Support Us

ކޮލަމް ގަލަން: އެމް.ކިއު.އޭ ޖަހާލަތުގެ އަނދިރީގައި!

މިހާރު އަމަލު ކުރަމުންދާ އުސޫލުން ސްޓޫޑެންޓް ލޯނެއް ލިބިގަތުމަށްޓަކައި ދަރިވަރު ކިޔަވަންދާ ތަނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގަބޫލުކުރާ ތަނަކަށް ވާންޖެހޭތީ ދަރިވަރަކު އެފަދަ ހުއްދައަކަށް އެދި ހުށަހެޅިއެވެ. އެ ދަރިވަރަކީ މޯލްޑިވްސް މެޑިކަލް އެންޑު ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ.) ގަބޫލުކޮށްފައިވާ ޕްރޮގުރާމެއްގެ ދަށުން އިންޓާނަލް މެޑިސިނުން ސްޕެޝަލައިޒުވުމަށް އެމެރިކާގެ ނިއުޔޯކުގައި ހުންނަ "ލިންކަން މެޑިކަލް ސެންޓަރު"ގައި ޓްރޭނިން ހަދަމުންދާ ދަރިވަރަކެވެ. އެ ދަރިވަރު ހުއްދައަކަށް އެދުމުން އެމް.ކިއު.އޭ. އިން ދެއްވި ޖަވާބުގެ ޚުލާސާއަކީ ("ލިންކަން މެޑިކަލް ސެންޓަރު، ނިއުޔޯކު" އަކީ އެ މެރިކާގެ "ކައުންސިލް ފޯރ ހަޔައެޑިއުކޭޝަން އެކުރެޑިޓޭޝަން" (CHEA)ގެ ވެބުސައިޓުގައި ލިސްޓުކުރެވިފައިވާ ތަނަކަށް ނުވާތީވެ އެމް.ކިއު.އޭ. އަކުން "ލިންކެން މެޑިކަލް ސެންޓަރު، ނިއުޔޯކުން" ދޫކުރާ ކޮލިފިކޭޝަންތައް ގަބޫލުނުކުރާނެ ކަމަށެވެ.) އެމް.ކިއު.އޭގެ އެ ޖަވާބުން ހީވަނީ އެ މެޑިކަލް ސެންޓަރަކީ ކޮލިފިކޭޝަން އެވޯޑުކުރާ މުއައްސަސާއެއް ހެންނެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އެ ކަމުގެ ހަގީގަތް ފަހުން އަންނާނެއެވެ. ވިދާޅުވަމުން ކުރިޔަށް ގެންދަވާށެވެ.

އެގޮތަށް އެމް.ކިއު.އޭ. އިން ޖަވާބު ދެއްވިއިރު އަނެއްކޮޅުން "މޯލްޑިވުސް މެޑިކަލް އެންޑު ޑެންޓަލް ކައުންސިލުން" ވަނީ 25 އެޕްރީލް 2023ގައި "ލިންކަން މެޑިކަލް ސެންޓަރު، ނިއުޔޯކު" އިން އެ ދަރިވަރަށް ދީފައިވާ "އިންޓާނަލް މެޑިސިން" ޕްރޮގުރާމު ގަބޫލުކޮށްފިކަމުގެ ލިޔުމެއް ދެއްވާފައެވެ.

މިކަމުގެ ހަގީގަތް ބެލިއިރު އެމް.ކިއު.އޭ. ވަނީ މި މައްސަލާގައި ޖަހާލަތުގެ އަނދިރިކަމެއްގައިކަން ފާހަގަކުރެވެއެވެ. އެއީ ހަޔައެޑިއުކޭޝަން އެކުރެޑިޓުކުރާ ގޮތާއި އަދި ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ސްޕެޝަލައިޒު ޓެރޭނިން ޕުރޮގުރާމުތަކާއި ސަބު ސްޕެޝަލައިޒު ޓުރޭނިން ޕުރޮގުރާމުތައް އެކުރެޑިޓުކުރާ ގޮތާމެދު އޮޅުންއަރާފައިވާ ކަމަށް ނުވަތަ ނޭނގެނީ ކަމަށް ބެލެވޭތީއެވެ.

