Support Us

ކޮލަމް ކަލާވެހި: އަނެއްކާވެސް ހުއްޓޭނީ ސައިކަލު ކަން ހަމަ ޔަޤީނެވެ.

އަޅުގަނޑު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑަކީ ބައެއްކަހަލަ 'ވިންޓެޖް' ސައިކަލު ގެންގުޅޭ މީހަކީމެވެ. އަދި މިދަންނަވާ ސައިކަލުތަކުގެ ތެރެއިން ސައިކަލެއް މިހައިތަނަށް ދުވަހަކުވެސް އަޅުގަނޑަށް ލަނޑެއް ދީފައެއް ހަމަ ނެތެވެ.

އެކަމަކު މިދިޔަ ހަފުތާ…! އަސްތާ، މިދިޔަ ހަފުތާ ވެގެން ދިޔައީ، ބައެއް ދުވަސްވަރަށް 'ޗުއްޓީ’އަށް ގޭގައި ޕާކުކޮށްފައި ހުންނަ ދުވަސްތައް ފިޔަވައި، އަޅުގަނޑުގެ އެންމެ ލޯބިވާ ސައިކަލުގެ ކޮންޓްރޯލް އަޅުގަނޑުގެ އަތުން ދޫވެ، އެކި ދެތިން ފަހަރަކު ސައިކަލު މަގުމެދަށް ހުއްޓި، މިކަހަލަ ސަކަރާތްތަކެއް ޖަހަން ޖެހުނު ހަފުތާޔަކަށެވެ. ފުލޯކުގެ ހުވަފެނީ ޢާލަމުގެ ތެރެއިންނެވެ. އެހެންވިޔަސް، ހަމަ އެންމެ ރަނގަޅު ނޫންތޯއެވެ!

އަޅުގަނޑުގެ ލޯބިވާ ހޮންޑާ އެސް.އެލް.350 އަކީ އެތައް ސައިކަލެއްގެ ތެރެއިން އަޅުގަނޑު އިޚްތިޔާރުކުޅަ ސައިކަލެކެވެ. އެތައް ތާކަށް، އެތައް ރަށަކަށް ދަތުރު ކޮށް، ނުފުދޭ ޒާތުގެ އެތައް ވަޢުދެއް އެތައް ބަޔަކަށް ވެ، އެތައް ބަޔަކަށް ފަސްސަތޭކަ ރުފިޔާގެ ނޫޓު ބަހައި، ދެންވެސް އެޒާތުގެ އެތައް ކަމެއް ކޮށްގެން ކާމިޔާބުކުރި ނީލަމަކުން ނެގި، ބައުވިޔަސް ދުވަހަކުވެސް ހަސްފަސްނެތިވެ ނުދާނޭ ކަން ޔަޤީން ސައިކަލެއް މެއެވެ. ސައިކަލުގެ މޮޑެލްގެ މަޝްހޫރުކަން ދުނިޔެއަށް ފެތުރިގެން ދިޔައީ އެމެރިކާގެ މަޝްހޫރު މުމައްޘިލް ޖޯން ވޭން އެ މޮޑެލްގެ ސައިކަލު ދުއްވީތީ ކަމަށް ވިޔަސް، ސައިކަލުގެ ގޮތް ރަނގަޅަށް ނޭނގޭ ބަޔަކު ކީ ނީލަމެއްގައި އެ މޮޑެލްގެ ސައިކަލެއް ހުއްޓައި ފެނުނީތީ އަޅުގަނޑު އެ ސައިކަލު ނެގީ މުޅީން އެހެން ބޭނުމެއްގައެވެ. އެކަމަކު އެ ބޭނުމެއް މިއަދަކު ހަމަ ނުފުދެއެވެ.

މިދަންނަވާ ސައިކަލު އަޅުގަނޑު ލަނޑުދިނީ މިދަންނަވާ ބީދައިންނެވެ.

ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. އެއީ އަޅުގަނޑުގެ ވިންޓެޖް ސައިކަލުތަކުން ސައިކަލެއް މަގުމައްޗަށް ނެރޭ ހިތްވާ ރެޔަކު ނެރޭ ގަޑިއެވެ. މަގުމަތި އަމާންވެފައި ހުސްވާނޭ ގަޑިކަމަށް ހީކުރެވޭ ގަޑިއެވެ. އެކަމަކު…

އަސްތާ، އެއޮތީ މަގެކެވެ. އެކި ކުލައިގެ އެކި ކާރެވެ. 'އިން ޓްރާންސިޓް' ނޫނީ 'ޕްރައިވެޓް ހަޔަރ' ޖަހައިގެން ދުއްވާ ބޮޑެތި ބަހެވެ. އަލީގެ ދުވެއްޔަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް މަޑުން ދުވާ ސުޒުކީ ޖީ.އެން 125 ތަކެވެ. އެ ބާވަތް ތަންކޮޅެއް ރައްކާތެރިކޮށް ދުވާނީ ވަރަށް ބަނިޔާދަން ދުވެއްޔެއްގައިތާއޭ ހީވުމަކީ ކަނޑައެޅިގެން ކުށްހީއެއްކަން ސާބިތުކޮށްދޭ ސްކޫޕީތަކެއްވެސް މަދެއް ނޫނެވެ. އަދި އެހުރިހައި އަޑެއްގެ ތެރެއިން ނެއްލައިނާދަން އާއި މެންޑޯޒާއާއި ސުޝީލްކުމާރު އާއި ސެނެވިރަތްނަ އާއި އެ ހަތަރު މީހުންނާ ވާދަޔަށް އެމްޑީ ޝުޕޯންމިއާ އެ ލަވާ ހަޅޭކުގެ އަޑު މާ ސާފުކޮށް އިވުނީމައިވެސް ތޯއްޗެކޭ، އަޅުގަނޑުގެ ސައިކަލު ޒާތަކަށް ލަކިތަޅައިގެންފިއެވެ. އަދި އެޅިގާ ނަގައި، ތާރު އަޅައި، އޮފިއެލޭ ނަގައި އޮފިނޭލެނެޔޯ ގަސް އަލަށް އިންދި މަގުގެ މޮޅު ހިސާބަކަށް ހުއްޓިއްޖެއެވެ.

ސައިކަލު އިންޖީނަށް ހޫނުބޮޑުވީތާއޭ ހިތައި މަގުގެ އެއް އަރިމަތީގައި ދަމައިފައި އޮތް ރީނދޫ ރޮނގުގެ ކައިރިޔަށް ސައިކަލު ލަފައިލައިފީމެވެ. އެހެން މީހުންވެސް ކަން ކުރާ ގޮތަށެވެ. އަދި ހަރުވެސް ޖައްސައި، ކުޑަ އިރުކޮޅަކަށް ސައިކަލުން ފައިބައިވެސްފީމެވެ. ދެން، ސައިކަލު ހިހޫވާން އެކަށީގެންވާ ވަގުތުކޮޅެއް ދީފައި، އިސްޓާޓަށް ޖަހައިފީމެވެ. ސައިކަލުގެ ގިއަރބޮކްސް ތެރެއިން "ޗޮރްހުރް! ޗޮރްހުރް! ޗޮރްހުރް!" މިކަހަލަ އަޑުތަކެއް ތަންކޮޅެއް ބާރަށް އިވިފައި، އިންޖީނު ހިނގައިގެންހެން ވެސް ހީވިއެވެ. އެކަމަކު އެހެނެއް ނޫނެވެ. އިންޖީނު ހިނގައެއް ނުގަތެވެ.

ދެތިން މިނިޓު މަޑުކޮށްލައިފައި އަނެއްކާވެސް ސައިކަލުގެ ހެންޑެލި ޖަހައިލައިފީމެވެ. މިފަހަރު އިވުނީ އިންޖީނުގެ ސިލިންޑަރު ހެޑު ތެރެއިން މުޅީން އެހެން ކަހަލަ އަޑެކެވެ. އެ އަޑު އެންމެ ވައްތަރުވާން އުޅުނީ މީހެއްގެ ކަންކަށިމަތީގައި އެހެން މީހަކު އަތްދަމައިފައި ފިސާރި ކަމުދާވަރަށް އަޅައި ވިހެލީމައި އެއިވޭ ކަހަލަ އަޑަކާއެވެ. އެކަމަކު ދެން އެ އަޑުވެސް އިސާހިތަކު ކެނޑިއްޖެއެވެ. ސައިކަލު ހަމަ އިސްޓާޓެއް ނުވިއެވެ.

އަޅުގަނޑު ހިތަށްއެރިއެވެ. މިޖެހުނީ ކަމަކާއެވެ. މި އިންޖީނު މިޖެހުނީ އޯވަރހޯލް ކުރަންތާއެވެ. ހަމަ ޔަޤީނުންވެސް ޕިސްޓަން ރިންގު ސެޓާއި ޓައިމިންގް ޗޭނު އައުކުރާން ޖެހޭނެއެވެ. ކޮންރޮޑުގެ ދެކޮޅު ދެ ރޭޒާދަޅު ބަދަކުރާން ޖެހޭނެއެވެ. ޓެޕެޓްތައް ރަނގަޅުތޯ ބަލައި، ކްލިއަރަންސްތައް ހަމަޔަކަށް އަޅުވާން ޖެހޭނެއެވެ. ސިލިންޑަރުގެ އެތެރެއިން ގެދަބުޅި ފިލުވާންވެސް ޖެހޭނެއެވެ. މިހިރީ މިސައިކަލު އަލުން ރަނގަޅަށް ދުއްވާނެންޏާ ކުރާން ޖެހޭނޭ ކަންކަމެވެ.

އެހެނެއްކަމަކު މިއީ ސައިކަލު އޯވަރހޯލް ކުރާން އެއްވެސް ގަރާޖަކުން ބަލައިގަންނާނޭ މޫސުމެއް ނޫނެވެ. މޫސުން އަންނަނީ އަންނަ އަހަރުޔޯލައެވެ. ކުރާނޭ ކަމެއް ނެތެވެ. އަނެއްކާ މިޖެހުނީ ސައިކަލު މަރާމާތުކުރާން ބޭނުންވާނޭ ސާމާނު ހޯދާން އެތައް ތާކަށް، އެތައް ރަށަކަށް ދަތުރު ކޮށް، ނުފުދޭ ޒާތުގެ އެތައް ވަޢުދެއް އެތައް ބަޔަކަށް ވެ، އެތައް ބަޔަކަށް ފަސްސަތޭކަ ރުފިޔާގެ ނޫޓު ޑޮލަރުން ބަހައި، ދެންވެސް އެޒާތުގެ އެތައް ކަމެއް ކޮށްގެން އެކަން ވޭތޯ ބަލާން ތާއެވެ!

އެހެންވީމައި ތާއޭ، ހަމައެކަނި ވިންޓެޖް ސައިކަލު ނުދުއްވައި، މިހައިރަކަށް އައިސް އަޅުގަނޑު ކުޑަވަރެއްގެ ބެނެއްލީ ސްކޫޓަރެއްވެސް މި ދުއްވަނީ، އަޅެ އެހެންނޫންތޯއެވެ؟

ސައިކަލުގަނޑުން އަޑުއަޑު އިވިފައި ހުއްޓޭން ފަށައިފިއްޔާ….. އިރުއިރުކޮޅުން ހުއްޓޭން ފަށައިފިއްޔާ، ނެއްލައިނާދަން އާއި މެންޑޯޒާއާއި ސުޝީލްކުމާރު އާއި ސެނެވިރަތްނަ އާއި އެ ހަތަރު މީހުންނާ ވާދަޔަށް އެމްޑީ ޝުޕޯންމިއާ އެ ލަވާ ހަޅޭކުގެ އަޑު އަހައިލާން އަޅުގަނޑުމެން ކަހަލަ އާދައިގެ ދިވެއްސަކަށް މަގެއްގެ މައްޗަށްވެސް ނުނިކުމެވޭނޭ ދުވަސްވެސް އަތުވެދާނެ، އެހެންނޫންތޯއެވެ؟ ކަން އޮތްގޮތެއް އެނގޭނީ މިއަންނަ އަހަރު ސްޕެއަރ ޕާޓްސް ހޯދާން ގަމުތެރެޔަށް ނިކުމެލީމައެވެ! ސައިކަލުން ނެގި ސާމާނު އަނެއްކާ އަލުން އަނބުރައި ލައްވަން ވެއްޖިއްޔާ ދެންވެސް އިވޭނީ ހަމަ އެއްކަލަ އަޑުތައް ކަން ޔަޤީނެވެ. އަނެއްކާވެސް ހުއްޓޭނީ ސައިކަލު ކަން ހަމަ ޔަޤީނެވެ.

އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ.

 

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. މީ ހަމަ ސައިކަލެއްގެ ވާހަކަބާ؟ އިންޖީނުން އެކީ އަޑަކާ މީހެއްގެ ކަންކަށިމަތީޖެހި އަޑަކާ…. ހާދަ ހީނުވެޔޭ. އަނެއްކާ މީ ފޮރުވިފަވާ މާނައެއް އޮއްއެއްޗެއްބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *