Support Us

ކޮލަމް ކަލާވެހި: "ވެށި ފަތުރުވެރިކަން" އެއީ އިޚުލާޞްތެރިކަމާއެކު ކުރައްވާ ކަމަކަށް ހައްދަވާނެންޏާ…

އެބޭފުޅުން އެ ވިދާޅުވަނީ ހައުދަހައި އުހައުވެރި، އާނަންދަ ވާހަކަފުޅެކެވެ!

ދިވެހިރާއްޖޭގައި މިހައިރު މިއޮތް، ހައްދަވައިގެން ކަމެއް ނުކޮށް، ދޮންވެލި މަތީ ތާއްޔާޖެހިޖެހި އޮތުމުގެ ފަންނު، ނުވަތަ ހަމަ އެއްވެސް ކަމެއް ނުކޮށް ވުޖޫދުގައި ދެމިހުރުމުގެ ފަންނު، ނުވަތަ ފަރަންޖީ ކަލާމަކުން ދަންނަވާނަމަ "ދި އާރޓް އޮފް ޑުއިންގ ނަތިންގ"ގެ ފަތުރުވެރިކަން އެހެނިހެން ދިމަދިމާޔަށް ފުޅައުކުރާން ވީތާ އެތައް ދުވަހެއް ވެއްޖެއެވެ. މިރާއްޖޭގެ ރިސޯޓުތަކުގެ ދޭސީ އަދި ބިދޭސީ ޙަޤީޤީ ވެރީން ޔޫރަޕުގެ ތަފާތު އެކި ބެންކުތަކުގައި ހުޅުވައިގެން ނުހަނު ފާރަވެރިކަމާއި ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އެ ގެންދާ ނަންބަރުޖެހި އެކައުންޓުތަކަށް ފައިސާވެރި ބިދޭސީން ދައްކަމުން އެގެންދާ ފައިސާއިން ބައިކުޅަބައެއް ނަމަވެސް މިރާއްޖޭގެ އިމުން އެތެރެކުރެވޭތޯ ބަލާންވެއްޖެ މެއެވެ. މިދެންނެވި ޒާތުގެ މަހުޖަނުންނަށް ތަނަވަސްކަމާއެކު ޗަންދާ ދައްކައިގެން، އަދި އެޔަށް ފަހުން ދުނިޔެއަށް ފިލައިގެން އައިސް، އެންމެ ދެތިން ހަފުތާޔަށް ނަމަވެސް ދުނިޔޭގެ ލޯތައް މަތީން ޣައިބުވުމުގެ ފުރުޞަތު އެވެރީންނަށް ދޭ ފަތުރުވެރިކަން އެ ނޫން ދާއިރާތަކަށް ހުޅުވައިލާން މިހައިރުވެސް ލަސްވެއްޖެއެވެ. އެހެން ގޮތްގޮތާއި މަގުމަގު ހޯދާންވެސް ވެއްޖެއެވެ.

ދެންފަހެ، މިދެންނެވި ގޮތަށް، ކުރާންވީތާ އެތަކެއް ދުވަސް ވެ، މުއާލާތް ކެނޑޭން ގާތްވެފައިވާ ކަންކަން ތަންފީޒުކުރުމުގައި މިހައިރުވެސް ލަސްކަމެއް އުޅޭކަން ފާހަގަކުރެއްވޭ ފުންނާބުފުޅު ވަރަށް އުސް އިސް ބޭފުޅުން މިތާނގައި އެބަތިއްބެވިއެވެ. އަދި އެކަމުގެ މުގުލުގައި ތިއްބަވައި، މިޒަމާނުގެ ޙިކުމަތް ޢަމަލީ ދައްކަވައި، އެޔާ ވާނޭ ޒާތްޒާތުގެ ވަރުހުރި ބިދޭސީ ސަނަދުތައް ގެންގުޅުއްވައި، ސިޔާސީ ޞާޚިބުކަމާއި ޢަމީދުކަން ކުރިޔަށް ނެރުއްވައި، އަދި އެޔަށްވުރެވެސް ގާތުން ފެންނަ ދުންޔާދާރީގެ ކުންނުތަކުގައި ބޮޑުއުނދޯލި ހެއްލަވާ ބޭބޭފުޅުން މިތާނގައި އެބަތިއްބެވި މެއެވެ. މިހެން ތިއްބެވި ބޭބޭފުޅުން މިކަމާ ޙަރަކާތްތެރިވެވަޑައިގަންނަވާ ތަން ފެނުނީމައި އަޅުގަނޑުމެން ކަހަލަ އާދައިގެ މީހުންގެ ޟަޢީފު ހިތްތަކަށް އެހެރަ ލިބޭ އަރާމަކާއި ފިނިކަމެއް، އެހެންނޫންތޯއެވެ! އެހެން ފަހެ ނުވާނީ ކީއްވެތޯއޭ، އެ ބޭބޭފުޅުން އަޑުފުޅަށް ބާރުލައްވައިފައި އެ ވިދާޅުވަނިއްޔޭ، ފަތުރުވެރިކަމުގެ ދާއިރާގައި މިރާއްޖޭގައި މިހައިރު ދެން ކުރާންވީ އެންމެ މުހިންމު އެއް ކަމަކީ މިރާއްޖޭގައި "ވެށި ފަތުރުވެރިކަން" އަށަގަންނުވައި، ތަރައްޤީކުރުމޭ، އަޅެ އެހެންނޫންތޯއެވެ!

މިހެން ދަންނަވާއިރު، މިރާއްޖޭގެ ވެށްޓަކީ މިހައިރުވެސް ނުހަނު ރަނގަޅަށް ބެލެހެއްޓި، އެ ވެށީގެ އަމާންކަމާއި ސަލާމަތާއި ދުޅަހެއުކަމަށް ބަޔަކު ގެއްލުމެއް ދީފާނެތީ އެކަމަށް ހޮވައިނެގިފައިވާ ޤާބިލް މީހުން އެކަމަށް ފާރަވެރިވެ، ފާރަލައިގެން ޙިމާޔަތްކުރާ ވެށްޓެކެވެ. ހަމަ ގައިމުވެސް، ލިޔުންތަކުން ފެންނަނީ އެހެން ކަމަށެވެ. ކޮންމެވެސް ބަޔަކު ހަނި ދޭތެރެޔަކުން ފަޅުރަށެއްގައި ބަދުނަސީބު ވެލަޔެއް ޤާނޫނުގެ އިމުން ބޭރުން އަދި ފަޅައިލިޔަކަސް، ދިވެހިރާއްޖޭގެ ގަމުދިރުމާއި ކަނޑުދިރުމުގެ ތެރޭގައި ހިމެނޭ ދޫނިސޫފާސޫތްޕާއި ގަސްގަހާގެއްސަކީ ދުނިޔޭގެ ފެންވަރުގައި ޙިމާޔަތްކުރެވިފައިވާ ތަކެތިކަން ކަށަވަރެވެ. މިރާއްޖޭގެ ގޮނޑުދޮށްތަކާއި، މޫދާއި، ވިލުތަކާއި، ފަޅުތަކާއި، ކަނޑާއި، ކަނޑުގައި އެ ހުންނަ ހައުހަލާއި ގިރިގިރިޔަކީ ހަމަ މި ބީދައިން ޙިމާޔަތް ލިބިގެންވާ ތަންތަނެވެ. ނުވަތަ ކަން ހުރީ އެހެންކަމަށް ކިތާބީ ހެކި ސުމާރުން ލިބޭން އެބަހުއްޓެވެ.

އަދި މި ދެންނެވި ކަންކަމަށް ބަލާއިރު، ތަޤްޔީމީ ނަޒަރަކުން މިކަހަލަ ކަންކަމަށް ނަޒަރު ހިންގާ މީހުންނަށް ވަކީން ޚާއްޞަކޮށް ފާހަގަވާނޭ އެއްކަމަކީ، މިރާއްޖެޔަށް ޒިޔާރަތްކުރާ ފަތުރުވެރީން ކޮންމެހެންވެސް ދެކޭން ބޭނުންވާ ގޮނޑުދޮށްތަކާއި، މޫދާއި، ވިލުތަކާއި، ފަޅުތަކާއި، ކަނޑުތަކާއި، އެ ކަނޑުތަކުގައި އެ ހުންނަ ހައުހަލާއި ގިރިގިރިޔަށް އާދައިގެ ޙިމާޔަތަކަށް ވުރެ ޚާއްޞަ އަހުމިއްޔަތެއްގެ ޙިމާޔަތެއް ލިބިފައިވާކަމެވެ. އަދި ހަމަ އެޔާއެކު، ރާއްޖޭގެ ދޫނިސޫފާސޫތްޕާއި ދެންވެސް އެހުންނަ އެ ޒާތުގެ ދިރުންތަކުގެ ތެރެއިންވެސް، ފަތުރުވެރީންގެ ޚާއްޞަ ޝައުޤުވެރިކަން އެ ބާވަތްތަކަށް ހުއްޓޭ ޒާތުގެ ދިރުންތަކަށް، ޔަޢުނީ، ކަނޑުމަތީ ދޫނިތަކާއި، މިޔަރާއި، ފެހުރިއްސާއި، ވެލަޔާއި ކަހަނބު ފަދަ ދިރުންތަކަށް ޙިމާޔަތުގެ އެންމެ މަތީ ފެންވަރުން ޚާއްޞަ ދަރަޖަޔެއް ލިބޭކަމެވެ.

ތިމާވެށި ޙިމާޔަތްކުރުމާއި ފަތުރުވެރިކަމުގެ މާއްދީ ފައިދާތައް އެއްބަސްކިޔައިފައި އެއް މަގަކުން ދަތުރުކުރުމަކީ ފައިދާވާ ފަރާތްތަކުގެ މަޢީޝަތަށް ނުހަނު މުހިންމު ކަމެއް ކަމަށް ވާއިރު، މިހެންވެސް ވާން ޖެހޭނޭ ކަމާމެދު ތިޔަ އެންމެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވާނޭ ކަންވެސް ކަށަވަރެވެ.

"ވެށި ފަތުރުވެރިކަން" މިއީ އަޅުގަނޑުގެ ހިފެހެއްޓުމެއް ނެތް ތާއީދު އެޔަށް ލިބޭނޭ ކަމެއްކަމަށް ވަނީ މި ދެންނެވި ސަބަބަށްޓަކައެވެ! އަދި ތިރީގައި މި ދަންނަވާ ސަބަބުތަކަށްޓަކައިވެސް މެއެވެ. ވިދާޅުވަމުން ގެންދަވާށެވެ. ކަމާ ބެހޭ މުނާސަބު ސުވާލުތަކެއް ހުރީތީއެވެ.

މިހައިތަނަށް މިރާއްޖެޔަށް އައުމުގެ މާކަ ބޮޑު ބޭނުމެއް ނެތް މީހުންނާއި، މިތަނަށް ޒިޔާރަތްކުރުމުގެ ޙުއްޖަތެއް ޢަމުދުން ނެތް، ޒާތްޒާތުގެ މީހުން ފަތުރުވެރިކަމުގެ ތޮފި އަޅައިގެން މިރާއްޖެޔަށް ގެނުވައި، މިރާއްޖޭގެ ފަތުރުވެރިކަމަށް ފޯރީޔާއެކު އިޝްތިރާކު ދޭނެހައި މަގަކުން ވީހައިވެސް ގިނަ ބިދޭސީން ތައްޔާރުކުރުވުމަކީ އަޅުގަނޑުމެން ދެން މިހައިރު ކޮންމެހެން ކުރާންވެއްޖެ ކަމެކެވެ. އަޅުގަނޑުމެންގެ ބައިނަލް އަޤްވާމީ ތަސްވީޤު ނުވަތަ 'އިންޓަރނެޝަނަލް މާރކެޓިންގ’ގެ ތެރޭގައި ހަމަ ކޮންމެހެންވެސް ހިމަނާންވެއްޖެ ކަމެއް މެއެވެ. މިރާއްޖެ ދުނިޔެތެރޭގައި އިޝްތިހާރު ކުރުމުގެ އިސް މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން އެ އުޅުއްވާ އެންމެ ބޭފުޅުން މިކަމާ އެއްބަސްވެވަޑައިގަންނަވާނެއެވެ. އެހެންކަމާއެކު، މިރާއްޖެޔަށް ޒިޔާރަތްކުރާ ފަތުރުވެރީން ކޮންމެހެންވެސް ދެކޭން ބޭނުންވާ ގޮނޑުދޮށްތަކާއި، މޫދާއި، ވިލުތަކާއި، ފަޅުތަކާއި، ކަނޑާއި، ކަނޑުގައި އެ ހުންނަ ހައުހަލާއި ގިރިގިރި މިހައިރަށް ވުރެ ގާތުން، މިހައިރަށް ވުރެ ޢިލްމީ ފޭރާމެއް ލައްވައިގެން ބިދޭސީ ފަތުރުވެރީންނަށް ދައްކަވައި، އަދި އެ ދެއްކެވުން ވިއްކެވުމަކީ މި ބޭބޭފުޅުންގެ ވިސްނުންފުޅުގައި ބިންވަޅުނެގިފައި ހުންނާނޭ ކަންކަމެވެ. އަދި ހަމަ އެހެންމެ، ފަތުރުވެރީންގެ ޚާއްޞަ ޝައުޤުވެރިކަން މިހައިރުވެސް އެ ބާވަތްތަކަށް ހުއްޓޭ ޒާތުގެ ދިރުންތަކަށް، ޔަޢުނީ ކަނޑުމަތީ ދޫނިތަކާއި، މިޔަރާއި، ފެހުރިއްސާއި، ވެލަޔާއި ކަހަނބު ފަދަ ދިރުންތަކުގެ ޢިލްމީ ދިރާސާތަކަށް ފަތުރުވެރީންގެ ޝައުޤުވެރިކަން ހޯއްދަވައިދެއްވައި، މުޅި ރާއްޖޭގެ އެންމެ ދެރަ މީހާގެ އަންބޮނޑިޔަށްވެސް އެ ކަމުގެ މާލީ ފައިދާއިން ބައެއް ހޯއްދަވައިދެއްވުން އެ ބޭބޭފުޅުންގެ މަޝްރޫޢުތަކުގައި ހިމަނުއްވާނޭ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އެހެންނަމަވެސް، ފަހުން މިދެންނެވި އަންބޮނޑިޔަށް އެދެވޭ އަސަރެއް ކުރާނޭ ބީދައިން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުން… ފަތުރުވެރީންނަށް މިރާއްޖެއިން ފެންނަ ވެށީގެ ދާއިރާ ޙަޤީޤަތުގައި ފުޅާކުރެއްވުން… އެއީ ހަމަ ވާނޭކަމެއް ބާވައޭ އަޅުގަނޑުގެ ހިތަށްއަރައެވެ. ތަންކޮޅެއް ކުރީން ދެންނެވި އެއް ޒާތުގެ މީހުން ރުހޭނޭ ކަމެއް ބާވައޭވެސް ހިތަށްއަރައެވެ. އެހެނަސް، އެއީ ކުށްހީއެކޭ ހީކޮށްލިތަނުން، އަޅުގަނޑުގެ ބުއްދި އަޅުގަނޑުގެ ކުރިމައްޗަށް ގެނެސް އެ ބަހައްޓައިލި ބޯޑުގައި ފަލަ އަކުރުން ލިޔެވިފައި އެ އޮތް ޙަޤީޤަތަކީ، ވެށީގެ ފަތުރުވެރިކަމެއް އިޚްލާޞްތެރިކަމާއެކު ހެއުގޮތުގައި ބިނާކުރާން ބޭނުންވާ ބަޔެއްގެ މައްޗަށް އެ ދާއިރާ ފުޅާކުރުން ލާޒިމުވާނޭކަމެވެ! އެކަމަކު އެއީ ކިހިނަކުންތޯއެވެ؟ އައްސަވާށެވެ!

ވެށި ޙިމާޔަތްކުރުމަކީ މިރާއްޖެޔަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށް ވިއްކާން ގެންގުޅޭ، ނުވަތަ ފަސޭހައިން ވިކިދާނޭ ކަމަށް ފެންނަ ބާވަތްތައް އެކަނި ޙިމާޔަތް ކުރުމެއް ނޫނެވެ! ވެށި ޙިމާޔަތްކުރުމަކީ އެ ވެށީގައި އުޅޭ އެންމެހައި އިންސާނުންގެ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ، އެ މީހުންނަށް މުހިންމު އެންމެހައި ބާވަތްތަކާއި ކަންކަންވެސް އެއް ހަމަޔަކުން ޙިމާޔަތްކޮށް، ރައްކާތެރިކުރުމެވެ. ތިމާވެށި ޙިމާޔަތްކުރުމާ ބެހޭ ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން ކަނޑައެޅިފައި އެ ހުންނަ އެންމެހައި މިންތަކާއި އިންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

"ވެށި ފަތުރުވެރިކަން" މި ރާއްޖޭގައި އެއްޗަކަށް ހެދުމަކީ އިޚްލާޞްތެރިކަމާއެކު ބަޔަކު ކުރާނޭ ކަމެއް ކަމަށް ވަންޏާ، މިރާއްޖޭގައި ދިރިއުޅޭ އާދައިގެ އަދި ދެރަ ނިކަމެތި ރައްޔިތުން ބަނޑުފުރާނަމުއްތިކޮށް، އުނުއޮރިޔާންފިލުވައި، ބޯހިޔާވަހިކަން ހޯދައި، ދުޅަހެއުކަން ދަމަހައްޓައި، ދަރީންނަށް އުނގަނައިދީ، މިހުރިހައި ކަމެއް ކުރާން އުޅޭ ގޮތްތަކާއި ޙާލަތްތައް ހުރިނެތް ގޮތް އެއީވެސް މިރާއްޖޭގެ ވެށިކަން އެ ބަޔަކު ޤަބޫލުކުރާން ވާނެއެވެ. އަދި ކިއެއްތަ، މިރާއްޖޭގެ އެންމެ މުހިންމު ވެށްޓަކީ އެއީ ކަންވެސް ބަލައިގަންނާން ވާނެ މެއެވެ. އެހެނީ، އެ ވެށި ތަޣައްޔަރުވެ، ހަލާކުވެ، އެ ވެށްޓަކީ އިންސާނީ ދިރުމަށް ހުރި ނުރައްކަލަކަށް ވެއްޖެތަ، އެކަމުގެ ސަބަބުން ތަނުގައި ދެން ފެންނަން ފަށާނޭ ނުކިއްސަރު ކަންކަމަކީ ހަމަ ގައިމުވެސް ގެއްލުމާއި ހަލާކުން ފުރިގެންވާނޭ ކަންކަމެވެ. އަނދިރީގެ ތެރެޔަށް ލައި ފޮރުވައިފާ ހުންނަ ކަންކަންވެސް އައްޔަށް ނެރެދޭ އިޚްލާޞްތެރި ނޫސްވެރީންގެ ސަމާލުކަންވެސް އެކަންކަމަށް ލިބިގެންދާނޭ ކަންކަމެވެ.

މިދެންނެވި ނަޒަރުން މިދެންނެވި ވެށްޓަށް ބަލައިފިއްޔާ، މިރާއްޖޭގައި ރައްޔިތުން ކޮށް އުޅޭ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޞިނާޢީ އެތަކެއް މަސައްކަތް އެ ކުރަނީ ކޮން ކަހަލަ މާޙައުލުތަކެއްގައި ކޮންފަދަ ޙާލަތްތަކެއްގައިތޯ ބެލުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވެށި ފަތުރުވެރިކަމުގެ ބަޔަކަށް ހަދާން އެބަޖެހެއެވެ. އެހެނީ، މިދެންނެވި މާޙައުލުތަކުގައި ކަންކަން ހުރިނެތް ގޮތްތައް ބެލުމަކީ "ވެށި ފަތުރުވެރިކަން" އެއީ އިޚްލާޞްތެރި މަޤްޞަދަކަށް ހަދައިގެން މިރާއްޖެޔަށް އަންނަ ފަތުރުވެރީން ޝައުޤުވެރިކަމާއެކު ކުރާނޭ ކަމެކެވެ. މިރާއްޖޭގައި ބުރަ މަސައްކަތްކޮށްގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން ދިރިއުޅޭ އާދައިގެ ގިނަ މީހުން ކަނީ ކޮންކޮން ކަހަލަ ކާނާއެއްތޯ، އެ މީހުން ބަލިވީމައި ފަރުވާ ހޯދަނީ ކިހިނެއްތޯ، ލަނީ ކޮން ކަހަލަ ފޭރާމެއްތޯ، ގޯތިގެދޮރު ހުންނަނީ ކޮން ފެންވަރެއްގައިތޯ، ދަރީންނަށް ކިޔަވައިދެނީ ކިހިނެއްތޯ، މިހުރިހައި ކަމެއް ކުރަނީ ކޮންކޮން ވަޞީލަތްތަކެއް ބޭނުންކޮށްގެންތޯ، މިހިރިމިހިރީ ވެށި ފަތުރުވެރިކަމުގައި ހިމެނޭން ޖެހޭނޭ ކަންކަން ނޫންތޯއެވެ؟ އާދައިގެ ރައްޔިތު އެންމެން ނިދަނީ ދިހަބުރީގެ ޢިމާރާތުގައި އޭސީގައިތޯ، ނޫނީ އެ ނޫން ތަންތާނގައިތޯ އެވެރީން ބަލައިލާން ވާނެ ނޫންތޯއެވެ؟ ރައްޔިތުން ބަނޑުކޭމަކަށް ކަނީ ޕިޓްޒާތޯ، ނޫނީ ސޫޝީތޯވެސް ބަލައިލާން ވާނޭނޫންތޯއެވެ؟ އާދައިގެ ރައްޔިތު މީހާ ނިދަނީ އަޑުމަޑު، އަމާން، ޞުލްޙަވެރި މާޙައުލެއްގައިތޯ ނުވަތަ ސައުވީސް ގަޑިއިރު ހިންގައިފައި ހުންނަ ގުންގުރޭޓު މެޝިނެއްގެ ބަނޑުގައިތޯވެސް ބަލައިލާން ވާނޭނޫންތޯއެވެ؟ ރައްޔިތު މީހާ ނޭވާލަނީ ސާފު ވައިގެ ތެރެޔަށްތޯ، ނުވަތަ ސިމެންތި ކުނޑިޔާއި، ކެމިކަލާއި، ދަވާދު ވަހުން ތަޣައްޔަރުވެފައިވާ ގޭސްގަނޑެއްގެ ތެރެޔަށްތޯވެސް ބަލައިލާން ވާނެ ނޫންތޯއެވެ؟ އާދައިގެ ރައްޔިތު މީހާޔަށް އަނބިދަރީން ގާތު ވަގުތު ހޭދަކޮށްލައި ހަދައިލާން ޗުއްޓީ ލިބެނީ ކިހިނެއްތޯ، ޗުއްޓީ ލިބޭ ދުވަހު އޭނާ މޫދަށް އެރިލަނީ ޙިމާޔަތް ލިބިގެންވާ ވެލީން މުއްސަނދިކުރި ގޮނޑުދޮށަކުން އަދި އެޔަށްވުރެ ޤުދުރަތީ މޫދަކަށްތޯ، ނުވަތަ ހިލަވެއްޔާ ދޮންވެލި މަސްހުނިވެ ތަޣައްޔަރުވެފައިވާ ތާފަނާ ފެންގަނޑަކަށްތޯ ވެސް ބަލައިލާން ވާނެ ނޫންތޯއެވެ؟ މުޖުތަމަޢުގައި އުޅޭ މަހުޖަނުންނާއި މިސްކީނުންނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ، މަހުޖަނުންނަކީ އެކުވެރިކަމާއި ރަޙުމާއި ކުލުނުން ފުރިގެންވާ ބައެއްތޯ، ނޫނީ ދެރަ ނިކަމެތީންނަށް ހުރި ދުއްތުރާލެއްތޯވެސް ލޮލުން ދެކެ އަތުން ހިފައިލާން ވާނެނޫންތޯއެވެ؟ ދެންވެސް… އެކަހަލަ އެތައް ކަމެއް ހުރިނެތް ގޮތް ތަޖުރިބާކޮށްލުމަކީ މިތަނަށް އެ ބޭނުމުގައި އަންނަ އައު މެހުމާނުންނަށް އެންމެ ފުރިހަމަ މާނައިގައި ތަޖުރިބާކޮށްލެވޭނޭ "ވެށި ފަތުރުވެރިކަން" އަޅެ ނޫންތޯއެވެ؟

ނޫނިއްޔާ،"ވެށި ފަތުރުވެރިކަން"ވެސް އެއީ، ބައެއް އިސްކޯލުގައި ދިވެހިދުވަސް ފާހަގަކުރާއިރު ޔުނިފޯމުގެ ބަދަލުގައި ތުއްތު ފިރިހެން ކުދީން ތައްގަނޑުޖެހި ފޭލި އަންދަވައި، ގަންޖުފަރާސް ނޫނީ ބޮޑުލިބާސް ލައްވައި، ތުއްތު އަންހެން ކުދީން ރަތްލިބާސް ލައްވައި ބޮލުހުޅިޖަހައި، ރުމާފަޅި އަޅުވައި، ޕްލާސްޓިކް ފައްޓަރުބައި އަޅުވައިގެން އެ އުޅޭ ބީދައިން ކުރާ ކަމަކަށް ވެއްޖިއްޔާ ހައުދަހައި ދެރައެވެ. ކޮންމެވެސް ޚާއްޞަ ރަށެއްގައި އޮޑިހަރުގެޔަކާއި މުސްކުޅި ޒާތުގެ ވަޑާންގެޔެއް ހަދައި، އެތަންތާނގައި ހަނުދަމާނޭ ބޮޑެތި ފިރިހެނުން ހަމަ އެއްކަލަ ތައްގަނޑުޖެހި ފޭލި އަންދަވައިގެން ކުޅޭ ފިލްމަކަށް ވެއްޖިއްޔާ…. މަޢާފުކުރައްވާށެވެ. އެޔަކަށެއް ވެށި ފަތުރުވެރިކަމެކޭ ނުކިޔޭނެއެވެ. އެއީ އަޅުގަނޑުގެ ރަދީފުގައި ވެށި ފަތުރުވެރިކަމެއް ނޫނެވެ. އާދައިގެ ދެރަ ނިކަމެތި ދިވެހީން ދިރިއުޅޭ ރަށްރަށުގައި އޮންނަ އެންމެ ރީތި ދޮންވެލި ގޮނޑުދޮށްވެސް ރައްޔިތުން އަތުން ވަކިކޮށްލައި، އެތަނަށް "ބިކިނީ ބީޗު" ކިޔައި، ރައްޔިތުން މޫދަށް އެރޭގޮތް ފަތުރުވެރީންނަށް ފޮރުވައި، ފަތުރުވެރީން ރަށުގައިވެސް މޫދަށް ނޭރޭނޭ މިނިވަން ހެދުމުގައި އުޅޭތަން ރައްޔިތުންނަށް ފޮރުވަން މަޖުބޫރުވީމައި، އެޔަކަށެއްވެސް ވެށި ފަތުރުވެރިކަމެކޭ އަދި ނުކިޔޭނެއެވެ!

ކުރުކޮށް ދަންނަވާކަމަށް ވަންޏާ، މިރާއްޖޭގައިވެސް ލެއްވި އެންމެ ޝަރަފުވެރި މަޚުލޫޤު ކަމަށްވާ، މިތާނގައި ދިރިއުޅޭ ރައްޔިތު އިންސާނުން، އަދި ވަކީން ޚާއްޞަކޮށް މިތާނގައި ދިރިއުޅޭ އިންސާނުންގެ ބައިގިނަ އާދައިގެ ރައްޔިތުން، އެމީހުންގެ ޙަޤީޤީ ޙަޔާތް ހޭދަކުރާން ޖެހިފައިވާ މާޙައުލަކީ މިތާނގެ އެންމެ މުހިންމު ވެށްޓަށް ނުވަންޏާ، ދެން މުހިންމު ވެށްޓަކަށް ވަނީ ކޮން ތަނެއްތޯއެވެ؟ އަނެއްކާ އަނެއް މަޞްނޫޢީ ހުވަފެންތޯއެވެ؟

ޔޫރަޕުގެ ބެންކުތަކުގައި ނަންބަރުޖެހި އެކައުންޓު ހުޅުވައިގެން އުޅޭ ދޭސީ އަދި ބިދޭސީ ވެރީންގެ ރިސޯޓުތަކަށް އަންނަ "ގެސްޓުން"ނަށް އެ ހުންނަ ޚާއްޞަ، "ވެލީން މުއްސަނދިކުރި" ގޮނޑުދޮށްތަކާއި، ސާފުކުރި މޫދާއި، "ޓަރކުވާޒް" ވިލުތަކާއި، ފަޅުތަކާއި، ކަނޑު އެކަނި ތޯއެވެ؟ އެމީހުން ލައިގެން ދުއްވާ އެކި ވަރުގެ އޮޑިތައް ދުއްވާ ކަނޑުތަކުގައި އެ ހުންނަ ހައުހަލާއި ގިރިގިރި އެކަނި ތޯއެވެ؟ އެ ވެރީންގެ ޚާއްޞަ ޝައުޤުވެރިކަން ލިބޭ ކަނޑުމަތީ ދޫނިތަކާއި، މިޔަރާއި، ފެހުރިއްސާއި، ވެލަޔާއި ކަހަނބު އެކަނި ދިރިއުޅޭ ދުނިޔެތޯއެވެ؟

މިސުވާލުތަކަށް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ ނަފުސަށް ދޭނޭ ޖަވާބެއް ނެތެވެ. ތިޔަބޭފުޅުންގެ އަމިއްލަފުޅު ޒަމީރަށް ދެއްވާނޭ ޖަވާބެއް އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށެވެ. "ވެށި ފަތުރުވެރިކަން" އެއީ އިޚުލާޞްތެރި ކަމާއެކު ކުރައްވާ ކަމަކަށް ޙަޤީޤަތުގައި ހައްދަވާނެންޏާ… ވަރަށް ހެޔޮފުޅެވެ!