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ހަޔައެޑިއުކޭޝަން އެކުރެޑިޓުކުރުމަށް ޓަކައި މުއައްސަސާއެއް ހުރެއެވެ. ނަމަވެސް އެ މުއައްސަސާއެއްގެ ދަށަކަށް އިސްވެ ދެންނެވުނު ފަދައިން ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ސްޕެޝަލައިޒު ޓެރޭނިން ޕްރޮގުރާމުތަކާއި ސަބު ސްޕެޝަލައިޒު ޓުރޭނިން ޕުރޮގުރާމުތައް ވައްދާފައެއް ނުހުރެއެވެ. އެދި އެފަދަ މެޑިކަލް ސްޕެޝަލައިޒު ޓެރޭނިން ޕްރޮގުރާމުތަކާއި ސަބު ސްޕެޝަލައިޒު ޓުރޭނިން ޕުރޮގުރާމުތަކަކީ އިންސާނާގެ ފުރާނައާ ގުޅިފައިވާ ޚާއްސަ މަސައްކަތަކަށް ވާތީވެ އެ ކަންތައް އެކުރެޑިޓުކުރުމަށް ޓަކައި ކޮންމެ ގައުމެއްގައި ވެސް ހުންނަނީ މުސްތަގިއްލު ވަކި މުއައްސަސާއެކެވެ. އެއީ ކޮންމެ ގައުމެއްގެ ވެސް އެ ގައުމެއްގެ މެޑިކަލް ބޯޑުތަކެވެ.

އިސްވެ ދެންނެވުނު އެމެރިކާގެ ނިއުޔޯކުގައި ހުންނަ "ލިންކަން މެޑިކަލް ސެންޓަރު" އެ މެރިކާގެ "ކައުންސިލް ފޯރ ހަޔާއެޑިއުކޭޝަން އެކުރެޑިޓޭޝަން" (CHEA) ގެ ވެބުސައިޓުން ނުފެންނަ ވާހަކަ އެމް.ކިއު.އޭގެ ބޭފުޅުން ވިދާޅުވުމުން ވަރަށް ދެރެވެއެވެ. އަދި ލަދުވެސް ގަނެއެވެ. އެއީ ހޮސްޕިޓަލެއް ހޯދަން ނުވަތަ ހޮސްޕިޓަލަކުން ހިންގާ މެޑިކަލް ޕްރޮގުރާމެއް ހޯދަން އެ ސައިޓު ބޭނުންކުރެއްވީތީއެވެ. އިސްވެ ދެންނެވުނު "ލިންކަން މެޑިކަލް ސެންޓަރަ"ކީ ހޮސްޕިޓަލެކެވެ. ނުވަތަ ހޮސްޕިޓަލުގެ ވަކި ބޮޑީއެކެވެ. އެމެރިކާގެ ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ޕްރޮގްރާމުތައް އެކުރެޑިޓް ކުރާ މުއައްސަސާއަކީ "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) އެވެ. އެ ސައިޓުން ބެއްލެވި ނަމަ އިސްވެ ދެންނެވުނު "ލިންކަން މެޑިކަލް ސެންޓަރު"ގެ މެޑިލަކް ޕްރޮގުރާމުތައް ފެނުނީސްކަން ކަށަވަރެވެ.

ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ޕްރޮގްރާމުތައް އެމެރިކާގައި އެކުރެޑިޓު ކުރެވޭ ގޮތާމެދު އެމް.ކިއު.އޭގެ ބޭފުޅުންނަށް އޮޅުންބޮޅުން އަރައިގެން އުޅޭ ކަމަށް ދަރިވަރަށް ލަފާވެގެން ދެވަނަ ފަހަރަށް ދަރިވަރު އީމޭލެއް ފޮނުވިއެވެ. އަދި އޭގައި ލިޔުނެވެ.

ދަރިވަރު: "ދަންނަވަމެވެ. އެމެރިކާގެ ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ޕްރޮގްރާމުތައް އެކުރެޑިޓްކުރާ މުއައްސަސާއަކީ އެމެރިކާގެ "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) އެވެ."

އޭގެ ޖަވާބުގައި އެމް.ކިއު.އޭގެ ބޭފުޅުން ޖަވާބު ވިދާޅުވިއެވެ.

އެމް.ކިއު.އޭ: "އެމެރިކާގެ ހޮސްޕިޓަލްތަކުން ހިންގާ މެޑިކަލް ޕްރޮގްރާމުތައް އެކުރެޑިޓުކުރާ މުއައްސަސާއަކީ އެމެރިކާގެ "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) ކަމުގައި ތިބާ ލިޔެފައިވެއެވެ. ނަމަވެސް (ACGME) އަކީ އޭގެ ޒާތުގައި އެކުރެޑިޓުކުރުމަށް ހުއްދަ ލިބިފައިވާ ބޮޑީއެއް ނޫނެވެ. އެހެނީ އެމެރިކާގެ "ކައުންސިލް ފޯރ ހަޔާއެޑިއުކޭޝަން އެކުރެޑިޓޭޝަން" (CHEA) ގެ ވެބުސައިޓުގައި (ACGME) އަކީ އޭގެ ޒާތުގައި އެކުރެޑިޓުކުރުމަށް ހުއްދަ ލިބިފައިވާ ބޮޑީއެއް ކަމަށް ފިހުރިސްތު ކުރެވިފައި ނުވާތީއެވެ."

ދަރިވަރާއި އެމް.ކިއު.އޭގެ ޒުވާބު ތަހުލީލުކުރުން

އެކެއް: (CHEA) ގެ ގާނޫނީ ހައިސިއްޔަތު: "ކައުންސިލް ފޯރ ހައިއެޑިއުކޭޝަން އެކުރެޑިޓޭޝަން" (CHEA) އަކީ 1996 ގައި ރަޖިސްޓުރީ ކުރި ނޮން ގަވަމެންޓަލް އޯގަނައިޒޭޝަން (NGO) އެކެވެ. ބޭނުމަކީ އެމެރިކާގެ ހަޔަ އެޑިއުކޭޝަންތަކުން ދޭ ޑިގުރީތަކާއި ކުރެޑިޓުތައް އެކުރެޑިޓުކުރުމެވެ.

ދޭއް: (ACGME) ގެ ގާނޫނީ ހައިސިއްޔަތު: "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) އަކީ 1981 ގައި ރަޖިސްޓުރީކުރި ނޮން ގަވަމެންޓަލް އޯގަނައިޒޭޝަން (NGO) އެކެވެ. ބޭނުމަކީ އެމެރިކާގެ ރެސިޑެންޓު ޑޮކުޓަރުންގެ ތައުލީމާއި ކޮލެޓީ އެކުރެޑިޓުކުރުމެވެ.

ތިނެއް: އެމެރިކާއަކީ ޕުރޮފެޝަނަލް ދާއިރާތަކުގައި ވަރަށް މިނިވަން ގައުމަކަށް ވާތީ ހަޔަ އެޑިއުކޭޝަންތަކުން ދޭ ޑިގުރީތަކާއި ކުރެޑިޓުތައް އެކުރެޑިޓުކުރުމާއި އަދި ޑޮކުޓަރުންގެ ތައުލީމާއި ކޮލެޓީ އެކުރެޑިޓުކުރުން އޮންނަނީ މުޅީހެންވެސް ރައްޔަތުންގެ އަތްމައްޗަށް ދޫކޮށްލައިފައެވެ. ސަރުކާރުން ކުރާހާ ވެސް ކަމަކީ އެކަމަށް ބޭނުންވާ ގާނޫނުތައް ހަދައިދިނުމެވެ. އިސްވެ ދެންނެވުނު ދެ މުއައްސަސާއަކީ ވެސް އެ ގައުމުގެ ނޮން ޕްރޮފިޓް އޯގަނައިޒޭޝަންތައް އުފެއްދުމަށް އޮންނަ ގާނޫނުގެ ދަށުން އުފައްދައިފައިވާ ދެ މުއައްސަސާއެވެ. (އެމެރިކާގެ ގާނޫނު 501(c)(3) އާއި އަދި އެ މައްދާގެ އަކުރުތައް ބައްލަވާލައްވާށެވެ.) އަދި އިސްވެ ދެންނެވުނު ދެ މުއައްސަސާއަކީ މުޅި ދުނިޔެވެސް ގަބޫލުކުރާ ދެ މުއައްސަސާއެކެވެ. އެހެންކަމުން އެތަނުން އެއް މުއައްސަސާއިން އެކުރެޑިޓުކުރާ ތަކެތި ގބޫލުކޮށްފައި އަނެއް މުއައްސަސާއިން އެކުރެޑިޓުކުރާ ތަކެތި ގަބޫލުނުކުރަންޖެހޭނެ ގާނޫނީ ސަބަބެއް ނުވެއެވެ.

ހަތަރެއް: އެމް.ކިއު.އޭއިން "ލިންކަން މެޑިކަލް ސެންޓަރު، ނިއުޔޯކުން" ދޫކުރާ މެޑިކަލް ކޮލިފިކޭޝަންތައް ގަބޫލުނުކުރާނެ ކަމަށް ދަރިވަރަށް ޖަވާބު ދެއްވީ ކީއްވެގެންކަން އެމް.ކިއު.އޭ އިން އޮޅުންފިލުވަން ޖެހެއެވެ. އަދި އެކަމުގެ ޖަވާބުދާރީ ވެސް ކުރުވަންޖެހެއެވެ. ސަބަބަކިީ "ލިންކަން މެޑިކަލް ސެންޓަރު، ނިއުޔޯކު" އަކީ އެއްވެސް ހާލެއްގައި މެޑިކަލް ޑިގްރީ އެވޮޑުކުރާ ތަނަކަށް ނުވާ ހިނދު އެތަނުން ދޫކުރާ މެޑިކަލް ކޮލިފިކޭޝަންތައް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައިވަތީއެވެ. އެތަނުން ދޫކުރިޔަސް ދޫކުރާނީ ކޮންމެވެސް ޓުރޭނިންއެއްގައި ބައިވެރިވެ އެ މަސައްކަތެއް ފުރިހަމަކުރިކަމުގެ ލިޔުމެކެވެ. ދެން އެއަށްފަހު އެ ދަރިވަރަކު ޖެހޭނީ އެ ގައުމަކުން ކަނޑައަޅާ މެޑިކަލް ބޯޑަކަށް ގޮސް އިމްތިހާނު ދިނުމުން ނުވަތަ އެ ދަރިވަރަކު ފުރިހަމަކުރި ޓްރޭނިންއެއްގެ ލިޔުން ދެއްކުމުން އެ މެޑިކަލް ބޯޑަކުން އެ ދަރިވަރަކަށް ދޫކުރާ ލައިސަންސްތަކަކީ މެޑިކަލްގެ ސްޕެޝަލައިޒު ޑިގުރީތަކެވެ. އަދި އެ މެޑިކަލް ކޮލިފިކޭޝަންތައް އެކުރެޑިޓޭޓު ކުރާން ތިބޭ ބަޔަކީ އެ ގައުމެއްގެ މެޑިކަލް ބޯޑުތަކެވެ.

ކަމުގެ ހަގީގަތަކީ މިއީ ކަމަށް ވީއިރު އެމް.ކިއު.އޭއިން އެ ދަރިވަރަށް އެފަދަ ނޭއްގާނީ ޖަވާބެއް ދެއްވި މަގުސަދާމެދު ސުވާލު އުފެދެއެވެ. އެއީ ޢިލްމުގެ ދޮރު ހަނިކޮށް، ޢިލްމު ހޯދަންދާ ދަރިވަރުންނަށް މަގުފަހިކޮށްނުދީ ދަތިކުރުމުގެ މަގުސަދުގައި ކުރިކަމެއްތޯ ސުވާލު އުފެދެއެވެ. ނުވަތަ ޙަގީގަތުގައި ވެސް އެމް.ކިޔު.އޭ އެ މަސައްކަތަށް ތަސައްރަފު ނުފުދެނީތޯ ސުވާލު އުފެދެއެވެ.

ކޮންމެއަކަސް އެއީ ގައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭވަރުގެ މައްސަލައެކެވެ. ސަބަބަކީ ޤައުމެއް އުޖާލާވެ ކުރިއަރައިގެން ދާނީ އެޤައުމެއްގެ ހުރި ޢިލްމީ ފެންވަރަކުން ކަމަށްވެފައި ދިވެހިރާޖޭގެ ޢިލްމީ ޚަޒާނާގެ ފާރަވެރިޔަކީ އެމް.ކިޔު.އޭ ކަމުގައި ވީހިނދު އެތަނުގައި ތިބޭ މުވައްޒަފުންނަށް މެޑިކަލް ޑިގުރީތައް އެކުރެޑިޓްކުރެވޭ ގޮތް އެނގޭ ކަމާމެދު ޝައްކު އުފެދޭތީއެވެ.

ފަހެއް: ޑޮކުޓަރުންގެ ތައުލީމާއި ކޮލެޓީ އެކުރެޑިޓު ކުރުމުގައި ދިވެހިރާއްޖޭގައި ފަހު ބަސް ބުނެވޭނެ މުއައްސަސާއަކީ "މޯލްޑިވުސް މެޑިކަލް އެންޑު ޑެންޓަލް ކައުންސިލް" އެވެ. އެ މުއްސަސާއިން 25 އެޕްރީލް 2023ގައި "ލިންކަން މެޑިކަލް ސެންޓަރު، ނިއުޔޯކު" އިން އެ ދަރިވަރަށް ދީފައިވާ "އިންޓާނަލް މެޑިސިން" ޕޮރްގުރާމު ގަބޫލުކޮށްފިކަމުގެ ލިޔުމެއް ދީފައި ވަނިކޮށް އެމް.ކިއު.އޭ އިން އެ ޕްރޮގުރާމު ގަބޫލު ނުކުރާނެ ކަމަށް ބުނުމުން އެމް.ކިއު.އޭ ވަނީ ޖަހާލަތުގެ އަނދިރިކަމެއްގައިކަން ފާހަގަކުރެވެއެވެ. ސަބަބަކީ ދިވެހި ރާއްޖޭގެ މެޑިކަލް ބޯޑަށް ލިބިފައިވާ އިމުތިޔާޒަކަށް އެ މައިދާނުގައި އެއަށް ވުރެ ނިކަމެތި ބަޔަކު ހުރަސްއަޅައި ގޮންޖެހުމަކީ ތަސައްރަފު ފުދޭ ބަޔަކު ކުރާނެ ކަމަކަށް ނުވާތީއެވެ.

ހަޔެއް: އެމް.ކިއު.އޭ.އަށް ދަރިވަރު ފޮނުވި ޒުވާބުގެ އީމޭލުގައި އިތުރަށް ބުނެފައިވެއެވެ. "އެންމެ ފުރަތަމައިން އަހުރެން ސާފުކޮށްދިނުމަށް ބޭނުންވަނީ އެމެރިކާގައި މެޑިކަލް ރެސިޑެންސީ ޓުރޭނިން ޕްރޮގުރާމުތައް އަދި އެންމެ މަޝްހޫރު މުއައްސަސާތަކުގެ މިސާލަކަށް ހާވަޑާއި މާޔޯ ކުލިނިކު ފަދަ ތަންތަނުގެ ވެސް މެޑިކަލް ޓުރޭނިން ޕްރޮގުރާމުތައް އެކުރެޑިޓުކުރާ މުއައްސަސާއަކީ އެމެރިކާގެ "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) އެވެ. އޭގެ މާނައަކީ ހާވަޑާއި މާޔޯ ކުލިނިކުންގެ މެޑިކަލް ޓްރޭނިންތައް ވެސް ތިބޭފުޅުން ހަމަ ހިލާ ގަބޫލުނުކުރައްވާނީ ތޯއެވެ؟!"

އެ ސުވާލަކަށް ވަކި ޚާއްސަ ޖަވާބެއް އެމް.ކިއު.އޭ އަކުން ދެއްވާފައިވާ ކަމެއް އެ އީމޭލުން އެނގޭކަށެއްނެތެވެ. ނަމަވެސް ދަރިވަރުގެ ގެއިން ބޭފުޅަކު އެމް.ކިއު.އޭއާ ގުޅައިފައި އެމް.އެމް.ޑީ.ސީ. އިން އެ ޕުރޮގުރާމު ގަބޫލުކޮށްފައިވާ ވާހަކަ ދެންނެވުމުން އެމް.ކިއު.އޭ އިން ޖަވާބު ދެއްވި ކަމަށް އެ ގެއިން ބުންޏެވެ. "އެމް.އެމް.ޑީ.ސީ. އިން ގަބޫލުކޮށްފައި އޮތްކަމުގައި ވިޔަސް އަހަރެމެން ބަލާ މިންގަނޑު ތަފާތެވެ."

ނަތީޖާ: ކޮންމެއަކަސް ދަރިވަރު އިންޓާނަލް މެޑިސިނުން ސްޕެޝަލައިޒުވުމަށް އެމެރިކާގެ ނިއުޔޯކުގައި ހުންނަ "ލިންކަން މެޑިކަލް ސެންޓަރު"ގައި ކިޔަވަމުންދާ ޕްރޮގުރާމަކީ އެމެރިކާގެ "އެކުރެޑިޓޭޝަން ކައުންސިލް ފޯރ ގުރޭޖުއޭޓު މެޑިކަލް އެޑިއުކޭޝަން" (ACGME) އިން ގަބޫލުކޮށްފައިވާ އަދި ދިވެހިރާއްޖޭގެ މެޑިކަލް ބޯޑުން ގަބޫލުކޮށްފައިވާ މެޑިކަލް ޓުރޭނިން ޕްރޮގުރާމެކެވެ. އެހެންކަމުން އެމް.ކިއު.އޭ. އަކަށް އެމެރިކާގެ އިސްވެ ދެންނެވުނު (ACGME) މެޑިކަލް ބޯޑަށާއި ދިވެހިރާއްޖޭގެ މެޑިކަލް ބޯޑަށް ގޮންޖެހުމަށް ފަހު އެ ޕޮރްގުރާމު ގަބޫލުނުކުރާނަމޭ ބުނުމުގެ ގާނޫނީ ހައްގެއްނެތެވެ. ސަބަބަކީ ހަޔަ އެޑުކޭޝަން އެކުރެޑިޓްކުރުމާއި ސިއްހީ ދާއިރާގެ މެޑިކަލް އެޑިއުކޭޝަން ޓުރޭނިން ޕްރޮގުރާމު އެކުރެޑިޓްކުރުމަކީ ތަފާތު ދެ މުއައްސަސާއަކުން ކުރާ ދެ މަސައްކަތެކެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން އޮންނަނީ އެގޮތަށެވެ. ހޮސްޕިޓަލެއްގެ މެޑިކަލް އެޑިއުކޭޝަން ޓްރޭނިން ޕްރޮގުރާމެއްގައި ފަހު ބަހަކީ މެޑިކަލްބޯޑުގެ ބަހެވެ. ހަޔަ އެޑުކޭޝަން އެކުރެޑިޓްކުރާ މުއައްސަސާތަކުން ޖެހޭނީ މެޑިކަލް ބޯޑުގެ ނިންމުން ގަބޫލުކުރާށެވެ.

އިލްތިމާސް:

އެކެއް: އެމް.ކިއު.އޭގެ މުވައްޒަފުންގެ އިލްމީ ފެންވަރު އަލުން މުރާޖާކުރުމަށްފަހު ތަމުރީނާއި ހުނަރު ބޭނުންވާ ނަމަ އެކަމަށް މަގުފަހިކުރުމެވެ. ނުވަތަ ކަމަށް ގާބިލު އެކަށީގެންވާ މީހުން އައްޔަންކުރުމެވެ.

ދޭއް: ސްޓޫޑެންޓު ލޯނު ދިނުމުގައި މެޑިކަލް ޓުރޭނިންގް ޕްރޮގުރާމުތައް އެކުރެޑިޓްކުރާނެ ތަނަކީ އެމް.ކިއު.އޭ ކަމުގައި އޮތްއޮތުން ބަދަލުކޮށް މީގެ ފަހުން މެޑިކަލް ޓުރޭނިން ޕްރޮގުރާމުތައް އެކުރެޑިޓޭޓު ކުރާނެ ތަނަކީ "އެމް.އެމް.ޑީ.ސީ" ކަމުގައި ހަމަޖެއްސުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. ހަގީގަތުގައި ވެސް ވަރަށް ވިސްނުން ހަނި ބަޔެއް ތިބޭ ތަނެއް. އެތާގެ ވެރިޔާ ގަބޫލުކުރައްވާ ގޮތަކީ ދިވެހިބަހަކީ ކިޔަވައިދިނުމުގެ ގާބިލުކަން ލިބިފައިވާ ބަހެއްނޫނެވެ. އަދި ރާއްޖޭގައި ހިންގާ ތިން އަހަރަށް ވުރެ ދިގު ކޯސްތަކުގައި ދިވެހިބަސް ނުވަތަ ދިވެހި ތާރީޚާ ގުޅޭ މާއްދާއެއް ދިވެހިބަހުން ކިޔަވައިދޭން ޖެހޭނެކަމަށް އޮންނަކަމަށް ވެސް އެ މަނިކުފާނު ދެނެވަޑައެއްނުގަނެއެވެ. ލަދުވެތި ކަމެކެވެ. ހިތާމަހުރި ކަމެކެވެ.

  2. އެކަމެއް އޮންނަ ގޮތް ނޭނގި އެ ކަމުގެ ވާހަކަ ދައްކާ މީހުން، ނުވަތަ ތިމާ އަށް ނޭނގޭ ކަން ވެސް ނޭނގޭ މީހުންނަށް ކިޔަނީ ޖާހިލު މުރައްކަބުން ނެވެ. މި ލިޔުން ލިޔެފައިވާ ފަރާތަކީ އެމެރިކާގައި މަތީ ތަޢުލީމު ދޭ މަރުކަޒުތަކާއި، ޕްރޮގްރާމްތައް ޤަބޫލުކުރުމުގައި ގޮތްނިންމާ އިދާރާތަކަކީ ކޮބައިކަން ނޭނގި މި ލިޔުން ލިޔެފައިވާ ފަރާތެކެވެ. އެމް.ކިއު.އޭ ގެ ޖަވާބުން ޤަބޫލުނުކުރާ ކަމަށް ޖަވާބު ދިން ސަބަބު އެ އޮތީ ވަރަށް ސާފުކޮށް ބުނެދީފައެވެ. އެމެރިކާގައި ގަބޫލުކުރާ މަރުކަޒުތަކާއި، ޕްރޮގްރާމްތައް ކަނޑައަޅާނީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުންނެވެ. ރާއްޖޭގެ މެޑިކަލް ކައުންސިލަކުނެއް ނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *