Support Us

5000 ރުފިޔާޔާ ބެހޭ އަޑުއެހުމެއް

ދުނިޔޭގައި ލެއްވި ކޮންމެ އެއްޗަކީ އޭގެ ޒާތުގައި ފުރިހަމަ އެއްޗަކަށް ވިޔަސް، ނުވިޔަސް، އެއީ އަޅުގަނޑު އެޔަށް ފާޑުކިޔާނެ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް، ދުނިޔޭގައި އިންސާނުން އުފައްދައިގަންނަ ކަމަށް ބުނާ ކޮންމެ އެއްޗަކީ އެޔާ ޚިލާފު އެއްޗެކެވެ. އެ އެއްޗެއްގެ ސަބަބުން އަޅުގަނޑުގެ ހިތަށާއި ހަށިގަނޑަށް ފަސޭހަކަމެއް ގެނެސްދޭ ކޮންމެ އެއްޗަކީ އެ އެއްޗެއް އުފެއްދި ބަޔަކަށް އަޅުގަނޑު ޝުކުރުވެރިވާނެ އެއްޗެކެވެ. ހަމަ އެބީދައިން އަޅުގަނޑުގެ ދިރިއުޅުމަށް އުނިކަމެއް ގެނެސްދޭ ކޮންމެ އެއްޗެއް، ނުވަތަ ފައިދާއެއް ޢަމުދުން ކޮށް ނުދޭ އެއްޗެއް އުފެއްދި ބަޔަކަށް އަޅުގަނޑު ސާބަސް ނުދޭނެކަންވެސް އެބަޔަކު ދަންނަން ވާނެއެވެ.

މި ދެންނެވި ހަމައިން ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ތަޢާރަފުވެފައި މިހައިރު މިއޮތް "ޕެންޝަން ސްކީމް" ފެތެނީ މިދެންނެވި ދެ ގިންތީން ކުރެ ކޮން ގިންތިޔަކަށްކަން ވިދާޅުވެދެއްވަން ވާނީ ތިޔަބޭފުޅުންނެވެ. އައްސަވާށެވެ!

އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން އޮތް ދެތިން ވާހަކަޔަކީ މިއެވެ. ދަންނަވަން އޮތީ ދެތިން ސުވާލެކެވެ. ދުނިޔެއަށް ފޮނުއްވާ ކޮންމެ އިންސާނަކީ ސޯސް ފުޅިޔާއި މަސްދަޅުގައި ޖަހައިފައި އޮންނަ ކަހަލަ "މިމުއްދަތަށް ފަހު ބޭނުން ނުކުރައްވާ!" ތާރީޚެއް ޖައްސަވައިފައި ފޮނުއްވާ މަޚުލޫޤަކަށް ނުވޭ ނޫންތޯއެވެ؟ އުފަން ދުވަހުގެ ސެޓުފިކެޓުގައި "މި އިންސާނާޔަކީ ޢުމުރުން 65 އަހަރު ފުރުނީމައި، އުފެއްދުންތެރި އެއްވެސް މަސައްކަތެއް ނުކުރެވޭނެ މަޚުލޫޤެއް" މިހެނެއްވެސް ލިޔެފައެއް ނޯވޭ ނޫންތޯއެވެ؟ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެކި އިންސާނުންގެ 'އުފެއްދުންތެރި ޙަޔާތް' ނިމޭނީ އެކި ޢުމުރުގައެވެ. އެކި ޙާލަތް އެމީހަކާ ކުރިމަތި ވީމައެވެ.

'އުފެއްދުންތެރި ޙަޔާތް' މިއީ ހާދަހާ ގޮތަކަށް މާނަކުރެވިދާނެ އެއްޗެކެވެ. އެހެން ނަމަވެސް، ދަންނަވަން މިއުޅޭ އެއްޗެއް ސާދާ ކޮށްލުމަށްޓަކައި، އެލަފުޒުކޮޅުގެ މާނަ ހަނި ކޮށްލަމާތޯއެވެ! ޢާންމު އިންސާނެއްގެ 'އުފެއްދުންތެރި ޙަޔާތަކީ' އެމީހަކު ކުރާ މަސައްކަތުން އަނބިދަރިންގެ ޟަރޫރަތްތައް ފުއްދައިދީ، ނުވަތަ މުޖުތަމަޢަށް ބޭނުންތެރި ޚިދުމަތެއް ކޮށްދެވޭ ވަރުގެ ހިތްވަރާއި ހަކަތަ މީހާގައި ހުންނަ މުއްދަތު ކަމަށް ބަލަމާތޯއެވެ! އެހެން ބެލި ކަމުގައި ވިޔަސް، އެކި މީހުންގެ 'އުފެއްދުންތެރި ޙަޔާތުގެ' ދިގުމިން އެކި ވަރު ވާނެއެވެ. މީހާޔަށް ޤުދުރަތީ ގޮތުން، ނަސަބުގެ ތެރެއިން ވާރުތަވަމުން އަންނަ އެކި ސިފަތަކާއި (އިނގިރޭސި ބަހުންނަމަ 'ޖެނެޓިކް ޑިސްޕޮޒިޝަން' އާއި)، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި، އޭނާ ދިރިއުޅޭ ވެށްޓާއި، ކުރިމަތިވާ އެކި ޙާދިޘާ ތަކާއި،  މިހުރިހައި ކަމަކީ އޭނާގެ 'އުފެއްދުންތެރި ޙަޔާތުގެ' ދިގުމިނަށް އެކަންކަމުގެ އަސަރު ފޯރާނެ ކަންކަމެވެ. އެހެން ކަމުން، އެކެއްގެ ޢުމުރުން 70 އަހަރު ފުރޭއިރު އޭނާޔަކީ ހިތްވަރާއި ފަންވަރުގެ ގޮތުން ވަރަށް ކުރީގައި ހުންނަ މީހަކަށް ވާއިރު، އަނެކާޔަކީ ޢުމުރުން 40 އަހަރުގައި ފުރޮޅުލީ ގޮނޑިއެއްގައި ނޫނީ މަގުމައްޗަށް ނުނިކުމެވޭ ފަދަ ނިކަމެއްޗަކަށްވެސް ވެދާނެއެވެ. އެހެން ކަމުން، ޢުމުރުން 65 އަހަރު ވާ ކޮންމެ މީހެއްގައި ކުރިން މިދެންނެވި 'މުއްދަތު ހަމަވެފައި' ކަމަށް ބުނާ ލޭބަލް ހިއްޕުމަކީ..؟

ކަން މިހެން އޮތް ނަމަވެސް، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކުރުމުގައި ފަސޭހަ ގޮތްތަކެއް ގެންގުޅުމާއި، ޕެންޝަނާއި އިޖްތިމާޢީ ރައްކައުތެރިކަން އާބާދީއަކަށް ފޯރުކޮށްދޭން އިންނަ އޮފިސަރަކަށް ސަކޭގާ ވާވަރުގެ މިންތަކަކާއި އިންތަކެއްގެ ތެރޭގައި އޭނާގެ މަސައްކަތް ކުރެވޭނޭ މާޙައުލެއް ޤާއިމް ކުރުމަށްޓަކައި މިދެންނެވި ގޮތަށް 'މުއްދަތު ހަމަވާ' ތާރީޚެއް ގެންގުޅުމަކާ އަޅުގަނޑު ދެކޮޅެއް ނުހަދާނަމެވެ. އަދި ހަމަ އެޔާއެކު، އެ އޮފިސަރުވެސް އަޅުގަނޑު ދެން މިދައްކާ ވާހަކަވެސް އަޑު އައްސަވައިލެއްވުން އެއީ ނެތް ކަމެއް ނޫން، ދެއްތޯއެވެ؟

ތެދުފުޅެކެވެ! ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާން ޖެހޭނެއެވެ. ފަޤީރު ނިކަމެއްޗަކާއި ބަޚީލު މަހުޖަނެއްވެސް ޤާނޫނަށް ފެންނަނީ އެއް އިސްކޮޅެއްގައި ނޫންތޯއެވެ؟ ދެރަ ސޮޑާޔާއި ވަނާޖުބޭސާ އެއީ އަދި އެހެން ވާހަކައެއް ނޫންތޯއެވެ؟ އަދި މި ދެ ވާހަކައިގެ ތެރެޔަށް ޢާލަމީ ޢަދްލު އިންޞާފާއި ބައިނަލް އަޤްވާމީ ޤާނޫނީ ހަމަތައްވެސް ލައިގެން ކިރަން މިއުޅޭ އެއްޗެއް ކިރައިލަމާތޯއެވެ! އާދެ! އަޅުގަނޑު ތިޔަބޭފުޅުންގެ އިންޞާފުގެ ފަނޑިޔާރުގޭގެ ކޮށިގަނޑަށް ހާޒިރު މިކުރަނީ ހަތަރު މީހެކެވެ. މި ހަތަރު މީހުންނަށް ޙައްޤުވާ ޕެންޝަން އާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޙުުކުމް ކަނޑައަޅުއްވާނީވެސް ހަމަ ތިޔަ ބޭފުޅުންނެވެ.

އަޅުގަނޑު އެންމެ ފުރަތަމަ ހާޒިރު ކުރާނީ ކޮންމެވެސް ދޮންމަނިކެކެވެ. ދޮންމަނިކަކީ ސަރުކާރުގެ ވަފާތެރި ޚާދިމެކެވެ. އޭނާގެ ޚިދުމަތުގެ ސިލްސިލާ ފެށުނީ 1970މ. ހާ ތާނގައެވެ. އެ ދުވަސްވަރަކީ  ސިޔާސީ މުވައްޒަފުންނޭ ކިޔާ ވަކި ގިންތިއެއް އަދި ނުއުފެދޭ ދުވަސްވަރެކެވެ. ކާތިބު ކަމުން ފަށައިގަންނަ މީހާގެ ލިޔާޤަތާއި ޤާބިލް ކަން ހުރި މިންވަރަކުން އޭނާގެ މަޤާމު މައްޗަށް ދަމުން ގޮސް ވަޒީރު ކަމާ ހަމަޔަށް ދިޔަޔަސް އޭނާޔަކީ ހަމަ ސަރުކާރު މުވައްޒަފެކެވެ. ދައުލަތުން އެއިރު ވެފައި އޮންނަ ވަޢުދަކީ، 20 އަހަރު ޚިދުމަތް ކުރީމާ އެވަގުތަކު ލިބިލިބި ހުރި މުސާރައިގެ ދެބައިކުޅައެއްބައި ޢުމުރަށް، އަދި 40 އަހަރު ޚިދުމަތް ކުރީމާ އެވަގުތަކު ލިބިލިބި ހުރި މުޅި މުސާރަ ޢުމުރަށް ލިބޭނެ ކަމުގެ ވަޢުދެވެ. ދޮންމަނިކު މިވަޢުދުގެ އަޑުއަހައިގެން މަސައްްކަތް ކޮށްކޮށް ހުއްޓައިި، 2008މ. ވަނަ އަހަރު ރާއްޖެޔަށް އައި ބަދަލު ތަކެއްގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ވަޒީފާ ގެއްލިއްޖެއެވެ. އެއީ އޭރު އޭނާޔަކީ ވަޒީރެއްގެ ނައިބަކަށް ވާތީ، އެ މަޤާމަކީ އަލަށް އުފެދުނު ސިޔާސީ މަޤާމުގެ ގިންތީގެ ވަޒީފާޔަކަށް ވާތީއެވެ. އޭނާ ކުރެން އަހައިލުމެއް ކަހައިލުމެއް ނެތި، އޭނާ ގަދަ އަޅައި މަސައްކަތް ކޮށްގެން ހޯދި ކުރިއެރުން ވީ ކަރަށް ފެތުނު މަޅިޔަކަށެވެ. ޚިދުމަތަށް 40 އަހަރު ފުރެން އެންމެ ދެ އަހަރަށް ވެފައި އޮއްވައި، ވަޢުދު އުވިއްޖެއެވެ. ދޮންމަނިކު މަގުމަތި ވެއްޖެއެވެ. އަލަށް އުފެދުނު 'ރިޓަޔަރމަންޓް ޕެކެޖު' ގައިވެސް އޭނާ ލައްވައެއް ނުލިއެވެ. ވަޒީފާ ގެއްލުނުއިރު ޢުމުރުން ވީ 60 އަހަރެވެ. އޭރު އޭނާޔަކީ ހިތުގެ ބައްޔަކަށް ބޭސްކުރާ މީހެކެވެ. އެކަމަކު އޭނާޔަށް ޖެހުނީ އަނބިދަރިންނަށް ކާންބޯން ދޭން މަގުމައްޗަށް ނިކުމެ 'ދަމާކަނޑާށެވެ'! މިގޮތަށް އުޅެން ހަދައިގެން މޭގައި ރިއްސަން ފެށީމާ އޭނާ ދެފަހަރަކު ހޮސްޕިޓަަލަށްވެސް ގެންދެވުނެވެ. ޑޮކްޓަރު އެންގެވީ ބުރަޔާއި ހާސްކަމުގައި ނުއުޅުމަށެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ!….

ޢުމުރުން 65 އަހަރު ފުރުނީމާ އެއްމެނަށްވެސް މަހަކު އެއްފަހަރު އެ ދެއްވާ 5000 ރުފިޔާ ދޮންމަނިކަށްވެސް ދެއްވަންވެގެން ބެއްލެވި އިރު، އޭނާ ވަނީ ޢުމުރުން 63 އަހަރު ފުރުނު ތަނާހެން ހާރޓްއެޓެކެއް ޖެހި ނިޔާވެފައެވެ!

ކޮށިގަނޑަށް ދެން ހާޒިރު ކުރަން ހުރީ ޢަދްލީއެވެ. އޭނާގެ ޢުމުރުން މިހައިރު މިވީ 30 އަހަރެވެ. އޭނާ ވަޒީފާޔަކަށް ވަނީ 2010މ. ގައެވެ. އެހެން ކަމާއެކު އޭނާގެ މުސާރައިގެ 7 އިންސައްތަ އާއި ވަޒީފާ ދިންފަރާތުން އެޔަށް ލައިދޭ 7 އިންސައްތަ ލައިގެން ހަމަވާ ޢަދަދެއް ކޮންމެ މަހަކުވެސް އޭނާގެ ޕެންޝަން ފަންޑަށް ޖަމާވަމުން އެބަ ދެއެވެ. މިކަން 2055މ. ވަނަ އަހަރާ ހަމަޔަށް ދާތަނުން ޢަދްލީ އަށްވެސް މަހަކު 5000 ރުފިޔާ ދެއްވާނެ ކަމަށް ވެއެވެ. އެ ދުވަސް އަންނައިރު ދިވެހި ރުފިޔާގެ އަގު ކޮންމެ ގޮތަކަށް އޮތަސް ވެހެވެ.

ފަނޑިޔާރުގޭގެ ކޮށިގަނޑަށް ހާޒިރުކުރެވޭ ތިންވަނަ މީހާޔަށް ގިނަމީހުން ކިޔައިއުޅެނީ 'މަގޭ' އެވެ. މަގޭގެ ޢުމުރުން މިވީ 40 އަހަރުގެ ތެރޭގައި އޭނާ އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާ ކުރިކަމެއް، ފައިދާހުރި މަސައްކަތެއް ކުރިކަމެއް އެނގޭ އިންސިޔަކު މިދުނިޔޭގައި ލެއްވި ކަމަކަށް ނުވެއެވެ. އެހެން ކަމުން އޭނާގެ ނަމުގައި ޕެންޝަން ފަންޑަކަށް އެއްވެސް އެއްޗެއް ޖަމާ ވެފައެއް ނެތެވެ. މަގޭ މިވަގުތު ހުރީ ބޮޑު ކުށަކަށް އަރައިގަތުމުގެ ނަތީޖާއެއް ގޮތުން ޖަލުގައެވެ. އޭނާ ޖަލުން ދޫވާނީ 2045މ. ގައި ކަމަށް ވެއެވެ. އެއަހަރަކީ އޭނާޔަށް 65 އަހަރުވެސް ފުރޭ އަހަރެވެ. ޖަލުން ނިކުންނައިރު އޭނާ ނިކުންނާނީ މަހަކު 5000 ރުފިޔާ ލިބޭ ގޮތަށް، ދެއްތޯއެވެ!

ތިން މީހުންނެވެ. ތިން ޙާލަތެވެ. ތިން ވާހަކައެވެ. އެއްގޮތްވަނީ 65 އަހަރާއި 5000 ރުފިޔާއެވެ. މި ތިން މީހުންވެސް އެތިބީ އަޅުގަނޑުމެންގެ އިންޞާފުގެ ކޮށިގަނޑަށް ހާޒިރު ކުރެވިފައެވެ. ޙުކުމް ކަނޑައަޅުއްވާނީ ތިޔަބޭފުުޅުންނެވެ.

އަޅުގަނޑު ދަންނަވަން އުޅުނު ވާހަކަ ދަންނަވާ މި ނިމުނީއެވެ!  ދެން އޮތީ ސުވާލެކެވެ.

މިއީވެސް ހަމަހަމަވުން ދެއްތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

3 Responses

  1. ލިޔުންތެރިކަން ފެނިގެންދާ ލިޔުންތައް ފެނުމަކީ އުފަލެކެވެ. އަދި އެހެންމެ ވަރަށް ސާދާ ސީދާ ގޮތަކަށް ބުނެދެނީ ވިސްނާލަން އެންމެ ރަގަޅު ކަމެކެވެ. އިންސާނާގެ ބުއްދީގެ ހަމަތަނުންނެވެ.

  2. ކުރިން ޕްރޮވި ޑެންޓް ފަންޑޭ ކިޔާ ބައެއްގައި ބައިވެރިވީން. އެފައިސާ ގައިމުވެސް ޕެންޝަން ފަންޑަކަށް ޖަމާއެއް ނުވޭ. މިފައިސާ ރައީސް ނަޝީދުގެ ވެރިކަމުގައި ވެއްދީ ކޮންތާކަށްކަން އެނގޭ ބޭފުޅަކު އެކަން ސާފުކޮށްދެއްވަ ބައްލަވާ. ޕެންޝަން ފަންޑަކީ މިދެންނެވި ވެރިކަމުގައި "ލައިޖެއްސި" ފަންޑެކޭ ބުނާތީ އަޑުއެހިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *