުންގެ ދަރުބާރުތަކާއި ކިލެގެ ބޭބޭކަލުންގެ ފެންޑާކޮޅުތަކާއި ކަންގަތި ކޮލި ލެއްވި ބޭކަލުންގެ އުނދޯލިގެކޮޅުތަކުގެ ފެންވަރާއި ފަންވަރާ، ރައްޔިތުންގެ ޖިފުޓިތަކުގެ ފަން ފުރާޅުން އެތެރެޔަށް ވެހޭ ވާރެޔާ އަޅައި ކިޔައި އުޅުނު ދުވަސްވަރެއް ނޫނެވެ. އެދުވަސްވަރަކީ ރަސްރަސްކަލުންގެ ވިދާޅުބަސްފުޅަކީ ހިނދުން ހިނދަށް ތަންފީޒުވެގެންދާ ޤާނޫނަށް ވެގެން ދިޔަ، އަމުރު މަޢުރޫފުގެ ދުވަސްވަރެކެވެ. ފުރާޅުކޮޅުތަކާއި ފަންފުރާޅާ އަޅައިކިޔައިފި މީހަކު ބުނި އެއްޗަކާ ރަސްގެފާނުންގެ ގައިކޮޅާނުވުމާ އެއްތަން ވެއްޖެތަ، އެ ވާހަކައެއް އެދެއްކި މީހަކު ކާޅަށް ކޮށައި ކާންދިނުމުގެ ޙުކުމް ކަނޑައެޅިގެން ދިޔުމަކީ އެކަމާ އެހެން އެއްވެސް މީހަކު އެއްޗެއް ބުނާނެ ކަމެއް ނޫނެވެ.

ރައްޔިތުންނާއި ކޮއިލުތެރެޔާ ދެމެދު އެއްވެސް ހިތްހަމަޖެހުމެއް ފާޅުގައި ނުހިނގައި، ސާދާގަރުންނާއި ގާދީގޯނި އެޅި މަޖޫރީންނާ ދެމެދު ހައިޖާނުތަކެއް ނުހިނގައި، އެންމެހައި ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން މަތީ ސިލްމާއި ސަލާމުގައި ފިގުދާނުގައި އެންމެހައި ކަމެއް ހިނގަމުން ދާތާ އެތަކެއް އަހަރު ފާއިތުވަމުން އެބަ އޮވެ ދެއެވެ. ކޮއިލުތެރޭ ތުއްޕުޅު ބޭބޭފުޅުން ޚިތާނުގެ ލެއްވުމާއި، ނާޗަރަންގީ އާއި، ކުޅިސަމާ ބޭއްވުމުގެ ރަސްމިއްޔާތުތަކާއި، ރަށުތެރޭގައި އެކި ބާވަތުގެ ގެރި ބަކަރި ދުއްވުމާއި، ހަވަރުގެރި ނެރެގެން އުޅޭއިރު ޤަބުރުސްތާނަށް ވަނީމާ އެވާ ކުދިކުދި ގެއްލުން ފިޔަވައި މާ ބޮޑު އެހެން ގެއްލުމެއް ނުވެ ދުވަސްތައް އޮވެގެން ދެއެވެ. މިހެން ދެންނެވިޔަސް، ތިމާމެންނާ ނުބެހޭ ކަންކަމާ ބެހި އުޅުނު ސިޔާސަ ފާޑުގެ ދެތިން މީހަކު ހިފިނުހުރެގެން އަނގަ ގަދަވި ދެތިން ފަހަރަކު އެމީހުން ކާޅަށް ކޮށައި ކާން ދެވުނެވެ. އެކަމަކު އެއީ އެހައި ބޮޑު ކަމެއް ކަމަކަށް އެހިސާބުގަނޑުގެ މީހުންނެއް ނުދެކެއެވެ.

ކަން މިހެން އޮއްވައި، ފިގުދާނަށް އެހެންޏާ ނުލިބޭ ވަރުގެ ތަނަވަސްކަމެއްވެސް ލިބިއްޖެއެވެ. އެއީ އާވާރާވެގެން މަގުހިނގަމުން އައިސް ރަށަށް އެރި މަޖޫސީ ސައްޔާޙަކަށް ރަށްބޭރު ވަލުގައި ފަޅައިފައި ހުއްޓައި ފެނުނު އާދަޔާ ޚިލާފު ގަހަކާ ހަމައިން އޮށް އިންދުނު ތަނަވަސް ކަމެކެވެ. ގަހުގެ ފަތް ހުންނަނީ އާދަޔާ ޚިލާފު ބައްޓަމަކަށް ކަމާއި، އެއީ މަޖޫސީންގެ ޤަދީމީ ބޮޑު ފައްޅީގެ އެއް ފާރުގައި ހުންނަ، ޚިޔާލީ ކަމަށް ބުނާ، އެމީހުންނަށް މުޤައްދަސް ގަހެއްގެ ފަތް ހުންނަ ބައްޓަމަށް ހުރި ފަތެއް ކަން މަޖޫސީ ކަލޭގެޔަށް ފާހަގަ ވެގެން، އެގަހުގެ ފަތެއް ހިއްކައިގެން އޭނާގެ ރަށަށް ގެންދިޔައީއެވެ. ދެން ފެނުނީ އިސް ފާދިރީން ތަކެއް ފިގުދާނަށް އައިސް އެއްކަލަ ގަސް ވަށައިލައިގެން ތިބެ ލަވަކިޔައި، ގަސްދޮށުގައި އަލިފާން ގަނޑެއްޖަހައި، މިކަހަލަ ކަންތައްގަނޑެއް ފެށިތަނެވެ. މިވާހަކަ ކޮންމެވެސް ބަޔަކު ފިގުދާނު ރަސްގެފާނުންގެ އަރިހުގައި ދެންނެވީމައި ރަސްގެފާނު ކަންކުރެއްވީ ވަރަށް މޮޅަށެވެ. މަޖޫސީން އެތަނުން ދުރަށް ފައްސަވައިލައްވައިފައި، ވިދާޅުބަސްފުޅު އިއްވެވީ އެގަހުގެ ނަމަކީ "މަޖޫސީ ގަސް" ކަމަށެވެ. އަދި ރަސްގެފާނުންގެ ޚާއްޞަ ހުއްދަ ބަސްފުޅެއް ނެތި ގަހާ ކައިރިވެއްޖެ މީހަކު ކާޅަށް ކޮށައި ކާންދެއްވާނެ ކަމަށެވެ.

މަޖޫސީ ގަހުގެ ކަންކަން ފިގުދާނު ރަސްގެފާނު ހަމަޖެއްސެވީ ވަރަށް މޮޅަށެވެ. މަޖޫސީ މައިގަހުގެ ވަށައިގެން ބޮޑު ފާރެއް ރާނުއްވައިފައި، ގަސް އެތަނެއްގައި ހުރި މުޅި އެ ސަރަޙައްދަކީ ޅިޔަންމަނިކުފާނުންގެ މިލްކު ބިމަކަށް ހައްދަވައިފިއެވެ. "ދަރިދަރި މިރިމިރިޔަށް" ފަތް ލިޔެދެއްވައިފައެވެ. ދެން، ގަހުގެ އެކި އޮފި އޮފީގައި ވެލިބަންނަވައި، ވެލިބެންނެވި ތަންތަނުން މޫ ފޭބީމައި އެ އޮފިތައް ކަނޑުއްވައިގެން ގެންނަވައި، ރަށުގެ ބިން ރަނގަޅު އެކި ހިސާބު ހިސާބުގައި ގޮވާންކޮށްލައިގެން، ގަސް ހައްދައިލައިގެން ބަނޑުފުރާނަ މުއްތިކޮށްލައިގެން އުޅުނު މީސްމީހުން އަތުން އެ ބިންބިން ނަންގައިވައި، އެ ބިންބިމުގައި އެ އޮފިކޮޅުތައް އިންދަވައިފިއެވެ. އަދި އެ ބިންބިން ތިމާގެފުޅު ބޭބޭފުޅުންނަށާއި އެހެން ގޮތްގޮތުން ހަވާސާ އެކި ވަކި ޢިއްޒަތްތެރިންނަށް "ދަރިދަރި މިރިމިރިޔަށް" ފަތް ލިޔެ ދެއްވައިފިއެވެ. އަދި އެތަންތަނަށް އަންނާނެ ކަމަށް ވިދާޅުވި މެހުމާނުންނަށް ތިބެވޭނޭ މެހުމާންސަރާތައް އެތަންތާނގައި ހައްދަވަން މިދެންނެވި ބޭބޭފުޅުންނަށް އެންގެވިއެވެ. މިދެންނެވި ބިންތަކުގައި މަސައްކަތް ކޮށްގެން ކައިގެން ބޮއިގެން އެހައިތަނަށް އުޅުނު ފަގީރުނަށް ބަދަލެއް ނުދެއްވިޔަސް، ކާޅަށް ކޮށައި ކާން ދެވިދާނެތީ އެއްޗެއް ބުނަން ކެރުނު މީހަކު އޭގެތެރޭގައި ހުރި ކަމަކަށް ނުވިއެވެ.

ރަސްގެފާނުންގެ ދުރުވިސްނިވަޑައިގަތުމުގެ ތެރެއިން މިދަންނަވާ މަޝްރޫޢު ހިންގެވުމަށް ފަހު، މަޖޫސީ ގަހުގެ ވާހަކަޔާއި، އެގަހުގެ ފަތުގެ ސޫރަޔާއި، އިސް ފާދިރީންގެ ވާހަކަ ފަތްފުށުގައި ލިޔުއްވައި، ދުނިޔޭގެ އެކި ހިސާބަށް ފޮނުއްވައި، އިސްތިހާރު ކުރެއްވިއެވެ. ނަތީޖާޔަކަށްވީ، ދުނިޔޭގެ އެކި ހިސާބުގައި އުޅޭ މަޖޫސީން ގަނޑު، ބައިބަޔަށް، ފައުޖު ފައުޖަށް ފިގުދާނަށް އަންނަން ފެށުމެވެ. މިމީހުން އައިސް ތިބެން ފެށީ އިސްވެ ދެންނެވި މެހުމާންސަރާތަކުގައެވެ. އެމީހުން އަންނަނީ އެމީހުންގެ ކެއިންބުއިމާއި މުނިފޫހިފިލުވުމަށް ޚަރަދު ކުރަން ރަންރިހީގެ ފައުނުވެސް ހިފައިގެނެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާ ޚާއްޞަ ބާވަތް ބާވަތުގެ ކެއުމާއި ބުއިން ތައްޔާރުކުރާނެ ތަންތަނާއި، އެމީހުން ހިތްފަސޭހަވާނެ ޒާތުގެ އެކި ޚިދުމަތްތައް ދެވޭނެ ތަންތަންވެސް ކުރިން ދެންނެވި "ދަރިދަަރި މިރިމިރި" ބިންތަކުގައި ބިނާ ކުރެވި ހިންގަން ފެށުނެވެ. މިތަން ފެނިގެން އާދަައިގެ މީހަކު އެއިން މަޖޫސީއަކަށް ޚިދުމަތެއް ދީގެން ފައުނެއް ލިބޭތޯ އުޅުމަކީ މަނާކަމެއް ކަމަށާއި، އެކަހަލަ ގޮތަކަށް އުޅެލަން ހިތަށް އެރި މީހެއްގެވެސް އަދަބަކީ ކާޅަށް ކޮށައި ކާންދިނުން ކަމަށް ރަސްގެފާނު ވިދާޅުބަސްފުޅު އިއްވެވި އެވެ.

ފިގުދާނުގެ ރަސްގެފާނުންނަކީ މުށްބާރު، ނުވަތަ ދަހި، ނުވަތަ ބަޚީލުންގެ ދަފްތަރުގައި ނަންފުޅު އޮންނަ ބޭފުޅެއް ނޫނެވެ. ގަނޑުވަރު ތެރޭގެ އެކި ތަންތަން ރޯދަ ޢީދަށް އާބާތުރަ ފިލުވަންވެއްޖެޔޭ ދަންނަވަން ޖެހޭ ޒާތުގެ ބޭފުޅެއްވެސް ނޫނެވެ. އެތަންތަން މަރާމާތް ކުރުމާއި ޒީނަތްތެރި ކުރުމަކީ ރަސްގެފާނުންގެ ޅިޔަންމަނިކުފާނުން ވަކި ބަޔަކާ ޙަވާލުކުރައްވައިގެން ވަރަށް ދީލަތިފުޅު ކީސާޔެއް ދެއްވައިގެން ކުރެވާ ކަންކަމެވެ. ކޮއިލުތެރޭގައި ލަވަކިޔައި، ބެރުޖަހައި، ނާޗަރަންގީ ކުރުމުގެ އެކި ކަންކަން ކޮންމެ ހުކުރު ވިލޭރެޔަކު އޮންނައިރު، އެކަމުގައި އުޅޭ އެންމެނަށް ދައުލަތުގެ ޚަޒާނާއިން ދެއްވާ މަސްހެޔޮ މަޢާޝެއްވެސް އޮވެއެވެ. ރަސްގެފާނުންނަށް ޅެންފަރިހި ދަންނަވައިދޭން ގެންނަވާ އެކި ޖިންސުގެ ކުދީންނަށްވެސް ހަމަ މިފަދައެވެ. މަޖޫސީ ގަސްގަސް ހައްދައިފައި ހުންނަ "ދަރިދަރި މިރިމިރި" ބިންތަކުގައި ހުންނަ މެހުމާންސަރާ ތަކުގައި އެތަނަށް އަންނަ މީހުންނަށް އެނދު ތަންމަތި އަޅައިދީ، ތެޔޮ ދަމައިދީ، މިހެން އުޅޭ އާދައިގެ ދެރަ މީހުންނަށް އެމީހުންގެ ފެންވަރާ ބައްދަލު މުސާރައެއް ދޭންވެސް ރަސްގެފާނު އަންގަވައިފައި އޮވޭ މެއެވެ. އެ މުސާރަ ދޭ ކަމެއް، ނުދޭ ކަމެއް ރަސްގެފާނަށް އަދި އެނގިވަޑައި ނުގަތަސް ހަމަ އެންމެ ރަނގަޅެވެ. މިކަމާވެސް ނުކިއްސަރު ބަހެއް މިދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައި އިއްވައިލީ ހަމަ އެންމެ މީހެކެވެ. އޭނާވެސް ކާޅަށް ކޮށައި ކާން ދެވުނީ ހަމަ ދޭން ވެގެނޭ ބުނެއުޅުނު މީހުުން ގިނައެވެ. އެހެނީ، ފިގުދާނަކީ  އިހަށްވުރެ ތަނަވަސް ތަނެކެވެ. ހަމަގައިމުވެސް، ބޮލަށް ވާރޭވެހޭނެ ފަންފުރާޅެއް ފިގުދާނަކު މިހާރަކު ނެތެވެ. ރަށުގެ އެންމެހައި ފުރާޅުތަކުގައި މިހައިރު އެ ހުރީ އީޓުވެސް ޖަހައިފައި ވިއްޔާއެވެ!

ފިގުދާނުގެ ކަންކަން މިހައި އޮމާން ކަމާއި އަމާން ކަމާއި ސިލްމާއި ސަލާމާއި އެކުވެރިކަން މަތީގައި ތަރައްޤީގެ މަގުގައި ދެމި އޮއްވައި، ރޯމަނުންގެ ރާޖާގެ ކަންފަތްޕުޅު ދޮށުގައި އެމަނިކުފާނުންގެ ކޮންމެވެސް ވަޒީރުބޭފުޅަކު ފިގުދާނުގެ ވާހަކަ ދަންނަވައިފިއެވެ. އިހުގައި ފަން ޖަހައިގެން ބޯހިޔާކުރި ފުރާޅުތަކުގައި އީޓު ޖެހޭނީ ކޮންމެވެސް ގޮޮތަކުން ތަނަވަސް ކަމެއް ލިބޭތީ ނޫންތޯއޭ، އެ ރަށުގެ މަގުމަތީގައި ނާށިގަނޑު ހިފައިގެން ސަލާންޖަހަން ހިނގާ ބަޔަކުވެސް މިހާރަކު ނުއުޅެޔޭ، ކޮއިލުތެރޭގެ ނާޗަރަންގީވެސް ވަރަށް ފުރިހަމައޭ، އަޅުގަނޑު މިއައީ އެ ރަށުގެ ރަސްގެފާނުންގެ ޟިޔާފަތުގައި އުޅެފައޭވެސް ދަންނަވައިފިއެވެ. އަދި މަޖޫސީ ގަސްތަކުގެ ވާހަކަވެސް ދަންނަވައިފިއެވެ. އަދި މަނިކުފާނުންގެ ހިރިޔާ ފާތުރާގެ ދަށަށް މިހައިރު އެރަށް ނުގެންނެވިއްޔާ، އަދި އެރަށުގެ ރަސްގެފާނުންނަކީ މަނިކުފާނުގެ އަތްޕުޅުދަށު ކުޑަތާ ރަސްގެޔަކަށް ނުހައްދަވައިފިއްޔާ، ފަހުން އެކަމާ ހިތާމަފުޅު ކުރައްވާނޭވެސް ދަންނަވައިފިއެވެ. މި އަޑަކީ ފިގުދާނުގެ ރަސްގެފާނުންގެ ކަންފަތްޕުޅަށް އެރި އަޑަކަށް ނުވާތީ، ރޯމަނުންގެ ރާޖާގެ ވަޒީރު ކާޅަށް ކޮށައި ކާކަށް ނުދެވެއެވެ. އެހެން ނޫން ނަމަ…….އެކަމަކު އެކަމުގައި ކައްކާނެ ރިހައެއް ނެތް، ދެއްްތޯއެވެ!

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ރޯމަނުންގެ ރާޖާގެ ފަރާތުން ފޮނުއްވި މަތީ ފެންވަރުގެ ވަފުދެއް ފިގުދާނުގެ ރަސްގެފާނުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވި ތަނެވެ. ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަތް، ރޯމަނުންގެ ރާޖާގެ ޚާއްޞަ ބޮޑު ސަފީރު ފިގުދާނުގެ ރަސްގެފާނުންގެ އަރިހަށް ރަސްމީކޮށް ޒިޔާރަތް ކުރެއްވި ދުވަހަކީ، ހަތް ދުވަސް ކުރިން މުޅި ރަށަށް އެކަން އިޢުލާނު ކުރެވި، މުނާސަބަތާ ގުޅޭ ގިޑިގެތައް ހަދައި، ދިދަފަތި ދަމައި، ކުޑަކުދީން މުނިފޫހިފިލުވައިދޭ ޒާތުގެ ކުޅިވަރުތައް މައިޒާންތަކުގައި ކުޅެން ހަމަޖެހި، މިކަހަލަ މުހިންމު ކަންކަން ހިނގި ދުވަހެކެވެ. ރޯމަނުންގެ ޚާއްޞަ ބޮޑު ސަފީރު ފިގުދާން ރަސްގެފާނުންގެ ފައިންޕުޅުދަށަށް ފަށުއި ސާލުގެ ހަތްދިހަ ސާލު އެއްލެވި ވާހަކަޔަކާއި، ރިހިން ހަދައި، ރަނުން އަތްކަން އަޅައި، ޖަވާހިރު ޖަހައިފައި ހުރި ހަތް ޖޫތީކޮޅު ވެދުމަށް އެރުވި ވާހަކަޔާއި، އިންސާނުންގެ ބަހުރުވައިން މޮށެން ދަންނަ ގުރާ ޖޯޑު ކޮޅަކާއި، ރަތުރަނުން ހަދައި، ރޫމީ ހަލުވާ އަޅައި ފުރައިފައި ހުރި ހަތް މަލާފަތްކޮޅު ވެދުމަށް އެރުވި ވާހަކަޔާއި، މިކަހަލަ ވާހަކަތަކެއް ރަށުތެރެޔަށް ފެތުރިގެން ދިޔަޔަސް، އެވާހަކަ މާ ފާޅުގައި ދައްކާނެ މީހަކު ނުވީ އެއީވެސް ކާޅަށް ކޮށައި ކާންދޭވަރުގެ ކަމަކަށް ވެދާނެތީވެސް ތޯއްޗެކެވެ.

ރޫމީންގެ ޚާއްޞަ ބޮޑު ސަފީރު އެކުރެއްވި ދަތުރުފުޅު ނިންމަވައިފައި ވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވަނީސް ދެން ފެނިގެން ދިޔައީ ކުރިން މިދެންނެވި ކަހަލަ މަޖޫސީ ގަހުގެ އޮފިކޮޅުތަކެއް އިންދަވާންވެގެން ޢާންމު ދަނޑުވެރި ހައެއްކަ މީހުންގެ ބިން އެމީހުންގެ އަތުން އަނެއްކާވެސް ނެންގެވި ތަނެވެ. އަދި އެކަމާ ވިދިގެން ރަސްގެފާނުން އެހެންޏާ ނުކުރައްވާ ޒާތުގެ ކަމެއްވެސް ކުރެއްވި ތަނެވެ. އެއީ، އެ ބިންތައް ނެންގެވީ "ޤައުމީ ތަރައްޤީގެ ޚާއްޞަ ރޮނގެއް" ގެ އެތެރޭގައި އެ ބިންތައް ހިމެނުނީމާ ކަމަށް ވިދާޅުވުމާއި، އެކަމާ ހިތްހަމަނުޖެހޭ މީހަކު ހުރިނަމަ އެމީހަކު ދައްކަން އޮތް ވާހަކައެއް ފަނޑިޔާރު މަނިކުފާނުންގެ އަރިހަށް ހުށައެޅިދާނެ ކަމަށް އިޢުލާން ކުރެއްވުމެވެ. މި ފަހަރު މި އައި ތަފާތެއް މި އައީ ރޯމަނުންގެ ބޮޑު ރާޖާ ފޮނުއްވި ފަތްކޮޅެއް ފިގުދާނެ ރަސްގެފާނުން ވިދާޅުވުމަށް ފަހުގައި ކަމަށް ގަނޑުވަރާ ހަވާސާ ބައެއް މީހުން ސިއްރުސިއްރުން ކިޔައި އުޅުނަސް، އެ ވާހަކަ ފާޅުގައި ދައްކާނެ މީހަކު ނެތެވެ. އެހެންނަމަވެސް، އެގޮތަށް ނެންގެވި ބިންތައް ދެއްވީ ދުރުތާ ތިމާގެ ބައެއް ބޭފުޅުންނަށް ކަމާއި، އެބޭބޭފުޅުން އޭގެ ތެރެއިން ގިނަ ބިންތައް ކުއްޔަށް ދެއްވީ ރޯމަނުންގެ ރާޖާ ފޮނުއްވި ބައެއް ކާފަރުންނަށޯލައޭވެސް ބުނެވުނެވެ. ރަސްގެފާނު އެ އިޢުލާނު ކުރެއްވި ގޮތަށް، "ޤައުމީ ތަރައްޤީގެ ޚާއްޞަ ރޮނގެއް" ކުރެއްސެވުމުން އެ ރޮނގުގެ އެތެރެވެގެން ޢާއިލީ ބިން ގެއްލުނު ދަނޑުވެރީންގެ ތެރެއިން އެކަކު ފަނޑިޔާރު މަނިކުފާނުންގެ އަރިހަށް ދިޔައޭ، އެމީހާ މިހާރަކު ނުފެނެޔޭ، އަނެއްކާ ކާޅަށް ކޮށައި ކާންދެވުނީ ބާވައޭ ބައެއް މީހުން ވަރަށް ސިއްރު ސިއްރުން ކިޔައިލިޔަސް، އެއްވެސް މީހަކު ފާޅުގައި ކާޅަށް ކޮށައި ކާކަށް ނުދެވޭކަން އެންމެނަށްވެސް އެނގެއެވެ. އެނގެން ޖެހޭވެސް މެއެވެ.

ރޯމަނުންނާއި ފިގުދާނާ ދެމެދު ގުޅުންތައް ބަދަހި ވަމުން ދިޔައެވެ. ރޯމަނުންގެ އެކި ޒާތުގެ ފަންނާނުންނާއި ޢިލްމުވެރީންނާއި ފައިލަސޫފިންނާއި ކަންވެރީންނަށް ދާންދެން ފިގުދާނަށް އައިސް، އެ މީސްމީހުންގެ ތަފާތު އެކި ހުނަރު ފިގުދާނުގެ ތަފާތު އެކި ޢުމުރުގެ އެކި ފަންތީގެ މީސްމީހުންނާއި ކުދީންނަށް ދައްކައި، އުނގަންނައިދެމުން ދިޔައެވެ. އެ މީހުންގެ ތާރީޚާއި ޘަޤާފަތާއި ޢިލްމީ މަންހަޖު ތަކާއި ފަލްސަފާތައް ފިގުދާނަށް ގެނެސް، ފަތުރަންވެސް ފެށިއެވެ. މި ކަން މިހެން ހިނގާތީ އެކަމާ ކަންބޮޑުވި ބައެއް މީހުން ފިގުދާނުގައި ތިއްބަސް، އެމީހުންގެ ތެރެއިން އެކި ހިސާބު ހިސާބުގައި އެވާހަކަ ދައްކަން ކެރޭ މީހުން އެވާހަކަ ހިސާބަކަށް ދެއްކިޔަސް، ވާ ކަން އޮތީ ވޭވެއެވެ. ވާހަކަ ދައްކައިގެން ވީކަމެއް ހަރާމޭ ބުނި ބަޔަކުވެސް މަދުމަދުން އުޅުނެވެ. ރޯމަނުންގެ ފަރާތުން ބައިވަރު ތަކެއް ލިބި، އެ މީހުންގެ ހެވަތުން ކައިބޮއި އުޅެން އަލަށް ފެށި މީހުންގެ އަޑު މާގަދައެވެ. އެމީހުން ގަނޑުވަރަށް މާ ހަވާސާއެވެ. އެ ކަން އެހެން އެވަނީ ޚުދު ރަސްގެފާނުންވެސް އެބައިގައި ހިމެނޭތިއްޔޭ ބުނަން ކެރުނު މީހަކު ނެތުނީ ކާޅަށް ކޮށައި ދީފާނެ ކަމުގެ ބިރަށޭ އަމިއްލަޔަށް ބުނަން ކެރުނު މީހަކު ހަމަ ނެތެވެ.

ކަންކަން މިހެން ހިނގަމުން ގޮސް، ފިގުދާނުގައި އެހައިތަނަށް އޮތް ސިލްމާއި ސަލާމާއި ޤައުމީ އެކުވެރިކަން އެއީ ކަމުނުދާ އެއްޗެކޭ، އެއީ މުސްކުޅި ޚިޔާލުގެ ކަޓުމުއްލާއިން ނޫނީ ތާއީދުކުރާނެ އެއްޗެއް ނޫނޭ، ދުނިޔޭގެ ތަރައްޤީއާއި ޒަމާނުގެ ފެޝަނަކީ އެޒަމާނުގައި އެހިސާބުގައި ހުރި އެންމެހައި ކަރަތަކާއި ވިލާތްތަކުގެ އެންމެން އެ އެއްޗަކަށް ބޯލަނބައިގެން ތިބި "ޕަކްސް ރޮމާނާ"، ނުވަތަ ރޯމަނުންގެ ޚާއްޞަ ޞުލްޙަ ކަމަށް ކިޔެން ފަށައިފިއެވެ. މިހެން ދެކެވެމުން ދިޔަ ވާހަކަތަކުގެ އަޑުގަދަވަމުން ގޮސް، ގޯޅިގޯޅި ކަންމަތީގައި ވައިއަޑުން ދެކެވެމުން ދިޔަ އެ ވާހަކަތަކަކީ ފިގުދާނުގެ ސައިކަޑަ ތަކާއި ގަހުވަޚާނާ ތަކުގައި އަޑުގަދަކޮށް ދެކެވޭ ވާހަކަތަކަކަށް ވެއްޖެއެވެ. ތަނުގެ ޢުމްރާނީ ތަރައްޤީއަށް އަންނަމުން ދިޔަ ބަދަލުތައް މީހުންގެ ސިކުނޑިޔަށްވެސް އަންނަންވާނޭ ގޮވެން ފަށައިފިއެވެ. ދެން މާކަ ގިނަ ދުވަހެއް ނުވަނީސް އެންމެނަށް އިވިގެން އެދިޔައީ "ޕަކްސް ރޮމާނާ" އަކީ ފިގުދާނުގެ ރަސްގެފާނުން ވެސް އެޔަށް ތާއީދު ކުރައްވާ އެއްޗެއްކަމުގެ ވާހަކައެވެ. މިވާހަކަ މިގޮތަށް ފެތުރެން ފެށުމާއެކު، އެކަމަށް ރަސްމީ ސިފަ ލިބިގެން އެދިޔައީ ގަނޑުވަރުން އެކަން އިޢުލާނު ކުރެވުމާއި، "މީގެ ފަހުން އެއްވެސް މީހަކު ކާޅަށް ކޮށައި ކާންދެވޭނީ އެކަމަށްޓަކައި ރަސްގެފާނުން އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީއަކުން އެކަން ނިމިގެން" ކަންވެސް އިޢުލާނު ކުރެވުމުންނެވެ.

ކަން މިހިސާބަށް ދިޔައިރު، ކުރިން ދެންނެވި މަޖޫސީން އެ މީހުން ޒިޔާރަތް ކުރަން ބޭނުންވާ ގަސް ގަސް ދޮށަށް މެދުނުކެނޑި ޒިޔާރަތް ކުރާތީ މުއްސަނދިވި، ރަސްގެފާނުންގެ ތިމާގެފުޅު ބޭބޭފުޅުންނާއި އެކި ގޮތްގޮތުން ހަވާސާ ބޭބޭފުޅުންނަކީ ފިގުދާނަށްވުރެ ދުނިޔެތެރެޔަށް ފަރިތަފުޅު ބޭބޭފުޅުންނަށް ވެއްޖެއެވެ. އެބޭބޭފުޅުންގެ ދަރިދަރި ކަނބަލުންވެސް ތިއްބެވީ ރޯމަނުންގެ ބާރުގެ ދަށުގައި ހުރި ތަފާތު ޤައުމުތަކުގައި ކިޔަވާވިދާޅުވާން ވިއްޔާއެވެ.  ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އެހައި ބޮޑު ބަދަލެއް ނަޔަސް، އެމީހުންގެ ކަންކަމަށްވެސް ބަދަލެއް ނާދެއެކޭ ބުނެވޭކަށް ނެތެވެ. އިހުގައި ފިންޏަސް ހޫނަސް ވަލަށް ވަދެ ކުނބުރާން ކޮށައިލައިގެން، ފުއްލާ ޝިކާރަ ކޮށްލައިގެން، ގޮދަން ހައްދައިލައިގެން ނުލާހިކު ބުރަކޮަށް އުޅުނު މީހުންގެ ދިރިއުޅުން އިހަށް ވުރެ ފަސޭހަ ވެއްޖެއެވެ. މަޖޫސީން ޒިޔާރަތް ކުރާ ތަންތާނގައި އެނދު ތަންމަތި އަޅައިދީގެން، ކުނިކަހައިދީގެން، އެތަންތާނގައި ފަރިހިޅެން ކިޔައިގެން ފައިސާ ހޯދައިގެން އެމީހުންނަށް މިހައިރު މާ ރަނގަޅަށް އުޅެވެއެވެ. އުނދުނުގައި ޖައްސާނެ ދަރާއި، ފިހެލާނެ ފުއްލާ މަހާއި ރޮށިފިހާނެ ގޮދަން ފުށް، މުއްސަނދިންގެ ފިހާރަތަކުން ފަސޭހައިން ގަންނަންވެސް ލިބޭ ވިއްޔާއެވެ. އަދި އެންމެ އުފާވެރިކަމަކީ ބޭނުންހައި ވާހަކައެއް ބޭނުން ގޮތަކަށް ބޭނުން ތާކު ދައްކައިލުމުގެ އުފާވެރިކަން ލިބި އޮތުމެވެ. މީހެެއްގެ އަބުރަކަށް، ރަށަށް އަރައިހުރި ބަބުރަކަށް، އެގޭ ދޮށު ތަކުރަކަށް ބަލާނެ ކަމެއް ނެތެވެ. ކާޅަށް ކޮށައި ކާން ދިނުމަކީ ޚާއްޞަ ކޮމިޓީން ނިންމަން ޖެހޭ ކަމަކަށް ވާއިރު، ޑަކައިތުންނާއި ފޭރޭ މީހުން ވީއްލި އެތިބެނީ ކީއްވެ ކަން އަދި ނޭނގުނަސް، ރަށް ވަށައިގެން އުދުހި އުދުހިފައި އިހަށް އުޅުނު ކާޅުތައް މިހާރަކު ނުފެނެޔޭ، ކާން ނުލިބިގެން އެހެން ތާކަށް ހިޖުރަ ކުރީވެސް ތޯއްޗެކޭ، އަހުން މިހައިރަކު ކާޅެއް ފެނުނަސް ނުސިހޭނެޔޭ ބުނާ މީހުން ގިނަ ވާން ފަށައިފިއެވެ.

ފިގުދާނުގައި މިހައިރު ކަން ހުރިގޮތުން ރަސްގެފާނު ކިތަންމެ ދެރަފުޅު ވިޔަސް، ހިތާމަފުޅު ކުރެއްވިޔަސް، ދެން ކުރައްވާނެ ކަމެއް ނެތެވެ. ރޯމަނުންގެ ޚާއްޞަ ބޮޑު ސަފީރު އަދިވެސް ފިގުދާނަށް ވަޑައިގަންނަވައެވެ. އެހެންނަމަވެސް، އޭނާ މިހައިރު ވަޑައިގަންނަވަނީ ވެދުން ހިއްޕަވައިގެން، ދުރާލާ އަންގަވައިގެނެއް ނޫނެވެ. އޭނާ ހިތްޕުޅަށް އަރާވަޑައިގަތް ދުވަހަކު، ފެނިވަޑައިގެން ވަގުތެއްގައި، ހުންނަވަނީ އެތެރެ ކޮއިލުގައެވެ. މަނާތަނެއް، ނާމާން ބޭފުޅެއްވެސް ނޯވެއެވެ. އޭނާ މިހައިރަކު ރަސްގެފާނުންގެ އަރިހުން އިޒުނަ ހޯއްދަވައިގެން އަރިހުގައި ދަންނަވާނެ އެއްޗެއް ނޯވެއެވެ. އޭނާ މިހައިރު ވިދާޅުވަނީއެވެ. އަންގަވަނީއެވެ. ދެން ނިކުމެވަޑައިގެން ވަޑައިގަންނަވަނީ ސަލާމެއްވެސް ވިދާޅުނުވެއެވެ. "ޕަކްސް ރޮމާނާ" އެހައިވެސް ރަނގަޅަށް ގަނޑުވަރުކޮޅުގައި ހިފައި ނިމިއްޖެއެވެ. މިހައިރު އެއްވެސް އެއްޗެއް ކާޅަށް ކޮށައި ކާންދެވެންޏާ ކާންދެވޭނީ ރަސްކަމުގެ ޢިއްޒަތާއި ޝަރަފާއި ޝާނާއި ޝައުކަތެވެ.

ފިގުދާނުގެ ވާހަކަ މިހައިރު ދެން ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ފިގުދާނު އަދި އޮތީ ވަކި ޤައުމެއްގެ ގޮތުގައި ކަމަށްވިޔަސް، ރަސްމީ ގޮތުން "ޕަކްސް ރޮމާނާ" ގެ ދަށުން ހިނގާ ތާކަށް ނުވިޔަސް، ރަސްގެފާނުންގެ ވިދާޅުބަސްފުޅަކީ ހިނދުން ހިނދަށް ތަންފީޒުވެގެންދާ ޤާނޫނަށް ވެގެން ދިޔަ، އަމުރު މަޢުރޫފުގެ ދުވަސްވަރު މާޒީއާ އެކުވެގެން ހިނގައްޖެއެވެ. ރަސްގެފާނުންގެ ގައިކޮޅާނުވާ ކިތަންމެ ކަމެއް ފިގުދާނުގައި ހިނގައެވެ. ތިމާމެންނާ ނުބެހޭ ކަންކަމާ ބެހި އުޅޭ މީހުން އެހައި ގިނައެވެ. ސިޔާސީ ފާޑުގެ މީހަކު ނޫން މީހެއް ރަށަކު ނެތެވެ. މަޖޫސީ ގަސް ހެދޭ ތަންތަނުގެ ބިންވެރިންގެ ބަހަކީ ރަސްގެފާނުންގެ ވިދާޅުބަސްފުޅު މުގުރައިލާ ހަތިޔާރަކަށްވެ، ރޯމަނުންގެ ޚާއްޞަ ބޮޑު ސަފީރު ވަޑައިގަންނަވާ ފަހަރަކު އޭނާޔަށް ފަރިއްކޮޅު އަރުވާ މީހުންގެ ތެރެއިންވެސް ކޮއިލުތެރޭ ބޭފުޅުން ފެނި، ކާޅަށް ކޮށައި ކާންދިނުން ނިންމާ ކޮމިޓީގެ ނިންމުންތަކަކީވެސް ލިޔުުމުގައި އޮންނަ، ކުރުމުގައި ޢަމުދުން ނޯންނަ ނިންމުންތަކަކަށް ވެއްޖެއެވެ. އެހެން ކަމުން، ކާޅަށް ކޮށައި ކާން ދިނުމަކީ ކުޑަކުދިން ތޮޅެ، އަރައިރުންވާއިރު އަނގަމަޖަލަކަށް ކިޔައިއުޅޭ ބަހަކަށް ވެ ނިމިއްޖެއެވެ. ފިގުދާނުގައި އިހުގައި ރަސްރަސްކަލުން އުޅުއްވި ތަންތަނާއި، ރަސްކަމުގެ ކޮއިލުތެރެޔާއި، ރަސްރަސްކަލުން ރަސްމީކޮށް ދަރުބާރުކުރައްވަން ވަޑައިގެން ތިއްބެވި މާލަން ތަކާއި، ދުނިޔޭގެ ޝަހެންޝާހުންވެސް އެތަންތަނަށް ވެދަވަޑައިގެންފައި ޙައިރާންފުޅު ވާނެހައި މޮޅަށް ހެދި، ރަސްކަމުގެ ޝާނާއި ޝައުކަތު ފިސާރި ރަނގަޅަށް އެތަންތަނުން ދައްކުވައިދިން ތަންތަން މިހައިރުވެސް އެރަށުގެ ދާރުލް އާޘާރުން ފެންނަން އެބަހުއްޓެވެ.

ފިގުދާނުގައި އެންމެ ފަހުން ރަސްކަން ކުރެއްވި ބޭފުޅާގެ ދަރިކަލުން މިހައިރު އިންނަވަނީ މަޖޫސީ ގަސް ރަނގަޅަށް ހެދިފައި ހުރި، އެވެރިން އަދިވެސް ފައުނު ހިފައިގެން ޒިޔާރަތް ކުރާ ބިމެއްގައި ހުންނަ ގަހުވަޚާނާއެއްގައި ރޭގަނޑު މޮޅު ޤަހުވަ ހިއްޕަވައިގެން ރާޒުވާ ކުޅުއްވާށެވެ. އެހެން އިންނަވާ އިރު، ކުރިފުޅުމަތީގައި ކުޅެން އިންނަ މީހާ ބޮނދުބުޑަށް ސައިކީމާ ވިދާޅުވަނީ، "ކަލޭ ވީ ކާޅަށް ކޮށައި ކާންދޭން!" މިހެންނެވެ. ދެން އެވަޑުވާ ހިނިފުޅާއެކު އަރިހުގައި ހޭނެ ބަޔަކުވެސް ބައެއް ރޭރޭ ތިބެއެވެ. އޭގެ ތެރޭގައި ގިނައީ ފިގުދާނުގެ މީހުން ކަމެއް، ބޭރުން ރަށަށް އަރައިތިބި މަޖޫސީން ކަމެއް މިހައިރަކު ހަމަ އެއްގޮތަކަށްވެސް ވަތްކެއް ނުވެއެވެ.